މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ދެވަނަ އާންމު އަހަރީ ޖަލްސާ މާރޗް 12 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު، ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ބާއްވަން ނިންމާފައި ވާކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ.

މި ޖަލްސާގެ އެޖެންޑާގައި، ޔޫނިއަންގެ މަސަތްކަތު ރިޕޯޓު ހުށަހަޅައި، ޔޫނިއަންގެ އެގްޗެކެޓިވް ކޮމިޓީގެ ރައީސަކު އިންތިހާބު ކުރުމުގެ އިތުރުން މެމްބަރުން ހުށަހަޅާ ކަންކަން މަޝްވަރާކުރުން ކުރިއަށް ދާނެ ކަމަށް މަޢުލޫމާތުދީފައި ވެއެވެ.

މި ޖަލްސާއަށް ހާޒިރުވުމަށް ޔޫނިއަންގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވައި، ހުސްވެފައިވާ ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްގެ މަގާމަށް ނަން ހުށަހަޅަން ބޭނުންވާ މެމްބަރުންނަށް، އެފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން، ޖަލްސާގެ އެޖެންޑާއަށް އިތުރުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، އެކަންކަން ހުށަހެޅުމުގެ ފުރުސަތުވެސް މެމްބަރުންނަށް ހުޅުވާލެވިފައި ވާކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނެއެވެ.  އެ ފަދަ ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ މެމްބަރުން [email protected] އީމެއިލްއަށް، 11 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށައެޅޭނެ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.