ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަކީ އަބަދުވެސް ދިވެހިންގެ ހިތްތަކުގައި އެބަޔަކަށް ލޯތްބާއި ހަމަދަރުދީ ލިބިފައިވާ ބައެކެވެ. އެކަން ދިވެހީންގެ ކުދިބޮޑު އެންމެން އަބަދުވެސް އަންނަނީ ދައްކަމުންނެވެ. ވަކީން ޚާއްޞަކޮށް، އިޒްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން، ފަލަސްޠީލުގެ ލޮބުވެތި މުސްލިމުންނަށް ދެމުން އަންނަ ޢުދުވާނުތައް ދިވެހީން އަބަދުވެސް ކުށްވެރިކުރެއެވެ.

ވޭތުވެދިޔަ ރަމަޟާން މަހަކީ ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނަށް ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް ލިބި އެތަކެެއް ބަޔަކު ޝަހީދުވެ ޒަޚަމްވެގެން ދިޔަ މަހެކެވެ. މިއީކީ އިއްޔެއަކު، އަދަކު އެކަނި ހިނގަމުން އަންނަ ކަމެއް ނޫނެވެ. ކޮންމެ ރަމަޟާން މަހަކީ ފަލަސްޠީނުގެ މުސްލިމުންނަށް އިޒުރޭލުން ދެމުންދާ އަނިޔާތައް ހައްދުފަހަނައަޅާ ދުވަސްވަރެކެވެ.

ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނަށް ދެމުން އަންނަ ޢުދުވާނުތައް ކުށްވެރިކުރަމުން، ފަލަސްޠީނާއެކު ދިވެހީން ތިބިކަން ދައްކުވައިދިނުމަށް ޝާޢިރުންނާއި ލަވަކިޔުންތެރިން ވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަޝްހޫރު މިއުޒީޝަން އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯއިން އުފައްދައި އާއްމުކޮށްފައިވާ “އޭ ލޯބިވާ ލޮބުވެތި ފަލަސްޠީނީން” ލަވައަކީ ފާހަގަކޮށްލެވޭ ލަވައެކެވެ.

ލަވައިގެ މިއުޒިކާއި ރާގު ހިތްގައިމެވެ. ރާގު އުފެއްދީ ޢަބްދުﷲ ރަޝީދު އެވެ. ޅެންވެރިއަކީ މަޝްހޫރު ޝާއިރު އާދަމް ނަޞީރު އިބްރާހީމް އެވެ. ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ކުޑަ އިއްބެ އެވެ. ވީޑިއޯ އުފައްދައި ލަވަ ރިލީޒްކޮށްފައިވަނީ ޕީއެސްއެމްގެ ޓެލެވިޛަން މޯލްޑިވްސް އިންނެވެ.

ލަވައިގެ އަޑުގެވެރީންނަކީ މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިންތަކެއްގެ އިތުރުން، މިވަގުތު ރާއްޖޭގައި ތިބި އުމުރުން 16 އަހަރުން ދަށުގެ ލަވަކިޔުންތެރިންގެ ތެރޭގައި ވިދާލާ ކުދިންކޮޅެކެވެ. އެގޮތުން ސީނިއާ ލަވަކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)، އަޝްފާ، ކުޑަ އިއްބެ، ރާފިޔަތު ރަމީޒާގެ އިތުރުން ޢަބްދުﷲ ރަޝީދު ހިމެނެއެވެ. ލަވައިން އިވިގެންދާ ޖޫނިއާ އާޓިސްޓުންގެ ތެރޭގައި ޖޫނީ ޖިނާހް، އައިނީ ރިޟްވާން، އާމިނަތު ރާޔާ އަޝްރަފް، ޒާޔާ ޝަހީމް، މަރްޔަމ ްޝައުޝަތު، ޒުވައިލް ޢަލީ ޠާރިޤް، ޒަވްްޤް ޢަލީ ޠާރިޤްގެ އިތުރުން ލައިބާ އަޙްމަދު މަހުލޫފް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.