ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ތިން ފިލްމު ކަމަށްވާ “ގޮށްރާޅު”، “މާމުއި” އަދި “ގުޅުން” ވަރަށް އަވަހަށް މީޑިއާނެޓަށް އަންނާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ހާމަކޮށްފިއެވެ.

މީޑިއާނެޓްގެ އޮންލައިން ޕްލެޓްފޯމް ‘މަލްޓި ސްކްރީން’ގައި ދިވެހި އުފެއްދުންތަކުން މިހާރުވެސް އެންމެ ގިނައިން ހުރީ ޑާކް ރެއިން އެންޓަޓެއިންމެންޓުގެ އުފެއްދުންތައް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީޑިއާނެޓްގެ ފުރަތަމަ ވެބްސީރީޒް “ރޫމީ އާ ޖަންނަތު”ވެސް މި ލިސްޓުގައި ހިމެނެއެވެ.

ގޮށްރާޅު

ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ފިލްމު “ގޮށްރާޅު” މިއީ ފަސްތަރީގެ ބްލޮކްބަސްޓާއެކެވެ.

ކްރައިމް ތުރިލާ ”ގޮށްރާޅު“ ރިލީޒްކުރީ 07 ފެބްރުއަރީ 2019 ގައެވެ. މި ފިލްމުގެ 30 ޝޯ އޮލިމްޕަހުގައި ދައްކާފައިވާއިރު އޭގެ ތެރެއިން 21 ޝޯ އަކީ ހައުސްފުލް ޝޯ ތަކެއް ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ.

މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ޒުވާން ޑައިރެކްޓަރ އަޙްމަދު ޝިނާން ޑައިރެކްޓްކޮށް، ވިޝުއަލް އިފެކްޓް ހަދާފައިވާ ”ގޮށްރާޅު“ ފިލްމަކީ މިފަހުން ދިވެހި ސިނަމާއަށް އައި ފަސްތަރީގެ ބްލޮކްބަސްޓާ އެވެ.

”ގޮށްރާޅު“ގެ ކާސްޓަށް ބަލައިލާއިރު، ފިލްމުގެ ލީޑު ކުޅެފައިވަނީ ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ، ކޮޕީ އިއްސެ، އަޙްމަދު ސަޢީދު ވެސް ފެނިގެންދެއެވެ.

މާމުއި

1 ޖުލައި 2019 ގައި ރިލީޒްކޮށް، ސަތޭކަ އިންސައްތަ ހައުސްފުލް 15 ޝޯވ އޮލިމްޕަހުގައި ދެއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކާފައިވާ މާމުއިި“ގެ ވާހަކަ ލިޔުނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓްކުރީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޑައިރެކްޓަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަލީ ޝިފާއު (ޗިއްޕެ)އެވެ.

މަޖާ އެތަކެއް ކަންތައްތަކެއް ފެނިގެންދާ މާމުއިި“އަކީ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ.

މާމުއިި“ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއިި“ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ގުޅުން

“ގުޅުން” ރަސްމީ ޓްރެއިލާގެ ސްކްރީން ޝޮޓެއްގައި ރިޝްމީ

މިއީ އަދި ރިލީޒް ނުކުރާ ފިލްމެކެވެ. ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ”ގުޅުން“ މިއީ 20 ވަރަކަށް މިނެޓްގެ ކުރު ފިލްމެކެވެ.

”ގުޅުން“ ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހެދީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހެދީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމް އެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، ކުރިއަރަމުން އަންނަ އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.