މުނިފޫހިފިލުވުމުގެ ދާއިރާގައި ޢީސާ ޝަރީފުގެ ނަމަކީ އެންމެނާ ވަރަށް ރައްޓެހި މަޝްހޫރު ނަމެކެވެ. އޭނާގެ ފަންނީ މަސައްކަތްތަކުގެ ތެރޭގައި ކުރެހުން، ލަވަޔާއި ޅެން ހެދުން އަދި މިޔުޒިކު ކުޅުމާއި ފިލްމީ މަސައްކަތްތަކުގެ އިތުރުން ލިޔުންތެރިކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ ސާޅީހަކަށް އަހަރުކުރިން މުނިފޫހި ފިލުވުމުގެ ދާއިރާއަށް އެތައް މަސައްކަތްތަކެއް ހަދިޔާކޮށްދެއްވި އީސަ މިހާރުން ދިރިއުޅެމުންދަނީ ތ. ހިރިލަންދޫގައެވެ. އެ ރަށުގައި އޭނާއާއި އޭނާގެ ކޮއްކޮ ޙާމިދު ނިޝާން އުފައްދާފައިވާ އީއޯޕީގެ ރެކޯރޑިންގ ސްޓޫޑިއޯގައި އެތައް ސަތޭކަ ލަވައެއް މިހައިތަނަށް ރެކޯރޑްކޮށްފައިވެއެވެ. މިގޮތުން މިހާރު އެ ސްޓޫޑިއޯގައި ހިންގަމުންދާ މަސައްކަތްތަކާމެދު އިތުރު ތަފުސީލު ހޯދާލުމަށް އީސަޔާ ވާހަކަދައްކާލީމެވެ.
ޢީސަގެ އީއޯޕީ ސްޓޫޑިއޯ އިން މިހާރު ކުރަމުން އަންނަނީ ކޮން މަސައްކަތްތަކެއްތޯ؟
އަޅުގަނޑުމެން އާންމުކޮށް މިކުރާ މަސައްކަތަކީ ޙާމިދު ގެ އަލްބަމްތަކަށް ލަވަ ރެކޯޑުކުރުމާ ދެން ބައެއް ކެމްޕޭން ލަވަތައް އެޅުން. އަދި ބޭރުބައެއް މީސްމީހުންގެ ރެކޯރޑިންވެސް މި ސްޓޫޑިއޯގައި ކުރަން. އަޅުގަނޑުމެން “ހަނދާންކުރައްޗޭ” އަދި “ޢާލަމް” ކިޔާ ދެ އަލްބަމެއް ބައިސްކޯފަށް ވެސް މީގެ 2 އަހަރެއްގެ ކުރިން ތައްޔާރުކުރިން. މީގެ އިތުރުން ވީޑީއޯގެ ބައެއް މަސައްކަތާ ޑިޒައިނިންގ ގެ ކަންކަންވެސް ކުރަން. މީގެ 2 އަހަރެއްހައި ދުވަސް ކުރިން ވެސް ޙާމިދުގެ “ހިތުކޭތަ” ކިޔާ ސޯލޯ އަލްބަމެއް ރެކޯރޑުކޮށް ލަވަފޮށްޓަށް ލާފައި ވާނެ.
މީގެ އިތުރުން މިހާރު އީސަ ކުރަމުންދާ ބައެއް މަސައްކަތަށް ބަލައިލާނަމެވެ. އީއޯޕީގެ ސްޓޫޑިއޯގައި މިވަގުތުވެސް 4 އޯޑިއޯ އަލްބަމެއްގެ މަސައްކަތުގެ އިތުރުން ކެމްޕޭން ބައެއް ލަވައިގެ މަސައްކަތް އެބަ ހިނގައެވެ.
އޯޑިއޯ އަލްބަމްތަކާ ބެހޭ އިތުރު މަޢުލޫމާތު ހިއްސާކޮށްލެވިދާނެތޯ؟
ހިރިލަންދޫގެ ވަރަށް ކުޅަދާނަ ލަވަކިއުންތެރިއެއް ތަޢާރަފުކުރުމަށް އަލްބަމެއްގެ މަސައްކަތް ކުރަމުން މިދަނީ. އެއީ އުމުރުން އެންމެ 20 އަހަރުގެ އަޙުމަދު ޝާވިން ހިރިލަންދޫ ލޮޓަސްގެ. އޭނާގެ ސޯލޯ އަލްބަމް “ޤާތިލް” މިހާރު ލަވަފޮށިން އެހުންތެރިންނަށް އަޑުއަހާލެވޭނެ އެ އަލްބަމްގެ ހުރިހާ ލަވައެއް.
މި ޝާވިންއަކީވެސް އަޅުގަނޑުމެންގެ އާއިއިލާގެ ކުއްޖެއް. އެކަމަކު އޭނަގެ ލަވަތައް އަޑުއަހާލީމަ، އެއީ މުޅިން އަލަށް ކިޔާ ކުއްޖެކޭ ނުބުނާނެ. ހަމަ ވަރަށް ޕްރޮފެޝަނަލްވާނެ. އަނެއްކާ ލަވަތައްވެސް ކަލެކްޝަންވެސް ވަރަށް ހިތްގައިމުވާނެ. އަޅުގަނޑު ދަންނަވާނީ މި ޝާވިންއާ ޙާމިދު ޚާއްސަކޮށް މީހަމަ ޤައުމީ ފެންވަރުގެ ދެ ލަވަކިޔުން ތެރިންނޭ. އަޅުގަނޑަކީ ވަރަށް ގިނަ ތަޖުރިބާކާރު ލަވަކިޔުންތެރިންނާއެކު ގިނަ މަސައްކަތްތަކެއްކޮށް އެ އެންމެހައި ފަންނާނުންގެ ފެންވަރާ ސްޓައިލްވެސް ތަޖުރިބާކޮށްފަ ހުރި މީހެއް. ޙާމިދަކީ އެ ފަންތީގައި ހިމެނޭ މޮޅު ލަވަކިޔުންތެރިއެއް. މިހާރުވެސް ޝާވިންގެ “ޤާތިލް”ގެ އިތުރުން ގިނަ ލަވަކިޔުންތެރިން ހިމެނޭ “ބަލަބަލާ ހުއްޓައޭ” ކިޔާ އަލްބަމެއް މިހަފުތާގައި ލަވަފޮށްޓަށް ލެވޭނެ. އަދި އަންނަ ރޯދަމަހަށް ޚާއްސަ މަދަހަ އަލްބަމެއް މިހާރު ނިންމަމުން މިދަނީ.
ޢީސައަކީ މީގެ ކުރިން މާލޭގެ އެންމެ ނަންހިނގާ ހުރިހާ ސްޓޫޑިއޯއެއްގައި ގިނަ އަދަދެއްގެ ރެކޯޑިން ހެދި ރެކޯޑިންގ އެންޖިނިއަރެއްގެ އިތުރުން މަޝްހޫރު ގިނަ ލަވަތަކެއްގެ ޅެންވެސް ހަދާފައިވާ ތަޖުރިބާކާރު ފަންނާނެކެވެ. މިލަވަތައް އަޑުއަހާލާފައި ޝާވިންއާ ވާހަކަދައްކާލީމެވެ.
މީގެ ކުރިންވެސް ލަވަކިޔާ އުޅެންތޯ އަދި މިފަދަ މަސައްކަތެއް ކުރުމުގެ ވިސްނުން އައީ ކިހިނެއްތޯ؟
އަޅުގަނޑު ސްކޫލް މުބާރާތްތަކުގައި އާންމުކޮށް މަދަޙަ ކިޔާ އުޅުނިން. ދެން ރަށު ބޮޑުބެރު ޖަހާ އިރު ނަގާކިޔާލާ މަޖާކުރަން. މިގޮތަށް އަލްބަމެއް އެޅުމުގެ ވިސްނުން ހުއްޓަސް އެކަމުގެ ފުރުސަތެއް އަޅުގަނޑުމެން މިހެން ރަށެއްގައި ތިބޭ ކުދިބަޔަކަށް ވަރަށް ނުލިބޭނެތާ. އެހެން ހުއްޓާ މީގެ ވިއްސަކަށް ދުވަސް ކުރިން އީސަބޭމެންގެއަށް ކަމުކު ދިޔަތަނާ ބުނީ އަލްބަމެއް އަޅަން ހިނގާށޭ. އަޅުގަނޑު ފުރަތަމަ ހީކުރީ ސަމާސަޔަކަށް ކަމަށް. އަޅުގަނޑުވެސް އާން ސަޅިކަމެކޭ ކިޔާފަ ދިޔައީ. އޭގެ ދެދުވަސް ފަހުން ލަވަތަކުގެ ލިރިކްސް އާ އޭގެ އަސްލުލަވަތަކާ ފޮނުވީ. ދެންހަމަ ދުވާލަކު ލަވައެއް ކަހަލަ ގޮތަކަށް އަޅަމުންއައީ. ވަރަށް ބޮޑެތި ރާގު އީސަބޭ ނަގާފަވެސް ހުރީ. އެކަމަކު އިރާދަފުޅުކުރެއްވިއްޔާ މާ ބޮޑު މައްސަލައެއް ނެތި ކިޔާލެވިއްޖެ. ޙާމިދުބޭ ވަރަށް އެހީތެރި ވެދިން ރީތިކުރުމަށް. މީއަސްލު ވަރަށް ނުލިބޭ ކަހަލަ ނާދިރު ފުރުސަތެއް. އަސްލު އެތައް ދުވަހެއްގެ އުއްމީދު ޙަޤީޤަތަކަށް މި ބަދަލުކޮށްލަދިނީ އީސަބޭޭމެން. އެކަމަށް ޓަކާ ޝުކުރުވެރިވާނެ ޢިބާރާތެއްވެސް ނޭނގެ. ހަމަ ވަރަށް ވަރަށް އުފާވެފަ މިހުރީ.
އަޙުމަދު ޝާވިންގެ ލަވަކިޔުމުގެ މަސައްކަތަށް މުނިއަވަސްގެ ފަރާތުންވެސް ކުރިއެރުމާ އިތުރު ކާމިޔާބީއަށް އެދެމެވެ.
އީސައަކީ މީގެ ކުރިންވެސް އެތައް ދާއިރާއަކުން އާ ފަންނާނުން ތަޢާރަފުކޮށް އެފަދަ އެތައް ފުރުސަތެއް ހުޅުވާލައިދީފައިވާ ބޭފުޅެކެވެ. އޭނާވެސް އެކުރަނީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް އަގުހުރި ޤައުމީ މަސައްކަތެކެވެ. އޭނާ މި ފަހަކަށްއައިސް މުޅިން އަލަށް ބާރަސަތޭކައެއްހައި އާޅެންވެރީން ވެސް ތަމްރީނު ކޮށްފައި ވެއެވެ. ހިރިލަންދޫއަކީ މިޔުޒިކީ ފަންނާނުންގިނަ ރަށެއްކަން ތާރީޚުންވެސް ފާހަގަ ކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
Kamaaaan haanjaa and shaawin bhaai