1975ން ފެށިގެން ގޮސް 1990ގެ އަހަަރުތަކާ ހަމައަށްވެސް އެވޯޑްތައް ހޯދަމުން އައި މަޝްހޫރު އަދި ހިތްގައިމު ބަތަލާ ޝަބާނާ އަޒްމީ މިވަނީ އޭނާގެ ރަން ޒަމާނުގެ ފޯޓޯތަކުން ވަރަށް ހިތްގައިމު ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައެވެ. މި ފޮޓޯއަށް އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ފިލްމީ ފަންނާނުންގެ ކަޅިވެސް ވަނީ ހުއްޓިފައެވެ. ފޮޓޯއަށް ތަޢުރީފުކޮށް މެސެޖްތައް ކޮށްފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޝަބާނާ އާއްމުކޮށްފައިވަނީ އޭނާގެ ރަން ޒަމާނުގައި ބޮލީވުޑްގެ ޑިސްކޯ ޑާންސަރ އަދި ގަދަ ރޯލުތައް ކުޅުމަށް މަޝްހޫރު އެކްޓަރ މިތުން ޗަކްރަބަތީ އާއެކުގައި ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޯއެކެވެ. މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މިތުންގެ އެންމެ ޒުވާން ދުވަސްވަރު ނަގާފައިވާ ފޮޓޯ އިން ދެ ތަރިންވެސް ފެންނަނީ ވަރަށް ‘ހޮޓްކޮށް’ ކަމަށް ގިނަބަޔަކު ކޮމެންޓްކުރަމުން ދެއެވެ.

މި ފޮޓޯއަށް ބޮލީވުޑްގެ ހިތްގައިމު އެކްޓްރެސް ޝިލްޕާ ޝެޓީ ކޮމެންޓްކުރަމުން ބުނީ “ޝަބާނާ ފެންނަނީ ވަރަށް ހޮޓްކޮށް” ކަމަށެވެ. މަޝްހޫރު ފިލްމު ކްރިޓިކް ބަވާނާ ސޮމާޔާ ބުނީ: “އެ ދުވަސްވަރަކީ ރަން ޒަމާން” ކަމަށެވެ.

މި ފޮޓޯ އެންމެ ކުރިން ޝަބާނާ ހިއްސާކުރީ އެމީހުންގެ ބޯ ނުފެންނަ ގޮތަށެވެ. ނަމަވެސް ފަހުން ބޯ ފެންނަ ގޮތަށް ފޮޓޯއެއް ހިއްސާކުރިއެވެ.

ޝަބާނާ އަޒްމީ (އުފަންވެފައިވަނީ 18 ސެޕްޓެމްބަރ 1950، ނިއުދިއްލީ، އިންޑިޔާ) އަކީ އިންޑިޔާގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވި މަޝްހޫރު ފިލްމީ އެކްޓްރެސް އެކެވެ. އޭނާ އަކީ ފިލްމީ ތަރިއެއްގެ އިތުރުން އިޖުތިމާއީ ހަރަކާތްތެރި އެކެވެ. ޝަބާނާ އަކީ އިންޑިޔާގެ ލަވަ ލިޔުންތެރިޔާ ޖާވިދު އަޚުތަރުގެ މިހާރުގެ އަންހެނުންނެވެ. މިއީ އަޚުތަރު-އަޒްމީ ޚާންދާން އަށް ނިސްބަތްވާ ފަންނާނެކެވެ.

ފިލްމީ ތަރި މިތުން ޗަކްރަބަތީ އަލުން ސިޔާސީ ދާއިރާ އަށް ނުކުމެ، ވެރިކަންކުރާ ޕާޓީ ބީޖޭޕީ އަށް ސޮއިކޮށްފައި ވަނީ މިއަހަރު އެވެ. މިތުން އަކީ ކުރިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަންކޮށްފައިވާ މީހެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.