ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ގިންތި ނުކޮށް އުފެއްދުންތައް އާންމު ނުކުރުމަށް އެމްބީސީން އެދިއްޖެ އެވެ. އެންބީސީން މިމަހުގެ 08 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް ކްލެސިފައި ނުކޮށް އުފެއްދުންތައް އާންމު ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެމްބީސީ ގެ ނޫސްބަޔާނުގައި ބުނީ ‘ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ގަވާއިދު’ ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކްލެސިފައިނުކޮށް އާންމު ކުރުމަކީ މަނާކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ. އެތަނުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ނުވަތަ ރާއްޖެ އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފިލްމާއި، ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިޝްތިހާރު، ފިލްމު، އަދަބިއްޔާތު، ރިކޯޑް ކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އަކީ ވެސް ވަކި ގިންތިއެއް ކަނޑައަޅަން ޖެހޭ އުފެއްދުންތަކެއް ކަމަށެވެ.

އެމްބީސީ ގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ “އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ދިވެހިންގެ އާދަކާދަ އާއި އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ފޭރާންހެޔޮ އުފެއްދުންތަކަކަށް ހެދުމަކީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މަސްއޫލިއްޔަތެއް،” ކަމަށެވެ.

ކްލެސިފައި ކުރަންޖެހޭ އުފެއްދުން ތަކުގެ ތެރޭގައި ހިމެނެނީ ފިލްމް، ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިސްތިހާރު ފިލްމް، އަދަބިއްޔާތު، ރިކޯޑްކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.