ފުރަތަމަ ދުވަހު ނެގީ 20 ކޮތަޅު ކުންޏެވެ. ދެވަނަ ދުވަހު 30 ކޮތަޅެވެ. ތިންވަނަ ދުވަހުވެސް 30 ކޮތަޅެވެ. މި ކިޔަނީކީ އާދައިގެ ބާޒާރު ކޮތަޅުގެ ވާހަކައެއް ނޫނެވެ. އެންމެ ބޮޑެތި ސައިޒްގެ ޑަސްބިން ކޮތަޅުގެ ވާހަކައެވެ. ކުނިތައް ނެގީ މާލޭގައި މީހުން ހިތްހަމަޖައްސައިލުމަށް އާއްމުކޮށް ގޮސް އުޅޭ ސަރަހައްދުތަކުންނެވެ. ބޭނުމަކީ މާލެއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް “ބިދަބިން ބޮޑުބެރު” ގްރޫޕްގެ ފަރާތުންވެސް ހިއްސާއެއް ވުމެވެ.

“ބިދަބިން ބޮޑުބެރު” ގްރޫޕުން މިދިޔަ އޭޕްރީލް މަހު 17ވީ ހޮނިހިރު ދުވަހު ޖަމާޢަތަށް ޚިދުމަތްކުރާ ކެމްޕޭންގެ ދަށުން މާލެތެރެ ސާފުކުރުމުގެ ހަރަކާތެއް ފެށިއެވެ. އެގޮތުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިރުމަތީ ފަރާތުން އެ ދުވަހު 20 ކޮތަޅު ކުނި ނެގިއެވެ. ނަމަވެސް ދެވަނަ ދުވަހު ނުކުމެ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މި ރަމަޟާން މަހު ރަތްދަކަ އަވީގައި “ބިދަބިން” އިން ސާފުކުރި ސަރަހައްދު އޮތީ އަލުން ސާފުކުރަން ޖެހޭ ވަރަށް ކުނިއަޅައި ފުރާލާފައެވެ. އެހެން ނަމަވެސް މި ޒުވާނުން ހިތްވަރު އެލުވައެއް ނުލައެވެ. އޭޕްރީލް 24 ގައި 30 ކޮތަޅު ކުނި ނެގިއެވެ. ޖެހުނު ކޮންމެ ދިމާއަކަށް ކުނި ނުއެޅުމަށް އެ ގްރޫޕުން އިލްތިމާސްކުރިއެވެ. ނަމަވެސް މެއި 01 ވީ ހޮނިހިރު ދުވަހު ކުނި ނަގައި ސާފުކުރަން ނުކުތް އިރު ކަމަކުދާކަށް ނެތެވެ. ކުރީ ދުވަހު ސާފުކުރި ސަރަހައްދު އަނެއްކާވެސް އޮތީ ގޮނޑަކަށް ހަދައިލާފައެވެ. އެހެން ނަމަވެސް ބިދަބިންގެ ޒުވާނުންނަކީ ފިސާރި ޒުވާނުންކޮޅެއްކަން ސާބިތުކޮށްދީ 30 ކޮތަޅު ކުނި ނެގިއެވެ.

“ދެރަކަމަކީ ކުރިން ހަފުތާގަ ސާފުކުރި ހިސާބު މިހާރު އޮތީ ކުނިއަޅައި އަލުން ސާފުކުރަން ޖެހޭވަރު ވެފަ.” މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގެ މަޢުލޫމާތު މުނިއަވަސް އަށް ދެމުން ބިދަބިންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާސިމް (އާއްކޮ) ބުންޏެވެ.

“ބިދަބިންގެ އިންތިމާސް އަކީ އެންމެން އެކައްޗެއް ކިޔައި އަތުކުރި އޮޅާލައިގެން މި ރާއްޖެއަކީ ސާފުތަކެއްގެ ގޮތުގައި ބާއްވައި، ބަލިމަޑުކަމުން އަރައިގަތުމަށް ތަންތަން ސާފުކޮށް ބޭއްވުން.” މި ހަފުތާގައިވެސް ބިދަބިންގެ އިލްތިމާސް ތަކުރާރުކުރަމުން އާއްކޮ އެދުނެވެ.

އާނއެކެވެ. ބަލިމަޑުކަމުން އަރައިގަތުމަށްވެސް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަމެވެ. މާލެ އާއި މުޅި ރާއްޖެއަކީވެސް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ. ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.

ބިދަބިންގެ މި ހަރަކާތުގެ މަޤުޞަދަކީީ ބިދަބިންގެ ކުދިންގެ މެދުގައި ޤައުމާއި، ތިމާވެށްޓާއި ދޭޭތެރޭ ލޯބި އުފައްދައި، އެ ފަންނާނުންނަކީ ހަމައެކަނި މިއުޒިކު ކުޅޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލުމެވެ. މީގެ އިތުރުން ޒުވާން ފަންނާނުންނަކީ ޒިންމާދާރު، މި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.