ހަންޏާސްކަޕް 2021 ގެ މެއިން ސްޕޮންސަރ އަކަށް ވީވާ ބީޗް އެންޑް ސްޕާ މޯލްޑިވްސް ހަމަޖެހިއްޖެއެވެ. މިއަހަރުގެ ޖޫން 24 އިން 27 އަށް އދ. ހަންޏާމީދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަންޏާސްކަޕް ފުޓްސެލް މުބާރާތުގެ އިންތިޒާމް ޕާރޓްނަރ ޢާވި ޕްރިންޓާރސްއިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މިއަހަރުގެ ހަންޏާސްކަޕްގެ މެއިން ސްޕޮންސަރއަކަށް ވީވާ ބީޗް އެންޑް ސްޕާ މޯލްޑިވްސް ހަމަޖެހުމާއި ގުޅިގެން މުބާރާތުގެ ނަން “ވީވާ ބީޗް އެންޑް ސްޕާ ހަންޏާސްކަޕް 2021” އަށް މިހާރުވަނީ ބަދަލުކޮށްފައެވެ.

ހަންޏާމީދޫއަށް ނިސްބަތްވާ ޓީމްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ފަސްޓީމުންނެވެ. ވޭތުވެދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ހަންޏާމީދޫ ޒުވާނުންގެ ތެރެއިން ދެޒުވާނަކު އިސްނައިގެން ހެޔޮއެދޭފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގެ ފޯރިއާއި ވާދަވެރިކަން މިދިޔަ އަހަރަށްވުރެ މިއަހަރު ބޮޑުވެފައިވާއިރު ، މިދިޔަ އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނާއި ފުޓްސެލް ތަރިންގެ އިތުރަށް މިއަހަރުގެ މުބާރާތުގައި މިހާރު ރާއްޖޭގައި ނަންވިދާ މަސްހޫރު އެތައް ކުޅުންތެރިން ފެނިގެން ދާނެކަމަށް ޓީމްތަކުންދަނީ ހާމަކުރަމުންނެވެ.

ވޭތުވެދިޔަ އަހަރުގެ ހަންޏާސްކަޕް ( އައިއެކްސް މެރިން ހަންޏާސްކަޕް 2020 ) ޗެންޕިއަންޓީމަކީ އެފްސީ ސްލެޔާރސް އެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ޓީމް ޔޫވީޔޫއެޗްޑީއެވެ.

ފުޓްސެލްގެ ފޯރިގަދަކޮށް ރަށާއި އަތޮޅަށް އަދި މުޅިރާއްޖެއަށް ބޭނުންތެރި ފުޓްސެލް ކުޅުންތެރިންތަކެއް އުފައްދައި އެކުވެރިކަމާއި އެއްބައިވަންތަކަށް ޢާލާ ކުރުމުގެ މަޤްޟަދުގައި ކުރިޔަށް ގެންދާ މި މުބާރާތް އިންތިޒާމްކުރާ ފަރާތުން އަންނަނީ މިމުބާރާތާއި ގުޅިގެން އިޖުތިމާއި ހަރަކާތެއް ވެސް ހިންގަމުންނެވެ. ވޭތުވެދިޔަ އަހަރުގެ މުބާރާތުގެ ފަރާތުން ހަންޏާމީދޫ ސްކޫލަށް ބައެއް ތަކެތި ހަދިޔާކޮށްފައިވެއެވެ. މިއަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކުން، އެޓީމަށް ލިބޭ ފައިސާގެ %50 ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ހަދިޔާ ކުރަންޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.