އެއްމާބަނޑު 10 ކުދިން ވިހައިގެން ދުނިޔޭގެ ރެކޯޑެއް ދެކުނު އެފްރިކާގެ އަންހެނަކު މުގުރާލައިފިއެވެ. ދެކުނު އެފްރިކާގެ ޕްރިޓޯރިއާއަށް ނިސްބަތްވާ ގޮސިއާމޭ ތަމާރާ ސިތޯލްގެ ސީ-ސެކްޝަން ސާޖަރީއެއް ހަދައިގެން ނަގާފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

އުމުރުން 37 އަހަރުގެ ގޮސިއާމޭ ތަމާރާ ސިތޯލްގެ ބަނޑުން 10 ކުދިން ނެގީ މިމަހުގެ 07 ވަނަ ދުވަހު ޕްރިޓޯރިއާގެ ހޮސްޕިޓަލެއްގައެވެ. ސިތޯލް އަކީ މީގެ ކުރިންވެސް އެއްމާބަނޑު ދެކުދިން ވިހާފައިވާ މަންމައެކެވެ. އެއްފަހަރާ 10 ކުދިން ލިބުމުން ސިތޯލް ވެސް އޮތީ ހައިރާންކަމެއްގެ ތެރޭގައެވެ. ސިތޯލް އަށް ހައިރާންކަން ލިބުނު ސަބަބަކީ އޭނާ ވިހެއުމުގެ ކުރިން ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ބަނޑުގައި އޮތީ ހަ ކުދިން ކަމަށެވެ.

މިރަރ އިން ބުނިގޮތުން ގޮސިއާމޭ ތަމާރާ ސިތޯލް ބަލިވެއިނީ ގުދުރަތީ ގޮތުންނެވެ. ނަމަވެސް ބަލިވެ އިނުމަށްފަހު އޭނާގެ ފައިގައި ރިއްސާވަރުން އެކަމަށް ކެތްކުރަން ދަތިވާވަރުވެގެން އުޅެން ޖެހުނުކަމަށް ބުނެއެވެ. މީގެ އިތުރުން އާދަޔާޚިލާފަށް މޭ އެންދުން ފަދަ މައްސަލަތަކާވެސް ކުރިމަތިލާން ޖެހުނުކަމަށް ބުނެއެވެ.

ސިތޯލް އަށް އެއްމާބަނޑު 10 ކުދިން ލިބުން ގިނިސް ބުކް އޮފް ވޯރލްރެކޯޑްގައި އަދި ހިމަނާފައެއް ނުވެއެވެ. މިކަން ރެކޯޑް ފޮތަށް އަރައިފިނަމަ ސިތޯލް ވެގެން ދާނީ އެއް ފަހަރާ އެންމެ ގިނަ ކުދިން ވިހެއި މީހާ އަށެވެ. މިވަގުތު ދުނިޔޭގެ ރެކޯޑް ފޮތުގައި މި މަޤާމުގައި އުޅެނީ ހަލީމާ ސިއްސޭ އެވެ. މި އަހަރު މެއި މަހު އެއްމާބަނޑު 09 ކުދިން ވިހައިގެން ހަލީމާގެ ނަން ވަނީ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ސިތޯލް ވިހެއި 10 ކުދިން ދުނިޔޭގައި ނުތިބެދާނެ ކަމުގެ ބިރުވެރިކަން ސިތޯލް އާއި އޭނާގެ ފިރިމީހާއަށް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިވަގުތު އެ ހުރިހައި ކުދިންގެ ހާލުވެސް ރަނގަޅުކަމަށާ ކުރިއަށް އޮތް މަސްތަކުގައި ކުދިންތައް ބައިތިއްބާނީ އިންކިއުބޭޓަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއްމާބަނޑު 10 ކުދިން ލިބުމުން ސިތޯލްގެ ފިރިމީހާ ޓީބޯހާ ޓްސެޓްސީ ބުނީ އޭނާ ވަރަށް އުފާވެ އިމޯޝަނަލްވި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.