އިންޑިޔާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަކުރުމަށާއި ކަންނާޑާ ސިނަމާއަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ފިލްމު ފެސްޓިވަލްއެއްގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ. މިއީ އިންޑިޔާގެ ‘ނަވާ ކަރްނާޓަކާ ފިލްމު އެކެޑަމީ’ން އިންތިޒާމުކޮށް ބާއްވާ ބައިނަލްއަޤްވާމީ ބޮޑު ފެސްޓިވަލްއެކެވެ.

‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގެ ނަމުގައި ބާއްވާ މި ފިލްމު ފެސްޓިވަލްގެ ‘ކަންޓްރީ އިން ފޯކަސް’ގެ ގޮތުގައި ދިވެހިރާއްޖޭގެ ފަރާތުން މި ފެސްޓިވަލްގައި ބައިވެރި ވުމަށް އެދި މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމްއެސްޕީއޭ) އަށް ރަސްމީ ދަޢުވަތު ލިބިފައި ވާކަމަށް އެ ސޮސައިޓީން މަޢުލޫމާތު ދެއެވެ.

މި ފިލްމްފެސްޓިވަލްގައި ރާއްޖޭން 02 ފީޗަރ ފިލްމް ބައިވެރިކުރުމުގެ ފުރުސަތު މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމްއެސްޕީއޭ) އަށް ލިބިފައި ވެއެވެ.

‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ ފިލްމް ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައި ވަނީ، އިންޑިޔާގެ ދެކުނު ކަރްނާޓަކާގެ ހުބުލީ އަދި ދާރުވާރް ސިޓީގައި މި އަހަރުގެ މެއި މަހު 18 އިން 25 އަށެވެ. މި ފެސްޓިވަލްގެ ފަރުދާ ކަހައިލުމުގެ ރަސްމިއްޔާތު އޮންނާނީ 09 މާރިޗް 2021ގައި ކަރްނާޓަކާގެ ހުބުލީ ގައެވެ.

މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހައި ފިލްމު އުފައްދާ ފަރާތްތަކަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމްއެސްޕީއޭ) އިން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން ފިލްމު އުފައްދާ ފަރާތްތަކަށް ސިޓީއަކުން ދަންނަވަން ފަށާފައިވާކަމަށްވެސް އެ ސޮސައިޓީގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) މުނިއަވަސް އަށް ވިދާޅުވިއެވެ.

“ފެސްޓިވަލްގައި ފިލްމު ބައިވެރި ކުރެއްވުމުގެ ޝައުގުވެރިކަން ހުރިނަމަ ތިރީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއެކު ލިޔުމަކުން މި ސޮސައިޓީއަށް މި ހިނގާ މާރިޗް މަހުގެ 20 ވަނަ ދުވަހުގެ ކުރުން ފޮނުއްވުން އެދެމެވެ. މި ފެސްޓިވަލް ގައި ބައިވެރި ކުރެވޭނީ 2018 އަދި 2019 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމެވެ. ގިނަ ފަރާތް ތަކަކުން ބައިވެރިވާނަމަ ފެސްޓިވަލްއަށް ހުށަހަޅާނެ ފިލްމެއް ކަނޑައަޅާނީ މި ސޮސައިޓީގެ ފަރާތުން ހަމަޖައްސާ 03 މެމްބަރުންގެ ޕެނަލްއަކުންނެވެ. ފެސްޓިވަލްއަށް ސެލްކްޓްވާ ކޮންމެ ފިލްމަކުން ކޮންމެވެސް އެއް ބޭފުޅަކަށް ފެސްޓިވަލްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިދެވޭނެއެވެ. އަދި އެފަރާތުގެ ޓިކެޓާ، ހުރުމާ ކެއުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ އެމްއެސްޕީއޭގެ ފަރާތުންނެވެ.

މަޢުލޫމާތު
1- ފިލްމުގެ ނަން:
2- ފިލްމުގެ ފުރިހަމަ ކްރެޑިޓް ލިސްޓް (ފިލްމުގައި ހިމަނާފައިވާ ގޮތަށް)
3- ފިލްމް ރިލީސް ކުރި ތާރީޙް:
4- ސަބްޓައިޓްލްކޮށްފައި އޮތް ނަމަަ އޮތްކަން ނުވަތަ ނެތްކަން.”

ދިވެހި ފިލްމު އުފައްދާ ފަރާތްތަކަށް އެމްއެސްޕީއޭ އިންފޮނުވި ސިޓީގައި ވެއެވެ.


މި ފެސްޓިވަލްގައި ރާއްޖޭގެ އިންޑަސްޓްރީ ތަމްސީލުކުރުމަށް 09 މެންބަރުންގެ މައްޗަށް އެކުލެވޭ ވަދުފެއް އިންޑިއާއަށް ދާނެ ކަމަށް މި ފެސްޓިވަލްގެ އިތުރު މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ދަރާ ރަޝީދު ވިދާޅުވިއެވެ.

“މީގަ ދާނެ ނުވަ މެންބަރުންގެ ޑެލިގޭޝަން އެއް ރާއްޖޭގެ އިންޑަސްޓްރީ ތަމްސީލުކުރަން. އޭގެ ހިމެނޭނެ03 މެންބަރުންގެ ކަލްޗުރަލް ޑާންސް ގްރޫޕެއް. ދެން ހަމަ ވެލް ނޯން އެކްސްޕީރިއަންސްޑް އެކްޓްރެސް އެއް ދާނެ ރާއްޖެއިން. ލަވަކިޔުންތެރިއެއް ދާނެ. ދެން ބައިވެރިކުރާ 02 ފިލްމުން، ކޮންމެ ފިލްމަކުން އެކަކު ހިމެނޭނެ. އޭގަ ޑައިރެކްޓަރު ނުވަތަ ފިލްމު އުފެއްދި ފަރާތުން ކަނޑައަޅާ މީހަކު ހިމަނާނީ. ދެން މުޅި އިވެންޓް ކަވަރކުރުމަށް އަޅުގަނޑުމެންގެ ތެރެއިން އޮފިޝަލް ފޮޓޯގްރާފަރެއް ދާނެ. ދެން އެމްއެސްޕީއޭ ތަމްސީލުކުރުމަށް ދަނީ އަޅުގަނޑު.” ދަރާ ވިދާޅުވިއެވެ.

މިއީ އެމްއެސްޕީއޭ އަލުން ހިންގަންފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ސޮސައިޓީން ދިވެހި ފަންނާނުންނަށް ފަހިކޮށްދިން ފަހި ފުރުސަތެއް ކަން ފާހަގަކޮށްލެވެއެވެ.ާާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.