ހުކުރު ދުވަހެވެ. އެންމެ ހުކުރު ދުވަހެއް ނޫނެވެ. އެތައް ބައިވަރު ހުކުރު ދުވަހެކެވެ. ކޮންމެ ހުކުރު ދުވަހެއްގައި ކަހަލަ ގޮތަކަށް މިސްކިތުން ފެންނަ މަންޒަރެކެވެ. ހުކުރު ނަމާދަށް ދާ ކޮންމެ މީހަކަށް ފެންނާނެ މަންޒަރެކެވެ. ބައެއް މީހުނަށް މާބޮޑު ކަމަކަށް ނުވިޔަސް ސަމާލުކަންދޭ މީހުން ވެސް މަދެއް ނޫނެވެ. މިސްކިތުގެ އެންމެފަހު ސަފެވެ. ނުވަތަ މިސްކިތުގެ ފަހަތު ފާރެވެ. އެތައް ކުޑަކުދިންނެއް ތިބޭނެއެވެ. ފާރުގައި ލެނގިލައިގެން ވާހަކަ ދައްކާށެވެ. ހީނ ސަކަރާތް ޖަހާށެވެ. ޚުޠުބާ އަޑުއަހަން ބޭނުންވާ މީހާއަށް އުނދަގޫ ވާވަރަށް ވެސް އެކުދިންގެ ޢަމަލުތައް ހުރެދާނެއެވެ.

ރަނގަޅެވެ. ތިޔަ ވިދާޅުވާން އުޅެނީ ރަނގަޅު ވާހަކައެކެވެ. އެއީ ކުޑަކުދިންނެވެ. އެކުދިންނަކަށް މިސްކިތުގެ މާތްކަމާއި ބަރަކާތްތެރިކަމެއް ނޭނގޭނެއެވެ. މިސްކިތުގައި ޢަމަލުތައް ބަހައްޓަންވީ ގޮތެއް ނޭނގޭނެއެވެ. ބައެއް ކުދިންނަކީ ތަންކޮޅެއް ސިޔާސަ ކުދިންނެވެ. ބޮޑެތި މީހުން ދައްކާ ވާހަކަ އަޑު އެހުމާއި އެމީހުން ބުނާގޮތް ހެދުމަކީ އެކުދިން ކުރަން ބޭނުންވާ ކަމަކަށް ނުވެދާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ފިރިހެނުންނަކީ ހުކުރަށްދާ މީހުންނެވެ. އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރެވުނު ނަމަވެސް ހުކުރު ނަމާދު ކުރަން ފެށުމުގެ ކުރިން ޒުވާނުންތައް ވެސް މިސްކިތަށް އަރައެވެ. އެންމެނެއް ނޫނެވެ. ބައެއް މީހުނާއި ބައެއް ޒުވާނުންނެވެ.

ބައެއް ފިރިހެނުން ހުކުރަށް ދާއިރު ފިރިހެން ދަރިން ނުވަތަ ތިމާއާއި ގުޅުންހުރި ފިރިހެން ކުދިން މިސްކިތަށް ގެންދެއެވެ. ގިނަ ފަހަރަށް އެކުދިން ތިބޭނީ އެކުދިން ގެންދާ މީހުނާއި އެކުގައެވެ. ސަކަރާތް ޖެހުމާއި ވާހަކަ ދެއްކުން ފަދަ ޢަމަލުތައް މިކުދިންގެ ކިބައިން ފެންނާނީ ހާލަކުން ފަހަރަކުއެވެ.

ކޮންމެ ގެއެއްގައި ފިރިހެން ކުދިން ގޮވައިގެން ހުކުރަށްދާނެ ފިރިހެނަކު ނުހުރެދާނެއެވެ. އެވަރުގެ ގާތް މީހަކު ވެސް ނުހުރެދާނެއެވެ. މަންމަ އާއި މާމަ ނުވަތަ ދައްތަ ކިތަންމެ ނަސޭހަތެއް ދީފައި މިސްކިތަށް ފޮނުވި ނަމަވެސް އެގޮތަށް ޢަމަލު ނުކުރާ ކުޑަ ކުދިން ވެސް ބައިވަރު އުޅެއެވެ. ރައްޓެހި ކުއްޖަކު ބުނާގޮތް ހަދަން ނުވަތަ އެކުއްޖާ މިސްކިތުގައި އުޅޭގޮތަށް އުޅުން ކަހަލަ ކޮންމެ ވެސް ކަމެއް މެދުވެރިވެގެންނެވެ.

ފިރިހެންދަރިން ތިބެމެ އެކުދިން ނުލައި މިސްކިތަށް ދާ ބައްޕައިންނަކީ މަދުބައެއް ނޫނެވެ. މިސްކިތަށް އެރުވުމާއިއެކު ފުރަތަމަ ސަފުގެ މުހިންމުކަން ނޫން އެހެން އެއްވެސް ކަމެއް ހަނދާން ނުހުންނަ ކަހަލައެވެ. އަނެކުނަށް އެއްވެސް ސަމާލުކަމެއް ނުދީ މީހުންތައް ފަރާތްފަރާތަށް ޖައްސަމުން ކަހުވަމުން ގޮސް ފުރަތަމަ ސަފަށް ތިރިކޮށްލާއިރު ތިމާގެ ދަރިފުޅު މިސްކިތުގެ ފަހަތުގައި ސަފުގައި ސަކަރާތް ޖަހާލަ ޖަހާލާ ނުވަތަ ވާހަކަ ދައްކާލަ ދައްކާލާ އިންކަމެއް ނޭނގެއެވެ. ބަލާލާކަށް ސަމާލުކަމެއް ވެސް ނުދެވެއެވެ. މުހިންމު ނޫނީ ކަމަށް ވެސް ވެދާނެއެވެ.

ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުންނާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ހާދިސްތަކުން އެނގެން އޮންނަ ގޮތުގައި މަހްސަރުގެ މައިދާނުގައި ތިމާއާ ކުރިމަތިކުރެވޭ ސުވާލުތަކުގެ ތެރޭގައި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު ސުވާލު ކުރެވޭނެއެވެ. ތިމާގެ ދަރިފުޅު މިސްކިތުގައި ޢަމަލުކުރާގޮތުން އަނެކުނަށްވާ އުނދަގުލާއިމެދު ވިސްނާލާކަށް ނުވޭތޯއެވެ.

މިސްކިތު ތެރޭގައި ދަރިފުޅު އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަށްފަހު ފުރަތަމަ ސަފުން ޖާގަހޯދައި ތިމާ ހޯދުމަށް ތިޔަ އެދޭ ސަވާބު ދަރިފުޅަށް ލިބުން ނޭދެނީތޯއެވެ. ތިޔަހެން ނުހައްދަވާށެވެ. ހޯދުމަށް ތިޔަ އެދޭ ސަވާބު ދަރިފުޅަށް ވެސް ހޯދައި ދެވޭތޯ މަސައްކަތްކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.