އިންޑިޔާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަކުރުމަށާއި ކަންނާޑާ ސިނަމާއަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގެ ކަންޓްރީ އިން ފޯކަސް ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ރޭ ބާއްވައިފިއެވެ.

އިންޑިޔަން ކަލްޗުރަލް ސެންޓަރ (އައިސީސީ) ގައި ބޭއްވި މި ރަސްމިއްޔާތުގައި ‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގައި ރާއްޖެ ތަމްޞީލުކޮށްދޭ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އަށް ކަންޓްރީ އިން ފޯކަސްގެ މަޤާމު ހަވާލުކޮށްދެއްވީ ކަރްނާޓަކާ ފިލްމު އެކެޑަމީގެ ރައީސް ޑޮކްޓަރ އެމްއޭ މުއްމިގެއްޓީ އެވެ. ރާއްޖޭގެ ފަރާތުން ކަންޓްރީ އިން ފޯކަސްގެ މަޤާމާ ހަވާލުވެލެއްވީ އެ ސޮސައިޓީގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) އެވެ. މި ރަސްމިއްޔާތުގައި ދެކުނު އިންޑިޔާ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ މިސްޓަރ ވިނޭ ވެސް ބައިވެރިވިއެވެ.

ވިނޭ އާއި ޑޮކްޓަރ އެމްއޭ މުއްމިގެއްޓީ މި ދަތުރާ ބެހޭގޮތުން ހަމައެކަނި މުނިއަވަސް އަށް ދިން ބަސްދީގަތުމެއްގައި ރޭގެ އިވެންޓާ ބެހޭގޮތުން ވަރަށް ތަފުސީލުކޮށް މަޢުލޫމާތުދެއްވިއެވެ. އޭގެ އިތުރުން ފިލްމު ފެސްޓިވަލް އިންތިޒާމުކުރާ ’ނަވާ ކަރްނާޓަކާ ފިލްމު އެކެޑަމީ’ އަދި ދެކުނު އިންޑިޔާގެ ‘ސޭމް ބަރާކް އެންޓަޓެއިންމެންޓް’ އާއި އެމްއެސްޕީއޭ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވަމުން އަންނަ ގިނަ ހަރަކާތްތަކެއްގެ މަޢުލޫމާތުވެސް ހިއްސާކުރިއެވެ.

އެމްއެސްޕީއޭއާއި އިންޑިއަން ކަލްޗަރ ސެންޓަރ އެންޑް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބޭއްވި މި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ތަމްސީލު ކުރުމަށްޓަކައި ދިހަ މެންބަރުންގެ އިންޑިއާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަރްނަޓަކާ ފިލްމް އެކަޑަމީގެ ރައީސް ޑޮކްޓަރ މަޚްތޫމް ހުސެއިން ވިދާޅުވީ ރާއްޖޭގެ ފިލްމީ ތަރިންނަކީ ހުނަރުވެރި ބައެއް ކަމަށާއި އުއްމީދުކުރަނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް އެ އެކަޑަމީގެ ސަބަބުން ބޮޑެތި އިންގިލާބުތަކެއް އައުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވާ ތަރިން އިތުރަށް ތަމްރީނު ކުރުމަށްޓަކައި ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގެ ކަންތައްތަކުގައި ރާއްޖެއިން ހަރަކާތްތެރިވަނީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިންނެވެ.

‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގައި ދެއްކުމަށް ހަމަޖެހިފައިވަނީ ފިލްމު “ހައްދު” އަދި “ބަވަތި” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.