ޕާޓީއެއްގެ ތެރެއިން ޒުވާން ފިރިހެން ކުއްޖަކަށް ރީތި އަންހެން ކުއްޖަކާ ބައްދަލުވިއެވެ. ހިތްގައިމު ރީތި ކުއްޖެކެވެ. އެ ސަބަބާހުރެ އެ ކުއްޖާގެ ފަސްފަހަތުން އެތަކެއް ފިރިހެން ކުދިން ބިސްމަޅި ދުވައްވަމުން ދެއެވެ. ނަމަވެސް މި ފިރިހެން ކުއްޖާއަކީ އެހާ ރީތި ކުއްޖެއް ނޫނެވެ. އެހެންކަމުން އެ ކުއްޖާއާ ހެދި އެހާ ގިނަ އަންހެންކުދިންނެއް ނޫޅެއެވެ.
ޕާޓީ ނިމިގެން، ވަރަށް ހިތްވަރުކޮށްފައި އެ އަންހެން ކުއްޖާއަށް ފިރިހެން ކުއްޖާ ދަޢުވަތު ދިނެވެ. ކޮފީއަކަށް ދިއުމަށެވެ. އަންހެން ކުއްޖާ ހައިރާންވިއެވެ. ނަމަވެސް، ފިރިހެން ކުއްޖާއަށް އިހުތިރާމުކުރުމުގެ ގޮތުން ކޮފީއަށް ދިއުމަށް އެއްބަސްވިއެވެ.
ދެމީހުން ގޮސް އިށީންނީ ފެންވަރު ރަނގަޅު، ހިތްގައިމު ކޮފީ ޝޮޕެއްގައެވެ. ފިރިހެން ކުއްޖާ އިނީ އެއްޗެއް ބުނެވޭވަރަށް ވުރެން ފިނިވެފައެވެ. އެކަމުގެ ސަބަބުން އަންހެން ކުއްޖާވެސް އިނީ ގޮތް ހުސްވެ ފޫހިވެފައެވެ. ކޮފީ ގެންނާނެ އިރަކަށް އިންތިޒާރުކުރުމުގައެވެ.
“މީ ދެން ކިހާ ފޫހި ގޮތެއް. މީނަ އަނގައިންވެސް ނުބުނި. މިކަންތައްގަނޑުން އަވަހަށް ސަލާމަތްވެގެން ގެއަށް ދެވޭނެނަމަ…..” އަންހެން ކުއްޖާގެ ހިތަށް އަރަމުން ދިޔައެވެ.
“އަހަރެން ވަރަށް އަވަހަށް ގެއަށް ދާން ޖެހޭ.” އެންމެ ފަހުން އަންހެން ކުއްޖާ ބުންޏެވެ. އެވަގުތު އެމީހުން އޯޑަރުކުރި ކޮފީ ހިފައިގެން އައިސް ވެއިޓަރު މީހާ މަޑުކޮށްލިއެވެ. އެވަގުތު ފިރިހެން ކުއްޖާ ވޭޓަރު ކައިރީ ސުވާލުކުރިއެވެ.
“ލޮނުކޮޅެއް ގެނެސްދީފާނަން؟ އަހަރެން ގެ ކޮފީއަށް ލޮނުކޮޅެއް އަޅަން ބޭނުން.”
ފިރިހެން ކުއްޖާ މިހެން ބުނި އަޑު އިވުނު އެންމެން އެ ދިމާއަށް ބަލަން ފެށިއެވެ. އެންމެން ތިބީ ހައިރާންވެފައެވެ. ފިރިހެން ކުއްޖާގެ މޫނުވެސް ރަތްވެގެން ދިޔައެވެ. ނަމަވެސް، ވޭޓަރު ލޮނު ގެނައުމުން ކޮފީއަށް ލޮނު އަޅައިގެން ބޯން ފެށިއެވެ.
“ކީއްވެ ތިހާ އާދަޔާޚިލާފު ގޮތަކަށް ކޮފީ ބޮނީ؟” ޝަޢުޤުވެރިކަމާއެކު އަންހެން ކުއްޖާ ސުވާލުކުރިއެވެ. ފިރިހެން ކުއްޖާ ދެތިން ކޯވަރެއް ބޮއެލާފައި ޖަވާބުދިނެވެ.
“އަހަރެން ކުޑައިރު އުޅުނީ މޫދާ ވަރަށް ކައިރީ ހުންނަ ގެއެއްގަ. މޫދުގަ ކުޅެން އުޅުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް. އަދިވެސް މޫދުގެ ރަހަ އަހަރެން ހަނދާން ހުރޭ.” ފިރިހެން ކުއްޖާ ދިނީ ވަރަށް އެހެންކަހަލަ ޖަވާބެކެވެ. އަންހެން ކުއްޖާ ބުނާނެ އެއްޗެއް ނޭނގިފައި އިނީ ފިރިހެން ކުއްޖާގެ ވާހަތަކައް އަޑުއަހާށެވެ.
“މިގޮތަށް ލޮނު އަޅައިގެން ކޮފީ ބޯ ކޮންމެ ފަހަރަކު، އަހަރެންގެ ޅަ އިރުގެ ހަނދާންތައް އާކޮށްދޭ، އަހަރެން އުޅެ ބޮޑުވި ރަށް މަތިން ހަނދާންކޮށްދޭ. އަހަރެން ރަށް މަތިން ވަރަށް މިސްވޭ. ރަށުގައި ތިބި އަހަރެންގެ މައިންބަފައިން މަތިން އަދިވެސް ވަރަށް ހަނދާންވޭ.” މިހެން ބުނެލުމާއެކު ފިރިހެން ކުއްޖާގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ.
ހޫރެއްފަދަ ރީތި އަންހެން ކުއްޖާގެ ހިތުގައި ފިރިހެން ކުއްޖާގެ ވާހަކަތައް ވިކައިގަތް ކަހަލައެވެ.
‘އަމިއްލަ ވަޒަން މަތީން މިވަރަށް ހަނދާންކުރާ މީހަކު ވާނީ ހަމަ ގައިުވެސް އަމިއްލަ ގެ ދެކެ ލޯބިވާނެ މީހަކަށެވެ. ގެއާއިމެދު އަޅައިލާނެ މީހަކަށެވެ. ގޭތެރޭގެ ޒިންމާ އަދާކުރާނެ މީހަކަށެވެ.’ އަންހެން ކުއްޖާގެ ހިތުގައި މިފަދަ ޝުޢޫރުތަކެއް ހިނގަން ފެށިއެވެ.
އިސާހިތަކުން އަންހެން ކުއްޖާވެސް ވާހަކަދައްކަން ފެށިއެވެ. އޭނާގެ އެކަހެރި، ތަރައްޤީ ނޫން ރަށުގެ ވާހަކަތެކެވެ. އެ ރަށުގެ ހަނދާންތަކެވެ. އޭނާގެ ޢާއިލާ މީހުންގެ ވާހަކަތަކެވެ. ކުޑަކުޑަ ފުށި ރަށަކަސް ރަށްމަތިން ހަނދާންވާ ވާހަކަ އެވެ.
ކޮންމެއަކަސް، އެ ‘ޑޭޓް’ ވެގެންދިޔައީ ވަރަށް ކާމިޔާބު ޑޭޓަކަށެވެ. އެ މީހުންގެ ވާހަކަ ރީތި ގޮތަކަށް ލިޔެވެން ފެށި ދުވަހަކަށެވެ.
އޭގެ ފަހުން އެމީހުން ބައްދަލުވާން ފެށިއެވެ. ދެމީހުން އެކުގައި ވަގުތުތައް ހޭދަކުރަން ފެށިއެވެ. ފިރިހެން ކުއްޖާއަކީ އަންހެން ކުއްޖާ ބޭނުންވާ ހުރިހައި ސިފަތަކެއް ހުރި ކުއްޖެއް ކަން އެނގުނެވެ. ކަންކަން ބަރުދާސްތުކުރަން ދަނެއެވެ. ހިތްހެޔޮ އޯގާވެރިއެކެވެ. މީހުންނާ ގުޅޭ، ރުޅިމަޑު މީހެކެވެ. އަނެކުންނަށް އަޅައިލާ އޯގާތެރިއެކެވެ. އެ ޒުވާނާގެ ކޮފީއަށް ލޮނު ނޭޅި ނަމަ، އެއީ ރަނގަޅު އިންސާނެއްކަން އަންހެން ކުއްޖާއަކަށް ނޭނގުނީހެވެ.
މި ވާހަކައިގެ ބާކީ އޮތް ބައިގައި ވީގޮތަކީ، ރީތި އެހެން ވާހަކަތަކުގައިވެސް ވާގޮތެވެ. އެންމެ ފަހުންް އެ ދެމީހުން ކައިވެނިކުރިއެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތިކުރަމުން ދެއެވެ. އަދި އެނގޭ ހެއްޔެވެ! ފިރިމީހާއަށް ކޮފީ ހަދައިދޭ ހަމަ ކޮންމެ ފަހަރަކު، ކޮފީއަށް ލޮނުކޮޅެއް ލައެވެ. އެއީ އޭނާގެ ފިރިމީހާ ބޭނުންވާ ގޮތެވެ.
އުފާވެރި ހަޔާތެއް ވޭތިކުރަމުން ގޮސް، އެ ކައިވެންޏަށް 40 އަހަރު ފުރުނުތަނާހެން، ކުޑަކޮށް ބަލިވެ އުޅެފައި ފިރިހެން މީހާ މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.
ފިރިމީހާ ނިޔާވިތާ ދުވަސްކޮޅެއް ފަހުން، އެއް ދުވަހަކު ހިނގި ކަމެކެވެ. ފިރިމީހާ ނިޔާވުމުގެ ކުރިން އަނބިމީހާއަށް ލިޔެފައި އޮތް ސިޓީއެއް އަނބިމީހާއަށް ފެނިއްޖެއެވެ.
“އަހަރެންގެ ލޯބިވާ ކަމަނާއަށް. ވަރަށް ލޯތްބާއެކު ސަލާމް،
އަހަންނަށް މަޢާފުކުރާނެ ކަމަށް އުއްމީދު ކުރަމެވެ. އަހަރެން ކަމަނާ ގާތުގައި ދޮގެއް ހެދީމެވެ. އެކަމަކު ހަމަ އެންމެ ފަހަރަކުއެވެ. އަހަރުމެންގެ ފުރަތަމަ ‘ޑޭޓް’ގެ މަތިން ހަނދާން އެބަހުރިދޯއެވެ؟ އެ ދުވަހު އަހަރެން އިނީ ވަރަށް ބޮޑަށް ހާސްވެފައެވެ. ހާސްވެފައި އިން ވަރުން، ހަކުރުގެ ބަދަލުގައި ގެނެސްދޭން އަހަންނަށް އެދެވުނީ ލޮނަށެވެ. އެކަން ހާމަކޮށް ބުނެދޭން އަހަރެން ލަދުވެތިވީއެވެ. އެހެންވެ އަހަރެން ވާހަކައެއް ހަދައިލީއެވެ. އަހަރެން ޖެއްސި ސްޓޯރީގެ ސަބަަބުން އަހަރުމެން ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދުމަށް މެދުވެރިވާނެ ވާހަކަަތަކެއް ފެށޭނެއޭ ކުޑަކޮށްވެސް އަހަރެންގެ ހިތަކަށް ނާރާއެވެ.
ފަހުން، ހަޤީޤަތް ކިޔައިދޭން އެތަކެއް ފަހަަރަކު އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެން މިއީ ދޮގުވެރިއެއް ކަމަށް ހީކޮށްފާނެތީ ބުނަން ނުކެރުނީއެވެ. އެކަން އެނގުމުން، އަހަރެންް ދައްކާ އެއްވެސް ވާހަކައެއް ކަމަނާ ގަބޫލުނުކޮށްފާނެ ކަމަށް ހީކޮށެވެ.
ނަމަވެސް… ނަމަވެސް މިހާރު އަހަރެންގެ އަޖަލުޖެހިއްޖެއެވެ. އަހަރެން ޖެހިލުންވެ ބުނަން ނުކެރިއެއް ނުހުންނާނަމެވެ. އެހެންވެ، ހަޤީޤަތް ކިޔައިދެމެވެ. ލޮނު އަޅާފައި ހުންނަ ކޮފީ އަހަންނަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. އޭގައި ހުންނަނީ ވަރަށް އާދަޔާޚިލާފު ނުބައި ރަހައެކެވެ. ނަމަވެސް، ކަމަނާގެ އަތުން އެހާ ލޯތްބާއެކު ކޮފީ ގިރާފައި ދިނިމުން އަހަަރެންގެ މުޅި އުމުރުގައި އެ ކޮފީ ބުއީމެވެ.
ލޯބިވާ ކަމަނާއެވެ. އަހަންނަށް މަޢާފުކޮށްދޭނެ ކަމަށް އުއްމީދުކުރަމެވެ. އެންމެ ފުރަތަމަ ދުވަހު އެ ކޮފީ ޝޮޕްގައި އިނދެފައި ދޮގު ހެދުނީތީއެވެ. އޭގެ ފަހުން ކަލާ ކޮފީ ގިރައިދިން ކޮންމެ ފަހަރަކުު، ހަޤީޤަތް ނުބުނެވުނީތީ އެވެ! މިހާރު އަހަރެން މި ހަދަނީ ދޮގެއް ނޫނެވެ. އެ ކޮފީ ދެވަނަ އެހެން ގޮތަކަށް އަހަަރެން ބޯކަށް ބޭނުމެއްވެސް ނޫނެވެ.- އަދިވެސް، މޮޔަވާވަރަށް އަހަރެން ކަލާދެކެ ލޯބިވަމެވެ.”
އެ ކޮފީން ލަނީ ކޮން ރަހަައެއްތޯ މީހަކު އެ އަންހެން މީހާ ގާތުގައި އަހައިފި ނަމަ އޭނާ އަބަދުވެސް ބުނެއެވެ. “ވަރަށް މީރެވެ.”
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!