ރޭގަނޑު އަށެއްގެ ހަބަރު ބެލުމަށް އަނީގާ ވެސް ސަމާލުކަން ދިނެވެ. މިފަދަ ނާޒުކު ވަގުތެއްގައި އަހްމަދުމެން އައްޑޫސިޓީގައި ތިބުމަކީ ހަބަރު ބެލުމަށް ދޭ ސަމާލުކަން އިތުރު ކުރަންޖެހޭ ކަމެއް ކަމުގައި އަނީގާ ބުނަމުންދިޔައެވެ.
” އައްޑޫސިޓީ އެއާރޕޯޓް ކައިރީ އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ މީހަކު ހައްޔަރު ކޮށްފި. ” އިވުނު ހަބަރާއިއެކު އަނީގާ ދިޔައީ ސިއްސައިގެންނެވެ.
ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ އެނދުގައި އިށީންނަމުން ޓީވީއަށް ދިން ސަމާލުކަން އިތުރުކޮށްލިއެވެ. ކުއްލިއަކަށް އަނީގާއާ ދިމާއަށް ޒިނާނަށް ބަލާލެވުނީ އަނީގާ އުޅެގަތް ގޮތުންނެވެ. އެކަމަށް އޭނާ ދިން ސަމާލުކަމެއްގެ ސަބަބުންނެވެ.
އައްޑޫސިޓީ އެއާރޕޯޓް ކައިރީ އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވިގެން ހައްޔަރުކުރި މީހާއާބެހޭ މަޢުލޫމާތާއި ފޮޓޯތައް ޓީވީން ދައްކަމުންދިޔައިރު ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އަނީގާ އިނެވެ.
ފޯނުން ވާހަކަ ދައްކަމުން ދައްކަމުން ކޮޓަރިން ނުކުތް ނާޖިލާގެ މިސްރާބު ހުރީ އަތިރިމައްޗާއި ދިމާއަށެވެ. ދީފައިވާ ނަލަނަލަ ހަނދުވަރުގެ އަލިކަމުގެ ސަބަބުން އަތިރިމަތި ވަރަށް ދުރާއިއެކު ފެންނަންއޮތެވެ. ގޮނޑުދޮށާއި މާ ދުރުނޫން ހިސާބެއްގައި ޖަހާފައިވާ ކުޑައިގެ ދަށު ހުރި ސަންބެޑުގައި އިށީންދެލައިގެން ކޮންމެވެސް ފިރިހެނަކު އިނެވެ. ހީވާގޮތުން އެމީހަކު ވެސް އިނީ ފޯނެއްގައެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއި ދީފައިވާ ނަލަނަލަ ހަނދުވަރުގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަވެފައި ރީތިކަމަށް ދައްކައެވެ.
ހިނިތުންވެލަމުން ފިޔަވަޅުތައް ބާރުކޮށްލި ނާޖިލާ ހިނގައިގަތީ އެ ކުޑައާ ދިމާއަށެވެ.
ސަންބެޑުގައި އިށީންދެލައިގެން މީހާ ކޮޅަށް ތެދުވަމުން ނާޖިލާއަށް މަރުހަބާ ކިޔެވެ. ދެއަތް ފުޅާކޮށްލަމުން އަތުތެރެއަށް އަންނާށޭ ބުނާފަދަ އިސްގީ މަސްތީ ހަރަކާތެއް ދައްކާލިއެވެ. ނާޖިލާ ގޮސް އެމީހާގެ އަތުތެރެއަށް ވަނުމާއެކު އެކަކު އަނެކަކާއި ބައްދާލިއެވެ. ދެ މީހުންގެ ތުންފަތް ގުޅި ލާމެހިގެން ދިޔައީ ވެސް ހަމަ އެ ސިކުންތުގައެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ނާޖިލާގެ ހަށިގަނޑު ފިރުމާލަމުން ކަނދުރާގައި ވަސް ގަންނަމުންދިޔަ އެ މީހާ ހުރީ ނާޖިލާ އައުން ލަސްވެފައި ކަހަލައެވެ.
” ސާބަސް ޒިފާން ….. ހީވަނީ ފެންފޮދެއް ނުލިބިފައިހުރި މީހަކަށް ފެންފޮދެއް ލިބުނުހެން. ” ޒިފާނާއި ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ނާޖިލާ ވާހަކަދެއްކިއެވެ.
” ކިހިނެތްވީ؟ ހިތްހަމަ ނުޖެހުނީތަ؟ ” ލޯތްބާއި އޯގާތެރިކަމާއެކު ނާޖިލާގެ އަތުގައި ހިފާލަމުން ޒިފާން އަހާލިއެވެ.
” ނޫން. އެހެނެއް ނޫން. މިތަން ވީމަ ދޯ. ” ނާޖިލާ ނަޒަރު ހިންގާލީ ވަށައިގެންވާ މާހައުލަށެވެ. ނާޖިލާގެ އެ ކަންބޮޑުވުމާއި ހާސްކަމުގެ މާނަ ދެނެގަންނާކަށް ޒިފާނަކަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވިއެވެ.
ޖެހޭފިނި ވައި ރޯޅިން މިތާ ބަބުޅަމުންދާ ނަލަ ހަނދުވަރާ ލިބޭ ފުރިހަމަ ކަމެއްނޫންހެ ހުރުމުން މިތަނުގައި ހަމަކަލާ
ދުށުން އެދެނީ ތިޗާލުމަލޭ އައުން އެދެނީ ގާތަށް މަށާ
ލިބުން އަގުހުރި މުތެއްފަދައޭ އަބަދަށްއެކީ އުމުރަށްވަމާ
ޒިފާން ބޭނުންވި ފަދައިން ނާޖިލާ އައިސް ޒިފާންގެ މޭގައި ލައްވެލިއެވެ. އެދިއެދި ހުރި އެފިރުމުންތަކާއި ބީހުންތަކަށް ދެކޮޅު ހަދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. މާހައުލުގެ ނާޒުކުކަމަށްވުރެ އެކަން މުހިންމުވިއެވެ.
ސަންބެޑްގައި އިށީންދެލައިގެން ވާހަކަ ދައްކަންތިބި ޒިފާނާއި ނާޖިލާ ކޮޅަށް ތެދުވީ ނާޖިލާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ޖީބުން ފޯނު ނަގަމުން ކާކުތޯ ބަލާލިއިރު ގުޅަނީ އަނީގާއެވެ. މިގަޑީގައި އަނީގާ ގުޅާނީ ކީއްކުރަންކަން ނާޖިލާއަށް އެނގެއެވެ.
” ބާރަ ޖަހާކަން ހާއިރު ނާޖި ގުޅާނަން. އަހަރެން ބުނި ކަންތައް ހަނދާން ބަހައްޓާތި …. އެހެން ނޫނީ ނޯ. ” ނާޖިލާ ވާހަކަ ދެއްކީ ޒިފާނާއި ދުރަށް ހިނގައިގަންނަމުންނެވެ. ނާޖިލާ އެބުނީ ކީކޭކަން ޒިފާނަށް އެނގެއެވެ.
ސިމްނާ އާއި އަހްމަދުއާ ބައްދަލު ކުރަން ފަރާޝް އައީ ސިމްނާމެން ތިބި ގެސްޓްހައުސް އަށެވެ. ފަރާޝް ބުނިގޮތުގައި އޭނާއަކީ ޒިނާންގެ ގާތް ރައްޓެއްސެކެވެ. އަހްމަދުމެން އެރަށަށް އައިސް އުޅޭކަން އޭނާއަށް އެނގުނީ ޒިނާން ފޯނުކޮށްފައި ބުނުމުންނެވެ. އޭނާއާ ޒިނާންގެ މެދުގައިވާ ގާތް ރަހުމަތްތެރިކަމަށް ދުވަހަކު ވެސް ބަދަލެއް ނާއްނާނެއެވެ. ޒިނާންއަކީ ރައްޓެހިންނަށް ވަރަށް ރަނގަޅު މީހެކެވެ. ކަމެއް ދިމާވެގެން ޒިނާންގާތު ބުނެފިނަމަ ވަގުތުން އެކަމަށް ކޮށްދޭނެއެވެ. ބަހަނާތަކެއް ދައްކާކަށް ލަސްކުރާކަށް ނޫޅޭނެއެވެ.
މިހާރުން މިހާރަށް ފަރާޝްމެން ގެއަށް އަހްމަދުމެން ތިން މީހުން ބަދަލުވުމަށް ފަރާޝް އެދުނެވެ. މި ޒަމާނަށް އެކަށީގެންވާވަރުގެ ތިން ކޮޓަރީގެ އެޕާރޓްމެންޓެއް ހުސްކޮށް އެބަހުއްޓެވެ. ފަރާޝްގެ އަންހެނުން ކައިރީ ބުނުމުން ބޭނުން އިރަކު ބޭނުން އެއްޗެއް ކައްކައިދެވޭނެއެވެ. ބޭނުންނަމަ އަމިއްލައަށް ވެސް ކައްކައިގެން ކެވިދާނެއެވެ. އެތަނަށް ބަދަލު ވެއްޖެނަމަ ގެސްޓްހައުސްއަށް މިހާރު ކުރަންޖެހޭ އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެތައް ފައިސާއެއް ސަލާމަތްކުރެވި ރައްޓެހިންތަކެއް ލިބޭނެއެވެ. ދިމާވެގެން އުޅޭ ހާލަތަށް ބަލާއިރު ނުދަންނަ ބައެއް ކައިރީ ތިބުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. އެތަނަށް ބަދަލުވެއްޖެނަމަ ކަމަކާއި ހާސްވާކަށް ވިސްނާކަށް ނުޖެހޭނެއެވެ. އެމީހުނާއި އެކުގައި އަބަދު ވެސް ފަރާޝް ނުވަތަ އޭނާގެ އަންހެނުން ހުންނާނެއެވެ.
” ދޮންބެ ކީއްވެ ތިއިން އެއްވެސް ކަމެއް އަހަރުމެނާއި ހިއްސާ ނުކުރީ؟ ” އުފެދެމުންދިޔަ ސުވާލުތަކުގެ ސަބަބުން ސިމްނާއަކަށް އަނގަ މަޑުންލައިގެން ނުއިނދެވުނެވެ.
” ނުބުނޭތަ؟ …. ބޯ ވެސް ބޮޑު މީހެކޭދޯ؟ އަސްލު އަހަރެން ކައިރީ ވެސް ބުނީ ޒިނާނެއް ނޫނޭ. އަނީގާގެ ފަރާތުން އެނގުނީ. ހީވަނީ ތިކުދިންނަށް ސަޕްރައިޒެއް ދޭން ވެގެންހެން އެއުޅުނީ. ” ސިމްނާގެ ސުވާލަށް ޖަވާބުދޭން ފަރާޝަށް ވަގުތުކޮޅެއް ބޭނުންވިއެވެ.
ސިމްނާގެ ސުވާލާއިއެކު ފަރާޝަށް ވެގެންދިޔަ ގޮތް ސިމްނާއަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަ ކުރެވުނެވެ. ފަރާޝާއިމެދު އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވެގެންދިޔައީ ފެނުނު މަންޒަރާއި ކަންތައްވީ ގޮތުންނެވެ.
މިހާރުން މިހާރަށް ބަދަލުވެވެން ނެތްނަމަ މާދަމާ ބަދަލުވިޔަސް ފަރާޝްގެ މައްސަލައެއް ނެތެވެ. އޭނާ ބޭނުންވަނީ އޭނާއަށް އެނގުނު ހިސާބުން ފެށިގެން އަހްމަދުމެނަށް އެހީތެރިވާށެވެ. އޭނާގެ ރަހުމަތްތެރިޔާއަށްޓަކައި ކުޑަ ނަމަވެސް ކަމެއް ކޮށްދޭށެވެ. އެހެންނޫނީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ރަށުތެރޭގެ ހާލަތު މިހާ ނާޒުކުކޮށް އޮއްވައި ވެސް އޭނާ އެއައީ އެހެންވެއެވެ. އެމީހުންގެ އިންތިޒާރުގައި އޭނާގެ އަންހެނުން ހުންނާނެއެވެ.
” ދަރިފުޅު ކައިރީ ސިމްނާ މަޑުކޮށްފަ އަހްމަދު ދާންވީނު އަހަރެންނާއިއެކު. ކޮފީއެއް ނަމަވެސް ބޯލައިގެން އަންނަން. އޭރުން ކޮންމެވެސް ވަރަކަށް ނަމަވެސް މަ ވެސް ހެޕީވާނެއެއްނު. ” އޭނާގެ ވާހަކަތަކަށް ސިމްނާމެންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުން އެންމެފަހުން ފަރާޝް އެދުނެވެ.
” މާދަމާ ހެނދުނު އަންނަންވީނު. އަހަރުމެން އޭރަށް ރެޑީވާނަން. މިހާރު ދެން މިހާލަތުގަ އެއްގޮތަކަށް ވެސް ބޭރަށް ނުކުންނާކަށް އަހަރުމެން ބޭނުމެއްނޫން. ނިދާ ގަޑި ވެސް ޖެހިއްޖެ. ” ފަރާޝާއިމެދު ސިމްނާގެ ހިތުގައި އުފެދުމުންދިޔަ ސުވާލުތަކުގެ ސަބަބުން އިތުރަށް ވާހަކަ ދައްކާކަށް ސިމްނާ ބޭނުމެއް ނުވިއެވެ. އޭނާގެ ކިބައިން ސަލާމަތްވާން އެންމެ ފަސޭހަމަގު އިހުތިޔާރުކުރީ އެހެންވެއެވެ.
” އޭރުން ދެން އަޅާނުލާ. ގުޑްނައިޓް ” ގެސްޓްހައުސްއިން ނުކުންނަން ދިޔަ ފަރާޝް ސިމްނާއާ ދިމާއަށް ބަލާލީ ހިތްހަމަ ނުޖެހުމާއިއެކުއެވެ. އެކަން ސިމްނާއަށް އެނގުނު ނަމަވެސް ނޭނގޭކަމަށް ހަދައިގެން ހުރީ އަހްމަދަށް ސައްކެއް ވެދާނެތީއެވެ. އެއިން އެއްވެސް ކަމަކާއިމެދު އަހްމަދު ވިސްނާކަށް ސިމްނާ ބޭނުމެއް ނުވެއެވެ.
ވަގުތުގެ ދައުރުވުމުން މެންދަމާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު، ރަށުތެރެއިން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. ކޮންމެހެން ވެސް ހޭލާ ތިބެންޖެހޭ މުއައްޒަފުން ފިޔަވައި އެހެން ހުރިހާ މުއައްޒަފުން ކަހަލަގޮތަކަށް ނިދައިފިއެވެ.
ކޮފީޝޮޕުން ނުކުމެގެން އަތިރިމައްޗާއި ދިމާއަށް ހިނގައިގަތް ޒިފާންގެ ކިބައިން ފެންމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ. އެ ފޯނަށް އޭނާ އިންތިޒާރު ކުރަމުންދިޔަ ވަރެވެ. އަތިރިމަތިން ހިނގަމުންދިޔަ ނަމަވެސް ޒިފާން ހިނގަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއިއެކު ބަލައި ހޯދަމުންނެވެ. އެހެން މީހަކަށް އޭނާއާމެދު ސައްކެއް ވެސް އުފެދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
ނާޖިލާގެ ދެމައިން އުޅެމުންދާ ކޮޓަރިއާދިމާއިން އެއްގަމަށް އަރަން ޒިފާން ހިނގައިގަތްއިރު އެސަރަހައްދުގައި މާބޮޑު އަލިކަމެއް ނެތެވެ. ނާޖިލާ ބުނި ފަދައިން އެކޮޓަރީގެ ފެންޑާއާއި އެތަނުގެ ބޭރުގައި ހުންނަ ހުރިހާ ދިއްލުމެއް ނާޖިލާ ހުރީ ނިވާލާފައެވެ. ޒިފާނަށް މަރުހަބާ ކިޔުމެއް މާހައުލު ތައްޔާރު ކުރެވޭނެ އެންމެ ރަނގަޅަކަށް ތައްޔާރުކޮށްފައެވެ.
ނާޖިލާ އޭނާއަށް އެދޭވަރު ފެނުމުން ޒިފާންގެ އުފަލާއި ހިތްހަމަ ޖެހުން އިތުރުވެގެންދިޔައެވެ. ކޮޓަރިއާދިމާއަށް ހިނގައިގަތްއިރު ފިޔަވަޅުތައް ހަލުވި ވެފައި އަވަސްހެން ވެސް ހީވިއެވެ.
ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލުމާއިއެކު ނާޖިލާ އައިސް ސިއްރުސިއްރުން ދޮރުހުޅުވާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު ރީނދޫ އަލިކަމެވެ. ނިވާކަންކުޑަ ނިދާހެދުމެއްގައި ހުރި ނާޖިލާގެ ހަށިގަނޑުން ބޮޑުބައެއް ހާމައަށް ފެންނާން އޮތެވެ. ކޮޓަރިއަށް ވަންނަން ޒިފާނަށް ތަންދެމުން ނާޖިލާ އެއްކައިރިއަށް ޖެހިލިއެވެ. ދޮރުހުޅުވާލައިގެން ނާޖިލާ ހުރިގޮތުންނާއި ދޮރުހުޅުވާފައިވާލެއް ކުޑަކަމުން ނާޖިލާގެ ގައިގަ ޖެހިގެން ނޫނީ ޒިފާނަކަށް ކޮޓަރިއަކަށް ވަދެވޭކަށް ނެތެވެ.
” ވާއޮ …. ހަމަ ހުހަށް ދޯ؟ ” ކޮޓަރިތެރެއަށް ދެމިގަންނަމުން ނާޖިލާގެ ހަށިގަނޑަށް ޒިފާން ކަޅިހިންގާލިއެވެ. މާބޮޑު ނިވާކަމެއް ނެތް އެ ރީތި ފުރިހަމަ ހަށިގަނޑު އެކުގައި ސްކޭންކޮށްލި ކަހަލައެވެ.
” ހޫމް ….. ކޮބާ؟ ” ޒިފާނަށް ޖަވާބު ދެމުން ކޮއްލި ސުވާލާއިއެކު ނާޖިލާގެ އަތުގެ އިޝާރާތުން ވެސް އެއްޗެއް ދައްކާލިއެވެ.
އާނއެކޭ ބުނެ ބޯޖަހާލަމުން ޒިފާން ބަލާލީ ގަމީހުގެ ޖީބަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި