ބޯކިރު ފޮދެއްހައި ހުދު، އެދޮންވެލި ރީތި އަތިރިމަތީ ހަނދުވަރުގެ ނަލަ އަލީގައި އޭޝާ އިށީންދެލައިގެން އިންއިރު ހީވަނީ ވަކި ޙާއްސަ މީހެއްގެ އިންތިޒާރުގައި އިންހެނެވެ. ހަނދު އޭގެ ފުރިހަމަ އަލީގައި އޭގެ ވާޖިބު އަދާކުރަމުންދެއެވެ. މުޅި ދުނިޔެއަށް އަލި ފޮނުވަމުންނެވެ. ނަމަވެސް ފުސްވެފައިވާ އޭޝާގެ ހިތަކަށް ހަނދުވަރުގެ އަލިކަމެއް ނުފޯރިއެވެ. އެރީތި ހަނދުވަރުމަތީ އޭޝާ އިނީ ރޯށެވެ. އެތަން ހަނދުވެސް ދެކޭނެއެވެ.

‘އޭޝާ ދެން ސާބަސް.’ އައިންތު ހައިރާންވެލާފައި ބުންޏެވެ. ނަމަވެސް އައިންތުގެ އެހިތްވަރުން އޭޝާގެ ރުއިންވީ އިތުރެވެ. އެވަގުތު އައިންތު ވަރަށް ދެރަވިއެވެ. އައިންތުއަކީ އޭޝާގެ އެންމެ ގާތް އެކުވެރިޔާއެވެ. ގުރޭޑް އެކެއްގައި އުޅުނު އިރުއްސުރެ، ކިޔަވައި ނިމެންދެން އެއް ކުލާހެއްގައި އުޅުނު އޭޝާގެ އެންމެ ގާތް އުޚްތާވެސްމެއެވެ. އަދި ކިޔަވައި ނިމުމުންވެސް ތަޤުދީރު އެ ދެރަޙްމަތްތެރިން ވައްކެތް ނުކުރިއެވެ. އެގޮތުން އޭޝާއާއި އައިންތުގެ އެކުވެރިކަން އިތުރަށް ބަދަހިވީ، ދެ މީހުންނަށްވެސް އެއްތާކުން ވަޒީފާ އަދާކުރާނޭ ފުރުޞަތު ލިބުމުންނެވެ.

އޭޝާއާޢި އައިންތަކީ އެރަށު ސުކޫލުގެ ދެ މުދައްރިސުންނެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި ޤަދަރު ލިބިފައިވާ ކުޅަދާނަ ދެ އެދުރުންނެވެ. ދެމީހުންވެސް ކުރަނީ އެއް މަސައްކަތެކެވެ. މިހެންކަމުން މި ދެ ރަޙްމަތްތެރިންގެ ގުޅުން ދުވަހެއް ދުވަހަކަށްވުރެ ބޮޑަށް ދިޔައީ އިތުރުވަމުންނެވެ.

”އޭޝާ ނުރޮއެ.. ދުނިޔޭގައި އުޅޭއިރު ތިކަހަލަކަންތައްތަކާ ދިމާވާނެ. އެކަމަކު ކެތްތެރިވުން އެއީ އޮތްކަމެއްނު! އަހަރެން…… ” އައިންތުގެ ޖުމްލަ ފުރިހަމައެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އައިންތުއށް އޭޝާ ވާނެ ދެރަ އިޙްސާސްކުރެވުނެވެ. އެވަގުތު އޭޝާ އޭނާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. އަދި އައިންތުގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އޭޝާ ހިތުން، ބޭނުންވީ އޭނާ ދެރަނުވާކަން އައިންތުއަށް އަންގައިދޭށެވެ.

އޭޝާއަކީ އުމުރުން 18 އަހަރުގެ މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ތުއްތުއްތު ކުދިންތަކެއްގެ މުދައްރިސާއެކެވެ. މަދަރަސާ ހުރިހާ ދަރިވަރުންވެސް އެ މުދައްރިސަކަށް އިންތިޒާރު ކުރާހާ، އެކުދިންނަށް އަޅާލާ ހިތްހެޔޮ އެދުރެކެވެ. އެދުވަސްވަރު ބެލެނިވެރިންގެ ތެރޭގައި އޭޝާ ވަނީ ޙާއްސަކުރެވިފައެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ.

އޭޝާ މެން އެ މަދަރަސާގައި މަސައްކަތް ކުރަންފެށި އިރު، އެމަދަރަސާގައި ކިޔަވައިދިނުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ނުހިނގައެވެ. ނަމަވެސް އެގޮތް އޭޝާ އަކަށް ކަމަކު ނުދިޔައެވެ. ކުޑައިރުއްސުރެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ އޭޝާ ބޭނުންވީ ކިޔަވައި ނިމިގެންވެސް، އެފަދަ ކަންކަމުގައި އުޅޭށެވެ. އެކަމަކު ކިޔަވައި ނިމުމުން ސުކޫލު މުބާރާތެއްގައި އޭޝާ އަކަށް ބައިވެރިއެއް ނުވެވޭނެއެވެ. ސަބަބަކީ ކިޔަވާ ކުއްޖަކަށް ނުވިކަމެވެ. އެހެނަސް އެއީ ގޮތްހުސްވީ ކަމުގައި އޭޝާ ނުދެކެއެވެ. ފަހުން އޭޝާގެ އަޒުމަކަށްވީ އިތުރު ހަރަކާތްތައް ރާވާ ހިންގުމެވެ.

އެހެންކަމުން އެއަޒުމުގައި ހުރެ އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ކުރިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ސުކޫލުގެ އިސްވެރިންނާއި މުދައްރިސުން، ބެލެނިވެރިންނާއި ދަރިވަރުންގެ ކުރިމަތީގައި އޭޝާގެ ނަން އެތައް ދަރަޖައަކަށް އުފުލިގެން ދިޔުމެވެ. އޭޝާގެ ހުނަރު އޭނާ ކިތަމެ ރަނގަޅަކަށްވެސް ދައްކުވައިދިނެވެ.

އޭޝާ ޤަބޫލުކުރާގޮތުގައި އޭނާގެ ވަޒީފާއަކީ، އޭނާގެ ދިރިއުޅުމުގެ ބޮޑުބައެވެ. ނަމަވެސް އެބޮޑުބައިގައި އަދި ބާކީ ކުޑަބައެއްވެސް އޮންނާނެތާއެވެ؟ ޚާއްސަކޮށް އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއްގެ ހިތުގެ ޒުވާންކަމެވެ.

އެރޭ އޭޝާ އާއި އައިންތު އެދޮންވެލި އަތިރިމަތިން އައި އިރު އެގާރަވެސް ޖަހައި ބޮޑު ވެއްޖެއެވެ. އެރޭ އެވަގުތު، އޭޝާގެ މަންމަގެ ސުވާލަކާ ނުލާ އޭނާއަށް ސަލާމަތްވެވުނީ ހީވެސް ނުކުރާހާ ފަސޭހަކޮށޭވެ. އޭޝާ ގެއަށް ލައިދިނުމަށް ފަހު އައިންތުވެސް ދިޔައީ ގެއަށެވެ. ދުވަސްވަރަކީ ސުކޫލު ހުޅުވިފައިވާ ދުވަސްވަރުކަމުން އޭޝާ އަވަސްވެގަތީ ނިދާށެވެ. ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއްނައެވެ. ހީވަނީ ނިދިވެސް އޭނާއަށް ލަނޑުދީ ފިލައިގެން ދިޔައީހެނެވެ.

އޭޝާ އެނދުގައި އޮށޯތުމާއެކު ރޯންފެށިއެވެ. އޭނާގެ ނިކަމެތިކަން ހިތަށް ވަނުމާއެކު އޭނާގެ ދެރަކަން އަމިއްލައަށް ޤަބޫލުކުރިއެވެ. ރާއްޖެތެރޭ ކަޓު ކުއްޖެއްކަން ހިތަށް އިޙްސާސް ކުރެވުނެވެ. އެހަނދާންތައް ވަށާލުމާއެކު އޭޝާގެ މާޒީގެ ސޮފްޙާތައް އުކެންފެށިއެވެ. އެމާޒީވި ލޯބި ފެށުނުގޮތެވެ. އަދި ނިމުން އައި ހިތިގޮތްވެސް މެއެވެ.

ރެއަކީ ކަޅުފޮއެ އަނދިރި ރެއެކެވެ. އުޑުގައިވާ ރީތި ތަރިތައް ވަނީ ކަޅުފުސް ބޯ ވިލާތަކުން ފޮރުވާލާފައެވެ. ހީވަނީ ދެންމެދެންމެ ވާރޭ އޮއްސައިގެންފާނެހެންނެވެ. އޭޝާ ތައްޔާރުވަމުން ދިޔައީ ސުކޫލުގައި އޮތް ޕީ.ޓީ.އޭގެ ބައްދަލްވުމަކަށް ދާށެވެ. އަވަސްއަވަހަށް ކުޑައެއް ނަގައިގެން ގެއިން ނިކުމެ އޭޝާ ދުނިޔެއަށް ބަލާލިއެވެ. މުޅިދުނިޔެ ވަނީ ބައްދާލާފައެވެ. ނަމަވެސް އަދި ވާރޭ ވެހޭކަށް ނުފަށައެވެ. އެހެންވެ ކުޑަ މަޅާލުމަށްފަހު ސުކޫލަށް ދިއުމަށްޓަކައި އޭޝާ މިސްރާބުޖެހިއެވެ. އެރޭ ގަޑިޖެހުމުގެ ކުރިން އޭޝާ ސުކޫލުދޮށަށް ހިނގައްޖެއެވެ. އަދި ގަޑިން 8:30 ވުމުން ޖަލްސާވެސް ފަށާފިއެވެ. ވިއްސާރަ ފާޑަކަށް އޮތް ރެއެއްކަމުން ޖަލްސާ ދިގުދައްމާކަށް ޕްރިންސިޕަލް ބޭނުމެއްނުވިއެވެ. އެހެންވެ 9 ޖަހާ އެހާކަންހައި އިރު ޖަލްސާ ނިމިއްޖެއެވެ.

ޖަލްސާ ނިމުމުން އޭޝާއާއި އައިންތު އެމީހުންގެ ވާހަކައިގައި ޖެހުނެވެ. އަދި ދެމީހުން ވާހަކަ ދައްކަން ތިއްބާ ވާރޭ ކަނިޖަހަން ފަށަފިއެވެ. އޭޝާ އަވަސްވެގަތީ ވާހަކަ މެދުކަނޑާލުމަށް ފަހު ގެއަށް ދާށެވެ.

“އޭ އައިންތު ވާރޭ އަންނަން އެފެށީ… ހިނގާދަމާ ދޯ؟ ނޫނީ ވާރޭ ގަނޑު ދަށުލާފާނެ”. މިހެން ބުނުމަށް ފަހު އޭޝާ ގެއަށް ދާން ނިކުތެވެ. އެވަގުތު އައިންތު އޭޝާއަށް ގޮވާލިއެވެ.

“އޭ އެކަނިދާން ކެރޭތަ؟” އޭޝާ ބޯޖަހާލަމުން ބުންޏެވެ.”

ހޫ ދެންދާނީއެއްނު.. އައިންތުވެސް އެކަންޏެއްނު ތިހުރީ. އޯކޭވާނެ. އަދި މާ ދަމެއް ނުވޭތާ. ދަނީ އިނގޭ” މިހެންބުނެ ހިނގައިގަތެވެ. އައިންތުވެސް “ގުޑްނައިޓް” މިހެން ބުނެ ގެއަށް ދާން ނައްޓާލިއެވެ. ދެމީހުންގެ ގެ މާދުރު ނޫނަސް، ރަށުގެ ދެފަރާތުގެ ހުންނާތީ ދެމީހުންދާންޖެހުނީ ދެކޮޅަށެވެ.

އޭޝާ ފަޔަށްލެވުނު ބާރެއްލާފާ ގެއަށް އައީ ވާރޭ ބޯކޮށްފާނެތީއެވެ. އޭރުވެސް ކުޑަކޮށް ކަނިޖަހަމުންދެއެވެ. އެހެންވެ ކުޑަނަގައިގެން ހުރެ އޭޝާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އޭޝާގެ ހިތަށް ބިރުވެރިކަންވަނެވެ. ގެއާއި ކައިރިން އޮންނަ ބިޔަބޮޑު ބަބުކެޔޮގަސްތައް ކައިރި އަނދިރިވީމައެވެ. އެހެނަސް ހިތްވަރުކޮށްގެން އޭޝާ ހިގަމުންދިޔައެވެ. ބަބުކެޔޮގަސްތައް ހުރި ހިސާބަށް އަރައި ހަމަވުމުން އޭޝާ ހިނގުން އަވަސްކޮށްލުމަށް ފައިނެގުމާއެކު، ހިނގުމަށް ހުއްޓުން އެރިއެވެ. އެ އަދިރި ގަނޑުތެރެއިން ބަބުކެޔޮގަހުގެ ދަށުގައި، ވާރެއަށް ނިވާންވާން ވަދެހުރި ޒުވާނަކުފެނުމުންނެވެ. ހުދު އަތްދިގު ގަމީހަކާއި ކުކުޅުބިސް ކުލައިގެ ފަޓްލޫނެއް ލައިގެން ހުރި އެޒުވާނާ ފެނުމުން އޭޝާއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ދެވުނެވެ.

“ކީއްކުރާ މީހެއް؟” އޭޝާ ބިރުން ހުރެ ނަމަވެސް ސުވާލުކުރިއެވެ. އެޒުވާނާ ވާހަކަދެއްކީ އަވަސް އަވަހަށެވެ. ބީރައްޓެއްސަކަށްވާތީ ބިރުންހުރެއެވެ.

“އަހަރެންނަކީ މިރަށު ހަސަނާއެކު އައި މީހެއް. އޭނާ މަގޭ ކައިރީ މަޑުކޮށްލާށޭ ކިޔާފަ ދިޔައީ މިތާކައިރީ ހުރި ގެއަކަށް . އޭގެ ފަހުން ޚަބަރެއްނުވީމަ ދާނެ ތަނެއް ނޭނގިފަ ހުރީ”. އޭނާގެ ވާހަކަތައް އަޑުއަހާފައި އޭޝާ ބުންޏެވެ.

“އެހެންތަ؟ ހިނގާ އަހަރެމެންގެ ގެ ކައިރީ ހުންނަން. މިތާ އެކަނި ހުންނާކަށް ނުވާނެ. ހަސަން އެދިޔައީ އަހަރެމެން ގެ އާއި ޖެހިގެން ހުންނަގެއަށް.” އޭޝާ އަށް ހަސަނު ދިޔަތަން އެނގުނެވެ. އެއީ ހަސަނަކީ އޭޝާ ދަންނަ ރަޙްމަތްތެރިއަކަށް ވާތީއެވެ. އެވަގުތު އޭނާ ބުނެލިއެވެ. “ކޮބާ ތިގެ” އޭޝާ ޖަވާބު ދިނެވެ.” މިހިރީ ޖެހިފަ. މިއުޒިކު ކުޅޭ އަޑު އެއިވެނީ އަހަރެމެންގެއިން.. އެތާ މިއުޒިކް ކުޅޭތާ ހުންނާނީ.. ހިނގާދޯ!” އޭޝާ އެޒުވާނާއަށް ދަޢުވަތު ދިނެވެ. ބީރައްޓެއްސަކު އެކަނި ނުކުރަންވެގެނެވެ. އެޒުވާނާވެސް އޭޝާގެ ބަސްއަހައި، އޭޝާގެ ގެއަށް ދާން ހިނގައިގެތެވެ.

ގެއަށް ވަންނަމުން އޭޝާ އެޒުވާނާއަށް ގެއަށް ވަނުމަށް ދަޢުވަތު ދިނެވެ. ނަމަވެސް ގެއަށް ވަނުމަށް އޭނާ އިންކާރުކުރިއެވެ.

“މިތާ މަޑުކޮއްލާނީ”. އެހެންބުނެ އެޒުވާނާ ބޭރުގައި މަޑުކުރިއެވެ. ދެވަނަފަހަރަށް އޭޝާ ބުނެލިއެވެ.

“ވާރޭ ބޯކޮށްލަފާނެ. މިގޭ ފެންޑާގައި މަޑުކޮށްލިޔަސް ހަސަނަށް ފެންނާނެ. އޭނަ ދިޔައީ ތިހިރަގޭ އުޅޭ މޯޑް ލޯބިވެރިޔާ ހަސީނާ ކައިރިއަށް ދޯ؟”. އޭޝާ އެހެންބުނިތަނާ މިއުޒިކް ކުޅޭތާހުރި ސަލަފު ބުނެލިއެވެ.

“އޭޝާ ތީ ކާކުތަ؟

އޭޝާ ޖަވާބު ދިނެވެ. “އެއީ ހަސަނާއެކު އައި ހަސަންގެ ރައްޓެއްސެއް. ހަސަން އޭނަ އެކަނިކޮއްލާފަ މިތާ ބޭރު ހުއްޓާ މަށާ ދިމާވީމަ، މަމި ބުނަނީ ގެއަށް އަންނާށޭ، އެކަނި ހުންނާކަށް ނުވާނޭ”. އޭޝާ މިހެންބުނުމުން ސަލަފު ވެސް އެޒުވާނާއަށް ހިތްވަރުދިނީ ގެއަށް ވަނުމަށެވެ. އޭރު އޭޝާ މެންގޭ ގައި މިއުޒިކްބޭންޑު އެންމެން މިއުޒިކް ފަރިތަކުރަމުންދިޔައެވެ. ސަލަފު އެހެން ބުނުމުން އެޒުވާނާ ގެއަށް ވަދެ ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީންދެލައި މިއުޒިކް ކުޅޭ މީހުންނާ ބައިވެރިވެލިއެވެ. އެހެންވެ އޭޝާ ވަނީ ގޭތެރެއަށެވެ. އަދި ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލިއެވެ. ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭޝާ ނިދާނީ ކިހިނެއްހެއްޔެވެ؟ އޭނާ ގެނެސް ގެއަށް ވެއްދި ބީއްރައްޓެއްސަކު ގޭގައި އެބައިނެވެ. މިހެން ހަމަހިތަށްއެރުމާއެކު އޭޝާ ތެދުވިއެވެ. އަދި ކޮޓަރިން ނިކުމެ، ފެންޑާ ފެންނާނެހެން ދޮރުކައިރީ މަޑުކޮށްލިއެވެ. އޭރު އެޒުވާނާ ފޯރީގައި މިއުޒިކް ކުޅޭ މީހުނާ ބައިވެރިވެ އަތްޖަހަމުން ދިޔައެވެ. އޭޝާ ހުރީ އެދިމާއަށް ބަލާށެވެ. ކުއްލިއަކަށް އެޒުވާނާގެ ނަޒަރު ގޮސް ހުއްޓުނީ އޭޝާ އަށެވެ. ކަޅިވެސްޖަހައިނުލައި އެޒުވާނާ ބަލަމުންދިޔައީ އޭޝާ އަށެވެ. އެކަން އޭޝާ އަށް ފާހަގަކުރެވި، ލަދުގަންނަގޮތްވިއެވެ. ނަމަވެސް އޭޝާ އެކަން ފެންނަކަމަށްވެސް ނުހަދައި ހުރީ، މިއުޒިކު ކުޅޭތަން ބަލާކަމަށް ހަދާލައިގެންނެވެ.

ގަޑިން މެންދަމު 12 ޖެހުމާ އެކު މިއުޒިކް ފަރިތަކުރުން ހުއްޓާލައިފިއެވެ. އެންމެން ގެއަށްދާން ނިކުތެވެ. އެވަގުތު އެ ޒުވާނާ ސުވާލުތަކަކުން ފުރިގެންވާ ގޮތަކަށް އޭޝާއަށް ބަލަމުންދިޔައެވެ. އެންމެން ދިއުމުން، ގޭތެރޭގައި ހުރި އޭޝާގެ ބައްޕަ އޭޝާއަށް ގޮވާލިއެވެ.

“ދަރިފުޅާ މީ ދަރިފުޅުގެ ރަޙްމަތްތެރިއެއްތަ؟ އޭނަ އެކަނިކޮށްލާފަ ނުނިދައްޗޭ!” ބައްޕަ މިހެން ބުނުމުން އޭޝާ ފެންޑާގެ ތެރެއަށް ނިކުތެވެ. އަދި އެޒުވާނާއަކީ ކިހިނަކުން އައިސް ހުރި މީހެއްކަން ބައްޕައަށް ކިޔައިދިނެވެ. އެހިނދު ބައްޕަ އެދުނީ އެޒުވާނާ އެކަނިކޮށްނުލުމަށެވެ. އަދި ހަސަނު އަންނަންދެން އެޒުވާނާ ކައިރި އިނުމަށް ބައްޕަ ބުނެ، ބައްޕަ ނިދަން ހިނގައްޖެއެވެ. އޭރު އޭޝާގެ މަންމަ އިނީ ގޯތިތެރޭގައި ހުރި އުނދޯލީގައި އުނދޯލި ހެއްލާށެވެ. އޭޝާ މަންމަ ފެނުމުން މަންމަ ގާތަށް ދިޔައެވެ. އަދި އެޒުވާނާ ގޮވައިގެން ހަސަނު ހޯދަން ދާން ބޭނުން ވާހަކަ މަންމަ ކައިރީބުނެލިއެވެ. މަންމައަށް އޭޝާ ގެ ވާހަކަ އަޑުއަހާފައި ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެޒުވާނާ ކައިރީ ހުރީމާކަންނޭގެއެވެ. މަންމަ ބުނެލިއެވެ.”އާނ ދޭ! އަވަހަށް އަންނާތި! މަންމަ މިދަނީ ނިދަން”. މިހެން ބުނެ މަންމަ ނިދަން ހިނގައްޖެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ނަޞީރާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް