ތިބާގެ އަމިއްލަ ވައްޓަފާޅީގައި ދިރިއުޅެން ރޭވުން
ދުނިޔޭގެ އޮޔާ ބެހެމުންދާ މީހުން ވަރަށް ގިނައެވެ. އެއިން ގިނަ މީހުން ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރެއެވެ. އެހެނަސް އެ ބުރަ މަސައްކަތުގެ އެކަށީގެންވާ އަގެއް ލިބޭފަދަ އެއްވެސް މަންޒިލަކަށް އެބައިމީހުނަކަށް ވާޞިލެއް ނުވެވެއެވެ.
މިހެން ދިމާވާ މައިގަނޑު ސަބަބަކީ، އެމީހުނަށް އެމީހުންގެ ދިރިއުޅުމުގައި ދާންވީ ކޮން މަންޒިލަކާ ދިމާއަށް ކަން ނޭނގުމާއި ދާން އެދޭ މިސްރާބެއް ނިންމިފައި ނެތުމެވެ. މިސާލަކަށް ތިބާ ދާނެ ރަށެއް ނުނިންމާ ދަތުރެއް ފަށާފާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވަބަކީ، ނޫނެކޭއެވެ. ދަތުރުކުރަން ފަށާނީ ދާންބޭނުންވާ ރަށެއް ކަނޑައަޅާ ނިންމާފައެވެ.
ލަނޑުދަނޑި ކަނޑައަޅާނޭ ގޮތް
ފުރަމަކަމަކީ ތިބާ ޙާޞިލްކުރަން ބޭނުމީ ކޮންކަމެއްތޯ ބެލުމެވެ. އެއަށްފަހު އެކަމަކަށް ނިޔަތްގަނެ ޢަޒުމް ކަނޑައަޅާށެވެ. އެގޮތުން ޚާއްޞަ، އަގުކުރެވޭ، ޙާޞިލް ވެދާނޭ ފަދަ، ޙާލަތާ ވެސް ގުޅުންހުރި، ކަމަކަށް އަމާޒުކޮށް ގަޑި ކަނޑައަޅައިގެން މަސައްކަތް ފެށުން ވަރަށް މުހިންމެވެ. ނޯޓު ކޮށްލާށެވެ. ލަނޑުދަނޑިތައް ވާންވާނީ ތިބާގޮވައިގެން އެހެން އުސް ހަރުފަތަކަށް އަރާނޭ ފަދަ ސަބަބުތަކެއް އެކުލެވޭ ލަނޑުދަނޑި ތަކަކަށެވެ. ދެން އެއަށްފަހު އެ ނުކުތާތަކަށް ބަލައިގެން ތިބާގެ ކުރިމަތިން ހުރަސް ކުރަން ޖެހިދާނެ ކަމަށް ހީވާ ހުރިހައި ހުރަސްތަކެއް ވެސް ލިޔެލާށެވެ. އަދި އެފަދަ ހުރަސްތައް ގިރާކުރަން އެޅިދާނެ ފިޔަވަޅުތައް ވެސް ވިސްނުންތެރިކަމާއެކު ލިޔެލާށެވެ.
ލަނޑުދަނޑި ކަނޑައެޅުމަކީ ތިބާ އެދޭފަދަ މުސްތަޤުބަލެއް ހޯދުމަށް ވިސްނާ ވިސްނުމެވެ. ތިބާގެ ހުވަފެންތައް ޙަޤީޤަތަކަށް ބަދަލުކޮށްލުމުގެ ޗާޓެވެ. އެ މަންޒިލަށް ދާން އޮތް މަގެވެ. އެގޮތުން އެއިން އެ ކަނޑައަޅަނީ ވަރަށް ސާބިތުކަމާއެކު ދިރިއުޅުމުގެ އަސްލު މައިދާނުގައި ތިބާ ކަން ކުރަންވީ ގޮތެވެ. އޭރުން އެ ނިންމެނީ ދިރިއުޅުމުގައި ތިބާ ސަމާލުކަން އެންމެ ބޮޑަށް ދޭންވީ ދާއިރާތަކާއި ތަރުތީބެވެ. އެކަންކަމަށް ގަދައަޅާ މަސައްކަތްކުރުމުގެ ތާވަލެއް ލިޔުމުގެ ބޭނުމަކީ ބޭކާރު ވަގުތާ ހަކަތަ ސަލާމަތްކޮށް ސީދާ މިސްރާބު ނިންމުމަށް ޓަކައެވެ. އެހިސާބުން ތިބާއަށް ހުރި ހުރަސްތަކާ އަދި އެކަންކަމުގެ ސަބަބުން ތިބާގެ މުޅި ދިރިއުޅުން ބަރުބާދު ވެދާނެކަމަށް ލަފާކުރެވޭ ކަންކަމުން ދުރުހެލިވުމަށް މަގުފަހިވެގެން ދާނެއެވެ.
ލަނޑުދަނޑިއެއްގެ ބޭނުމަކީ ކޮބާ؟
ނަންހިނގާ އެތުލީޓުން ނާއި ކާމިޔާބު ވިޔަފާރިވެރިން އެބައިމީހުންގެ ލަނޑުދަނޑަތައް ތަފުސީލުކޮށް ރާވާ، ވަރަށް ބުރަ މަސައްކަތް ކުރެއެވެ. ލަނޑިދަނޑިތައް ނިންމީމައި ދުރު މުސްތަޤުބަލުގެ ތަސައްވަރެއް ލިބި ކުރަންހުރި ވަރަށްގިނަ މަސައްކަތް ދެނެގަނެ އަވަސް ހައްލުތައް ލިބިގެންދެއެވެ. އަދި ތިބާގެ ތަޖުރިބާތަކުގެ ބޭނުންހިފައިގެން ވަގުތާއި މަސައްކަތްތައް ދަތިކަމެއްނެތި ރާވާލުމުގެ ޤާބިލްކަން އިތުރުވެއެވެ. އެއާއިއެކު ލިބިފައިވާ ސޯސްތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ހިފާ، ދިރިއުޅުމުގެ މައިދާނުގައި އެކަންކަމުން އެތައް ކުރިއެރުމެއް ލިބިގަނެވެއެވެ.
ވަކި އަމާޒެއް ނެތި ކުރިން ތިބާ ދިޔަ ދިމާ ދޫކޮށް، ސާފުކޮށް ސާބިތު ލަނޑުދަނޑި ތަކެއް ރާވާލެވުމުން ފަސޭހަކަމާއި ފަޚުރުވެރިކަމާއެކު ސީދާ މިސްރާބަށް ދަތުރު ކުރުކޮށްލުމުގެ ފުރުސަތު ލިބިދެއެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ނަފުސުގެ އިތުބާރު އިންތިހާއަށް ބޮޑުވެ ތިމާގެ ޤާބިލުކަމާމެދު ހުރި ޝައްކުތައް ފިލައި މަގު ފަސޭހަވެދެއެވެ. ލަނޑުދަނޑި ކަނޑައަޅައި މަސައްކަތް ފަށާށެވެ.
އަމިއްލަ ލަނޑުދަނޑިތައް ކަނޑައަޅަން ފެށުން
ތިބާގެ ލަނޑުދަނޑިތައް އެކި ބައިތަކަށް ބަހާލާށެވެ.
❖ ފުރަތަބަ ތިބާގެ ދިރިއުޅުމުގައި ދެކެން ބޭނުންވާ ބޮޑުމަންޒަރު ކަނޑައަޅާށެވެ. ނުވަތަ ކުރިއަށްއޮތް 10 ވަރަކަށް އަހަރަށް ވިޔަސް އެންމެ ރަނގަޅެވެ. އެ މުއްދަތުގައި ތިބާ ބޭނުން ބޮޑެތި ކަންކަން ނޯޓުކުރާށެވެ.
❖ ދެން އެ ބޮޑެ ތިކަންކަން ހާސިލު ކުރުމަށް ކުރަންޖެހޭނެ ކަންކަން ކުދި ބައިތަކަކަށް ބަހާލާށެވެ. ތިބާގެ ދިރިއުޅުމުގައި ދާންއެދޭ ދިމާއަށް އަމާޒުކޮށެވެ.
❖ އެންމެ ފަހުން ތިބާގެ ޕްލޭން ރާވާލުމަށްފަހު އެކަންކަން ޙާޞިލްކުރުމުގެ މަސައްކަތް ފަށާށެވެ.
މިކަން ކުރަން ފަސޭހަވާނީ ތިބާގެ މާޒީގެ ޢިބުރަތާއެކު ފަހުން ރޭވި ކަންކަމުގެ ތެރެއިން ވަގުތުވެސް ކަނޑައަޅައިގެން ކުރިއަށް ދިއުމުންނެއެވެ. އެގޮތުން ކުރެވެން ހުރި ކަންކަމުން މިސާލަކަށް ކުރިއަށް އޮތް 5 އަހަރަށް ފުރަތަމަ އަމާޒު ހިފާށެވެ. އެއީ ތިބާގެ 10 އަހަރުގެ ޓާގެޓްގެ ފުރަތަމަ 5 އަހަރެވެ. ދެން އެއަށްފަހު އަންނަ އަހަރަށް އަދި އެއަށްފަހު އަންނަ މަހަށް، އެއަށްފަހު އަންނަ ހަފުތާއަށް ދެން މާދަމައަށް އަދި މިއަދުގެ ކުރިއަށްހުރި ކަންކަން ވެސް ރާވައިގެން ގެންދާށެވެ. ކޮންމެކަމެއް އަމާޒުކުރަންވާނީ ދާންއެދޭ ދިމާއަށެވެ.
ފުރަތަމަ ފިޔަވަޅު: މުސްތަޤުބަލުކެ ލަނޑުދަނޑި ސެޓްކުރުން
ފުރަތަމަ ފިޔަވަޅަކީ ދިރިއުޅުމުގެ މަންޒިލް ކަނޑައެޅުމެވެ. މުހިންމުކަން ދޭންވާނީ ޚާއްޞަ މުހިންމު ކަންކަމަށް އިސްކަން ދީގެންނެވެ. އެގޮތުން ތިބާ ކަނޑައަޅާ ލަނޑުދަނޑިއަކީ ތިބާގެ މުސްތަޤުބަލްގައި ކަންކަން ބައްޓަންކުރަން ވެސް ލިބޭ ފުރުސަތެކެވެ.
❖ ވަޒީފާ ނުވަތަ ކުރާ މަސައްކަތް: ތިބާގެ މަސައްކަތުގައި ދާން އެދެނީ ކިހައި ހިސާބަކަށް ތޯއެވެ؟ ނޫނީ ތިބާ ޙާޞިލްކުރަން ތިޔަ އުޅެނީ ކޮންކަމެއްތޯއެވެ؟
❖ ތަނަވަސްކަން: ތިބާ ހޯދަން ތިއުޅެނީ ކިހާވަރެއްތޯއެވެ؟ އަދި ކޮން އުމުރަކުތޯއެވެ؟ މިކަންކަމާ ތިބާގެ ލަނޑުދަނޑިތަކާ އޮތީ ކިހައިވަރެއްގެ ގުޅުމެއްތޯއެވެ.
❖ ތަޢުލީމް: ތިބާ އުނގެނެންޖެހޭ އިތުރު އެއްޗެއް މި ކަންކަމާގުޅިގެން އެބަ އޮތްތޯއެވެ؟ އެހެންކަމަށް ވާނަމަ ތިބާގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެނގެން ބޭނުމީ ކޮންކަމެއްކަމާ ކޮންބާވަތެއްގެ ހުނަރެއްކަން ހޯދާށެވެ.
❖ އާއިލާ: ތިބާ ބެލެނިވެރިއަކަށް ވާން ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ރަނގަޅު ބެލެނިވެރިއަކަށް ވެވޭނީ ކިހިނެއްތޯ ބަލާ ތިބާގެ އާއިލާއަށް ތިބާގެ ޝަޚުސިއްޔަތު ޤަބޫލުކުރުވަންވީ ކޮންގޮތަކަށްކަން ކަނޑައަޅާށެވެ.
❖ ހުނަރު: ތިބާ އެއްވެސް ރޮނގަކުން ހުނަރުވެރި ލަނޑުދަނޑިއެއް ޙާޞިލް ކުރަން ބޭޏުންތޯއެވެ؟
❖ ކުރިމަތިލުން: ތިބާ ކަންކަމަށް ކުރިމަތިލުމުގައި ޝައްކާއި ބިރު އޮވޭ ހެއްޔެވެ؟ ފަސްޖެހެވޭ ގޮތް ވޭހެއްޔެވެ؟ އެހެންކަމަށް ވާނަމަ ފުރަތަމަ އެ މައްސަލައަށް ޙައްލެއް ހޯދޭނޭ ގޮތްތައް ކަނޑައެޅުން ވަރަށް މުހިންމެވެ.
❖ ޖިސްމާނީ: ތިބާ ޙާޞިލްކުރަން ބޭނުން އެއްވެސް ލަނޑުދަނޑިއެއް ތިމާގެ ޖިސްމާނީ ހަށިގަނޑާ ގުޅުމެއް ވޭހެއްޔެވެ؟ އެކަމަކަށް ހަށިގަނޑު ތައްޔާރުކުރާށެވެ. އެކަމަށް ކަސްރަތުކޮށް ދުވެހަދަން ޖެހޭނަމަ އެކަންވެސް ކުރާށެވެ.
❖ ހިތްހަމަޖެހުން: ތިބާ ހިތްއުފާ ކުރަން ބޭނުމީ ކޮން ގޮތަކަށް ތޯއެވެ؟ ތިބާގެ ދިރިއުޅުމުގެ ބޮޑުބަޔަކީ ތިބާގެ އަމިއްލަ ނަފުސުކަން ހަނދާން ކުރުން މުހިންމެވެ.
❖ އިޖުތިމާޢީ ޚިދުމަތް: ތިބާ މުޅި ދުނިޔޭގެ ކުރިއެރުމަށް އެދެމުހެއްޔެވެ. ތިބާގެ ވަށައިގެންވާ މާހައުލުން އުފާވެރިކަން ދެކެން އެދެމުހެއްޔެވެ؟ އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟
ސިކުނޑި އަންދާލުމަށް ވަގުތު ދޭށެވެ. މަތީގައި އުފެއްދި ސުވާލުތަކަށް ޖަވާބު ހޯދާށެވެ. އެއަށްފަހު ތިބާގެ އަސްލު މަންޒިލަށް ދިއުމަށް ކޮންމެ ދިމާއަކުން އެއްކަމެއް ނުވަތަ ދެ ކަމެއް ފާހަގަކުރާށެވެ. އަދި އެއަށްފަހުވެސް ފަރުވާތެރިކަމާއެކު ލިސްޓުން ބައެއް ކަންކަން އުނިކުރާށެވެ. އެއީ ކުރަންހުރި އެންމެ މުހިންމު ކަންކަމާ ހަމަޔަށް އިތުރު ކަންކަން އިހަށް ނުލައި މަދުކުރުމުން ކުރިއަށްދާން ފަސޭހަ ވާނެތީއެވެ.
ތިބާގެ ލަނޑުދަނޑި ވާންވާނީ ފިސާރި ތިބާ އެދިގެން ސީދާ ޙާޞިލް ކުރުމުގެ ނިއަތުގައި ފަށާ މަސައްކަތަކަށެވެ. އެއީ ތިބާގެ މައިން ބަފައިން ނޫނީ އާއިލާ އެދިގެން ކުރާކަމަކަށް ވެގެން ނުވާނެއެވެ. އެއީ ތިބާއާއި ތިބާގެ އަނިބިމީހާ ނުވަތަ ސީދާ ދަރިންގެ މުސްތަޤުބަލެވެ.
ގާތް ތިމާގެ ބަޔަކަށް ކަމެއް ކޮށްދޭން ވާނީ ތިބާގެ ޤާބިލް ކަމުގެ ތެރެއިންނެވެ. ތިބާ އަކީ ތިބާއަށް ވުން ވަރަށް މުހިންމެވެ. ތިބާގެ އަމިއްލަ ނަފުސަށް އޮޅުވާލައިގެން ނުވާނެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
-
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ޚަބަރުސަހަރޯ! ފިލްމު ޕްރޮޑިއުސަރުންނަށް މަރެއް!
- 6 މެއި 2023ހާދިސާލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ދެވަނަ ބައި
- 2 މެއި 2023ރިޕޯޓްލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ފުރަތަމަ ބައި
- 17 ޖުލައި 2021ރިޕޯޓްފަހި ވިސްނުމުން – 02