ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ނެރެމުން އަންނަ މަދަހަ ސީރީޒްގެ ހަތަރުވަނަ އަލްބަމް ރިލީޒްކޮށްފިއެވެ. މި ސިލްސިލާގެ ހަތަރު ވަނަ އަލްބަމް “ހިދާއީ ނޫރު 4” ނެރެދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲއެވެ.

އަދުގެ ހާލަތަށް ބަލައި، ބޭއްވި ކުޑަކުޑަ ރައްމިއްޔާތެއްގައި މި އަލްބަމް ނެރެދެއްްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މަދަހަ އާއި ޅެމުގެ ޒަރީއާއިން ކީރިތި ރަސޫލާއަށް ހަމްދާއި ޘަނާ ކިއުމާއި އަދި ހެޔޮ ނަސޭހަތްތައް ބުނެދިނުމުން މީހުންނަށް ފަސޭހައިން ފަހުމްވާ ކަމަށާއި، މުސްތަގްބަލުގައި ވެސް ޝަލަބީގެ ފަރާތުން އިތުރު ރީތި މަދަހަތަކެއް އަޑުއިވި އަދި އެހެން ކުދިންނަށް ބުނެދީ ކިޔަވައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން ކީރިތި ޤުރުއާންވެސް ވަރަށް ރީތިކޮށް ޝަލަބީ ކިޔަވާތީ އެކަމުގައިވެސް ގިނަ ކުދިންތަކަކަށް އުނގަންނައި ދިނުމުގެ މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

“މިފަހަރުގެ އަލްބަމްގައި ކުރީގެ މަދަހަ ކިޔުންތެރިންނަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން އެ ފަރާތްތަކުން ކިޔާފައިވާ މަދަހަ ހިމަނާފައި ވާނެ. އެގޮތުން ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ)ގެ ‘ރޯދައޭ ރޯދައޭ’، ‘އެމުނޭށިއޭ’ މުޙައްމަދު ތަޢުފީޤް (ހާޖަރާ ތަޢުފީޤް)ގެ ‘އޭ ސާހިބާ’ އާއި ޝިފްނާގެ ‘އީމާނޭ ހިތުގާ’ ހިމެނޭނެ.” ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ ’ސައްޕެ‘ މުނިއަވަސް އަށް ބުންޏެވެ.

“ހިދާއީ ނޫރު 4” ރެކޯޑުކުރީ ކ. ގާފަރުގައި ހުންނަ ނިހާން ސްޓޫޑިއޯގައެވެ. މި ފަހަރުގެ މަދަހަ އަލްބަމުގައި ކުރިން މަދަހަ ކިއުމުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނަށް ހާއްސަކޮށްގެން އެބޭފުޅުންގެ މަދަހަތަކެއް ޝަލަބީގެ އަޑުން ގެނެސްދީފައިވެއެވެ.

“ހިދާއީ ނޫރު 4″ގައި އަމިއްލަ ރާގުގެ މަދަހަތަކާއި އަދި ޝަލަބީއާއި އެކު އަބްދުﷲ ފަރީދު އާއި ނިހާން ބައިވެރިވެފައިވެއެވެ. މަދަހަ ރެކޯޑުކުރުމާއި އެހެނިހެން ކަންކަމުގައި ވެސް މި ދެފަރާތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ޝުކުރުވެރި ކަމާއެކު ޝަލަބީ ފާހަގަކުރިއެވެ.

މި ފަހަރުގެ މަދަހަ އަލްބަމު ނެރުމުގައި “އަރިސް ބޮޑުބެރު ގުރޫޕު”ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށްވެސް ޝަފީޤް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.