ވޭތުވެދިޔަ އަހަރު މުނިއަވަސް އިން ވަރަށް ކާމިޔާބުކަމާ އެކު ބޭއްވި މަދަހަ މުބާރާތަށް ފަހު މި އަހަރުވެސް މުނިއަވަސް އިންް އޮންލައިން މަދަހަ މުބާރާތެއް ބޭއްވުމަށް މިވަނީ ނިންމާފައެވެ.

ތިރީގައި މި ހިމަނާލަނީ މި މުބާރާާތާ ބެހޭ މަޢުލޫމާތާއި މުބާރާތުގެ އުސޫލުތަކާއި ގަވާއިދުތަކެެވެ.

މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ ޤަވާޢިދު

1- މުބާރާތުގެ ތަޢާރަފު
މުނިއަވަސް އޮންލައިން މަދަހަ މުބާރާތަކީ، މަދަހަ ކިޔުމަށް ޝައުޤުވެރިވާ އުމުރުން 04 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުން ވާދަވެރިގޮތެއްގައި މި ހުނަރު ދައްކާލުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މުބާރާތުގައި ހުށަހަޅާނީ މަދަހަ، ޘަނާ، ދުޢާ އަދި ދީނީ ޅެމެވެ. މިއީ މުޅި ރާއްޖެއަަށް އާއްމުކޮށް ހުޅުވާލައިގެން އޮންލައިންކޮށް ބާއްވާ މުބާރާތެކެވެ.

މި ޤަވާއިދުގައި “މަދަހަ” މިހެން މާނަކުރެވިފައި ވާނީ، ކުރިން ބަޔާންކުރެވިފައިވާ މަދަހަ، ޘަނާ، ދުޢާ އަދި ދީނީ ޅެން ހިމެނޭ ގޮތަށެވެ.

މި މުބާރާތް މި އަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެންމެ ބުރެއް ބާއްވާ ގޮތަށެވެ.

2- މުބާރާތުގެ މަޤްޞަދު
މަދަހަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން މަދަހައަށް ލޯބިޖެއްސުމާއި، އިސްލާމް ދީނަށް ލޯބިޖެއްސުމާއި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތެރިކަން އިތުރުކުރުވައި، މި މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފެންވަރު ރަނގަޅު މަދަހަ ކިޔުންތެރިންތަކެއް އުފެދި، ފަންނުވެރިކަން ތަރައްޤީވެ ކުރިއަރައި ދިއުމެވެ.

3- ސްޕޮންސަރ
މި މުބާރާތް ސްޕޮންސާކުރައްވާފައިވަނީ ވޭތުވެދިޔަ އަހަރުވެސް މުނިއަވަސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ސްޕޮންސަރކޮށްދެއްވި ’އިއްޔާ ރެކޯޑްސް“ އިންނެވެ. މީގެ އިތުރުން ހެޔޮ އެދޭ ފަރާތަކުން މުބާރާތަށް މާލީ އެހީތެރިކަން ދީފައިވެއެވެ.

މަދަހަ މުބާރާތުގެ ސްޕޮންސަރ “އިއްޔާ ރެކޯޑްސް”

4- މުބާރާތުގައި ބައިވެރިވެވޭ ގޮތް
މުބާރާތުގައި ކުދިން ބައިވެރި ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 05 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ މެންދަމު 00:00 ކުރިން މުނިއަވަސްގެ ޓެލެގްރާމް ނަމްބަރ 7668101 އަށް ބައިވެރި ކުރުވަން ބޭނުންވާ ކުއްޖާގެ އައިޑީކާޑުގެ ފޮޓޯއަކާއެކު ކިޔާފައިވާ މަދަހަ ވީޑިއޯ ފޮނުވަންވާނެއެވެ.

ނޯޓް: މުނިއަވަސްގެ ޓެލެގްރާމް ނަމްބަރ 7668101 އަށް ކުރާ ފޯނު ކޯލަށް ޖަވާބެއް ނުދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9957171 ނަންބަރަށެވެ.

5- މި މުބާރާތުގައި ކިޔާ މަދަހައިގެ މިންވަރާއި ބާވަތް

މުނިއަވަސް މަދަހަ މުބާރާތުގައި ދަރިވަރު ކިޔާ މަދަހައިގެ ދިގުމިނުގައި މަދުވެގެން 02:30 (ދެ މިނެޓް ތިރީސް ސިކުންތު) އަދި ދިގުވެގެން 03:55 (ތިން މިނެޓް ފަންސާސް ފަސް ސިކުންތު) ހުނަންނަން ވާނެ އެވެ. މާނައަކީ، ބައިވެރިން ފޮނުވާ މަދަހަ ވީޑިއޯގައި ހުންނަން ޖެހޭނީ 02:30 – 03:55 (ދެ މިނެޓް ތިރީސް ސިކުންތާއި ތިން މިނެޓް ފަންސާސް ފަސް ސިކުންތު)ގެ ދޭތެރެއަށް ފެތޭ ދިގުމިނެކެވެ.

މިއަށް ވުރެ ދިގު މަދަހަތަށް މުބާރާތުން ކުރުކޮށް އެޑިޓްކޮށް ކުރު ކުރެވޭނެއެވެ.

އަދި ކޮންމެ މަދަހަ އަކީވެސް މަދުވެގެން މައިގަނޑަކާއި ކަނޑިއެއް ހިމެނޭ މަދަހައަކަށް ވާންޖެހޭނެއެވެ.

މި މުބާރާތަށް ކިޔާ މަދަހަ އަކީ މީގެ ކުރިން އެއްވެސް މުބާރާތެއްގައި ކިޔާފައިވާ ނުވަތަ އެއްވެސް ބްރޯޑްކާސްޓިން މީޑިއަމްއެއްގައި ގެނެސްދީފައިވާ މަދަހައަކަށް ވެގެން ނުވާނެ އެވެ. ހުށައަޅާ މަދަހައިގެ ރާގާއި ބާވަތަކީ ކިޔުންތެރިންނާއި ބެލެނިވެރިންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.

ނަމަވެސް، ހުށައަޅާ މަދަހަ އަކީ ދިވެހި އަމިއްލަ ރާގެއްގެ މަދަހައެއް ނަމަ، އެ ރާގު ހެއްދެވި ބޭފުޅެއްގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ (ނޯ އޮބްޖެކްޝަން) ސިޓީއެއް މަދަހަ އާއެކު ހުށައަޅަން ޖެހޭނެއެވެ.

މި މުބާރާތް ރޭވިފައިވަނީ ދަރިވަރުން ވަކިން މަދަހަ ހުށައަޅާ ގޮތަށެވެ. މާނައަކީ މުބާރާތަށް ގުރޫޕް ނުވަތަ ޑުއެޓް މަދަހަ ބަލައެއް ނުގަނެވޭނެއެވެ.

7- ވީޑިއޯ ރެކޯޑްކުރުން
މަދަހަ ވީޑިއޯ ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ. ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންއަކީ ‘ވަން ޓޭކުން’ ހެދިފައިވާ ރެކޯޑިންއަކަށް ވާން ޖެހޭނެއެވެ. ވީޑިއޯ އާއި އޯޑިއާއަށް އެއްވެސް އިފެކްޓެއް ގެނެސްފައިވާނަމަ، އެ ވީޑިއޯއެއް މުބާރާތުގައި ނުހިމެނޭނެއެވެ.

– މަދަހަ ކިޔަން ޖެހޭނީ މިއުޒިކާއި ނުލައި ދިވެހި މަދަހައެވެ. ކިޔާ މަދަހައިގައި ޢަރަބި ލަފުޒު ހިމެނިފައިވުން އެއީ މައްސަލައެއް ނޫނެވެ.

– މުބާރާތަށް ފޮނުވާ ވީޑިއޯއަކީ އެހެން ޓީވީ/ރޭޑިއޯ ޗެނަލަކަށް ނުވަތަ އޮންލައިން ނޫހަކަށް ނުވަތަ ސްކޫލް މަދަރުސާއެއްގެ މުބާރާތަކަށް ނުވަތަ އެހެންވެސް

މުބާރާތަކަށް އެ ދަރިވަރު ރެކޯޑްކުރި ވީޑިއޯއަކަށް ވެގެން ނުވާނެއެވެ.

ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ރެކޯޑްކުރާ ވީޑިއޯގައި މަންޒަރާއި އަޑު ސާފުވާން ވާނެއެވެ. މާހައުލުގެ އަޑުތައް ވީޑިއޯގައި ހުރެގެން ނުވާނެއެވެ.

ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.

ވީޑިއޯ ރެކޯޑިން ހަދަން ޖެހެނީ ސާފު ހުދު (ޕިޔޯ ވައިޓް) ބެކްގްރައުންޑެއްގައި ކުއްޖާ ހުންނަ ގޮތަށެވެ.

ވީޑިއޯ ރެކޯޑްކުރުމަށް މިގޮތަށް ފޯނު ހިފަހައްޓައި 16:9 ފްރޭމްގައި ލޭންޑްސްކޭޕްކޮށް ރެކޯޑްކުރައްވާށެވެ. މި ނޫން ގޮތަކަށް ނުވަތަ ޕޯޓްރެއިޓްކޮށް ކޮށްފައިވާ ވީޑިއޯވެސް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.


8- މުބާރާތުގެ ވީޑިއޯތައް އާއްމުކުރުން
މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް، މުނިއަވަސް ޓީމުން ވަކި ފޯމެޓެއްގައި އެޑިޓްކުރުމަށްފަހު، މުނިއަވަސްގެ ފޭސްބްކް ޕޭޖްގައި ޝާއިޢުކުރެވޭނެއެވެ.

ވީޑިއޯތައް އާއްމުކުރާނެ ތާރީޚެއް، ބައިވެރިންގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށްފަހު ކަނޑައެޅޭނެއެވެ.

– ނަމަވެސް މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދުގެ ގޮތުން، އެގޮތަށް ކަނޑައަޅާ ތާރީޚަށްވުރެން ފަހުގެ ތާރީޚެއްގައި ވީޑިއޯތައް ޝާއިޢުކުރެވޭ ޙާލަތެއްވެސް މެދުވެރިވެދާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޢަމަލުކުރާނީ މި ޤަވާޢިދުގެ 12 ވަނަ ނުކުތުގައިވާ ގޮތަށް ޢަމަލުކޮށްގެންނެވެ.

8- ބައިވެރިވެވޭނެ އުމުރުފުރާތައް

މުބާރާތް ބަހާލެވިފައިވަނީ 03 އުމުރުފުރާ އަކަށެވެ. އެއީ:

04 އަހަރާއި 07 އަހަރާ ދެމެދުގެ އުމުރުފުރާ
އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 އޭޕްރީލް 2021 އަށް 04 އަހަރު ފުރި އަދި, 01 އޭޕްރީލް 2021 އަށް 08 އަހަރު ވެފައި ނުވުން.

08 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރާ
އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 އޭޕްރީލް 2021 އަށް 08 އަހަރު ފުރި އަދި, 01 އޭޕްރީލް 2021 އަށް 12 އަހަރު ވެފައި ނުވުން.

12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ
އުމުރުފުރާ ބެލުމަށް ހަމަޖެހިފައިވާ ގޮތަކީ 01 އޭޕްރީލް 2021 އަށް 12 އަހަރު ފުރި އަދި, 01 އޭޕްރީލް 2021 އަށް 17 އަހަރު ވެފައި ނުވުން.

09- މުބާރާތަށް އިންސާފުކުރުން
މި މުބާރާތަށް އިންޞާފުކޮށްދެއްވާނީ މަދަހަ ކިޔުމުގެ ފަންނުގައި އަރާ ހުންނެެވި އަލް އަޚް އިބްރާހިމް ރަމީޒްގެ އިތުރުން މިއުޒިކީ އަދި ލަވަކިޔުމުގެ ފަންނުގައި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ ސާޒް ސަޢީދު އާއި މުސްތާޤް މޫސާ އެވެ.

މުބާރާތަށް އިންސާފުކުރަން ފަށާނީ ވީޑިއޯތައް އާއްމުކުރުމާ ހަމައިންނެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

1) ކިޔުންތެރިކަން %70
2) ހުށައެޅުން %20
3) އަކުރު އަދާކުރުން %10

10- މުބާރާތުގައި ހޮވާނެ ވަނަތައް

މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށެވެ.

ކޮންމެ އުމުރުފުރާއަކުން:
1 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/2500
2 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1500
3 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1000

މީގެ އިތުރުން މުބާރާތުގައި އެންމެ މޮޅު ފަސް މަދަހަ (ޓޮޕް ފައިވް މަދަހަ) ހުށައެޅި ބައިވެރިންނަށް، މުބާރާތުގެ ސްޕޮންސަރ އިއްޔާ ރެކޯޑްސް އިން ތައްޔާރުކުރާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

11- މުބާރާތުގެ ނަތީޖާ އިޢުލާނުކުރުން
މުބާރާތުގެ ނަތީޖާ، މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް، ވީޑިއޯ އެއްގެ ޒަރީޢާއިން އާއްމުކުރެވޭނެ އެވެ.

12- މައްސަލަ ހައްލުކުރުން
ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ނިންމާނީ މުނިއަވަސްގެ ފަރާތުން މުބާރާތް ހިންގުމަށް އެކުލަވާލާފައިވާ ޓީމަކުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނިވެރިންގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.