ހަވީރު ހައެއް ޖަހައިކަން ހާއިރެވެ. ކުޅެން ގޮސްފައި ފަތޯނާ އައިސް ގޯތިތެރެއަށް ވަތްއިރު އޭނާގެ މަންމަ ޝާލޫ ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. މަންމައަށް ހިނިތުން ވެލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތް ފަތޯނާ ހުއްޓުނީ ޝާލޫ ގޮވައިލުމުންނެވެ.

” މަންމާ ! ކިހިނެތްވީ ؟ ” ޝާލޫއާއި ދިމާއަށް އަންނަމުން ފަތޯނާ އަހައިލިއެވެ.

” މަންމަ އަޑުއެހިން އެބުނާ އަހްމަދަކާއި ދަރިފުޅު މާ ގާތްކޮށް އުޅޭ ވާހަކަ. އެއީ ތެދެއްތަ ؟ ” ޝާލޫ ބަލައިލީ ފަތޯނާގެ މޫނަށެވެ.

” އަހަރެން އޭނާއާއި ވާހަކަ ދައްކަން. އެހެން އެއްވެސް ގުޅުމެއްނެތް. ” ޝާލޫ ކައިރީ އިށީންނަމުން ފަތޯނާ ޖަވާބު ދިނެވެ.

ފަތޯނާ އޭނާއަށް ދޮގެއް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝާލޫއަށް އޮތެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާގެ ދަރިފުޅަށްވުރެ ބޮޑަށް އޭނާ އެހެން މީހަކަށް އިތުބާރެއް ނުކުރާނެއެވެ.

” މަންމަ ހިތްހަމަ ނުޖެހުނީތަ ؟ ” ޝާލޫ އެއްޗެކޭ ނުބުނުމުން ފަތޯނާ ކަންބޮޑުވިއެވެ.

” އުނހު … މަންމަ ދަރިފުޅަށް އިތުބާރު ކުރަން. ފާޑުފާޑުގެ ވާހަކަތައް އަޑު އިވޭތީ ހަމަ އަހާލީ. އެއީ ކޮން ކަހަލަ ކުއްޖެއްކަން އެނގޭތަ ؟ މަންމަ ބުނަން އޮތީ މަންމަ އާއި ބައްޕަގެ ނަސޭހަތް ދުވަހަކު ވެސް ހަނދާން ނައްތާ ނުލައްޗޭ. ތިޔަ ބުނާ އަހްމަދަކީ ކާކުކަން ރަނގަޅަށް އޮޅުން ފިލުވައްޗޭ. ރައްޓެހިންގެ ގޮތުގައި ވެސް ގެންގުޅެން ވާނީ ރައްޓެހިންގެ ގޮތުގައި ގެންގުޅޭ ކަހަލަ މީހުންނޭ. ” ޝާލޫ ވާހަކަ ދެއްކީ ލޯތްބާއި

އޯގާތެރިކަމާއިއެކު ފަތޯނާގެ ބޮލުގައި ފިރުމައިލަމުންނެވެ.

” މަންމަމެން ލަދުގަންނަން ޖެހޭވަރު ކަމެއް ދުވަހަކު ވެސް ނުކުރާނަން. އިންސާ ﷲ . ” ޝާލޫގެ އަތުގައި ހިފަމުން ފަތޯނާ ހިނިތުންވެލިއެވެ. ފަތޯނާ ދިން ޔަގީންކަމާއިއެކު ޝާލޫއަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުން އިތުރުވެގެން ދިޔައެވެ.

ރަށުތެރެއަށް ފެތުރިފައިވަނީ މެންދަމުގެ ހަމަހިމޭންކަމާއި ފަޅުކަމެވެ.

ނިދޭތޯ މަސައްކަތް ކުރަމުންދިޔަ ފަތޯނާގެ ޚިޔާލުތައް ގުޅިފައިވަނީ އަހްމަދާއިއެވެ. އަހްމަދާއި ބެހޭގޮތުން ރަށުތެރޭގައި ދެކެވެމުންދިޔަ ވިޔާނުދާ ވާހަކަތަކާއިއެވެ. އެވާހަކަތަކާއި އަހްމަދުގެ ޢަމަލުތައް ދިމާނުވާތީ އެކަމާއިއެވެ. އަހްމަދު އިސްލާހްވީ ބާއެވެ. ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށީ މިހާރު ބާއެވެ. މަސައްކަތްތެރި ހަރުދަނާ ޒުވާނަކަށް އޭނާ ބަދަލުކޮށްލީ ލިބުނު އަދަބު ބާއެވެ. އެހާރީތި ފުރިހަމަ ޒުވާނަކު އެހެން އުޅެންވީ ކީއްވެ ބާއެވެ. އޭނާގެ މައިންބަފައިން އޭނާއާމެދު އިހުމާލުވީ ބާއެވެ. އޭނާއާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ދައްކަމުންދާ މީހުނަށް ރައްދު ނުދެނީ ކީއްވެ ބާއެވެ.
ނިދޭތޯ ކުރަމުންދިޔަ މަސައްކަތް ބޭކާރު ވުމުން ފަތޯނާ މަޑުމަޑުން ތެދުވިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖަހައި ބޮޑުވެއްޖެއެވެ.
ސިއްސައިގެން ގޮސް އަހްމަދަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލި އަޑަށެވެ. މިފަދަ ވަގުތެއްގައި އޭނާއަށް ގޮވާނީ ކޮންމެ ވެސް ބޮޑުކަމެއް ދިމާވެގެންކަން އޭނާއަށް ޔަގީނެވެ. އަވަސް އަވަހަށް އެނދުން ފައިބައިގެން ދޮރު ހުޅުވަންދިޔަ އަހްމަދުގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށް ހިތުގައި އުފެދުނު ސުވާލުތަކެއްގެ ސަބަބުންނެވެ.

ޓަކި ޖަހަމުން ދިޔައީ ކުޑަދޮރުސެޓުން ދޮރެއްގައެވެ. ނުހަނު މަޑުމަޑުން އެހާމެ ސިއްރުންނެވެ.

ކުޑަދޮރުސެޓްގެ ފޮތިގަނޑު މަޑުމަޑުން ފެއަށް ޖައްސައިލަމުން އަހްމަދު ބޭރު ބަލައިލީ ބޭރުގައި ހުރި މީހަކަށް ތަނެއް ދޮރެއް ވެސް ނޭނގޭހާ ސިއްރުންނެވެ. ފެނުނު މަންޒަރާއިއެކު އަހްމަދު ދިޔައީ ސިއްސައިގެންނެވެ.
ނިހާރާއަކީ ރީތި ކުއްޖެކެވެ. ކުލަ އަލި ބައްޓަން ރީތި ހަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑާއި ގުނަވަންތަކުގެ ލާމެހުން އެހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. ފިރިހެނަކު އަންހެނަކަށް އެންމެ ބޭނުންވާނެފަދަ ފުރިހަމަކަން އެ ހަށިގަނޑުގައި ވެއެވެ.

ލަދުވެތި ގުނަވަންތައް ކިރިޔަ ކިރިޔާ ނިވާވާވަރުގެ ކުރު ސޯޓުކޮޅަކާއި ގަޔަށް ބާރު ޓީޝާޓެއް ލައިގެން ހުރި ނިހާރާގެ އެ ރީތި ފުރިހަމަ ހަށިގަނޑު ކިތަންމެ ރަނގަޅަކަށް ވެސް އަހްމަދަށް ފެނުނެވެ. ކަޅި ޖަހައިލާން ވެސް ހަނދާން ނެތިފައި އެތައް އިރަކު ހުރެވުނެވެ. ހިއްސުތައް ސަލާމަތުން ހުރި އެއްވެސް ފިރިހެނަކަށް އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ދޫކޮށް ނުލާނެ ކަމުގައި އަހްމަދުގެ ހިތް ބުންޏެވެ.

ވަރަށް މަޑުމަޑުން އެހާމެ ސިއްރުން އުޅެމުންދިޔަ ނިހާރާ އިރުއިރުކޮޅުން ގޭތެރެއަށް ނަޒަރު ހިންގާލައެވެ. އަލީ ނަޒީރަށް ނުވަތަ ބާސިރާއަށް ހޭލެވިގެން ނުކުމެދާނެތީ ކަންބޮޑުވަނީ ކަންނޭނގެއެވެ.

ކުއްލިއަކަށް އަހްމަދުގެ ހަނދާނަށް އައީ މީގެ އަހަރެއްހައި ދުވަސް ކުރިއެވެ. ސިއްސައިގެން ދިޔަ އަހްމަދަށް ފަހަތަށް ޖެހެލެވުނީ ބޭއިހްތިޔާރުގައެވެ. އަވަސް އަވަހަށް ގޮސް އެނދަށް އަރައި ކަންފަތް މަތީ ބާލިސް އަޅައި ނިވައި ކޮށްލީ އެއަޑުތަށް ނޭހުމަށްޓަކައެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭންވެގެންނެވެ.

ހުކުރު ދުވަހުގެ ހިތްގައިމު ހެނދުނުގެ ވަގުތެވެ. މަޑުމަޑު ވައިރޯޅިއެއް ޖެހެމުން ދިޔައިރު ކަނޑު މަޑުވެފައި އަވި ވެސް މަޑެވެ. ފަތޯނާއަށް އަހްމަދު ފެނުނީ ތެލި ދޮންނަން އަތިރިމައްޗަށް ނުކުތް ވަގުތު ގޮނޑުދޮށުގައި ހުއްޓައެވެ. ދޮށި އުކަން ހުރި އަހްމަދަށް ފަތޯނާ ގޮނޑުދޮށަށް ފޭބިކަމެއް ނޭންގެއެވެ.

ތަނަށް ވެރިވެފައިވަނީ ހަމަހިމޭން ކަމާއި ފަޅުކަމެވެ. އެދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެއިން ހިސާބަކުން ފެންނާކަށް ނެތެވެ. އަހްމަދަށް ފަތޯނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ.

އިސްވެ ވާހަކަ ދެއްކީ އަހްމަދެވެ. ހާލު އަހުވާލު އަހައިލުމުން ފެށުނު ވާހަކަތައް އެކި ދިމަދިމާއަށް މިސްރާބު ބަދަލުވަމުން ކުރި ފަޅަމުން ދިޔައެވެ. ވާހަކަ ދައްކަމުން ދައްކަމުން ހިނގަމުން އައި އަހުމަދާއި ފަތޯނާ މަޑުކޮށްލީ އަތިރިމަތީ ހުރި ޖޯލިފަތީގައެވެ.

” އަހްމަދު …. އަހަރެން ބޭނުން އަހްމަދު މިރަށަށް އަންނަން ޖެހުނު ސަބަބު އޮޅުން ފިލުވަން. ” މޫދާއި ދިމާއަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ފަތޯނާ ކޮށްލި ސުވާލާއިއެކު އަހްމަދު ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހައިރާންކަމާއިއެކު އެއްފަހަރައި އެތައް ސުވާލެއް އުފެދުނުވެ.

” ކިހިނެތްވީ ؟ ” އެއްވެސް އިޙްތިޔާރަކާއި ނުލައި އަހްމަދަށް އަހައިލެވުނެވެ.

” ސިއްރުކުރަން ބޭނުން ބޭނުމިއްޔާއި ނުބުންޏަސް އޯކޭ.

” ހިތްހަމަ ނުޖެހުމާއިއެކު އެހެން ބުނަމުން ފަތޯނާ އުޅުނީ ތެދުވެގެން ދާށެވެ.

ލިބުނު ހައިރާންކަމާއިއެކު އަހްމަދު ދެރަވިއެވެ. ތަކުރާރުކޮށް މަޢާފަށް އެދުނީ އެގުޅުން ދުވަހަކު ވެސް ނިމޭން ބޭނުން ނުވާތީއެވެ.

” އެހެން ވެސް ދެތިން މީހަކަށް އަހަރެން ތި ވާހަކަތައް ކިޔައިދިނިން. އެއްވެސް މީހަކު ގަބޫލެއް ނުކުރި. އެއްވެސް ކަމެއް ފަތޯނާއަށް ސިއްރު ކުރާކަށް ނެތިން. ގަބޫލު ކުރުމާއި ނުކުރުން އެއީ ފަތޯނާގެ ކަމެއް. ” އަހްމަދުގެ ކިބައިން ފެނުނީ މާޔޫސްކަމާއި ނާއުންމީދުގެ ކުލަވަރެވެ. ހިތާމައިގެ އަސަރުތަކެވެ.

އުމުރުން ހަތް އަހަރުގައި ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރި އަހްމަދު ދެވަނަ ފަހަރަށް ދިވެހިރާއްޖެއަށް ދިރިއުޅުން ބަދަލުކުރީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. އަހްމަދަށް ކިޔަވައި ދިނުމުގެ ބޭނުމުގައި އަހްމަދާއި އޭނާގެ މަންމަ އަނީގާގެ ދިރިއުޅުން ސްރީލަންކާއަށް ބަދަލުކުރި އިރު އަނީގާގެ ޢާއިލާގެ ދެކުއްޖަކު ވެސް އެމީހުނާއިއެކު ސްރީލަންކާގައި ދިރިއުޅުނެވެ. އަހްމަދުގެ ބައްޕަ ޒިނާން މަސައްކަތް ކުރަމުން ދިޔައީ ދިވެހިރާއްޖޭގައި ހުރެގެން އޭނާގެ ބައްޕަ ސުލޭމާންގެ ވިޔަފާރި ކުރިއެރުވުމުގެ މަސައްކަތެވެ.
އަހްމަދުގެ ޢާއިލާއަކީ ފޯރުންތެރި ތަނަވަސް ޢާއިލާއެކެވެ. ސުލޭމާނާއި އައިމިނަގެ ހުރި ހަމައެކަނި ކާފަ މާމަ ދަރިއަކީ އަހްމަދެވެ. އަހްމަދަށް ޓަކައި ކޮންމެ ކަމެއް ކުރަން ޖެހުނަސް އެ މާމަ އާއި ކާފަ ތިބެނީ އުފަލުންނެވެ. ލަހެއް ފަހެއް ނެތި އެކަމެއް ކޮށްދެއެވެ. ކާފަ އާއި މާމަގެ އުފަލާއި ހިތްހަމަ ޖެހުމަކީ އަހްމަދެވެ.

ސުލޭމާނާއި އައިމިނަ ކައިރީ ދިވެހިރާއްޖޭގައި ދިރިއުޅުމަކީ އަހްމަދު ކިތަންމެ ބޭނުންވި ކަމެއް ނަމަވެސް އެފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެކިފަހަރު އެކި ބަހަނާތައް ދައްކައި އަހްމަދަށް ދިވެހިރާއްޖެ ނާދެވޭނެ ކޮންމެ ވެސް މަގެއް އަނީގާ ފަހިކުރެއެވެ. މަންމަގެ ބަސް އަހައިގެން ހުރުމަކީ ބައްޕަގެ އަބަދުގެ ވެސް ނަސޭހަތެވެ.

އަނީގާ އާއި މެދުގައި އަހްމަދުގެ ހިތުގައި ސުވާލުތައް އުފެދޭން ފެށީ އޭނާއާއިމެދު އަނީގާ ކަންތައް ކުރަމުންދިޔަ ގޮތުންނެވެ. އުމުރުން ދުވަސްވެ ދުނިޔެއަށް ލޯ ހުޅުވި ކަންކަން ފަހުމްވަމުން ދިޔައިރު، އޭނާއާއިމެދު އަނީގާ ކަންތައް ކުރަމުންދިޔަ އިހާނެތި ގޮތްތަކާއިމެދު ވިސްނަން އަހްމަދަށް މަޖޫބުރުވިއެވެ. ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.

އަނީގާއަކީ އަހްމަދުގެ ދޮންމަންމަކަން އަހްމަދަށް އެނގުނީ އޭނާގެ އުމުރުން ސޯޅަ އަހަރު ވެސް ފުރުނު ފަހުންނެވެ. އެއިން އެއްވެސް ކަމަކާއި ބެހޭގޮތުން ވާހަކަ ދައްކާކަށް ސުލޭމާނާއި އައިމިނަ ބޭނުމެއް ނުވެއެވެ.

ކޮންމެ ގޮތަކަށް ކަންތައް ވަމުންދިޔަ ނަމަވެސް ހިތްވަރުކޮށް ތަޢުލީމީހަޔާތް ކާމިޔާބުކަމާއިއެކު ނިންމާލުމަކީ އަހްމަދުގެ އަޒުމެވެ. ކާފަ އާއި މާމަގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން ނަމަވެސް އޭނާ އެކަން ކުރާނެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރި އައްޑޫގައި ފެށުމަށްޓަކައި ބޭނުންވާ ތަނެއް ހޯދައި ކަންކަން ހަމަޖެއްސުމަށްޓަކައި އައްޑުއަށް ދިޔައީ ސުލޭމާނާއި އައިމިނައެވެ. ވިޔަފާރީއާ ގުޅުންހުރި އެހެން ކަންތަކުގައި ޒިނާން މާލޭގައި މަޑުކުރީއެވެ. އޭނާ އައްޑުއަށް ދާނީ ސުލޭމާނާއި އައިމިނަ ބޭނުންވާ ކަހަލަ ތަނެއް ހަމަޖެހުމުންނެވެ. ލިޔެކިޔުމުގެ މަސައްކަތާއި ފައިސާގެ ކަންތައްތައް ހަމަޖައްސާނީ އޭނާ ގޮހެވެ.

ފަތުއަޑު ކިޔާފައި ނޫސްތަކުގެ ފަލަސުރުހީއަށް އަރައިގެންދިޔަ ކުއްލިހަބަރާއިއެކު އެތައް ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެކަމާއި ގުޅުންހުރި ކިތަންމެ ކުޑަ ނަމަވެސް ވީޑިއޯ ކުލިޕެއް ލިބޭތޯ ޓީވީ ޗެނަލްތަކުން މަސައްކަތް ކުރަމުން ދިޔައިރު އެންމެ ފަހުގެ ހަބަރު ގެނެސް ދެވޭތޯ ކޮންމެ މީޑިޔާއަކުން ވެސް މަސައްކަތް ކުރަމުން ދިޔައެވެ.

މަސްހޫރު ވިޔަފާރިވެރިޔާ ސުލޭމާނާއި އޭނާގެ އަންހެނުން އައިމިނަ ސައިކަލް އެކްސިޑެންޓެއްގައި ނިޔާވި ވާހަކަ އަޑުއިވުން ވެގެން ދިޔައީ ގިނަ ބައެއްގެ ލޯތަކުން ކަރުނަ ހިލުވާލި ކަމަކަށެވެ. އެވާހަކަތައް ގަބޫލުކުރަން ދަތިވި އެތައް ބަޔަކު ތިއްބެވެ. އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރެއް ވެދާނެކަމަށާއި މިހާރުން މިހާރަށް އެކަން އެންމެ ރަނގަޅަށް ބެލުމަށް ބައެއް މީހުން ބުނަމުން ދިޔައެވެ. އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދުން ފެނުނު މަންޒަރުތަކުގެ ސަބަބުން އެބައި މީހުންގެ ސުވާލުތައް ގިނަވަމުން ދިޔައެވެ.

ލިބުނު ހިތާމަވެރި ހަބަރާއިއެކު ޒިނާންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭންގި ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ. ހަދާނެގޮތެއް ކުރާނެ ކަމެއް ނޭނގުނެވެ.

ސުލޭމާންގެ މަރުގެ ހިތާމަވެރި ހަބަރު ލިބުމާއިއެކު އޭނާގެ ބައެއް ގާތްރައްޓެހިން ޒިނާނަށް ގުޅިއެވެ. މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަމެއް ވިއްޔާ ބުނުމަށާއި އެމީހުންނަކީ ދުރުބައެއް ނޫންކަން ހަނދާން ބެހުއްޓުމަށް ނަސޭހަތް ދިނެވެ. ވީހާ ވެސް އަވަހަކަށް އައްޑުއަށް ދިއުމަށް ތައްޔާރުވުމަށާއި ދަތުރުގެ ކަންތައް މި ހަމަޖައްސަނީ ކަމަށް ވެސް އެކަކު ބުންޏެވެ.

ސުލޭމާނާއި އައިމިނަގެ މަރުގެ ހަބަރު ލިބުމާއިކު ސިމްނާ ހީވީ މޮޔަވި ހެންނެވެ. އެހެން ނުވާނެއޭ ބުނެ އަޑުގެ ކޮޅަށް ރޮއިގަތެވެ. އެއީ އޮޅުމެކޭ ރަނގަޅަށް ބަލާށޭ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެހިތާމަވެރި ވާހަކަތައް އަޑުއަހާކަށް އޭނާގެ ސިކުނޑިއަކަށް ކުޅަދާނައެއް ނުވިއެވެ. ރޮމުން ރޮމުން ގޮސް މީހާގެ ގައިން ވަރު ދެރަވެ ސޯފާ މައްޗަށް ދެމުނެވެ.

ސިމްނާއަކީ ސުލޭމާންމެން ރާއްޖެތެރެއަށް ކުރި ދަތުރެއްގައި އެގެއަށް ގެނައި ނިކަމެތި ކުއްޖެކެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތް ފުރާވަރުގެ ކުއްޖެކެވެ. އުމުރުން ސާދައަހަރުގައި ސުލޭމާންމެން ގާތަށް ދިރިއުޅުން ބަދަލުކުރި ސިމްނާ ވެގެންދިޔައީ އައިމިނަގެ ހިތުގެ ހަމަޖެހުމަށެވެ. އަންހެން ދަރިއަކަށް ނުހަނު ބޭނުން ވެފައިހުރި އައިމިނައަށް ލިބުނު ޖަވާހިރެއްފަދަ އަންހެން ދަރިއަކަށެވެ.
ޒިނާން އާއި ސިމްނާ ގޮވައިގެން އައްޑޫއަށް ދިޔައީ ސުލޭމާންގެ ބައެއް ރައްޓެހިންނެވެ. ތެދުވެރި ވަފާތެރި ރައްޓެހިންނަކީ ކިހާ މުހިންމު ބައެއްކަމާއި އެބައި މީހުންގެ މުހިންމުކަން މިއަދު ޒިނާނަށް ވިސްނުނެވެ. ޒިނާންގެ ސަބަބުން ހީނަރުވަމުންދިޔަ ނަމަވެސް އެގުޅުންތަކަށް އަދިވެސް ބަދަލެއް ނާއްނަކަން ގަބޫލުކުރަން މަޖުބޫރުވިއެވެ.
ސުލޭމާނާއި އައިމިނަގެ މަރުގެ ހަބަރު އަނީގާއަށް ދިނީ ސިމްނާއެވެ. އަހްމަދުގާތު އެވާހަކަ ދައްކާކަށް އަނީގާ ބޭނުމެއް ނުވިއެވެ. އަހްމަދަށް އެކަން އަންގައިގެން ނުވާނެކަމަށް ސިމްނާގާތު ވެސް އަނީގާ ބުންޏެވެ. އަހްމަދަށް އެކަން އަންގަން ސިމްނާ ކުރި މަސައްކަތް ހުއްޓާލީ އެހެން މަގެއް ނުފެނުމުންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.