މޯލްޑިވިއަން އައިޑަލް ސީޒަން ދެއަކުން ވިދައިލި ހަމޫދު އަޙްމަދުގެ އަޑުން ކިޔާފައިވާ ލަވައެއް އިވޭނެ ދުވަހަކަށް ހަމޫދުގެ ފޭނުން ކުރަމުން އައި ދިގު އިންތިޒާރަށް މިހާރު މިއޮތީ ނިމުން އައިސްފައެވެ. މި އިންތިޒާރަށް މިފަހަރު ނިމުމެއް ގެނެސްދިނީ ޓެލެވިޛަން މޯލްޑިވްސް އިން މި އަހަރު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގެނެސްދޭ “އަދިވެސް ރީތި” ޕްރޮގްރާމުންނެވެ.

ކުރީގެ ހިތްގައިމު ލަވަތަކަކުން ޓްރިބިއުޓެއްގެ ގޮތުގައި ޓީވީއެމް އިން ގެނެސްދޭ “އަދިވެސް ރީތި” ޕްރޮގްރާމުގައި މި ހަފުތާގައި އިވިގެން ދިޔައީ ހަމޫދުގެ “އަދިވެސް ރީތި” ލަވަތަކެކެވެ. ހަމޫދު ގެނެސްދިން ވަރަށް ހިތްގައިމު ފަސް ލަވައިގެ ތެރޭގައި ހިމެނެނީ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ އެންމެ މަޝްހޫރު އެއް ލަވަ ‘އެދެމޭ ކަލާޔާ ގާތުގާ’، ސަލްޓަންސްގެ ‘ބޭނުމޭ’، އާމިރުގެ ‘އާދޭސް’، ފައްތޭގެ ‘ޗާބޫކް’ އަދި ‘ދެންނެވީމޭ ގިސްލާ ރޮއެރޮއެފާ’ އެވެ.

ހަމޫދުގެ “އަދިވެސް ރީތި” 05 ލަވައިގެ ޕްލޭލިސްޓް

ހަމޫދުގެ އަޑުގެ ޖާދޫގައި ޖެހިފައި ތިބި އެހުންތެރިންނަށް އިވިގެން ދިޔަައީ ވަރަށްވެސް ހިތާމަވެރި ޚަބަރެކެވެ. ހަމޫދުގެ ވޯކަލް ކޯޑުގައި ސިސްޓެއް ނަގައިފައި ހުރުމުގެ ސަބަބުން އޭގެ ފަރުވާއަށް ސާރޖަރީއެއް ހަދަން ޖެހި، އަހަރެއްހާ ދުވަހަށް މިއުޒިކާއި ދުރުވާން ޖެހޭނެ ކަމުގެ ހިތާމަވެރި ޚަބަރެވެ.

ހަމޫދު ކިޔައިދިން ގޮތުގައި އޭނާގެ ވޯކަލް ކޯޑުގައި ސިސްޓެއް އިންކަން ފުރަތަމަ އެނގުނީ ލައިވް ޝޯވއެއްގައި ލަވަކިޔަމުން ދަނިކޮށް އަޑު ފަޅައިގެން ގޮސް، އޭގެ ފަހުން ދެމަސް ވީއިރުވެސް ހަމޫދުގެ އަޑު ރަނގަޅު ނުވުމުން ހޮސްޕިޓަލަށް ގޮސް އެންޑޯސްކޮޕީ އެއް ހެދި ހިސާބުންނެވެ. ނަމަވެސް މިއީ ހަމޫދުގެ މިއުޒިކީ ހަޔާތަށް ނިމުން އައީ ނޫންކަމަށާ، އެނބުރި އަންނާނީ އެހުންތެރިން ސިއްސައިގެންދާ ފަދަ ތަފާތު، 12 ލަވަ ހިމެނޭ އަލްބަމަކާ އެކުގައި ކަމަށް ހަމޫދު ބުންޏެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ހަމޫދު ބުނީ އޭނާ ނަގާ އަހަރު ދުވަހުގެ ބްރޭކް ތެރޭގައި ފަންނީ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ކުރަން ޖެހޭނެ ހުރިހައި ކަމެއް ކުރާނެ ކަމަށާއި، ބްރޭކް ތެރޭގައިވެސް ފަންނީ ދާއިރާ އާއި ވަރަށް ގާތްކޮށް އުޅޭނެ ކަމަށެވެ. ހަމޫދުގެ ފަންނީ ދަތުރުގައި މިހާ ކުރިއަށް ދެވުނީވެސް ވަރަށް ބައިވަރު މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށް ވާތީ، އޭނާ ނަގާ ބްރޭކްގައިވެސް އޭނާގެ ފަރާތުން އާޓިސްޓުންނަށް ވެވެން އޮތް އެހީއެއް ވެދޭނެ ކަމަށްވެސް ހަމޫދު ޔަޤީންކަން ދިނެވެ. ހަމޫދު އަށް މި ދާއިރާގައި މިހައިތަނަށް އެއްބާރުލުން ދިން ހުރިހާ ސަޕޯޓަރުންނަށް ފައްފަށުން އޭނާ ޝުކުރުއަދާކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.