’ރިޓްޒް ލިރިކްސް‘ އިން ލިޔެފައިވާ ނުހަނު ރޮމޭންޓިކް ލަވައެއް ކަމަށްވާ “ތި ލޯބި ހޫރު”ގެ ވީޑިއޯ ލަވައެއް ނެރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝަމްވީލް މުހައްމަދު (ބަރޯ) ބުނެފިއެވެ. މިއީ ބަރޯ އާއި އާމިނަތު ރާޔާގެ ހިތްގައިމު އަޑުން، ނުހަނު ސަޅިކޮށް ކިޔައި ރާޔާގެ އުފަންދުވަހާ ދިމާކޮށް މިދިޔަ މާރިޗް މަހު އޯޑިއޯ ނެރުނު ލަވައެކެވެ.

“މި ލަަވަ ހިތްގައިމުވެގެން ވިޝާލް އާމިރު ލަވަ މި ނެގީ. ލަވަ ޑައިރެކްކުރީ ޔާމިން ޒަކީ.” “ތި ލޯބި ހޫރު”ގެ ވީޑިއޯ ލަވައާއި ބެހޭ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޝަމްވީލް ބުންޏެވެ. ހަމަ ގައިމުވެސް މި ލަވައިގެ ވީޑިއޯ ޗާލުވެފައި ލޯބިވާނެ ވަރު މިލަވައިގެ ވީޑިއޯޯ ތައްޔާރުކުރާ ހުނަރުވެރި ޒުވާން އާޓިސްޓުންގެ ނަން ބުނެލުމުންވެސް އެނގިއްޖެއެވެ. ވިޝާލް އާމިރު އާއި ޔާމިން ޒަކީގެ ނަން ބުނެލުމުންވެސް އިތުރު ތަޢާރަފެއް ބޭނުމެއް ނުވެއެވެ.

“ލަވައިގަ އުޅެނީ ޝަމާނާ އަދި އާ މޫނެއް ކަމަށްވާ އަދުހަމް.” ވީޑިއޯއިން ފެނިގެންްދާނެ ‘ލޯބި ހޫރަކީ’ ހަމަ ގައިމުވެސް ހިތްގައިމު މޫނެކެވެ. އަލަށް ތަޢާރަފުކުރާ އަދުހަމްގެ އެކްޓިންވެސް އެއްމެ ތަންފުކެއް ދޫނުކުރާނެކަން އެނގެނީވެސް ވީޑިއޯ ތައްޔާރުކުރާ އާޓިސްޓުންނަށް ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ.

“ވަރަށް ބައިވަރު މީހުންގެ އެހީތެރިކަން މި ވީޑިއޯ ލަވަ ހެދުމަށް އެކި ގޮތްގޮތުން ލިބުނު. މޭކަޕް އަދި ހެއަރ ސްޓައިލް ހެދީ އިބްނާ ނާސިރު. ދެން ޚާއްޞަ ޝުކުރެއް ބޮކިޓޯސް، ހައިކަލް، ޒިމާމް، ފުބޫ، ލުބޫ، ފައުޑީ، އެލީޝާ މެންނަށް ޚާއްޞަކޮށް. އަދި މި ލަވައަށް ސްޕޮންސަރ ދެއްވި ‘ފަންކް’، ‘ޕްރިންސަސް’، ‘ރާނީ ސަފާރީ’ އަދި ‘އެލުއަރ ކްލޯސެޓް’ އަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް.” ޝަމްވީލްގެ ލޯބި ހޫރުގެ ވީޑިއޯގައި އެހީތެރިވެދިން ފަރާތްތައް ފާހަގަކުރަމުން ބުންޏެވެ.

“މި ލަވަ ހެދުމަށް ވިޝާލް ވަރަށް ވަރަށް އެހީތެރިވި.”

“ތި ލޯބި ހޫރު”ގެ އޯޑިއޯ ލަވައިގެ މަސައްކަތްތަކަށް ބަލާލާއިރު، މިއުޒިކް ކޮމްޕޯސްކުރީ މި ފަންނުގެ ހުނަރުވެރިޔާ ޙުސައިން ތަޢުފީޤް އެވެ.

މި ލަވަ އަޑުއަހާފައި ♩♪♫♬ އައްޗަ ތި ލޯބިލޯބި ހޫރު، ރާނީ ތީ ހިތްއެދޭ، ތިޔަ ހޫރު އެދޭ ދުނިޔޭން ހަމަ ލޯބި ހިތުން އެދެވޭނޭ ♩♪♫♬ އޭ ކިޔައިނުލައި ނުހުރެވޭނެކަން ޔަޤީނެވެ. ވީޑިއޯ ބަލަން ކެތްތެރިކަން ކޮޅުންނުލާވަރެއް ނޫނެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.