މަޝްހޫރު މިއުޒީޝަން އަދި ލަވަަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ‘ޓޮނިކް ލައިވް ސްޓޫޑިއޯ’އިން މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މަދަހަ އަލްބަމެއް ނެރެފިއެވެ. ލަވަފޮށި އެޕްލިކޭޝަނަށް މިރޭ 08:00ގައި ރިލީޒްކޮށްފައިވާ “މަށިކޮޅު” މަދަހަ އަލްބަމާ މެދު ކުޑަ އިއްބެ ބުނީ “މަށިކޮޅު ރީތިވާނެ” ކަމަށެވެ.

“މިފަހަރުވެސް މި އިންޓްރޮޑިއުސް ކޮށްލަނީ މި ދާއިރާއަށް މުޅިން އާ ފަންނާނެއް، އެކަމަކު އޭނައަކީ ކުރިން ރާގުތަކާ އެއްޗެހިވެސް ހަދާފަ ހުރި ފަރާތެއް. އެއީ ޢަބްދުﷲ ރަޝީދު.” މަދަހަ އަލްބަމްގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ކުޑަ އިއްބެ ބުންޏެވެ.

ކުޑަ އިއްބެ ބުނީ މިއީ މިގޮތަށް ޕްރޮޑަކްޝަން އެއް ގޮތަށް ޢަބްދުﷲ ރަޝީދުގެ މަދަހަ އަލްބަމެއް ހެދި ފުރަތަމަ ފަހަރު ކަމަށާ، ހުރިހާ ރާގުތަކެއް ހަދާ މަަދަހަތައް ކިޔާފައިވަނީ ވެސް ޢަބްދުﷲ ރަޝީދު ކަމަށެވެ.

“ހުރިހާ ރާގުތަކެއް ހައްދަވާފަވަނީ ޢަބްދުﷲ ރަޝީދު، ހުރިހާ ޅެންް ތަކެއް ހެއްދެވީ އާދަމް ނަޞީރު އިބްރާހީމް.” ކުޑަ އިއްބެ ބުންޏެވެ.

“މަށިކޮޅު” ރީތިވާނެ ކަމަށް ކުޑަ އިއްބެ ބުނެފައިވާއިރު، މި އަލްބަމްގެ ހުނަރުވެރި އާޓިސްޓު ޢަބްދުﷲ ރަޝީދާ ވެސް މުނިއަވަސް އިން ވާހަކަދައްކައިލީމެވެ.

“މިއީ ވަރަށް ރީތިވާނެ އަލްބަމެއް އިނގޭތޯ، ވަރަށް ރީތި ރާގުތަކަކަށް، ވަރަށް ރީތި ޅެންތަކަކަށް ހެދިފަ އޮތް އަލްބަމެއް މީ. ދެންް މިއީ އަޅުގަނޑު ވަރަށް އުއްމީދުކުރި އަލްބަމެއް މި އަލްބަމަކީ. ވަރަށް ގިނަ މަސައްކަތް ކޮށްގެން މި އަލްބަމް ވުޖޫދަށް މި އައީ. މި އަލްބަމް ކޮލިޓީ އަލްބަމަކަށް ހެދުމަށް އިއްބެ ވަރަށް ގިނަ މަސައްކަތްތައް ކޮށްދެއްވާފަ އެބަހުރި.” އިއްބެގެ މަސައްކަތްތަކާ މެދު ނުހަނު ހިތްހަމަޖެހިފައި ހުރި ޢަބްދުﷲ ރަޝީދު ހާމަކުރިއެވެ.

“ދެން މިފަދަ އަލްބަމް ތަކަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އެއީ އެމީހާގެ ޚާލިޤް ނުވަތަ ﷲއާ މެދުގަ އޭނާގެ ގުޅުން ރަނގަޅުކުރުމަށްޓަކާ، ގުޅުން އިތުރަށް ތާޒާކުރުމަށްޓަކާ މިކަހަލަ އަލްބަމްތައް ނެރުމަކީ ބޭނުންތެރިކަމެއްކަމަށް އަޅުގަނޑަށް ފެންނާތީ އަޅުގަނޑު މި މަސައްކަތް މި ކުރީ.” މިފަދަ މަދަހަ އަލްބަމްތައް ނެރުމުގެ ބޭނުންތެރިކަން ފާހަގަކުރަމުން ޢަބްދުﷲ ރަޝީދު ބުންޏެވެ.

އަމިއްލަ ރާގުތަކެއް ހިމެނޭ މި އަލްބަމުގެ ރާގުތައް ހެދުމުގައި ޢަބްދުﷲ ވިސްނާފައިވަނީ ޅެމުގައި ދެކެވޭ ވާހަކައިގެ އިހްސާސްތަކާ ގުޅޭގޮތުން ވިސްނާފާ ކަމަށާ ޅެމުގައި ބުނާ ވާހަކައިގެ އަސަރު އެ ރާގުން ކުރާ ގޮތަށް ވިސްނުން ބެހެއްޓިކަމަށެވެ.

“މަށިކޮޅު”ގެ ޓްރެއިލާ އިންވެސް މި އަލްބަމްގެ މަދަހަތައް ރީތިކަން މާ ރަނގަޅަށްވެސް އެނގެއެވެ. ޢަބްދުﷲ ރަޝީދު ފާހަކުރިހެން މި ރަމަޟާން މަހު، ކޮންމެެވެސް ވަގުތެއް ހޯދައިގެން އިންސާނާ އުފައްދާވާފައިވާ “މަށިކޮޅު”ގެ ނަމުން ނަންދީފައިވާ މި އަލްބަމް، ލަވަަފޮށިން އަޑުއަހައިލަން ވާނެދޯ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.