މިވާހަކަ އަކީ އޯޓިޒަމް ދުވަހަށް ޚާއްސަކޮށް އަޅުގަނޑުގެ ދަރިފުޅު ޔާނިޢު ނޫރައްދީންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ. އުންމީދަކީ މި ވާހަކައިގެ ޒަރީއާއިން ގިނަ ބަޔަކަށް މިކަހަލަ ކުދިންގެ ހިތުގެ އާދޭހާއި އެކުދިންނަށް އެހީގެ އަތެއް ދިއްކޮށްލުމުގެ މުހިއްމުކަން އެނގިގެން ދާނެކަމަށެވެ.

ވާހަކަ މި ކިޔައިދެނީ ޔާނިޢުއެވެ.

“އާހް……..” އަހަރެން ދުއްވައިގަތީމެވެ. އެކިޔާ އެއްޗެހިތައް އަޑު ނީވޭ ހިސާބަަކަށެވެ. އިތުރަށް އަހަންނާ އަހަރެން މަންމައަށް އެކިޔާ އެއްޗެހި އަޑު އަހަން އަހަންނަށް ކެތެއްނުވާނެއެވެ. އަހަރެންގެ ސިކުނޑި ފަޅައިގެން ގޮސްދާނެއެވެ. މީގައި އަހަރެމެންގެ ކުށަކީ ކޮބާހެއްޔެވެ؟ އެމީހުނަށް އެވަރު ނުވިސްނެނީ ކީއްވެ ހެއްޔެވެ؟

މަންމަމެން ކިޔާދިން ހަނދާން އެބަ ހުއްޓެވެ. މަންމަ އަހަރެން ވިހެއީ ދުވަސް ނުފުރާ ހަތްމަހުގައެވެ. އެހެންކަމުން ވިހެއި އިރު ގިނަ ކޮމްޕްލިކޭޝަންތައް ހުއްޓެވެ. އަތްޖަހާލަންވެސް ނުލިބި އަހަރެން ފުރަތަމަވެސް ގެންދެވުނީ އެން.އައި.ސީ.ޔޫ އަށެވެ. ފަރުވާދެމުން ދަނިކޮށް އަހަރެންގެ ހާލު ބޮޑުވެ ދުނިޔޭގައި އޮންނާނެކަމުގެ އުންމީދުކަނޑާލި ވަގުތެއްވެސް އައެވެ. ނަމަވެސް ﷲގެ ރަހުމަތްފުޅުން ދެމަސްތެރޭ އަހަންނަށް ގެއަށްދެވޭ ވަރުވިއެވެ.

ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވާނެކަމާއި ބަލިތައް ޖެހުން ގާތްވާނެ ކަމުގައި ޑޮކުޓަރ ބުނިކަމުގައިވެއެވެ. ނަމަވެސް އަހަރެން ބޮޑުވަމުން އައީ ބަލިތަކާއި ދުރު ހަލަނި ކުއްޖެއްގެ ގޮތުގައެވެ. އަހަރެންގެ އުމުރުން އަހަރު ނުވަންދެން މައިންބަަފައިން ވަކިން ދިރިއުޅެންފެށިއެވެ. ބައްޕައަކީ ޑުރަޤުގެ އަޅެއްކަމުން އެތައް މައްސަލަތަކެއް އޭރު އެމީހުންގެ ދޭތެރޭގައި ޖެހެމުންދިޔައެވެ. މަންމަ ވަޒީފާއަށް ދަމުން އަހަރެން ބަލަމުން ގެންދިޔައީ މާމައާއި ކާފަ ކައިރީގައެވެ.

އެންމެ ފުރަތަމަ އަހަރެން އެހެން ކުދިންނާއި ތަފާތުކަން މަންމަމެންނަށް ފާހަގަ ވާންފެށީ އުމުރުން ތިން އަހަރު ވި އިރުވެސް އަހަންނަށް އެއްްވެސް ބަހެއް ނުބުނެވުމުންނެވެ. އެހެންކަމުން މަންމަ ހުރީ އަހަރެން ޕުރީ ސުކޫލަށް ވެސް ލާން ޖެހިލުންވެފައެވެ. ޑޮކުޓަރަށް ދެއްކުމުން ލަފާދިނީ ވީހާވެސް އަވަހަށް ސުކޫލަށް ލާ ކުދިންތެރޭގައި ގިނައިން ގެންގުޅުމަށެވެ. ފުރަތަމަ ސުކޫލަށް ގެންދިޔަ ދުވަހަކީ މަޖާ ދުވަހެކެވެ. މަންމަ އެދުވަހު ނަގާފައިވާ ފޮޓޯތަކުން އެކަން ކިތަންމެ ރަނގަޅަކަށްވެސް ފާހަގަވެއެވެ. މަންމަ ބުނާ ގޮތުން އެދުވަހު ގެއަށް ގެންނަންވެސް ޖެހުނީ ގަދަކަމުންނެވެ. ވަރަށް މަސައްކަތުން އަހަންނަށް އެ އަހަރު މަންމަ ބައްޕަ ފަދަ ދެތިން ބަހެއް ބުނެލަން އެނގުނެވެ.

މަންމަ ގެ ބުރަ ޝެޑިއުލްގެ ސަބަބުން އަހަންނަށް ވަގުތު ދެވެނީ ވަރަށް މަދުންނެވެ. ހެނދުނު އަށެއްޖަހާއިރު އޮފީހަށް ދާ މީހާ އަންނަނީ ހަވީރު ހަތަރު ގަޑި ބައިވާ ފަހުންނެވެ. އަނެއްކޮޅުން ރޭގަނޑު ހަތެއް ޖަހާއިރު ކޮލެޖަށް ދާމީހާ އަންނަނީ ރޭގަނޑު އެގާރަ ޖަހާފަހުންނެވެ. ބުރަކޮށް މަސައްކަތް ކުރަމުން އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެވޭތޯ މަންމަ ބަލައެވެ. މަންމަ ބުނާގޮތުން އޭރު ކޮންމެ މަހަކަށް ކުޅޭބަޑީގެ ދެ ބަޑި ވެސް އަހަންނަށް އޮންނަނީ މަދުވެފައެވެ.

އަހަންނަކީ ހަލަނި، ބިރުކުޑަ ކުއްޖެއް ގޮތުގައި ފާހަގަ ކުރެވެން ފެށުނެވެ. އުމުރުން އެންމެ ތިން އަހަރަސް ފަސް ފޫޓުގެ ފާރާއި ގަސްގަަހަށް އެރުމަކީ އަހަަންނަށް އެއްވެސް ކަމެއް ނޫނެވެ. ގިނަ ވަގުތު މަންމަ ކައިރީގައި ނެތަސް އަހަންނާއެކު މަންމަ އުޅެލާ ކުޑަ ވަގުތު ތަކުގައި މަންމަގެ ލޯބި އިންތިހާއަށް ލިބެމުން ދިޔައެވެ.

އުމުރުން ހަތަރު އަހަރުގައި މަންމަ އަހަންނަށް ގިނަ ދުވަސްތަކަކަށް ގެއްލުނެވެ. އަހަންނަކަށް މަންމަ ވީ ތަނެއް ނޭނގެއެވެ. ބައެއްފަހަރު ފޯނުން މަންމަ ގުޅައެވެ. އަހަންނަށް ވާހަކަ ނުދެއްކޭތީ މާ ގިނައިރު ގުޅައިގެން ނީނދެއެވެ. މަންމައާ އަހަރެން ވަރަށް ވާހަކަ ދައްކަން ބޭނުމެވެ. ހެއްލާ ޖޯއްޔަށް އަރާ އުޅެނިކޮށް ފައުންޑޭޝަން މައްޗަށް ވެއްޓުނު ދުވަހު އެވާހަކަ ވެސް މަންމަ ކައިރީ ކިޔާދޭން ނިކަން ބޭނުންވިއެވެ. ނަމަވެސް ކިޔާދޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކަށް ވާހަކަ ދައްކާކަށް ނޭނގެއެވެ. ކައިރީގައި ހުރި ނަމަ އިޝާރާތުން ކިޔާ ދެވުނީހެވެ. މަންމަ ދުރުގައި ހުރީތީވެ އެދުވަހު ވަރަށް ދެރަވިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްރެއެވެ. އަހަރެން އޮތީ ނިދާފައެވެ. ކާފަ ގޮވަން ފެށުމުން އަހަންނަށް ހޭލެވުނެވެ. ލޯ ހުޅުވާ ބަލާލިއިރު އަހަރެންގެ ކުރިމަތީގައި ހެވިލާފައި މަންމަ ހުއްޓެވެ. އަހަރެން އަވަހަށް މަންމަ ގައިގައި ބައްދާލީމެވެ. މަންމަވެސް އަަހަރެން ގައިގައި ބާރަށް ބައްދާލިއެވެ. އަދި އެތާ ހުރި ފިރިހެނެއް ދައްކާލާފައި އެއީ ބައްޕި ކަމުގައި ބުންޏެވެ. ބައްޕި އަހަންނަށް އަތްދިއްކޮށްލި އިރަށް އަހަރެން އަވަހަށް ބައްޕަ ކައިރިއަށް ދިޔައިމެވެ. އެހެން ކުދިންގެ ބައްޕަ އެކުދިން ގޮވައިގެން އުޅޭތަން ފެނުމުން އަހަރެން ވަރަށް ދެރަވެއެވެ. އަހަރެންގެ ބައްޕަ ނުފެންނާތީއެވެ. ބައްޕަގެ ލޯތްބާއި އަޅާލުން އަހަރެންވެސް ބޭނުމެެވެ. އެކީ ކުޅެ މަޖާކުރަން ބޭނުމެވެ. އެކީގައި ފިލާވަޅުތައް ހަދާ ކުރަހާލާ ކުލަޖައްސަން އިންނަން ބޭނުމެވެ.

އަހަންނަށް މިލިބުނު އުފަލުގެ ކޮޅެއްވެސް ނެތެވެ. ސުކޫލަށް ވެސް ދިޔައީ ބައްޕައާއި އެކުގައެވެ. އެކި ކުދިންނާއި މީހުނާއި މިސްއަށް ގޮވާ މިހުރީ އަހަރެންގެ ބައްޕަ ކަމުގައި ދައްކަމުން ދިޔައިމެވެ. ފަޚުރުވެރިވެ ހުރެއެވެ. އަހަރެންގެ ބައްޕަ ނެތްކަމާއި ނުހުންނަކަމާއި ނާންނާނެކަމަށް ބުނެ މަލާމަތް ކުރި ކުދިންނަށް ވަކިން ބޮޑަށް ބައްޕަ ދައްކަމުން ދިޔައިމެވެ.

އިސާހިތަކު އަހަންނަށް ލިބުނު އެ އުފާ ގެއްލިގެން ހިނގައްޖެއެވެ. އެންމެ ތިން ދުވަސްތެރޭގައެވެ. އަހަރެން ހޭލިއިރު އަނެއްކާވެސް އަހަންނަށް މަންމައާއި ބައްޕަ ގެއްލުނީއެވެ. އެދުވަހު ވަރަށް ރުއީމެވެ. އިތުރަށް މަންމަމެންނާއި ވާހަކަ ނުދައްކާނެ ކަމަށްވެސް ބުނީމެވެ. އަދި ފޯނުން ގުޅިއަސް ފޯނުގައިވެސް ނުހިފަމެވެ. އެމީހުން އަނެއްކާވެސް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެން ބޭނުމީ މަންމައާއި ބައްޕައާއި އެކު އުޅޭށެވެ. މާމަމެން ކައިރީގައި ހުންނާކަށް ނޫނެވެ.

މަސްތަކެއް ފަހެވެ. އަހަރެން ސުކޫލުން ނިކުތީ ކުޅިވަރުގައި ހުރެއެވެ. މާމަ ހުރިތޯ ބަލާލަން އެއްލި ކަޅިން އަހަންނަށް ފެނުނީ އަހަރެންގެ މަންމައެވެ. ކުޑަކުޑަ ބަނޑެއްލާފައި ހުއްޓައެވެ. އަހަރެން ދިޔަގޮތަށް މަންމަގައިގައި ބައްދާލީމެވެ. އަދި ރޮއެފައި އަަހަންނަށް ބުނެދޭން އެނގޭ ގޮތަށް ދެން ނުދާށޭ ބުނީމެވެ. އެދުވަހު މަންމަ ވަރަށް ލޯބިން ދެން ނުދާނެކަމުގައި ބުންޏެވެ. އެކަމަކު އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. ޖެހިގެން އައި ދުވަހު ސުކޫލަށް ގޮސްފައިވެސް މަންމަ ހިނގަައިދާނެތީ ސުކޫލު އާންޓީއަށް ފިލައިގެން ގެއަށް ގޮސް މަންމަ ހުރިތޯ ޔަގީން ކުރީމެވެ. ތެދެކެވެ. މަންމަ ހުއްޓެވެ. އޭގެފަހުން މަންމަ މުޅިންވެސް އުޅެނީ ގޭގައެވެ. އަހަރެން ކައިރީގައެވެ. އޮފީހަކަށްވެސް ނުދެއެވެ.

ބައްޕަ ކޮންމެ ދުވަހަކު ފޯނުން ގުޅާ އަހަންނާ ވާހަކަ ދައްކައެވެ. އަހަންނަށް ބަސްތައް ނުބުނެވޭތީ މަންމަ ކައިރީ ހުރެ ބައްޕައަށް އަހަރެންގެ ވާހަކަތައް ކިޔައިދެމުންދެއެވެ. ބައްޕައަށް އަހަރެން ބޭނުންވާ އެއްޗެހީގެ ބޮޑެތި ލިސްޓުތައް ދެމެވެ. އެނގޭ ހެއްޔެވެ؟ އަހަރެންގެ ލިސްޓަށް ބައްޕަ ވަރަށް އަވަހަށް އެއްޗެހި ފޮނުވައިވެސް ދެއެވެ. ހަމަގައިމުވެސް އަހަރެން އުޅުނީ ވަރަށް އުފަލުންނެވެ.

އުމުރުން ފަސް އަހަރުވީ އިރުވެސް އަހަންނަކަށް އަކުރުތަކެއް ނޭގެއެވެ. މަންމަ އެވަރަށް ކިޔައިދޭއިރުވެސް އަހަންނަކަށް ހަނދާނެއް ނުބެހެއްޓެއެވެ. ނަން އަޅަންވެސް ނޭނގެއެވެ. އެންމެ ފަހުން ފާރުގައި އަހަރެންގެ ނަމުގެ އަކުރުތައް ބޮޑެތިކޮށް ކަފައި ބައްޕަ ތަތްކޮށްދިވެ. ވަރަށް ގިނަގިިނައިން އެއަކުރުތަކުގެ މަތީގައި އަކުރު އަޅަން ޖެއްސިއެވެ. އިސާހިތަކު އެއަކުރުތައް އަޅަން އެނގުނެވެ. އަދި އެއީ އަހަރެންގެ ނަންކަން އެނގުނެވެ. އަހަރެން ކިހާ މޮޅު ހެއްޔެވެ؟

ކޮއްކޮއާއި އެކު ވަގުތު ހޭދަކުރުމުގައި އަހަރެން ދުވަސް ނިންމާލަނީ ފޫހިމަކެއް ނެތިއެވެ. ސުކޫލުން ކުދިންތައް އަހަންނަށް ކުރަމުން ދިޔަ މަލާމާތަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އެކުދިންހެން ލިޔަން ކިޔަން ނޭގުމާއި އެކުދިން ގޮތަށް އެއްތަނެއްގައި މަޑުން އިންނަން އުނދަގޫވުމަކީ އަހަރެންގެ ކުށެއް ނޫންތާއެވެ. އަހަރެން ބޭނުންވަނީ ދުވެލާ ފުންމާލާ ހަދާށެވެ. ސުކޫލުން އެކަންކަން ކުރުމުން އަބަދު ހިފަހައްޓާތީ ވަރަށް ރުޅިވެސް އާދެއެވެ.

ދުވަސްތައް މިގޮތަށް ފާއިތު ވަމުންގޮސް އަހަރުމެން ބައްޕަގެ ރަށަށް ބަދަލުވީއެވެ. ސުކޫލުން އަހަންނަށް ޚާއްސަކޮށް ވަކިން ޓީޗަރެއް ހުންނަން ފެށިއެވެ. އަހަންނަށް ކުޅެލާ ދުވެލަން ފުރުސަތު ދޭންފެށިއެވެ. ސުކޫލަކީ އަހަރެން ދާހިތުން ދާތަނަކަށް ވާންފެށިއެވެ. ނަމަވެސް ބައެއް ކުދިން ނުކުޅެދެއޭ އޯޓިޒަމްއޭ އަހަންނާ ދިމާއަށް ކިޔާތީ ވަރަށް ދެރަވިއެވެ. މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަން ދާންޖެހޭތީ އެކަންވެސް އަހަންނަށް ބޮޑުވާން ފެށިއެވެ. މަންމަގެ މޫނު މަތިން އަހަންނާ ދޭތެރޭ ވިސްނާ ފިކުރު ކުރާކަން ފާހަގަވާން ފެށިއެވެ. އަހަރެން މަންމަ ދެރަކުރާކަށް ބޭނުމެއް ނޫނެވެ. މަންމަ އަލުން ގެއްލޭކަށްވެސް ބޭނުމެއް ނޫނެވެ.

ކޮއްކޮއަށް ރަނގަޅަށް އަކުރު އެނގި ކިޔަން ފެށިއިރުވެސް އަހަންނަކަށް އަކުރުތަކެއް ނޭގުނެވެ. މަންމަ އެކަމާ ދެރަވެ ބައްޕަ ކައިރީ ވާހަކަ ދައްކާއަޑު އަހަރެން އަހަމެވެ. ގޭ ކައިރީ މީހުން އަހަރެން އަަބަދު ގޭގައި ހުންނަ ގަހާއި ފާރުމަތީ އުޅޭތީ މަންމައާއި ދިމާއަށް އެހެން އެރިއަ ނުދިނުމަށް ބުނެ ވެއްޓިދާނެއޭ އަނިޔާ ވެދާނެއޭ ކިޔާ މަންމަ އާއި ދިމާއަށް ކިޔާއަޑު އަހަންނަށް އިވެއެވެ. އަހަރެން ހުންނަނީ އެތަންތަނަށް ނާރާށެވެ. ނަމަވެސް އިރުކޮޅެއް ވާއިރަށް އަހަންނަށް ވާގޮތެއް ވެސް ނޭގެއެވެ. ހަމަ އެރެނީއެވެ.

އެކި މީހުން އައިސް މަންމައާ އަހަންނާ ބެހޭގޮތުން ވާހަކަ ދައްކާއިރު މަންމަ ގޮތްހުސްވެފައި ހުންނަތަން އަހަރެން ދެކެމެވެ. އެކަންކަމާ މަންމަ ވިސްނާ ދެރަވެ ބައްޕަ ކައިރީ ރޯ އަޑު އަހަރެން އަހަމެވެ. މަންމައަށް އެހީވުމުގެ ގޮތުންވެސް އަހަންނަށް ކުރެވޭ މާބޮޑު ކަމެއް އޮންނަ ކަމަކަށްވެސް ނުވެއެވެ. ބުނާ ކަމެއް ބުނާގޮތަކަށް ކުރުމަކީ ވެސް އަހަންނަށް އިތުރު ޗެލެންޖެކެވެ. ވިސްނާލަބަލާށެވެ. ގޭތެރޭ ހުރެ މަންމަ އަހަރެން ކައިރީ ބަދިގެއިން އެއްޗެއް ގެނައުމަށް ބުނުމުން އަހަރެން އެތައް ފަހަރަކު އެ އެއްޗެއް އަލުން އޮޅުންފިލުވުމަށް އަންނަންޖެހެއެވެ. މި ގޮތަަށް ކަންކުރުމަށްވުރެ މަންމައަށް އަމިއްލައަށް އެކަން ކުރުންވެސް މާފަސޭހަވާނެތާއެވެ.

އަހަރުމެން ދެބެން ބޮޑެތިވާން ފެށުމުން ޖެހެންފެށި މައްސަލަތައް އިތުރުވަމުން ދާންފެށިއެވެ. މިކަމުންވެސް ބަލި ލިބެންފެށީ އަހަންނަށެވެ. ކޮއްކޮ އަކީ ވާހަކަ ދެއްކޭ ކުއްޖެއްކަމުން ދެމީހުން މައްސަލައެއްޖެހުނަސް ކޮއްކޮ ގޮސް އަމިއްލަ ވާހަކަ ކިޔާދޭއިރު އަހަރެން ބުނަން ބޭނުންވާ ވާހަކަ އޮންނަނީ ވަޅުލެވިފައެވެ. ބައެއްފަހަރު މަންމަމެން އަހަރެންގެ ހާލަތު ވިސްނި އަހަންނާ އެއްކޮޅަސް ނިންމިޔަސް ގިނަ ފަހަރު ކަންވަނީ އެހެނެއް ނޫނެވެ. އެކަހަލަ ވަގުތުތަކުގައި ހާދަ ދެރަވެއެވެ. ކޮއްކޮހެން މަންމަ ކައިރީ ނިކަން ޝަކުވާ ކޮށްލާހިތްވެއެވެ.

ސުކޫލުގައި ވަކި ކުލާހެއްގައި އިންނަންޖެހޭތީ ފަހުންފަހުން އައިސް އަހަންނަށް ފޫހިކަން އިޙުސާސް ކުރެވެންފެށިއެވެ. މަންމަކައިރީ އެވާހަކަ ބުނުމުން ސުކޫލާއި ވާހަކަދައްކާ އަހަރެންގެ އުމުރާއި އެއްވަރުގެ ކުލާހަށް ވަކި ގަޑިއަކަށް ދެވޭގޮތް ހަމަޖައްސައިދިނެވެ. ނަމަވެސް އަހަންނަށް އެންމެ އެކަށޭނަ ތަނަކަށް އެތަން ނުވިއެވެ. އެކުދިން ކިޔާ ގޮތަށް ކިޔަން ނޭގުމާއި އެކުދިން އަތުގައި ހުންނަ ކަހަލަ ފޮތް ނެތުމާއި އެކިޔައިދޭ އެއްޗެއް ބޮލަށް ނުވަންނާތީ ފޫހިވާން ފެށިއެވެ. މިކަމުގައި އަހަރެންގެ ކުށެއް އެބައިން ހެއްްޔެވެ. ފޫހި ފިލުވަން އަހަރެން ބޭނުންވެއެވެ. މަޖާކޮށްލަން އަހަރެން ބޭނުންވެއެވެ.

ސުކޫލުގައި ބާއްވާ ގިނަ ޕޮރޮގުރާމް ތަކުގައި އަހަންނަށް ބައިވެރިއެއް ނުވެވެއެވެ. ނަމަވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސުކޫލުގައި ކޮންމެވެސް ދުވަހެއް ފާހަގަ ކުރި އިރު އައިޓަމެއް ހުށަހެޅުމުގެ ފުރުސަތު އަހަންނަށް ލިބުނެވެ. އެގޮތުން މަންމަ ވަރަށް މަސައްކަތުން ކުޑަ ވާހަކައެއް ހުށަހަޅައިދޭން ތައްޔާރު ކޮށްދިނެވެ. އެއީ އުފާވެރި ދުވަހެކެވެ. އަހަންނަށް އެނގޭވަރަށް ބަސްތައް ބޭނުންކޮށް އަހަރެން ހުށަހެޅީމެވެ. ނަމަވެސް އަހަރެންގެ ބަސްތައް ފަހުމުނުވާ މީހުން ތިބިކަމީ އަހަރެން އެކަމާ ދެރަވާ ކަމެކެވެ. އަހަރެން ހުށަހަޅައިދީ ނިންމުމުން އެންމެނަށް އެވާހަކަ މިސް އަލުން ކިޔައިދިނެވެ. އަހަންނަށްޓަކައި ތަރުހީބުގެ އަތްތިލަބަޑި ޖެހިގެން ދިޔަ ވަގުތަކީ ވަރަށް ފަޚުރުވެރިވި ވަގުތެކެވެ. އަހަންނަކީވެސް ކަންކަން ކުރެވޭނެ މީހެއްކަމުގައި ގަބޫލުކުރެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ކިޔެވުން މަތިން އަހަރެން ފޫހިވާން ފެށިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަށް އަހަރު ވަންދެން ހަމައެކަނި އެއް އަކުރު ތަކެއް ދަސްކުރަން ޖެހުމުން ފޫހިނުވާނީ ކާކު ހެއްޔެވެ. ސުކޫލު ތެރޭގައާއި ގެތެރޭގައި އެންމެފަހުން އަހަރެން ކުލޭއިންނާއި ފުޅިމަދުން އެއްޗެހި ހަދަން ފެށީމެވެ. ސަރ މެން ބުނާގޮތުގައި އަހަންނަށް ވަރަށް ރަނގަޅަށް އެކި ކަހަލަ އެއްޗެހި ހަދަން އެނގެއެވެ. އެކަމާ ވަރަށް އުފާ ކުރަމެވެ.

ގޭތެރޭގައި ކޮއްކޮގެ މޮޅުކަމާއި ސުކޫލުތެރެއިން ފެންނަ އެހެންކުދިންގެ ކުރިއެރުންތަކުން އެއީ އަހަންނަށް، އަހަންނަކީ ތަފާތު ދެރަ މީހެއްކަމުގެ އިހުސާސް ކުރުވަން ފެށި ކަމެކެވެ. އެކުދިން ގޮތަށް ހަލުއިކަމާއި އެކު އެއްޗެހި ކިޔާލަން ބޭނުންވެ އެތައް ފަހަރަކު މަސައްކަތް ކުރީމެވެ. ނަމަވެސް އަކުރުތައް ހަނދާން ނުހުންނަ މީހަކަށް ކިޔޭނީ ކޮން އެއްޗެއް ހެއްޔެެވެ. ކުދިންގެ މަލާމާތް އަހަންނަށް ކޮންމެ ދުވަހަކު ލިބެމުން ދިޔައިރު އެވާހަކަތައް އަހަންނަށް މީހެއް ކައިރީ ކިޔައިދޭކަށް ނޭނގެއެވެ. މަންމަ ސުވާލު ކުރުމުން ބުނެވޭހާވެސް އެއްޗަކީ ފޫހިވަނީއެވެ. ދެރަވަނީއެވެ. ބުނަން އެނގެނީ ވެސް އެހެންނެވެ. ހިތުގައި އޮންނަ އެއްޗެހި ކިޔައިދޭން އަހަރެން ހަދަންވީ ގޮތެއް ނޭނގި އެތައް އިރެއް ވަންދެން އަހަރެން ހުންނަމެވެ.

ފަހުން ފަހުން ޚުދު އަހަންނަށް ވެސް އަހަންނަކީ ނުކުޅެދޭ މީހެއްގޮތުގައި ޤަބޫލުކުރެވެން ފެށުނެވެ. އަހަރެން ކަހަލަ ކުދިންނަކީ މީހުންގެ ޝައުޤުވެރިކަން ނިކަން ބޭނުންވާ ބައެކެވެ. ކިޔެވުމުން ނުލިބުނު ޝައުޤުވެރިކަން، އަހަންނަށް ހަދަން އެނގޭ އެކި ފާޑުފާޑުގެ އެއްޗެހި ހަދައިގެން ހޯދަންފެށީމެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމުން އެހެންމީހުން ކުރިމަތީ އަހަރެން ވެސް ޚާއްސަވަމުން ދިޔައެވެ.

މިކަން މިހެން ދިޔަކަމުގައިވީ ނަމަވެސް ކޮންމެ ދުވަހަކުވެސް މަންމައާއި ހަމައަށް އަހަރެންގެ ޝަކުވާއެއް އަންނަމުން ދިޔައެވެ. ބޭރުތެރޭންނާއި އާއިލާ ފަރާތުންނެވެ. ބޮޑުވަމުން އައި ވަރަކަށް ބޭރަށް ނިކުމެލާ ހިތްވަނީއެވެ. ބައިސްކަލު ދުއްވާލަންވެސް ދާހިތްވަނީއެވެ. މަންމަ ހުއްދަވެސް ދެއެވެ. ނަމަވެސް އެތަން ފެނުމުން އެހެންމީހުން އައިސް މަންމަކައިރީ ބޭރުން އަހަރެން ފެނުނުވާހަކައާއި އެކަހަލަ ކުއްޖަކު އެހެން އެކަނި ދޫނުކުރަން މަންމައަށް އައިސް ނަސޭހަތްދެނީއެވެ. މިކަމާ މަންމަ ހިތްހަމަނުޖެހި އެކަމުގެ ރުޅި އަހަންނަށް ބާލާލާ ގަޑިއަކީ އަހަރެންގެ ހިތް ކުދިކުދި ވާގަޑިއެކެވެ.

މަންމަ ކައިރީ އަހަރެން ސުވާލު ކޮށްލަން ބޭނުމެވެ. އަހަރެން އުމުރުގެ އެހެންކުދިންހެން އަހަންނަށް ނިކުމެ ނޫޅެވެންވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް މަންމަ އިތުބާރު ނުކުރަނީ ހެއްޔެވެ؟ އަހަރެންވެސް ރަހުމަތްތެރިން ބޭނުމެވެ. އެކަމަކު ގިނަ ކުދިންނަށް އަހަރެން ދައްކާ ވާހަކަ ނޭނގޭތީ އަހަންނާ ރަހުމަތްތެރިކަން ބޭއްވޭކަށް ނޯވެއެވެ. އަހަންނާއި އެކު ކުޅެލާނެ ކުދިންކޮޅެއްވެސް އަހަރެން ބޭނުމެވެ. އަހަންނަށް އިތުބާރުކޮށް އެކަނި އަމިއްލަ ޒިންމާ ނަގަން ދޫކޮށްލަދޭށެވެ. އަބަދު މަންމަ އާއި ބައްޕަ ނޫނީ ކޮއްކޮގެ އެހީތެރިކަމުގެ ތެރޭ ހުންނަން ހިތްހަމައެއް ނުޖެހެއެވެ.

އަހަރެންގެ ހިތަށް އަރައެވެ. އަހަރެން ކަހަލަ ޚާއްސަކުދިން އުޅެންޖެހޭ ގޮތަކީ ހަމަ މިއީ ބާވައެވެ؟ މި މުޖުތަމަޢުގައި އަހަރުމެން ބަލައިނުގަންނަނީ ކީއްވެބާވައެވެ؟ އަހަރެން ކަހަލަ ކުދިން ޙާއްސަކުދިން ގޮތުގައި ދުނިޔެއަށް ފޮނުއްވެވީ ބަޔަކަށް އުނދަގުލެއް ކުރާކަށް ނޫނެވެ. އަހަރުމެން ބޭނުންވަނީ އެންމެންގެ ފަރާތުން ލޯތްބާއި އަޅައިލުމެވެ. ނިކަން އެންމެ ފަހަރަކުވެސް ތި ވިސްނާ މިޞްރާބު ބަދަލުކޮށް ހިތްހެޔޮކަމުގެ ނަޒަރަކުން އަހަރުމެންނާއި ދިމާއަށް ބަލާލަބަލާށެވެ. އޭރުން އަހަންނަކީވެސް މޮޅު، ބޭނުންތެރި ކުއްޖެއްގެ ގޮތުގައި ފެންނާނެކަން ޔަޤީނެވެ.

ކަންތައްތައް ކުރަމުން ތިދާ ގޮަތް ނިކަން ބަދަލުކޮށްލަ ބަލާށެވެ. ކުލާސްތެރޭގައާއި ބޭރުތެރޭގައި އަހަރުމެން ކަހަލަ ކުދިން ބޭކާރުކޮށް ބާކީ ކުރުން ހުއްޓާލަދީބަލާށެވެ. އެކި ގޭގެއަށް ކުދިން ގެންގޮސް އެކުދިން ބައިވެރިކޮށް އުޅޭގޮތަށް އަހަރެންވެސް ބައިވެރިކޮށްގެން ކުޅެބަލާށެވެ. ކޮންމެ ގެއަކަށް އަހަރެން ދާއިރަށް ތިޔަ ފައްސައިލަނީ އަހަންނަށް ވާހަކަ ނުދެއްކޭތީ ހެއްޔެވެ. ނޫނީ މަޑުމަޑުން ހުންނަން އުނދަގޫވާތީ ހެއްޔެވެ. އެކަމަކު ބުނަން ހެއްޔެވެ. އަހަރެން ކައިރީ އެކަމެއްގެ ވާހަކަ އަހަންނަށް އެނގޭ ގޮތަށް ބުނެދިނުމުން، އެކަމެއް އެގޮތަކަށް އަހަރެން ކުރާނަމެވެ. އެއްފަހަރުވެސް އަހަންނަށް އެފުރުސަތު ދީބަލާށެވެ.

ވިސްނާލަ ބަލާށެވެ. ސުކޫލުގައި އެކި ގުރޭޑުތަކަށް ޚާއްސަކޮށް ކިތައް ހަރަކާތް ރާވާ ހިންގާ ހެއްޔެވެ. އެކަމަކު އަހަންނަށް ބައިވެރި ނުވެވޭ އެ ޙަރަކާތްތައް ފެނުމުން އަހަރެންގެ ހިތަށް ކުރާނެ އަސަރު އިހުސާސް ކޮށްލަބަލާށެވެ. ހާދަ ދެރަވެއެވެ. އަހަރުމެންގެ ދުވަހޭ ކިޔާ ފާހަގަ ކުރާ ދުވަހު އެތަަނަށް އަހަރެން ގެންގޮސް ގޮޑިއެއްގައި ބައިންދާ ތިދައްކާ ވާހަކަތައް އަހަރެންގެ ބޮލަކަށް ނުވަދެއެވެ. އަހަންނަށް ހެނދުނު ހޭލަން މިހާ އުނދަގޫ އިރު އެތަނަށް ގެންގޮސް ތި ފަހުމުނުވާ ވާހަކަތަކެއް ދައްކައިގެން ތިޔަ ކުރަނީ އަހަންނަށް އަނިޔާއެއް ނޫން ހެއްޔެވެ؟

އާނއެކެވެ. އަހަންނަށް މީހުން ދައްކާ ވާހަކަ ފަހުމެއް ނުވެއެވެ. ގިނަ ފަހަރު ބުނާ އެއްޗެއް ހަނދާނެއްވެސް ނުހުރެއެވެ. ފިލާވަޅު ދަސްކޮށް ލިޔެ ހަދާކަށް ނޭގެއެވެ. އެއްތާ މަޑުން އިނުމަކީ އުނދަގޫ ކަމެކެވެ. ދުވެލާ ފުންމާލާ އުސްތަންތަނަށް އެރުމަކީ އަހަންނަށް ނުކޮށް ނުހުރެވޭ ކަންކަމެވެ. އެހެނަސް ބުނަން ހެއްޔެވެ. އެހެން އެކަންކަން އެވަނީ އަހަރެންމީ ނުކުޅެދޭ މީހަކަށްވާތީއެއް ނޫނެވެ. އަހަރެން ޚާއްސަވީތީއެވެ. އަހަރެންގެ މި ޚާއްސަކަން އެހެންމީހުން ބަލައި ގަންނަންވީ ވަގުތު ނުޖެހޭ ހެއްޔެވެ؟

އަހަރެންގެ މިޚާއްސަކަން އަހަރެންގެ ފިޔަވަޅުމަތީ ހުރެ ބަލާލަބަލާށެވެ. އަހަރެން އެދޭ އެދުން އޭރުން ވިސްނިދާނެ ކަންނޭގެއެވެ. ތިޔަ ކިޔާ އެއްޗެހި އަހަންނަށް އަޑު އިވެއެވެ. ތިޔަ ހަދާ ގޮތް އަހަންނަށް ފެނެއެވެ. ތިޔަ ކަންކުރާ ގޮތުގެ ސަބަބުން މިހިތުގައި ހާދަ ރިހެއެވެ. އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ގޮތުގައި އަހަރެން ބަލައިގަނެބަލާށެވެ. މި މުޖުތަމައު އަށް ބޭނުންތެރި މީހަކަށް އަހަންނަށްވެސް ވެވިދާނެއެވެ. އަހަންނާ އަހަރެންގެ މައިންބަފައިންގެ ހިތުގައި މިއަޅާ ވޭނަށް އެންމެނަށްވެސް އެހީވެވިދާނެއެވެ. ކުޑަކުޑަ މިންވަރަކުންވެސް ބޮޑު ތަފާތެއްވެސް ދައްކައިދެވިދާނެއެވެ. ބޭނުމީ ވިސްނުން ތެރިކަމާއެކު އެހީ ވެދޭނެ އަތެކެވެ. ބޭނުމީ އެހީތެރިވުމުގެ ގޮތުން ބުނެލާ ކުޑަކުޑަ ބަހެކެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް