ވިދްޔާ ބާލަންއަކީ އޭނާގެ މޮޅު އެކްޓިން އިން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފަންނާނެކެވެ. “ދަ ޑާރޓީ ޕިކްޗަރ”، “ޝަކުންތަލާ ދޭވީ” އަދި “ތުމްހާރީ ސުލޫ” އަކީ އެކަމުގެ ބައެއް ހެކިތަކެވެ.

ވިދްޔާގެ ފިލްމީ ޙަޔާތާއި ބެހޭގޮތުން އީޓައިމްސްއާއި ވާހަކަ ދައްކަމުން ވިދްޔާ ބުނެފައިވާ ގޮތުން އޭނާގެ ބަރުދަން މައްސަލަ މިހާރު ޤައުމީ މައްސަލައަކަށް ވެފައިވާ ކަމަށެވެ.

“އަހަރެންނަށް މިހިސާބަށް މި އާދެވުނު ގޮތް އަހަރެންނަށް ވަރަށް މުހިންމު. އަހަރެން އައީ ފިލްމީ އާއިލާއަކުން ނޫން. އެހެންވެ އެކަހަލަ ކަންކަން ކިޔައިދޭނެ މީހަކު އަހަރެންގެ ނެތް. އަހަރެންގެ ބަރުދަން މިހާރު ޤައުމީ މައްސަލައަކަށް ވެއްޖެ. އަހަރެންނަކީ އަބަދުވެސް ފަލަ މީހެއް. އަހަރެން ނުބުނާނަން އަހަރެން މިހާރު މިހުރީ ބަރުދަން އިތުރުވެ ލުއިވެ ބެލެންސް ވާނެ ސްޓޭޖެއްގައެކޭ. އަހަރެންގެ ހޯމޯންސް މައްސަލަތައް ހުރޭ އަބަދުވެސް.”

އިތުރަށް ވިދްޔާ ބުނެފައިވާ ގޮތުގައި ވަރަށް ގިނަ ދުވަސް ވަންދެން އޭނާ އަމިއްލަ ހަށިގަނޑަށް ނަފުރަތު ކުރިއެވެ.

“އަހަރެން ހީކުރަނީ އަހަރެންގެ ހަށިގަނޑު އަހަރެންނަށް ކިޔަމަން ނުވަނީކަމަށް. ފަހުން އަހަރެން އަހަރެންގެ ހަށިގަނޑު ބަލައިގަތިން. އަހަރެންނަށް ވިސްނުނީ މި ހަށިގަނޑުގެ ސަބަބުންނޭ މިއަދު ދިރި މިހުރީ. މިހާރު އަހަރެންނަށް ފަލަވެގެން މައްސަލައަކަށް ނުވޭ. މިހާރު ކޮންމެ ދުވަހަކީވެސް އަމިއްލަ ހަށިގަނޑުދެކެ ވާލޯބި އިތުރުވާ ދުވަހެއް.” ވިދްޔާ ބުނެފައިވެއެވެ.

“ކަހާނީ” އަދި “ޕާ” ފަދަ މޮޅު ފިލްމުތަކެއް ކުޅެފައިވާ ވިދްޔާ ދެން އެންމެ އަވަހަށް ފެންނާނީ އަމީތު ވީ މަސޫރްކަރްގެ “ޝޭރްނީ” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.