އަތުގައި އޮތް އިންޖެކްޝަން އަށް ބަލަން ޒާޔާ އެތައް އިރެއް ވަންދެން އެނދުމަތީގައި އިނދެވުނެވެ. އިރުއިރުކޮޅާއި ބަނޑުގައި ފިރުމާލައެވެ. ޝާރިފްގެ އެލޯބި ޒާޔާގެ ދެއަތުން ހަމަ ނައްތާލަންވީ ހެއްޔެވެ؟ ޒާޔާގެ ހިތުން ޝާރިފްދެކެ ވީ ލޯބީގެ ބަދަލު ލިބެން ޖެހެނީ  މިގޮތަށް ހެއްޔެވެ؟ އެދަރިފުޅު ޝާރިފަަށް މުހިއްމު ނުވާންވީ ކީއްވެ ހެއްޔެވެ؟ މީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟ ލޯބީގެ ބަގީޗާއަށް މަލެއް ފަރިވެ ފޮޅުމަކީ ލޯބިވެރިންގެ އެންމެ ބޮޑު އުފަލެވެ. ހިތްހަމަޖެހުމެވެ. ވީ އިރު ޝާރިފް އުފާ ނުވާންވީ ކީއްވެ ހެއްޔެވެ؟ ސިކުނޑި އަށް ވެރިވަމުން ދިޔަ ނުތަނަވަސް ޚިޔާލުތަކުން ޒާޔާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައި އޮތް އަތް ދަބަސް ޒާޔާގެ ލޮލުގައި އަޅައިގަތެވެ. އޭގެ ތެރޭގައި ޒާޔާގެ ވަގުތީ ހިތްހަމަ ޖެހުމުގެ އަސްލު އޮތްކަން ހަނދާންވީ ދެނެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާޔާގެ ހުރިހާ ފިކުރުތަކާއި ޚިޔާލުތަކުން ދުރުވެލެވުނެވެ. ނަމަވެސް ލޯމަތިން ހަމައެކަނި ސިފަވަނީ ޝާރިފްގެ ހިތްގައިމު ހިނިތުންވުމެވެ. އެންމެ ފަހުން ޝާރިފްއާއި އޭނާގެ ފަރާތުން ލިބުނު ހަދިޔާގައިވެސް ޒާޔާ ނިމުމުގެ ސިއްކަ ޖަހައިފިއެވެ. ދެލޮލުން ކަރުނަ އޮހެމުން ދިޔަ ނަމަވެސް ޒާޔާގެ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ އެއްވެސް އިޙްސާސެއްވެސް ޒާޔާއަށް ނުކުރެވޭ ކަހަލައެވެ. މަސްތުކަމުން ހަށިގަނޑު ފޯކޮށްލައިގެން ޒާޔާ އެނދުމަތީގައި ހަށިގަނޑު ދަމާލަމުން ދެލޯ މަރާލިއެވެ. އެވަގުތުވެސް ލޯމަތީގައި ސިފަވަމުން ދިޔައީ ޝާރިފް އެވެ. ކަންފަތުގައި ހަރުލާފައިވަނީ  ޝާރިފްގެ ދުލުން ބޭރުކޮށްފައިވާ ލޯބިވެތި ލަފްޒުތަކެވެ.

ޒިޔަލް ރޯއަޑު މުޅި ގޭތެރޭގައި ގުގުމަމުން ދިޔައިރު ނައީމާ ހުއްޓާނުލާ ދިޔައީ ޒާޔާގެ ކޮޓަރީގެ ދޮރުގައި ޖަހަމުންނެވެ. އެތައް ގަޑި އިރެއް ވީއިރުވެސް ޒާޔާއަށް ރޭކާވެސް ނުލައެވެ. ލެއިން ތަތް ތެޅިފައި އޮތް ހަށިގަނޑުގައި ވޭން އަޅަމުންދާކަން އިޙްސާސް ނުވާއިރު ދޮރު ފަތް ވެއްޓޭ ވަރަށް ޖެހި ކަމުގައިވިޔަސް ޒާޔާއަށް ނޭނގޭނެ ނޫން ހެއްޔެވެ.

އެންމެ ފަހުން ރާއިދުގެ ބައްޕަ އަޙްމަދު ތަޅު ހަލާކުކޮށްލައިގެން އެތެރެއަށްވަނީއެވެ.

“ނައީމާ. އެސޮރު ނަގާބަލަ އަވަހަށް. ކޮން ވަހެއްތަ މިތަނުން މިދުވަނީ.” ތަރުތީބު ގެއްލިފައިވާ އެކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން އަޙްމަދަށް ނޭފަތުގައި ހިފަހައްޓާލެވުނެވެ.

“ޒާޔާއަށް ކިހިނެއްވެފަތަ އެއޮތީ؟” ނައީމާ ޒިޔަލް އުރާލައިގެން ހުރެ ޒާޔާގެ ފައިގައި ހިފައި ތަޅުވައިގަތެވެ.

އެވަގުތަކީ މަޑުމަޑުން ޒާޔާ ދެލޯ ހުޅުވާލި ވަގުތެވެ. ބޮލަށް ބަރުވެފައި ވުމާއެކު ޒާޔާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެނައުން ޒާޔާއަށް ވީ އުނދަގޫކަމަކަށެވެ.

“ޔާރައްބީ. މީ ކޮންހާ ލެއެއް؟” ނައީމާ އަށް އަނގަމަތީގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ.

ޒާޔާގެ ޖަވާބެއް ނުލިބުނަސް އެއީ ކޯޗެއްކަން ނައީމާއަކަށް އޮޅިފައެއް ނެތެވެ.

“އަޙްމަދު ގުޅާބަލަ އެމްބިޔުލެންސަށް. މަ މިގުޅަނީ ރާއިދުއަށް. މި ވަރު ވާއިރުވެސް އަހަރެމެންނަށް އަޅެ އެނގެން ނުޖެހެނީތަ؟” ނައީމާ ހިތްހަމަ ނުޖެހުނު ވަރުން ހަޅޭލަވައިގަތެވެ.

ދެން ވާނީ ކިހިނެއްބާ އޭ ހިތަށް އަރާފައި ޒާޔާގެ ހިތް ތެޅެންފެށިއެވެ. ރާއިދުއަށް ވުރެ ބޮޑަށް އޭނާ ވިސްނަމުން ދިޔައީ ޑޮކްޓަރަށް ގެންދިޔައީމާ ވާނީ ކިހިނެއްބާއޭ ހިތަށް އަރާފަ އެވެ. މަސްތުގެ ހާލަތުގައި ހުރިކަން އެއްވެސް މީހަކަށް އެނގޭކަށް ޒާޔާ ބޭނުމެއްވެސް ނޫނެވެ.

“މަ އޯކޭ އޭ. މަންމަ މެން ނިކުމެބަލަ. އަހަރެން އެއްޗެހި ބަދަލުކޮށްލާނަން. އެމްބިޔުލެންސަށް ގުޅާހާ އަހަރެން ބައްޔެއް ނޫނޭ.” ނައީމާ ރުޅި އަޔަސް ހެޔޮ ކަމަށް ޒާޔާ ގޮތެއް ދުލެއް ނުކުރިއެވެ. މި ހުރިހާ ވެސް ކަމަކީ ޝާރިފްގެ ކަންތަކެވެ. ޝާރިފްގެ އަޅާލުން އެންމެ ބޭނުންވި ދުވަހު ހުރިހާ ކަމަކާއި ކުރިމަތިލާން މި ޖެހެނީ ޒާޔާ އެކަންޏެވެ. ހިތާ ހިތުން ޝާރިފްއަށް ކުދި ކިޔަމުން ޒާޔާ އެނދުމަތީގައި ހަޑިވެފައި އޮތް ބެޑްޝީޓް ނެގިއެވެ. ބަނޑުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވެއެވެ. ނަމަވެސް ކެތް ކުރުން ނޫންގޮތެއް މިއަދު ޒާޔާއަކަށް ނެތެވެ. ފާހާނާއަށް ވަދެ ފެންވަރާލުމަށްފަހު ޒާޔާ ކޮޓަރިތެރެ ރީތިކޮށްލިއެވެ. ހަޑިވެފައި ހުރި އެއްޗެހި ދޮންނަން އަޅާލުމަށްފަހު ސަމާ އަށް ގުޅާލިއެވެ.

“ދަރިފުޅާ ޒާޔާ. ނުވާނެ ޑޮކްޓަރަށް ނުދައްކާ ހުންނާކަށް. ކިތަށް މަސް ތަ ބަނޑަށް؟” ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ނައީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

“ކޮބާ ޒިޔަލް؟” ނައީމާ ދެއްކި ވާހަކައާމެދު ޒާޔާގެ ފަރުވާލެއްނެތެވެ.

“ވެއްޖެ ކާފަ ކައިރީގައި. ހިނގާ ހޮސްޕިޓަލަށް ދާން މަންމައާއެކު؟” ނައީމާ ޒާޔާގެ ބޮލުގައި ފިރުމާލިއެވެ. ވިސްނައިދެވޭތޯ އެވެ.

“ސަމާ އެބައާދޭ. މަންމަ ޒިޔަލްއަށް ބަލައްޗޭ.” ކޮނޑުގައި ދަބަސް އަޅުވައިގެން ހިނގައިގަތް ނަމަވެސް ޒާޔާ އަށް ރަނގަޅަށް ހިނގައި ނުގަނެވެއެވެ. ނައީމާ ދެފަރާތަކަށް ބޯހޫރާލިއެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް ނައީމާ އެއްޗެއް ނުބުނެ ހުރީ ރާއިދު އަށްޓަކައެވެ. ރާއިދު ޒާޔާދެކެ ވާ ލޯބި އިނގޭތީ މަސްލަހަތަށްޓަކައެވެ.

“ބަސްޓްވީ ތަ؟” ޒާޔާ ފެނުމާއެކު ފުރަތަމަވެސް ސަމާއަށް އަހާލެވުނެވެ.

“މަ މަރުވަނީ ކަންނޭނގެ. ހިނގާބަލަ އަވަހަށް ދާން.” ބަނޑުގައި އަތް އަޅައިގެން ހުރެ ޒާޔާއަށް ވާހަކަ ދެއްކުނީ ގަދަކަމުން ކަހަލަ ގޮތަށެވެ.

ސަމާ އަވަސް އަވަހަށް ކާރެއް ހުއްޓުވުމަށްފަހު ޒާޔާ ގޮވައިގެން ކާރަށް އެރިއެވެ.

“ޝާރިފް ގުޅިތަ؟” ކާރު ދުއްވަމުން އޭޑީކޭ އާއި ދިމާއަށް ދިޔައިރު ޒާޔާ އޮތީ ދެލޯ މަރާލައިގެންނެވެ. ދެލޯ ހުޅުވާލީ ޝާރިފްގެ ނަން ކަންފަތުގައި ޖެހުމާއެކުއެވެ.

“މިއަދު އެފިރިހެނާގެ ސަބަބުން ތިހުރީ ޒާޔާ އުޅޭ ހާލު. ލޯބިވާނަމަ ހާލު ބަލާނެ. ޒާޔާ ނިކަން ވިސްނާލަބަލަ.” ސަމާ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރުވެސް ޒާޔާ އޮތީއެވެ. ސަމާ އެބުނީ ތެދެއްކަން ޒާޔާއަށް އެނގެއެވެ. ޝާރިފް އަކަށް ޒާޔާ މުހިއްމެއް ނޫނެވެ. އަންހެނަކު ފިރިހެނަކަށްޓަކާ ވާނެ އެންމެ ބޮޑު އެއް ޤުރުބާނީ މިއަދު ޒާޔާ އެދަނީ ޝާރިފް އަށްޓަކާ ވަމުންނެވެ. ނަމަވެސް ޝާރިފް އެއް އެކަމެއް ނުދަންނާނެއެވެ.

ޒާޔާއަކީ ހަމައެކަނި ޝާރިފްގެ ތަންމަތި ފަޅުފިލުވާލަ ދިނުމަށް ޝާރިފް ބޭނުންކުރި ހަތިޔާރެކެވެ. އެދެމެދުގައި ލޯތްބެއް ނެތެވެ. އެ ގުޅުމަށް ދޭނެ ނަމެއްވެސް ނެތެވެ.

“އޮޕަރޭޝަން ކުރަން ޖެހޭނީ. ބައެއް ގަނޑު ލޭކޮޅުތައް އެތެރޭގައި އަދިވެސް އެބަހުރި. ސައުވީސް ގަޑިއިރުތެރޭގައި ގެޔަށް ދެވޭނެ. ކޮބާ ސްކޭން ރިޕޯޓް ކުރީގެ؟” ސްކޭން ރޫމްގައި ޒާޔާ އޮތީ ދެލޯ މަރާލައިގެންނެވެ.

“ނޭނގެ ޕްރެގް ކަމެއް ޑޮކްޓަރ.” ޒާޔާއަށް ދޮގު ހަދަން މަޖުބޫރެވެ.

“އޯކޭ. ކޮބާ ހަޒްބެންޑް.” ޑޮކްޓަރ ވާހަކަ ދެއްކީ ހިތްހެޔޮ ކަމާއެކުގައެވެ.

“ރާއްޖެތެރޭގަވީ. މިއަދު އަންނާނެ އެކަމް.” ޑޮކްޓަަރަށް ޖަވާބު ދިނީ ސަމާއެވެ.

އޮޕަރޭޝަންގެ ތައްޔާރީތައް ވަމުންދިޔައިރު އެންމެ ފަހަރަކުވެސް ޒާޔާގެ ލޮލަކުން ކަރުނަ ނުހިކެއެވެ. އެކަމަކުވެސް ޒާޔާ ޝާރިފްއަކަށް ނަފްރަތެއް ނުކުރެއެވެ. ނަފްރަތު ކުރަންވީ ސަބަބެއްވެސް ނެތެވެ. ލޯތްބާއި އަޅާލުން އެއީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ޒާޔާ ވީ ލޯތްބެވެ. ދިނީވެސް ލޯތްބެވެ. ނަމަވެސް ބަދަލުގައި ޝާރިފް ލޯބިދިނުން މަޖުބޫރެއް ނޫނެވެ.

މަންމަ ކީއްކުރަންތަ އޭނަ އެކަނި. ތި ފޮނުވީ؟” އިރުއޮއްސުނު އިރުވެސް ޒާޔާގެ ޚަބަރެއް ނުވެގެން ހާސްވެފައި ތިއްބާ ފެނުނީ ކުއްލިއަކަށް ރާއިދު އައިސް ވަން ތަނެވެ.

“ޒާޔާ އޭ ބުނީ މަންމަ މަޑުކުރާށޭ ޒިޔަލް ކައިރީގައި. ކިޔާ ކިޔާ ގޮތެއް ދުލެއް ނުކުރިއޭ.” ނައީމާގެ އުނގުގައި އިން ޒިޔަލް ރާއިދު ފެނުމާއެކު ދުވެފައި ގޮސް ރާއިދުގެ ދެފައިގައި އޮޅުލައިގަތެވެ.

“ދަރިފުޅަކަށް ނޭނގޭތަ ޒާޔާ ބަނޑު ބޮޑުކަމެއް؟ މަންމަމެންނަށް އަންގާލިނަމަ މިހެން ނުވީސް ދޯ.” ނައީމާގެ ވާހަކައިން ރާއިދުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޚުދު ރާއިދުއަށްވެސް ލިބުނީ ޝޮކެކެވެ.

“ކޮން ހޮސްޕިޓަލަކަށް ދިޔައީ؟” ރާއިދުގެ ނިއްކުރިމަތީގައި އަތް ހާކާލީ މީހާ ހާސްވި ވަރުންނެވެ. އެހާ ބޮޑު ކަމެއް ޒާޔާ ސިއްރު ކުރާނޭ ރާއިދުގެ ހިތެއް ނުބުނެއެވެ.

“ތިއެއްވެސް ނޭނގެ. ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ.” ނައީމާ އޮޅުންފިލުވައިދިނެވެ.

ރާއިދު އަވަސް އަވަހަށް ފޯނު ނަގާ ޒާޔާގެ ނަމްބަރަށް ގުޅާލަމުން ބޭރަށް ނިކުތެވެ.

ނިދިފައި އޮތް ޒާޔާގެ ކައިރީގައި އިން ސަމާ ފޯނަށް ޖަވާބު ދިނީ  ރާއިދު އެތައް އިރަކު ގުޅިފަހުންނެވެ.

އިރުކޮޅެއްވެސް ނުވެއެވެ. ދެން ފެނުނީ ރާއިދު ދުވެފައި އައިސް ޒާޔާ އޮތް އެނދު ކައިރީގައި ހުއްޓުނުތަނެވެ.

ޒާޔާގެ ވަރުދެރަވެފައިވާ މޫނު ފެނިފައި ރާއިދު މޮޔަނުވީ ކިރިޔާއެވެ.

“އިރުކޮޅަކުން ގެޔަށް ދެވޭނެ. އޮޕަރޭޝަން ކުރީ ބޭބީ ބައިގެން ދިޔައީމަ.” ސަމާ ދައްކަމުންދިޔައީ ރާއިދުއަށް އަޑުއަހަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

“ޒާޔާއަށް ބަލައްޗޭ. އެބައަންނަން.” ޒާޔާގެ މޫނުގައި ފިރުމާލަމުން ރާއިދު ހިނގައިގަތެވެ.

“ވަދޭ.” ޑޮކްޓަރު ކޮޓަރީން ޖަވާބެއް އައީ ރާއިދު ދެތިން ފަހަރަކު ދޮރުގައި ޖަހާލުމުންނެވެ.

“ޒާޔާ އަށް ކިހިނެއްވީތަ؟” ޑޮކްޓަރ ގެ އިޝާރާތަށް ރާއިދު ގޮޑީގައި އިށީނދެލިއެވެ.

“ޒާޔާ ބަނޑު ބޮޑުވެފަ ބައިގެން ދިޔައީ. ހީވަނީ މަހެއް ހެން ވާނީ އަދި. އެހެންވެ ކަންނޭނގެ ޒާޔާއަށްވެސް ނޭނގުނީ. މާ ބުރަކޮށް އުޅުނީމަ މިގޮތަށް ދިމާވީމި.” ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔައިރު ރާއިދުއަށް އިނދެވުނީ އިސްޖަހާލައިގެންނެވެ.

“ހާސްވާ ވަރުގެ ކަމެއް ނެތް. ގެޔަށް ގެންދަންވީ ހަމަ. މި ފޯމްގަ ސޮއެ ކޮށްލާފަ.” ޑޮކްޓަރ ހިނިތުންވެލުމާއެކު ރާއިދުވެސް ހިނިތުންވެލިއެވެ.

ނިދާ ބޮކީގެ ފަނޑު އަލީގައި ޒާޔާ އޮތީ ރާއިދުގެ އަތް މަތީގައި ބޯއަޅާލައިގެންނެވެ. ހުއްޓުމެއްނެތި ރާއިދު ދިޔައީ ޒާޔާގެ ބަނޑުގައި ފިރުމަމުންނެވެ.

“ސޮރީ. މަށަށް ޒާޔާއަށް ވަރަށް އަޅާނުލެވޭ ދޯ؟”ރާއިދު ޒާޔާގެ ދަތް ދޮޅީގައި ހިފާ އުފުލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ޒާޔާ އަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ. އާއެކެވެ. ޒާޔާ އަކީ މިއަދު ކުށްވެރިއެކެވެ.

“ނޫން. ރާއިދު ވަރަށް ރަނގަޅު.” ދެލޯ ކަރުނައިން ބަރުވުމާއެކު ޒާޔާ ދެލޯ މަރާލިއެވެ. އެވަގުތު އެއްވެސް އިހްތިޔާރަކާނުލާ ޒާޔާގެ ކޯތާފަތް ކަރުނަ ތިކި ތަކުން ތެތްމާލިއެވެ.

“މާދަން ހިނގާ ރަށަށް ދާން. މިތާގައި ސިޑިން އަރާ ފައިބައި ހެދުން ޒާޔާއަށް ރަނގަޅެއް ނުވާނެ. އެކޮޅުގައި ޒާޔާގެ މަންމަ މެންވެސް ތިބޭނެއެއްނު.” ރާއިދު ޒާޔާގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ޒާޔާގެ ދެލޯ ފޮހެލަދިނެވެ.

ޒާޔާ އެތަނަކަށް އަލުން ދާކަށް ބޭނުމެއްނޫނެވެ. ޝާރިފްގެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. ޝާރިފްގެ ކެހިވެރި މަޅީގައި ދެވަނަ ފަހަރަކަށް ޖެހޭކަށްވެސް ބޭނުމެއް ނޫނެވެ.

“ރާއިދު. މިތާގަ ޒާޔާ ބަހައްޓާ. ޕްލީސް. ގެއިން ނުނިކުންނާނަމޭ.” ޒާޔާގެ ރާގުގައި ވަނީ އާދޭހެވެ.

“އެންމެ ފަހަރަކުވެސް އެއްވެސް ޝަކުވާއެއްނެތި އަހަރެން ބުނާ ބަސް ޤަބޫލުކޮށްފާނަންތަ؟” ރާއިދު ޒާޔާ މެޔާލާ ބޮޑިކޮށްލީ ވަރަށް ލޯބިންނެވެ. ރާއިދުގެ އޯގާތެރިކަމުން އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ޒާޔާއަކަށް ނުކެރުނެވެ.

“އެހެން ވީއިރު އާ ނަމްބަރެއް ނަގައިދީފާނަންތަ؟” ޝާރިފް އާއި ދުރުގައި ހުންނަން ޒާޔާ ބޭނުމެވެ. ނަމްބަރު ބަދަލު ކުރުން އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޒާޔާ ނިންމިއެވެ. އެއްވެސް ސުވާލެއްނެތި ރާއިދު ބޯޖަހާލީ ޒާޔާ ހިތްހަމަ ޖައްސާލަ ދިނުމަށެވެ.

ރޭގަނޑު ފުރަން ޖެހޭތީ ދުވާލު އެއްކޮށްހެން ޒާޔާ އާއި ރާއިދު އުޅުނީ ޝޮޕިންގައެވެ.

ކުއްލިއަކަށް ޒާޔާގެ ލޮލުގައި އަޅައިގަތީ ކަޅު ކުލައިގެ އަތުގައި އަޅާ ޕެކިނެއް ކަހަލަ އެއްޗެކެވެ.

“އަޅޭ. ލޯބި. ޝާރިފްއާއި ވަރަށް ގުޅޭނެ.” ހިތަށް އެރި ލަފްޒުތައް ދުލާއި ހަމައަށް އައި އިރުވެސް ޒާޔާއަށް ނޭނގެއެވެ.

ރާއިދުއަށް ނުފެންނާނެހެން ޒާޔާ ކައުންޓަރަށް ގޮސް ލާރި ދައްކާލުމަށްފަހު ދަބަހަށް ލާ ފޮރުވިއެވެ.

“މެޑަމް. މިއޮތީ ސިމް. ޗެކް… ރީތި ތޯ ނަމްބަރ.” ފަހަތުން ރާއިދުގެ އަޑު އިވުމާއެކު ޒާޔާ ސިހުނެވެ. ނަމަވެސް އަވަަސް އަވަހަށް ރާއިދު އަތުން ސިމްކާޑް އަތުލަމުން ޒާޔާ ހިނިތުންވެލީ ލިބުނު ހާސްކަން ފޮރުވުމަށްޓަކައެވެ.

“ރީތި.” ޒާޔާ ދަބަހުގެ ޒިބު ކަހާލަމުން ސިމްކާޑް ދަބަސް ތެރެއަށް ވައްޓާލިއެވެ.

ރަށަށް ދެވުނީ ރޭގަނޑުގެ ނުވައެއް ޖެހިތަނާއެވެ. ޖެޓީ މަތީގައި އެޅި ފުރަތަމަ ފިޔަވަޅާއެކު ޒާޔާގެ ނިއުޅުވާލެވިފައިވާ އިސްތަށިގަނޑާއި ސަމާސާ ކޮށްލި ވައިރޯޅިން ޒާޔާ އަށް ފަހަތަށް ޖެހެވުނެވެ.

ޒާޔާގެ ހިތްބުނެއެވެ. ޝާރިފް ވަރަށް ގާތުގައި އެބަހުއްޓެވެ. ބަލަހައްޓައިގެންނެވެ. އެ ޖެހިލި ފިނިފިނި ވައިރޯޅިވެސް އެކަމަށް ހެކިދޭ ކަހަލައެވެ.

“ނުފައިބަންތަ ތި ހުންނަނީ.” ރާއިދު ޒާޔާގެ އަތުގައި ހިފުމާއެކު ޒާޔާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރިއާދެވުނެވެ.

ގެޔަށް ދިޔަ މަގުމަތީގައިވެސް ޒާޔާއަށް ވަށައިގެން ހޯދެއެވެ. ކީއްވެ ހެއްޔެވެ؟ ޝާރިފް ހުއްޓަސް ނެތަސް ޒާޔާއަށް ކީއް ހެއްޔެވެ؟

އަމިއްލަ ސިކުނޑިއަަށް ވިސްނައިދެމުން ޒާޔާ ގޭތެރެއަށް ވަނެވެ. ދަތުރު ވަރުބަލިކަމާއެކު ޒާޔާ އަށް އޮށޯވެލުމާއެކުހެން ނިދިއްޖެއެވެ.

ދުވަސްތައް މާޒީގެ ސޮފްޙާތަކަށް ގެއްލެމުންދެއެވެ. ޒާޔާ ގެޔަކުންވެސް ނުނިކުމެއެވެ. އެއްޗެއް ގަންނަން ޖެހުނަސް ފޮނުވަނީ މަންމައެވެ. ފޭސްބްކް ވައިބަރ ވެސް ޑީއެކްޓިވޭޓް ކޮށްލީއެވެ. ޝާރިފް އަށް ޒާޔާ އާއި ވާހަކަ ދެއްކޭނެ ހުރިހާ މަގެއްވެސް ޒާޔާ ބަންދުކުރީ ޝާރިފް ޒާޔާ ދެކެ ލޯބި ނުވާކަން އެނގޭތީއެވެ.

ފިނި ފިނި ރެއެކެވެ. ޒިޔަލް ނިންދެމަށްފަހު ޒާޔާ އިނީ ގޯތި ތެރޭގައި ހުރި އުނދޯލީގައެވެ.

“ރަށަށް އައިއްސަ ޚަބަރެއްވެސް ނުވޭ.” ހައުލާގެ އަޑަށް ޒާޔާ ބަލާލިއެވެ.

“ބަލިވެ އޭ މި އުޅެނީ.” ޒާޔާ ހިނިތުންވެލިއެވެ.

“އަޅެ. ހިނގާބަލަ މަށާއެކު ފިހާރައަކަށް.” ހައުލާ ޒާާޔާ އާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.

“މިހާރުތަ؟ ނުހިނގޭނެ މަށަކަށް.” ޒާޔާ ބޭރަށް ދާކަށް ބޭނުމެއް ނޫނެވެ. ފަހަރެއްގައިވެސް ޝާރިފްގެ ކުރިމައްޗަށް އަރާކަށް ބޭނުމެއްނޫނެވެ.

“ހިނގާފައެއް ނޫނޭ. ސައިކަލްގަ. އަޅެ ޕްލީސް ހިނގާބަލަ.” ހައުލާ އާދޭސް ކުރަން ފެށުމުން ޒާޔާ އެންމެ ފަހުން އެއްބަސްވިއެވެ.

ސައިކަލަށް އަރާ ދުއްވާލުމާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނު އަޑުން ޒާޔާ އަށް ފަސްއެނބުރި ބަލާލެވުނެވެ.

ބަލާލެވުނު އިރުވެސް އެއީ ޝާރިފްގެ ސައިކަލްގެ އަޑުކަން ޒާޔާއަށް އެނގެއެވެ.

ދުވަސްތަކަކަށްފަހު މާޒީގެ ހުރިހާ ހަނދާންތަކެއް ލޯމަތީގައި އާވެގެންދިޔައެވެ.

ނަމަވެސް ޝާރިފްއަކަށް ޒާޔާ ފެނުނަސް ނުފެނުނަސް މާބޮޑު ފަރުވާލެއް ނޯންނާނެއެވެ.

ޒާޔާއަކީ ޝާރިފްއަކަށް އެއްވެސް މީހެއް ނޫނެވެ.

ޒާޔާ ގެޔަށް އައިސް ވަނީވެސް ޚިޔާލީ ފޮލާ ކައްކަމުންނެވެ.

އެނދުމަތީގައި ބަންޑުން އޮށޯވެގެން އެތައް އިރަކު އޮތުމަށްފަހު ޒާޔާ ފޭސްބްކް އެކްޓިވޭޓް ކޮށްލިއެވެ. ފޫހިވެގެންނެއް ނޫނެވެ. ޝާރިފްއާ ވާހަކަ ދައްކަން ބޭނުންވާތީއެވެ. ޒާޔާގެ ނަމްބަރުން ގުޅަން ބޭނުން ނުވާތީއެވެ.

ޝާރިފް އޮންލައިންގައި އިންތަން ފެނުމާއެކު ޒާޔާގެ ހިތް އުފަލުން ފޮޅުނެވެ. ސިކުނޑި އެކަން ނުކުރުމަށް އެތައް ފަހަރަކު ބުނެ ބުނެ އޮއްވާ ޒާޔާ ޝާރިފް އަށް މެސެޖް ކޮށްލައިފިއެވެ. ޝާރިފް ވެސް ހުރީ އިންތިޒާރުގައި ކަހަލައެވެ. ވަގުތުން ޖަވާބު ދީފިއެވެ.

– އެބަ އޮތޭ ދޭންވެފަ އޮތް އެއްޗެއް. އާދެބަލަ. – ޒާާޔާ ލިޔެލާފައި ފޮނުވާލިއެވެ.

– މިދަނީ. ނިކުމޭ.- ޝާރިފްގެ ޖަވާބުން ޒާޔާ ވީ ހައިރާނެވެ. ކޯޗެއްތޯ ވެސް ނާހައެވެ.

ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ލައިގެން ހުރި ޓޮޕްގެ ތިރީގައި ހިފާ ޒާޔާ ދަމާލިއެވެ. މަޑު ހިނގުމެއްގައި ޒާޔާ ހިނގާފައި ގޮސް ދޮރުން ނިކުތެވެ. އޭރު މަގުގެ އަނެއްފަރާތުގައި ސައިކަލް މަތީގައި އިށީނދެލައިގެން ޝާރިފް އިނެވެ. ދީފައި އޮތް ރީތި ހަނދުވަރުން ޝާރިފް ބަލަހައްޓައިގެން ހުރީ ޒާޔާ އަށް ކަން ޒާޔާ އަށް ހަމަރަނގަޅަށްވެސް އެނގުނެވެ.

ޒާޔާ އަށް ހުރެވުނީއެވެ. ބަލާށެވެ. ހިތް އެދެމުން ދިޔައީ ޝާރިފްގެ އުނގު ތެރެއަށް ދުވެ ގޮސް ވަންނާށެވެ.

ނަމަވެސް ޒާޔާއަކަށް ނުކެރުނެވެ.

މަޑުހިނގުމެއްގައި ޒާޔާ ކުރިއަށް ހިނގައިފައި ގޮސް ޝާރިފްގެ ކުރިމައްޗަށް ހުއްޓުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް