ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު އެއް މަދަހަ ކަމަށްވާ “އިތުރު ރަސޫލާ ފާޅުވި ޠާހާ” މަދަހައިގެ ކަވަރއެއް، ރާއްޖޭގައި މިވަގުތު ތިބި އެންމެ ނަން ހިނގާ ޒުވާން ދެ ފަންނާނުން ކަމަށްވާ ޖޫނީ ޖިނާހް އާއި އައިނީ ރިޟްވާން އާއެކު، އުއްމީދީ ލަވަކިޔުންތެރިޔާ ލައިބާ އަޙްމަދު މަހުލޫފް (އެލީ) ކިޔައި އާއްމުކޮށްފިއެވެ.

“އިތުރު ރަސޫލާ” މަދަހައިގެ ވީޑިއޯ ނަގާފައިވަނީ ރަސްރަނި ބަގީޗާގައެވެ. މި ވީޑިއޯއިން ޖޫނީ، އައިނީ އަދި ލައިބާ ވެސް ފެނިގެންދެއެވެ. މި ތިން ފަންނާނުންގެ އަޑު މަދަހައިން އިވިގެންދާއިރު، ބެކް ވޯކަލްސް އިން އިވިގެންދަނީ މިނިސްޓަރ އޮފް ޔޫތު އަޙްމަދު މަހްލޫފުގެ އަނބިކަނބަލުން އަދި އެލީގެ މަންމަ ނަޒްރާ ނަސީމްގެ އަޑެވެ.

“އިތުރު ރަސޫލާ” މަދަހަ އަކީ ކ. ކާށިދޫއަށް ނިސްބަތްވާ އިސްމާޢީލް މޫސާ އާއި ޢީސާ މޫސާ މީގެ އެތަކެއް އަހަރެއް ކުރިން ކިޔާފައިވާ މަދަހައެކެވެ. މަދަހައިގެ ޅެން ހެއްދެވީ ކާށިދޫ ޢަލީ ރިޒާ އެވެ.

އެލީ އާއި ޖޫނީ އަދި އައިނީގެ މި ކަވަރ މަދަހައިގެ ރެކޯޑިން އާއި މިކްސިން އަދި މާސްޓަރިން ހެދީ އިބްރާހިމް ޒައިދު ޢަލީ (ކުޑަ) އިއްބެގެ ސްޓޫޑިއޯ ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ގައެވެ. މަދަހައިގެ ވީޑީއޯއަށް މަންޒަރުތައް ނަގައި ޕޯސްޓްޕްރޮޑަކްޝަން ހެދީ ‘ލައިޓްސްއައުޓް ސްޓޫޑީއޯ’އިންނެވެ.

މީގެ ދެމަސް ދުވަސްކުރިން، އެލީ އާއި ހަމޫދު އަހްމަދު ކިޔާފައިވާ “ހަނގާ’ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.