ޒަމާންގަނޑެއް ކޮށްފައި އަަހަަރެންގެ މަދަރުސީ ދައުރުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭނާ އަކީ ހިއުމަން ސައިކޮލޮޖީން މާސްޓަރޒް ހަދާފައި ހުރި މީހެކެވެ. އަތަަކެއް ދުވަހެއް ފަހުން ދިމާވުމުން އަނގަތަޅާ މަޖާކޮށްލަން ދިޔައީ ކައިރީގައި ހުރި ކެފޭއަކަށެވެ. ކެފޭގައި ހަމަޖެހިލައި ކޮފީގެންނަން ބުނަމުން އަހަރެންގެ ރަހުމަތްތެރިޔާ ވާހަކަދައްކަން ފެށިއެވެ.

“ކޮބާ ބަޝީރު ދިރިއުޅުމަށް މިހާރު ކޮންްކަމެއް ކުރަނީ؟” އަހަރެންގެ ރަހުމަަތްތެރިޔާ އަހައިލިއެވެ.

“އަހަަރެން މީ ބޭންކެއްގެ އެކައުންޓެންޓެއް.” އަތުގައި އޮތް ފޯނު ބާއްވައި، ހަމަޖެހިލަމުން އަހަރެން ބުނީމެވެ.

“އަނބިމީހާ ކުރަނީ ކޮންކަމެއް؟” ރަހުމަތްތެރިޔާ އެހިއެވެ.

“އޭނަދޯ! އޭނަ ޖޮބެއްގައެއްނޫން. އެއީ ހަމައެކަނި ހައުސްވައިފެއް!” އަހަރެން ޖަވާބުދިނީމެވެ. “އޭނަ އިންނާނީ ގޭގަ. އަހަރެން ދުވާލުދާ ހަަތަރުދަމު މަސައްކަތްކޮށްގެން ލާރި ހޯދަން މި ގަނަތެޅެނީ. ބެންކް ޖޮބުގެ އިތުރުން ރެސްޓޯޯރެންޓެއްގެ ކައުންޓަރުގަވެސް އިންނަން ރޭނގަޑު.”

“އެހެން ވެއްޖެއްޔާ ތި ގޭ އެންމެނަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރަނީ ކާކު؟” ރަހުމަތްތެރިޔާ އެހި ސުވާލުން އަހަރެންް ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

“އަގީލް ދައްކާ ވާހަކަދޯ! އެކަން ކުރާނީ މަގޭ އަންހެނުންނެއްނު. އޭނައަކީ ޖޮބެއްގަ އުޅޭ މީހެއް ނޫންވިއްޔަ. އެހެންވީމަ އެކަން ކުރާނީ އޭނަދޯ!” ދޯ ދެމުން އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.

“އެންމެ ރަނގަޅު. ހެނދުނުގެ ސައި ތައްޔާރުކުރަން ކިހާއިރަކު އަންހެނުން ހޭލާ؟” އަގީލްގެ ސުވާލުތައް ހުސްވާން އުޅޭހެނެއް ހިއެއް ނުވެއެވެ. މައްސަލައެއް ނެތެވެ. އަގީލު ސުވާލުކުރިވަރަކަށް އަހަރެން މި އިނީ ޖަވާބުދޭށެވެ.

“އައްދެ، އޭނަ ހިއްލާލާނެ ފަތިސްނަަމާދަށް. ތެދުވެ ނަމާދުކޮށްގެން ދަރިންނަށް ގޮވައި އެކުދިން ލައްވައިވެސް ނަމާދުކުރުވާފަ ގޭތެރެއާ ބަދިގެ ތެރެ ފޮޅާ ސާފުކޮށްފަ ދެން ފަށާނީ ސައި ތައްޔާާރުކުރަން.” އަހަރެން ވަރަށް ފޮނިވެލަމުން ބުނީމެވެ.

“އެހެންދޯ! އެހެން ވިއްޔާ ދަރިންކޮޅު ސްްކޫލަށް ދަނީ ކިހިނެއް؟”

“އެކުދިން ސްކޫލަށްދާން ތައްޔާރުކޮށް، އިންޓަވަލްވެެސް ތައްޔާރުކޮށްފަ ސްކޫލަށް ގެންދާނީ އަންހެނުން، އޭނައަކީ ޖޮބަކަށް ނުގޮސް ގޭގަ ހުންނަ މީހެއްވީމަ އެކަން ކުރާނީވެސް އޭނަ ދޯ!” އަހަރެން ބުނީމެވެ.

“ކުދިންކޮޅު ސްކޫލަށް ގެންގޮސްފަ، އެއަށްފަހު އަންހެނުން ކުރަނީ ކޮންްކަމެއް؟” ރަހުމަތްތެރިޔާ ސުވާލުކުރިއެވެ.

“އޭނަ ދެން ދާނީ ފިހާރަތަކަށް، ގެއަށް ބޭނުންވާ ތަކެތި ގަނެލައިގެން ގެއަށް ގޮސް، ގޭގެ ގޯތިތެރެ ކުނިކަހާފަ، އެއްޗެހި ދޮންނަން ފަށާފަ ދެން އުޅޭނީ ކައްކަން. އެނގެއެއްނު، އޭނައަކީ ޖޮބަށްދާ މީހެއް ނޫނޭ.” އަހަރެން ބުނީމެވެ.

“އެންމެ ރަނގަޅު، ކަލޭ ރަސްމީގަޑި ނިމިގެން ގެއަށް ގޮސް ކުރަނީ ކޮން ކަމެއް؟” ރަހުމަތްތެރިޔާގެ ސުވާލު މިފަހު އަމާޒުކުރީ އަހަންނަށެވެ.

“ރެސްޓްކޮށްލަނީ، މުޅި ދުވަހު ހަތަރުދަމު ޖޮބުގަ އުޅެފަ ގެއަށް ވަދެވޭއިރު ހުންނަނީ ވަރުބަލިވެގެން ގޮސް ހަނާވާން ކައިރިވެފަ.” އަހަރެން ބުނީމެވެ.

“އެ ގަޑީގަ އަނބިމީހާ ކީއްކުރަނީ؟”

“ދަރިންގެ ކަންތައްތައް ހަމަޖައްސާފަ އަނެއްކާވެސް ރޭގަނޑުގެ ކޮއްތު ތައްޔާރުކުރަން އުޅޭނެ. އެހެން އުޅޭޢިރު ތެލިތަށި ދޮވުމާ، ގޭތެރެ ފޮޅާ ހަދާނެ. އިރު އޮއްސުނީމަ ދަރިންނަށް ކާންދީފަ، ފިލާވަޅުތައް ހައްދާފަ ފިލާވަޅު ކިޔުއްވާފަ ދަރިން ނިންދަވާނެ.” އެއް ފައްޗަކަށް އަހަރެން އަމުނާލީމެވެ.

“އެހެންތަ؟ އެހެންވެއްޖެއްޔާ އަޅެ ކަލޭގެ ތިހިރަ ވިސްނޭ ސިކުނޑިން ވިސްނާލާފަ ބުނެބަލަ، ކާކަށްތޯ މަސައްކަތްކުރެވެނީ؟ ކާކަށްތޯ ބުރަވާނީ؟ ގޭގައި ތިބޭ އަނބިންނާ އަންހެންވެރިންގެ ދުވަސް ފެށެނީ ފަތިހާ، އެ ފެށޭގޮތަށް ދަންވަންދެން އުޅެނީ މަސައްކަތުގަ. އެވަރުންވެސް ކަލޭ ތި ބުނަނީ އަންހެނުން އެއްވެސް މަސައްކަތެއް ނުކުރޭ!”

އާނއެކެވެ. ހައުސްވައިފަކަށް ނުވަތަ ގޭގައި ހުންނަ އަންބަކަށް ވުމަށްޓަކައި މަތީ ތަޢުލީމީ ފާހެއް ބޭނުމެއްނުވެއެވެ. މަތީ މަޤާމެއްވެސް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އެމީހުން އަދާކުރާ ރޯލަކީ އާއިލާއެއް ބިނާކުރުމުގާ އަދާކުރެވޭނެ އެންމެ މުހިންމު ރޯލެވެ.

އަނބިން އަދާކުރާ ބުރަ އަދި މުހިންމު މަސްޢޫލިއްޔަތުގެ އަގުވަޒަންކުރާށެވެ. ސަބަބަކީ، އެމީހުން އެ ވަމުންދާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ ޤުރުބާނީއެކެވެ. މި ކިޔައިދިން ވާހަކައަކީ އަންހެންވެރިން އަދާކުރަމުން އަންނަ ބުރަ ވަޒީފާގެ މަސްޢޫލިއްޔަތު ހަނދާންކޮށްދޭނެ ވާހަކައެކެވެ.

އަނބިން ނުވަތަ ކަނބަލުން ހިމޭނުން ތިބޭ ވަގުތަކީ އެ ކަނބަލުންގެ ސިކުނޑިތަކުން އެތައް ކަމެއް ރާވައި ވިލަރެސްކުރަމުން އަންނަ ވަގުތެކެވެ.

ކަނބަލުން، އަހަރުމެން ފިރިންގެ މޫނަށް ލޯބިން އެ ބަލައިލާ ވަގުތު، އެ ކަނބަލުންގެ ހިތުގައި ދައުރުވަމުންދާ ސުވާލަކީ، “އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް އަހަރެން މި ކުރާ މަސައްކަތުގެ އަގު، ފިރިމީހާ ވަޒަންނުކުރިޔަސް އަހަރެންގެ ފިރިމީހާދެކެ އެހާ ބޮޑަށް ލޯބި މިވަނީ ކީއްވެގެންހެއްޔެވެ؟” މިހެންނެވެ.

އަހަރެން ތިބާއާ އެކުގައި އަބަދުމެ ހުންނާނަމޭ އެ ކަނބަަލުން ބުނެލާފައި ނިންމައިލަނީކީ ނޫނެވެ. އަހަރުމެން ފިރިންނާއެކުގައި އެ ކަނބަލުން ތިބެނީ ކައިރީގައި ބަހައްޓާފައި ހުންނަ ހިލަގަނޑެއްހާ ސާބިތުކޮށޭޥެ.

އަނބިންގެ ހިތުގައި ނުޖައްސާށެވެ. ކަމަކުން ކަމަކާ ނުލައި އެ ކަނބަލުންނަށް ޝައްކުނުކުރާށެވެ. އަނބިން އަދާކުރާ ވަޒީފާގެ އަގުވަޒަންކުރާށެވެ.

 

މަސްދަރު: ސްޓޯރީޒޯން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.