އިންޑިއާގެ ‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ ގައި ދިވެހި ފިލްމު ބައިވެރިކުރުމަށް މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން ހޯދައިދިން ފުރުޞަތުގެ ދަށުން އެ ފެސްޓިވަލްގައި ބައިވެރިކުުރުމަށް ދިވެހި ފިލްމު “ބަވަތި” އާއި “ހައްދު” ފައިނަލްކޮށްފައިވާ ކަމަށް އެމްއެސްޕީއޭ އިން ހާމަކޮށްފިއެވެ.

އެމްއެސްޕީއޭ ގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް މިރޭ އާއްމުކުރި ޕޯސްޓެއްގައި ބުނީ ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އަށް ރާއްޖެއިން ހުށައަޅާ ދެ ފިލްމަކީ “ބަވަތި” އާއި “ހައްދު” ކަމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފެސްޓިވަލްއަކީ އިންޑިޔާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަކުރުމަށާއި ކަންނާޑާ ސިނަމާއަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިޔާގެ ’ނަވާ ކަރްނާޓަކާ ފިލްމު އެކެޑަމީ’ން އިންތިޒާމުކޮށް ބާއްވާ ބައިނަލްއަޤްވާމީ ބޮޑު ފެސްޓިވަލްއެކެވެ.

’ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021‘ ފިލްމް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ، އިންޑިޔާގެ ދެކުނު ކަރްނާޓަކާގެ ހުބުލީ އަދި ދާރުވާރް ސިޓީގައި މި އަހަރުގެ މެއި މަހު 18 އިން 25 އަށެވެ.

ކަރްނާޓަކާާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ޕޯސްޓަރެއް

މިފަދަ ފުރުޞަތެއް ލިބުމުން ފިލްމު “ބަވަތި“ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ ބޭރުގެ ފެސްޓިވަލްއެއްގައި މި ފިލްމު ދައްކައިލުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ޝަރަފަކާ އުފަލެއް ކަމަށެވެ.

ފިލްމު “ބަވަތި

މުޅިން އަލަށް ފީޗާ ފިލްމު އުފެއްދުމަށް މަސައްކަތްފެށި ‘އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު “ބަވަތި” ރިލީޒްކުރީ 2019 ވަނަ އަހަރު އެވެ. މިއީ ދިވެހި ސިނަމާ އަށް އިންގިލާބެއް މި ފަހުން ގެނެސްދިން ވަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ކުޅެފައިވަނީ މަޝްހޫރު އެކްޓްރެސް ނުޒުހަތު ޝުޢައިބް އާއި އަލަށް ފީޗާ ފިލްމަކުން ފެނިގެން ދިޔަ އަޙްމަދު އިފްނާޒް އެވެ. އިތުރު ތަރިންގެ ތެރޭގައި ދަރާ މުޙައްމަދު ރަޝީދު، ފާތުމަތު ލަތީފާ (ފާތުން)، އިބްރާހިމް ފައިރޫޒް އާދަމް އާއި ޔޫޝާއު އަލީ ގެ އިތުރުން، އަލީ އިނާޒް، ހަސަން ޝިނާން، އައިޝަތު ނަޒީހާ، ހަސަން ނާޒިމް ހިމެނެއެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރި ސަސްޕެންސް ތްރީލާ “ބަވަތި” ޑައިރެކްޓްކުރީ އިލްޔާސް ވަހީދު އެވެ. ”ބަވަތި”ގެ ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިސާން (ކަނޑި) އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ނުހަނު މޮޅަށް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ފިލްމު “ހައްދު

މަޝްހޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާހު އަދި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި ފިލްމު “ހައްދު” ރިލީޒްކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިއީ ފައްތާހްގެ އެންމެ ފަހު ފިލްމީ މަސައްކަތެވެ. މި ފިލްމުވެސް ކެމެރާ ކުރީ ކަނޑިއެވެ.

މި ފިލްމުގެ ލީޑުރޯލު ކުޅެފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުތް އަހްމަދު ޝިބާން އެވެ. އަންހެން ލީޑުން ފެނިގެންދަނީ މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ) މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން ފެނިގެންދެ އެވެ. އަދި ހާއްސަ ފެނިލުމެއްގައި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި ނޫސްވެރިޔާ އަހްމަދު ފައިރޫޒް ފެނިގެންދެ އެވެ.

މިއީ އެމްއެސްޕީއޭ އިން ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދިން އައު އުއްމީދެއް!

މިފަދަ ފުރުޞަތެއް ދިވެހި ފިލްމީ ފަންނާނުންނަށް ފަކޮށްދިނުމުގެ ފަހަތުގައި ވަނީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އެވެ. އެހެންކަމުން މިއީ ދިވެހި ފިލްމު އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް ބޭރަށް ދައްކައިލުމަށް އެ ސޮސައިޓީން ފަހިކޮށްދިން ފަހި ފުރުޞަތެކެވެ. މިއީ ފިލްމީ ދާއިރާގެ ކުރިމަގުގެ ތަޞައްވުރަށް ގެނެސްދިން އައު އުއްމީދެކެވެ.

އިންޑިއާގައި ބާއްވާ މި މި ފެސްޓިވަލްގައި ރާއްޖޭގެ އިންޑަސްޓްރީ ތަމްސީލުކުރުމަށް 09 މެންބަރުންގެ މައްޗަށް އެކުލެވޭ ވަދުފެއް އިންޑިއާއަށް ދާނެ އެވެ. ފެސްޓިވަލްއަށް ހޮވިފައިވާ ދެ ފިލްމުގެ ފަރާތުންވެސް ކޮންމެ ފިލްމަކުން މީހަކު ބައިވެރިކުރާނެއެވެ. ހޮވިފައިވާ ދެ ފިލްމުގެ ފަރާތުން ފެސްޓިވަލްގައި ބައިވެރިކުރާ ފަރާާތުގެ ޓިކެޓާ، ހުރުމާ ކެއުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ ވެސް އެމްއެސްޕީއޭގެ ފަރާތުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.