ގިނަ ކިޔުންތެރިންގެ އެދިލެއްވުމާއި އެކު ހޯދީމޭ ޔާރާ ގެ ދެވަނަ ބައި
އަހަރެންގެ އަތުގައި އަހަރެންގެ ނަސީބު ހިފީއެވެ. އެތައް ދުވަހަކު އަހަރެން ކުރި ދިގު އިންތިޒާރުގެ ނިމުން ފޮނި އެއްޗެއްގެ ގޮތުގައި މިއަދު މިއޮތީ އަހަރެންގެ އަތު ތެރޭގައެވެ. ދުވަހަކުވެސް މި ނަސީބު އަތުން ބީވެގެން ދާކަށް ނޭދެމެވެ. ދިޔަކަ ނުވެސް ދޭނަމެވެ.
ދިރިއުޅުމަށް މިލިބުނު އާ ހިތްވަރާއި އެކު އަހަރެން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ނިންމާ ހަރުދަނާ އެތައް ނިންމުމެއް ނިންމީމެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ ރަނގަޅު ހަރުދަނާ މީހެއްގޮތުގައި ސާބިތުކޮށް ދެއްކުމުގެ ކުރިން، އާއިލާއަށް މި ގުޅުން ނާންގާ ބޭއްވުމަށް ނިންމީ ދެމީހުން އެތައް މަޝްވަރާއެއް ކުރުމަށް ފަހުގައެވެ.
ދުވަހަކަށް ފަހު ދުވަހެއް އަހަރުމެންގެ ލޯބީގެ ބަގީޗާގައި އިންދަމުން ދިޔަ ގަސްތައް ގިނަވެ ގަސްބޯވަމުން ދިޔައެެވެ. އަދަދު ނުކުރެވޭ އެތައް ވަޢުދުތަކެއް ދެމީހުން ވަމުން ދިޔައީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަކު އަނެކަކާ ދުރު ނުވެވޭ ވަރަށް ކައިރިވަމުން ދެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އެއީ ފޮނި ވަގުތުތަކެކެވެ. އަހަރުމެން ގުޅުނީ އަލުން ދުރުވުމުގެ ތަސްވީރެއްވެސް ހިތަށް ނުގެނައުމުގެ ސާފު ނިޔަތަކާއި އެކުގައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮއްކޮގެ މަތީ ތަޢުލީމަށް މެލޭޝިޔާއަށް ފުރުންވީ އަހަރުމެންގެ ލޯބީގެ ބަގީޗާއަށް އެޅުނު ކަޅު ހިޔަންޏަކަށެވެ. އޭނާއަށް އަހަރުމެން ގެއަށް އަންނަށް އޮތް ބަހަނާގެ މަގު ބަންދުވެގެން ދިއުންވީ ނިކަން ބޮޑު ހިތްދަތިކަމެއް ގެނުވި ކަމަކަށެވެ. ކޮއްކޮ އުޅުނު އިރު ފަސޭހައިން އެކަން ހަމަޖައްސައިދިން ކަމުގައި ވީ ނަމަވެސް ދެން އިތުރަށް އެއީ އުނދަގޫ ކަމަކަށް ވާނެއެވެ. އެންމެ ފަހުން ބައްދަލު ކުރެވުނު ދުވަހު އެތައް ވާހަކައެއް ދައްކާ ކޮންމެވެސް ގޮތެއް ހޯދާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސާނެކަމުގައި ބުނެ ދެމީހުން އެއްބަސް ވީމުއެވެ.
މަސައްކަތަށް ދިން އަހަމިއްޔަތު އަހަރެންގެ ހިތުން ބޭރުކޮށްލާ މަސައްކަތްދެކެ އަހަރެން ފޫހިވާން ފެށިއެވެ. އަހަރެންގެ ހުރިހާވެސް ބުންވަރަކީ އެކުއްޖާކަން އަހަންނަށް އެނގެއެވެ. އެކޮޅުގެ ވެސް ހާލަކީ ހަމަ މީކަން އަހަންނަށް އެނގެއެވެ. ބައްޕަމެންގެ ސުވާލެއް އައިސްފާނެތީ ލޭންޑްލައިން އިން އެވަރަށް ގުޅާކަށްވެސް ނުކެރެއެވެ. ކިތަންމެ ފަހަރަކު މި ސިއްރު ފަޅާއަރުވާލާ އަހަރުމެންގެ ގުޅުމުގެ ވާހަކަ ބައްޕަމެންނަށް އަންގަން ހިތަށް އަރައެވެ. މިހެން މާގިނަ ދުވަހު އަހަންނަކަށް ކެތެއްނުވާނެއެވެ. އަހަރެންގެ ދުވާލާ ރޭގަނޑު ހަކަތަ ހޯދަމުންދިޔައީ އެލޯބީގެ ދާންތަކުންނެވެ. ބޭނުންވި ކޮންމެ ވަގުތަކު އެ ލިބެމުންދިޔަ އަރާމު ލައްޒަތުތަކަށް އަހަރެންގެ ހަށިގަނޑު އެދި ގޮވަނީއެވެ. އަބަދު ބީރު ކަންފަތް ދިއްކޮށްގެން ހުންނާނީ ކިހިނެއް ހެއްޔެވެ. ކޮންމެއަކަސް މިއަދު އޮތީ ކެތްކުރުމެވެ.
އޮފީސް ނިންމާލާފައި އައިސް ކޮޓަރީގައި އަހަރެން އޮތީ އަހަރެންގެ ހިތުގެ ރާނީގެ ކޯލަކަށް އިންތިޒާރު ކުރާށެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ވަދެގެން އެހެރައައީ ބައްޕަގެ އެންމެ ގާތް އެކުވެރިއާގެ ދަރިފުޅު އިނާ އެވެ. އަހަރެންގެ ކުޑައިރުގެ ގިނަ ހަނދާންތަކެއް އެމީހަކާއެކުގައިވާ އަހަރެންގެ ގިނަ ސިއްރުތަކެއް އެނގޭ އިނާ އެވެ. އިނާއަކީ ވެސް އަހަރެން ކަހަލަ ސަކަ، ގޮތްދޫނުކުރާ ގޭންގް ސުޓައިލް ގެންގުޅޭ ކުއްޖެކެވެ.
އިނާ: “ސަޕުރައިޒް…”
“އޭއް…. އިނާ. ތީ ކޮންކަމެއް”
އިނާ:” މިބުނީނު މިއީ ތިގޮލައަށް ސަޕުރައިޒް އެކޭ. ސަޅި ތަ؟”
“އާނ ވަރަށް ސަޅި” އަހަރެންގެ ރާގުގައި ހުރީ މާޔޫސްކަމެވެ. އިނާއަށް ވަގުތުން އެކަަން ނަގައިވެސް ގަނެވުނެވެ.
އިނާ:” އޭއް…. ތިގޮލާ ކަމެއް ކޮށްގެން ދޯ ތިއުޅެނީ؟”
އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ.
” ވަޓް؟ ކޮންކަމެއް؟”
އިނާ:” ހޫމް… މަ އަލަށްށޭ ކަލޭ މި ފެނުނީ. އަލަށް މި ވާހަކަ ދައްކަނީވެސް މި. އޯކޭ އެއްނު.”
އަހަންނަކަށް ވާހަކަ ފަށާނެ ގޮތެއް ނޭގުނެވެ. އިނާއަށް މިވާހަކަ ކިޔާދޭނެ ގޮތެއް ނުވިސްނުނެވެ. އަނެއްކާވެސް އިނާ ވާހަކަ ދައްކަން ފެށީ ޝަކުވާގެ ރާގުގައެވެ.
އިނާ:” އޭތް. އަސްލު ބުނެބަލަ. ކުއްޖަކާ ހިތާވީ ދޯ. ދޮގު ނުބުނައްޗޭ.” އަމުރު ކުރާ ރާގެއްގައި އިނާ އިނގިލި ދިއްކޮށްލަމުން އަހަންނާއި ދިމާއަށް ބުނެލިއެވެ.
އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. ކުއްޖަކާ ހަމައެކަނި ހިތާވީކީ ނޫނެވެ. ކުއްޖަކާ ހެދި މޮޔަވީއެވެ. އާވާރާ ވީއެވެ. އެންމެ ފަހުން މަޖުބޫރުވެގެން އިނާއަށް ހުރިހާ ވާހަކަތަކެއް ކިޔާދިނީމެވެ.
އިނާ:”ކޮބާ؟ އެކަމަކު ބުންޏެއްނު ކަމެއް ނުވެޔޯ؟ ހިތުން މަށަށް ވަރަށް ކަންކަން ސިއްރު ކުރަންދޯ އުޅެނީ”
“ނޫން އެހެނެއް ނޫން. ދެން ތިގޮލައަށް ކަމެއް ސިއްރެއް ނުކުރާނެއްނު ދޯ!” އިނާ އަހަންނާ ކައިރި ކޮށްލީމެވެ.
އިނާ:”އޭތް. ތިކަން ތިއޮތީ މަށާ ޖެހިފަ. ތިކަމުގަ ހެލްޕް ވާނީ މަ އިނގޭ.”
“އަސްލުވެސް. ޕްރޮމިސްތަ؟”
އިނާ:”ހޫމް…. ކަލެއަށް ހީވަނީތަ މަ އެންމެ ލޯބިވާ މީހާއަށް ކަމެއް ދިމާވީމަ އެކަނި ކޮށްލާނެއޭ؟ ތިގޮލާގެ ކަޓް ވިސްނުން ދޯ!”
“އޯ ހާދަ ލޯބިވެޔޭ ތިގޮލާ ދެކެ.” އިނާ ގައިގައި އަހަރެން ބައްދާލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އަހަންނަށް އަލިމަގެއް ފެނިގެން ދިޔައެވެ. އަވަހަށް އިނާ ކަންކުރަންވި ގޮތް ކިޔާދީ އޭގެ ޖެހިގެން އައި ދުވަހަށް އިނާ އެގެއަށް ގޮސް އަހަރެންގެ ރާނީއާ ބައްދަލު ކުރެވޭނެ ގޮތެއް ހެދުމަށް ފޮނި ޕްލޭނެއް ތައްޔާރު ކޮށްލީމެވެ.
ރޭތަކަކަށް ފަހު އަހަރެން ނިދީ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަމާއި އެކުގައެވެ. މާދަމާ އަކީ އަހަންނަށް މުހިންމު އުފާވެރި ދުވަހެކެވެ. އަހަރެން މި ކުރި ހިތްދަތި އިންތިޒާރަށް އުފާވެރި ނިމުމެއް ލިބޭނެ ދުވަހެވެ. އަހަރެންގެ ރާނީ ފުރަތަމަވެސް ފެންނަ އިރަށް ނިކަން ބާރަށް ބައްދާލާނަމެވެ. އެހަށިގަނޑުގެ ބީހުމަށް އަހަރެން އެދޭތާ ކޮން ދުވަހެއް ހެއްޔެވެ. އޭނަގެ ވެސް ހާލަކީ މިއީކަން ގައިމެވެ.
އިރު އެރި ތަނުން އަވަހަށް ހޭލާ ތައްޔާރުވެލައިގެން އިނާއަށް ގޮވީމެވެ. ނިދާފަ އޮއްވާ ދަމާހަލާ ނަގާ ކަންކުރަންވި ގޮތް ތަކުރާރުކޮށް ކިޔާދެމުން ގެންދިޔައިމެވެ. ގަދަކަމުން ހަމަޖެހިފައިވާ ތަނަށް އަހަރެންގެ ރާނީ ގެނައުމަށް ފޮނުވީމެވެ. ތައްޔާރުވެލައިގެން އެތަނުގައި ކެތްމަދު ހާލުގައި އިންތިޒާރުކުރަމުން ދިޔައިމެވެ.
މާދުރުން އިނާ އަންނަތަން ފެނުނެވެ. އަހަރެން ދުއްވައިގަތީ އިނާގެ ފަހަތުގައި ހުންނާނެ އަހަރެންގެ ހިތުގެ ރާނީގައިގައި ބައްދާލުމަށްޓަކައެވެ. އެހެންނަމަވެސް އިނާގެ ފަހަތުން އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. ކިހިނެއްވީ ބާވައެވެ. އޭނަ ކޮބާ ހެއްޔެވެ؟ އިނާއަށް އޭނަ ގެންނަން ނުކެރުނީބާވައެވެ؟ ނޫނީ އިނާ އާއި އެކު އޭނަ އަންނަން އެއްބަސް ނުވީހެއްޔެވެ؟ އަހަރެން އިނާއަށް ބަލާލީ ސުވާލުން ފުރިފައިވާ ނަޒަރަކާއި އެކުގައެވެ. އިނާގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ. އިސްދަށަށް ޖަހައިގެން ހުރި އިނާ އަހަންނަށް ސިފަވީ ގޮތް ހުސްވެފައި ހުރި މީހެއް ގޮތުގައެވެ.
“އި…އި…އިނާ ކޮބާ؟ ކިހިނެއްވީ؟ ކީއްވެ ތިހެން ތިހުރީ؟ އަންނަން އެއްބަސް ނުވީތަ؟ އޭނަ މަންމަމެން ނުފޮނުވީތަ؟ ކިހިނެއް ވެފަތަ ތިހުރީ؟” އަހަރެން ސުވާލުތައް އެއް ފައްޗަކަށް އަމުނާލީމެވެ. ނަމަވެސް ދެންވެސް އިނާ ފަރާތުން ފެނުނީ ހަމަ ހިމޭންކަމެވެ. ބާރަށް އިނާ ކޮނޑުގައި ހިފާ ތަޅުވައި ގަތީމެވެ.
“އިނާ……. ދެން އެއްޗެއް ބުނަން ވެއްޖެއެއްނު. ކަލެއާ ކަމެއް ހަވާލު ކުރީމަ ތީދޯ ކަންކުރަން ފެނުނު ގޮތަކީ. އޭރުވެސް މަށަށް ވިސްނެންވާނެ ކަލޭތީ އެއްވެސް ކަމެއް ކުރެވޭނެ އެއްޗެއް ނޫންކަން. އަމިއްލައަށް ޓުރައި ކުރިނަމަވެސް މާ ރަނގަޅުވީސް.”
އިނާ:” އޭ ހެލޯ ހަޤީގަތް ނުބަލާ ކޮންމެހެން މަށަށް ތިގޮލާ ހެއްދެވި ނުހެއްދެވި އަށް ގޮވާނެ ކަމެއްނެތް. މަ ދިޔައިމޭ ކަލޭ ބުނި ކަންތައް ކުރަން.”
“ދެން ކޮބާތަ؟ ކީއްވެތަ ގޮވައިގެން ނައީ؟” އަހަރެންގެ ލޯ ފެންކަޅި ވާން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން، އަހަރެންގެ މި ޕުލޭނާމެދު ހާދަ އުންމީދެއް ކުރީމެވެ.
އިނާ:” ކަލޭ ކީއްވެތަ މޮޔަވެގެން ތި ތެޅެނީ؟ ބުނަން، މަ އެގެއަށް ދިޔައިރު އެގޭ އެންމެން ރޮނީ ވާނުވާއެއް އެތާކު ނޭނގެ. އެތަނުން މީހެއް ކައިރީ އަހާލީމަ ބުނީ ކަލޭގެ ގޮމަ ފިލައިގެން ދިޔައީ ޔޯ.”
“ވަޓް ރަބިޝް. ކީއްވެ؟ އޭނަ ފިލަންވީ؟ ނުވާނެ ތީ ތެދަކަށް. މަ ގަބޫލެއް ނުކުރާނަން. ކަލޭ ޖޭ ވީ ދޯ. މަ އޭނަދެކެ ލޯބިވާތީ އެކަން ހަޖަމު ނުވެގެންދޯ ތިއުޅެނީ؟”
އިނާ:”ހޫމް… މަ އެބަ އުޅެންދޯ.” އިނާ ރުޅިއައިސް މޫނު އަނބުރާލިއެވެ. އަހަރެން އިނާގެ އަތުގައި ހިފާ އާދޭހުގެ ރާގުގައި ބުނީމެވެ.
“އިނާ ޕުލީޒް އަހަރެން ނުތަޅުވަބަލަ. ވެގެން އުޅޭގޮތެއް ސީރިއަސްކޮށް ކިޔާދީބަލަ”
އިނާ:”ސީ ކޮށޭ އޭނަ ގެއްލިގެން އެބަ އުޅޭ. ދިޔަ ތަނެއް، ވީގޮތެއް އެނގޭ ހަމަ އެކަކުވެސް ނެތް. އިއްޔެއިންސުރެ ނުފެނޭ”
“ލި….ލީީ….ލީމާ………” އަހަންނަށް ހަޅޭއް ލަވައިގަނެވުނެވެ. ދެފައިމައްޗަށް ތިރިވެވުނެވެ. ލީމާ ގެއްލެންވީ ކީއްވެ ހެއްޔެވެ. އަހަންނަށް ނޭނގި ލީމާ ތަނަކަށް ދާންވީ ކީއްވެ ހެއްޔެވެ. ނޫނެކެވެ. އިނާ އެހަދަނީ ހުސް ދޮގެވެ. އަހަރެން ތަޅުވަން ކުރާ ސަމާސާއެކެވެ. އޭގެ ތެދު ދޮގު ބަލާނީ އަހަރެން އަމިއްލައަކަށެވެ. ތެދުވެ ދުއްވައިގަތީމެވެ. ދެފައިގަ ހުރި ބާރެއްލާ އަހަންނަށް ދުވެވުނު ވަރެއްވެސް ނޭގެއެވެ.
ގޭތެރެއިން ފެނުނީ މޮޅިވެރިކަމާއި މާޔޫސްކަމެވެ. އެއްފަރާތެއްގައި އަހަރެން ބައްޕަވެސް ހުރިތަން ފެނުނެވެ. ބައްޕަ ކައިރީ ނިކަން ހަމަޖެހިލާ ގޮތް ދައްކަމުން ވެގެން އުޅޭގޮތް އަހާލި އިރު އަހަރެންގެ ހިތް ބާރަށް ރޮނީއެވެ. ބައްޕަވެސް ބުނީ ހަމަ އިނާ ބުނިގޮތަށެވެ. އަހަރެންގެ ދެފައިން ވާގިނެތޭހެން ހީވާންފެށިއެވެ. ދާނެ ދިމާއެއް ނޭނގި އާވާރާއެއްހެން އެގެއިން ނިކުމެގެން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ.
ލީމާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ލީމާ އަށް ބަޔަކު ކަމެއް ކުރީ ބާވައެވެ؟ އަހަރެންގެ ލީމާ ގައިގަ އެހެންމީހަކު އަތްވެސް ޖައްސައިގެންނުވާނެއެވެ. އެއީ ހަމަ އެކަނި އަހަރެންގެ މީހެކެވެ. ލީމާ އަހަރެން ހޯދާނަމެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް އަތްފުނާ އަޅައިގެންވިޔަސް ހޯދާނަމެވެ. ލީމާއަށް އަހަންނާ ވަކިން ނޭވާއެއްވެސް ނުލެވޭނެކަން އަހަންނަށް އެނގެއެވެ.
ލީމާއެވެ. އަވަހަށް ދެން ތިހުރި ތަނަކުން އަންނަން އުޅޭށެވެ. ތީ އަހަރެންގެ ހިތުގެ ތެޅުމެވެ. ތެޅުމާއި ނުލާ ހިތް ދިރި ހުންނާނެ ހެއްޔެވެ. އަހަރެން މަރުވެދާނެއެވެ. އަހަރެންގެ މިހިތަށް ބޭނުންވާ އޮކްސިޖަންއަކީ ތީއެވެ. އަހަރެންގެ ހިތް ނޭވާލިޔަދޭށެވެ. ތީ ކުރި ސަމާސާއެއް ނަމަ އަވަހަށް ތި ސަމާސާ ހުއްޓާލާށެވެ. އަހަރެންގެ ލޯބި އިމްތިހާނުކުރާ ކަމުގައި ވަނީ ނަމަ ތިގޮތަށް ކަން ނުކުރިޔަސް ތި އިމްތިހާން އަހަރެން ދީފާނަމެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި