މުނިފޫހިފިލުވައިދިނުމުގައި “ބިދަބިން ބޮޑުބެރު ގްރޫޕް” މިއީ ހަމަ ގައިމުވެސް އެއްމެ ސަޅި އެއް ގޫޕެވެ. ޤައުމީ މުނާސަބާތަކުން ފެށިގެން ގޮސް، ޚިތާނީ ގެތައް ފަޅުވައިދިނުމަށްވެސް މިއީ ހަމަ އެންމެ ސަޅި އެއް ގްރޫޕް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. “ބިދަބިން” އޭ ބުނުމުން ބޮޑުބެރުގެ މަތިން ހަނދާންވިޔަސް، މި ގްރޫޕަކީ އިޖުތިމާޢީ ކަންކަމުގައި ވެސް ވަރަށް ތަފާތު ކަންކަން ކުރަމުން އަންނަ ގްރޫޕެކެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު ބިދަބިން އިން މިވަނީ ވަރަށް ތަފާތު ހަރަކާތެއް ހިންގާފައެވެ.

“ރަމަޟާން މަހު، މަޖާކޮށްލާ ފޫހިފިލުވައިލުމަށް މިއަދު އަހަރުމެން މިވަނީ އިޖުތިމާޢީ މަސައްކަތްކުރާ ކެމެޕޭނެއް ފަށާފަ. މިއަދު ބޭއްވި ހަރަކާތަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް، ސަބަބަކީ މިއަދަށް އަހަރުމެން ކަނޑައެޅި ލަނދުދަނޑި ހާޞިލުކުރެވުނު. އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގަ ގްރޭޓަރ މާލޭޭ އިންޑަސްޓްރިއަލް ޒޯނުގެ އިރުމަތީ ފަރާތުން އަހަރުމެން ބޮޑު 20 ކޮތަޅުގެ ކުނި ނަގައި ޖަމާކުރިން.” ބިދަބިންގެ ހަރަކާތް މީސްމީޑިއާގައި ހިއްސާކުރަމުން ބުނެފައި ވެއެވެ.

“މި ކެމްޕޭން މި ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް އަދި އޭގެ ފަހުންވެސް ކުރިއަށް ގެންދާނަން. މަގު ކައިރިފަށަށާއި ކުނި އަޅައިގެން ނުވާނެ ތަންތަނަށް ކުނި ނޭޅުމަކީ އަހަރުމެން ވަރަށް އަދަބުވެރިކަމާއެކު އެދޭ އެދުމެއް. ޑަސްބިންތަކަށް ކުނިއަޅަން އާދަކޮށް އަހަރުމެންގެ ޤައުމުގެ މި ރީތިކަން ބޭއްވުނު އެންމެ ރީއްޗެއްކޮށް ބޭއްވުމަށް އެންމެން މަސައްކަތްކުރަމާ ހިނގާ!” ބިދަބިން އިން އެދިފައި ވެއެވެ.

ބިދަބިންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އާސިމް(އާއްކޮ) މުނިއަވަސް އަށް މި ޕްރޮގްރާމާ ބެހޭ ގޮތުން ބުނީ މިއީ ކޮންމެ ހަފުތާއަކު މާލޭގެ ކޮންމެވެސް ސަރަހައްދެއް ސާފުކުރާގޮތަށް ރާވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

“ބިދަބިން އަކީ މިކަހަލަ އިޖުތިމާޢީ ކަންކަމުގަ އަބަދުވެސް ތަފާތު ދައްކާ ޒުވާން ކުދިން އުޅޭ ޓީމެއް.” އިއްޔެގެ ހަރަކާތަށް އިޝާރާތް ކުރަމުން އާއްކޮ ބުންޏެވެ.

“މިކަމުގެ މަޤުޞަދަކީީ ބިދަބިންގެ ކުދިންގެ މެދުގައި ޤައުމާއި، ތިމާވެށްޓާއި ދޭޭތެރޭ ލޯބި އުފައްދައި، އެ ފަންނާނުންނަކީ ހަމައެކަނި މިއުޒިކު ކުޅޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލުން. އަދި ޒުވާން ފަންނާނުންނަކީ ޒިންމާދާރު، މި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ވުން.” ބިދަބިން އިން ފަށާފައިވާ މި ތަފާތު އަދި ސަޅި ހަރަކާތުގެ މަޤުޞަދު ހާމަކުރަމުން އާއްކޮ ބުންޏެވެ.

ކޮންމެއަކަސް، ރަމަޟާން މަހެއްގެ ދުވާލުގެ ވަގުތު ޒުވާނުންތަކެއް ނުކުމެ މިފަދަ ހަރަކާތެއް ހިންގައިލުމަކީ ހަމަ ގައިމުވެސް އެކަން ފާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން، ބިދަބިންގެ މި ހަރަކާތަށް މުނިއަވަސް ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މިއީ ބިދަބިން އިން ހިންގަން ފެށި ސަޅި ހަރަކާތެކެވެ. ހުއްޓައިނުލައި ކުރިއަށް ގެންގޮސްފިނަމަ، މޭޭވަވެތި ނަތީޖާއެއް ފެންނާނެ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.