އެއް ފަހަރު، ދެ ފަހަރު، ތިން ފަހަރު އަދި ހަތަރު ފަހަރަކުވެސް ނޫނެވެ. އަޑުއަހަން ފެށިގޮތަށް ހުއްޓައެއްވެސް ނުލެވުނެވެ. ނަމަވެސް މިފަހަރު މި ޖެހުނީ ޝަމްވީލް މުހައްމަދު (ބަރޯ)ގެ ހުނަރުވެރި ލަވަކިޔުމުގެ ޖާދޫގައެއް ނޫނެވެ. ބަރޯ ކައިރީ ވަރަށް ބޮޑަށް ސޮރީއޭ ބުނެލަން ޖެހެއެވެ. އާމިނަތު ރާޔާގެ ހިތްގައިމު އަޑުގެ ޖާދޫގައި ކިތަންމެހާވެސް ރަނގަޅަށް ޖެހިއްޖެއެވެ. ލަވަ ކިޔުމުގެ ހުނަރުވެރިކަމުން އެ ލައްވައިލާ ބަނޑިތަކުން ގައިން ހީބިހި ނަގައިގެން ދެއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޒޫނާގެ ކުޅަދާނަ ‘ބަނޑިލެއްވުން’ އިވޭހެންވެސް ބައެއް ފަހަރު ހީވެއެވެ. ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަގެ އަޑުގައި ހުންނަފަދަ ޖާދޫއެއް ހުންނަހެންވެސް އަހަންނަށް ހީވެއެވެ.

މި ދައްކަނީ ބަރޯ އާއި ރާޔާ ގެނެސްދީފައިވާ “ތި ލޯބި ހޫރު” ލަވައިގެ ވާހަކައެވެ. ރާޔާގެ އުފަންދުވަހާ ދިމާކޮށް 26 މާރިޗްގެ ދަންވަރު ބާރައިގެ ފަހުން ސައުންޑްކްލައުޑަށް ދޫކޮށްލާފައި މިވަނީ އަޑުއަހައި ފޫހިނުވާވަރުގެ ސަޅި ލަވައެކެވެ.

“ތި ލޯބި ހޫރު”ގެ ރޮމޭންޓިކް ލިރިކްސް ހަދާފައިވަނީ ‘ރިޓްޒް ލިރިކްސް’ އިންނެވެ. މިއުޒިކް ކޮމްޕޯސްކުރީ މި ފަންނުގެ ހުނަރުވެރިޔާ ޙުސައިން ތަޢުފީޤް އެވެ. އާޓް ވޯރކް ހަދާފައިވަނީ އަޙްމަދު ޝަރީފު އެވެ.

“ތި ލޯބި ހޫރު” ނެރުމަށްފަހު މުނިއަވަސް އަށް ބަރޯ ބުނީ މިއީ ރިޓްޒް ލިރިކްސް އިން ދިން ފުރުޞަތެއްކަން ފާހަގަކޮށްލަން ބޭނުން ކަމަށެވެ.

“މި ލަވައިގަ އަހަރެން މި ގެނެސްދެނީ މުޅިން އައު މޫނެއްކަމަށްވާ އާމިނަތު ރާޔާ. މި ލަވަ މި ނެރުނީ 26 މާރިޗްގަ، އެއީ ރާޔާގެ އުފަންދުވަސް. ރާޔާ އަކީ ހިތްގައިމު އަޑެއް ލިބިފައިވާ ކުއްޖެއް.” ރާޔާގެ ހިތްގައިމު އަޑުގެ ޖާދޫގައި މި ޖެހުނީ ހަމައެކަނި އަހަރެން ނޫންކަން ޝަމްވީލް (ބަރޯ)ގެ ވާހަކައިން މާ ރަނގަޅަށް ވެސް އެނގިއްޖެއެވެ.

ޝަމްވީލަށް އިތުބާރުކޮށް މި ފުރުޞަތު ދިނީތީ ވަރަށް ޚާއްޞަ ޝުކުރެއް ރިޒްނީއަށް ރައްދުކުރަން ބޭނުންވާކަމަށް ވެސް ޝަމްވީލް ބުންޏެވެ.

އެއް ފަހަރު، ދެ ފަހަރު އަދި ތިން ފަހަރު ކީއްކުރަން ހެއްޔެވެ. ތަކުރާރުކޮށް އެތަކެއް ފަހަރަކުވެސް މި ލަވަ އަހައިލަން ފޫހިނުވާނެކަމުގެ ގެރެންޓީދޭން އަހަންނަށް ކެރެއެވެ. އަޑު އަހާފައި ♩♪♫♬ އައްޗަ ތި ލޯބިލޯބި ހޫރު، ރާނީ ތީ ހިތްއެދޭ، ތިޔަ ހޫރު އެދޭ ދުނިޔޭން ހަމަ ލޯބި ހިތުން އެދެވޭނޭ ♩♪♫♬ އޭ ކިޔައިނުލައި ނުހުރެވޭނެކަން ޔަޤީނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.