އަރަމުން އަންނަ ތުއްތު ލަވަކިޔުންތެރިޔާ ލައިބާ އަޙްމަދު މަހްލޫފް (އެލީ)، އިންޑިއާގެ މަޝްހޫރު ލަަވަ ކިޔުންތެރިޔާ ޖާވިދު ޢަލީ އާއެކު ލަވައެއް ކިޔައިފިއެވެ.

ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ، ޖާވިދު ޢަލީ އާއެކު ކިޔާފައިވާ ހިންދީ ލަވަ މާދަމާގެ ވަގުތެއްގައި ނެރޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ލައިބާ އާއި ޖާވިދު ކިޔާފައިވާ “ޖީނޭކީ ވަޖާ” ލަވައިގެ ޓްރެއިލަރ އެއް ޒީ މިއުޒިކް ކޮމްޕެނީން އާއްމުކޮށްފައިވެއެވެ.

ޔޫތު މިނިސްޓަރ މަހްލޫފް ޓްވިޓަރގައި ވިދާޅުވީ، ޒީ މިއުޒިކް ކުންފުނިން އެލީއާއެކު ނެރޭ މި ލަަވައަކީ އެލީގެ ފުރަތަމަ އޮރިޖިނަލް ހިންދީ ލަވަކަމަށާ އެކަމާ ވަރަށް އުފާވާ ކަމަށެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، އުމުރުން ތިން އަހަރުން ފެށިގެން އެލީ ހިންދި ބަހުން ވާހަކަދައްކަން ފަށާފައިވާ ކަމަށެވެ. އަދި ހިންދީ ލަވަތަކަށާއި ފިލްމްތަކަށް އެލީ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިފަދަ ފުރުޞަތުތައް ލައިބާއަށް ފަހިވަމުން އަންނާތީ ނެޕޮޓިޒަމްގެ ތުހުމަތުގެ އިނގިލި ދިއްކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް މަހްލޫފު ވިދާޅުވީ އަމިއްލަ ކަންކަމަށް ދައުލަތުގެ ފައިސާއެއް، މަގާމުގެ ނުފޫޒެއް ބޭނުން ނުކުރައްވާ ކަމަށާ ނުވެސް ކުރައްވާނެ ކަމަށެވެ. އައިއައިއެފްއޭ 2014 އިން ފެށިން މުންބާއީގަ ރައްޓެހިން ތިބޭ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

‘އެންމެނަށް ވެސް ފުރުސަތު އެބަ އޮތް. އެކަމަކު މަސައްކަތް / ޚަރަދުކުރަން ޖެހޭ. ނިންމާނީ ބެލެނިވެރިޔާ.” މަހްލޫފު އިތުރަށް ވިދާޅުވެފައިވެއެވެ.

“ހަނގާ”ގެ ނަމުގައި ލައިބާ އާއި ހަމޫދު ކިޔައި، ދާދިފަހުން ވީޑިއޯ ނެރެފައިވާ ލަވައަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.