ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ދިލިޕް ކުމާރުގެ ޞިއްޙީ ޙާލަތުގެ އެންމެ ފަހުގެ އަދާހަމައަށް ބަލައިލާއިރު، ޑޮކްޓަރުން ވިދާޅުވަނީ ދިލިޕްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ.

ދިލިޕް ކުމާރަށް ނޭވާލާން އުނދަގޫވެ ސިއްޙީ ހާލަތު ގޯސްވެ މުންބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މި ދިޔަ އާދީއްތަ ދުވަހުއެވެ. ދިލިޕް ކުމާރަށް ކުރިމަތިވި ސިއްޙީ މައްސަލައަކީ ބައިލޭޓަރަލް ޕްލިއުރަލް އެފިއުޗަން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ދިލިޕް ކުމާރު ބާއްވާފައި އޮތީ އައިސީޔޫ ވޯޑެއްގައެވެ.

އުމުރުން 98 އަހަރުގެ ދިލިޕް ކުމާރަކީ 60 އަށްވުރެން ގިނަ އަހަރު ވަންދެން ބޮލީވުޑްގައި ‘ޓްރެޖެޑީ ކިންގް’ގެ ގޮތުގައި މަޝްހުރުވެފައިވާ އެކްޓަރެކެވެ. އޭނާ ވަނީ 65 ފިލްމަށް ވުރެން ގިނަ ފިލްމުގައި ފާހަގަކޮށްލެވޭ ފަދަ ރޯލުތަކެއް ކުޅެފައެވެ. އެގޮތުން ފިލްމު ދޭވްދާސް، ނަޔާ ދައުރު، މުޣަލް-އޭ-އާޒަމް، ގަންގާ ޖަމުނާ، ކްރާންތީ އަދި ކަރްމާ ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ގިލާ” އިންނެވެ. ދިލިޕް ކުމާރަށް 1994 ވަނަ އަހަރު ދާދާސާހަބް ޕަލްކޭ އެވޯޑް ލިބިފައިވެއެވެ. ހަމަ އެހެންމެ 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން އެވޯޑް ލިބިފައިވެއެވެ.

ދިލިޕް ކުމާރުގެ ހަޔާތުގެ ބައިވެރިއަކީ މަޝްހޫރު އެކްޓްރެސް ޝާއިރާ ބާނޫ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.