ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފިއެވެ.

ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ. މި އިނީޝިއެޓިވް އުފައްދާފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީ.އީ.ޕީ) އައި، ގްލޯބަލް އެލާޔަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސިފް އިން ގުޅިގެންނެވެ.

މި އިނީޝިއެޓިވް އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިމަހު 06ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ވަނީ ހަދިޔާކޮށްފައެވެ.

ކޯވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 145,768 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ، ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.