1990ގެ އަހަރުތަކު ތެރޭ ވިދާލި ބޮލީވުޑްގެ ބަތަލާ އުރްމީލާ މަޓޮންޑްކަރް ހުރީ އެނބުރި ބޮޑު ސްކްރީނަށް އަންނަން ތައްޔާރަށް ކަމަށް އޭނާ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ.

2019 ވަނަ އަހަރު ސިޔާސީ ދާއިރާއާއި ގުޅިފައިވާ 47 އަހަރުގެ އުރްމީލާ ބުނެފައިވާ ގޮތުގައި އޭނާ ހުރީ ޝައުޤުވެރި ފިލްމެއް ލިބިއްޖެނަމަ ކުޅެން ތައްޔާރަށެވެ. މިދިޔަ އަހަރު ވެބް ސީރީޒެއް ކުޅެން ސޮއިކޮށް، ޝޫޓިންގ ޝެޑިއުލްވެސް ރާވާފައި ވަނިކޮށް ލޮކްޑައުންއާއި ގުޅިގެން ޝޫޓިންގ ފަސްކުރި ގޮތަށް އޭގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

1980 ވަނަ އަހަރު ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ތަޢާރަފު ވުމަށްފަހު 1989 އިން ފެށިގެން އުރްމީލާ ވަނީ ލީޑް ރޯލުތައް ކުޅެން ފަށާފައެވެ. އެކްޓިންގެ އިތުރުން އޭނާއަކީ ނެށުމުންވެސް ފާހަގަކޮށްލެވޭ ބަތަލާއެކެވެ. އޭނާގެ މަޤުބޫލު ފިލްމުތަކުގެ ތެރޭގައި ރަންގީލާ، ޖުދާއީ، ޕިޔާރް ތޫނޭ ކިޔާ ކިޔާ އަދި ބޫތު ހިމެނެއެވެ. “ކަމްބަކްތު އިޝްޤް (ޕިޔާރް ތޫނޭ ކިޔާ ކިޔާ)”، “އާ ހީ ޖާއިޔޭ (ލައްޖާ)” އަދި “މުޖޭ ޕިޔާރް ހުއާ (ޖުދާއީ)” އަކީ އުރްމީލާގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކެވެ. އޭނާ އެންމެ ފަހުން ފެނުނީ އިރްފާން ޚާންގެ 2018ގެ ފިލްމު “ބްލެކްމެއިލް”ގެ އައިޓަމް ލަވަ “ބޭވަފާ ބިއުޓީ” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.