އޭޝާއާއި އެޒުވާނާ އެކަނިވީއެވެ. އަދިވެސް ހަސަނުގެ ޚަބަރެއްނުވެއެވެ. އިރުކޮޅަކު، އޭޝާއާއި އެޒުވާނާ އުނދޯލިގޭ މަޑުކޮށްލުމަށް ފަހު މަގުމައްޗަށް ނިކުތެވެ. ހަސަނު ހޯދަން ދާށެވެ. އޭޝާގެ ބަހަށް ހަސީނާ ކައިރިއަށް ދާން ދެމީހުން ހިނގައިގަތެވެ. ނަމަވެސް މާދުރަށް ދާކަށް ނުޖެހުނެވެ. ހަސަނާއި ހަސީނާ، ހަސީނާ ހުންނަގެއިން ނިކުމެއްޖެއެވެ. ހަސަނު ފެނުމުން އެޒުވާނާ ޝަކުވާކުރިއެވެ.
“ސާބަސް ހަސަނު ، އަހަރެން އެކަނި ކޮށްލާފަ ކޮންތާކަށް ވަދެ އުޅެފަ ތިއައީ”.
“އަހަރެން ކުރާނެކަމެއްނެތް! ހަސީނާ އޭނާގެ ލޯބިވެރިޔާ ފޮނުވި ސިޓީ ކިޔާފައި އޭގެ ޖަވާބު ލިޔަންދެން އަހަރެން މަޑުކުރީ. މިރޭފަތިހު ފުރަންޏާ ފަހުން ނާދެވޭނެތީ އެ ހިފައިގެން ދާން މަޑުތާ ކުރަންޖެހޭނީ” ހަސަނު ތަފްސީލާއެކު ވީގޮތް ކިޔައިދިނެވެ.
އިތުރު ޝަކުވާއެއްކުރާކަށް އެޒުވާނާއަކަށް، ހަސަނު ފުރުޞަތެއް ނުދިނެވެ.
“އެކަނިތަ ތިހުރީ، އޭޝާވެސް އެބައިނެންނު”. އެވަގުތު ހަސީނާ ބުނެލިއެވެ. ސަމާސާކޮށްލަމުން ހަސީނާ އެހެން ބުނުމާއެކު ހަސަނުވެސް އެޒުވާނާއާއި ދިމާކޮށްލިއެވެ. ނަމަވެސް އެކަމާ ނުވާކަށް، އެޒުވާނާއެއް ނޫޅެއެވެ. ވިއްދައި ދިނީހަމަ ދިމާކުރުމުގެ ޖަވާބެކެވެ.
“ހޫނ ހޫނ ދިމާކުރޭ! ހަސަނު ލޯބިވެރިޔާ ކައިރިއަށް ނުގޮސް ތިއުޅެނީ އެހެން ކުއްޖެއްކައިރީގަ. އޯކޭ އޭ އަހަރެންނަށް ވެސް ކިޔާނެ އެއްޗެހި އެނގޭނެ އިނގޭ.” އެޒުވާނާވެސް ހަސަނާ ދިމާކޮށްލީ ޖެއްސުމުގެ ރާގަކަށެވެ.
އެހިނދު ހަސަނު ބުނެލިއެވެ.” އޭތް މިތާ އަނދިރީ ތިބެތަ ވާހަކަ ދައްކަނީ . ހިނގާ އޭނދަ ލައިޓް ކައިރިއަށް”. މަގުގެ އިރުމަތީ ފަރާތު މާދުރުނޫން ހިސާބެއްގައި ހުރި މަގުބައްތިއަށް އިޝާރާތް ކޮށްލަމުން ހަސަނު ބުންޏެވެ. ހަސަނުގެ އެދުމަށް އޭޝާވެސް އެތަނަށް ދިޔައެވެ. އަދި ހަސީނާވެސް އެމީހުންނާއި އެކު އެތަނަށް ދިޔައެވެ. މަގުބައްތީގެ އައްޔާއި އަރައި ހަމަވިތަނާހެން އެޒުވާނާ ތަޢާރަފްވެލިއެވެ.
“އަދި ކިޔާނަންވެސް އަހަންނަކަށް ނޭނގޭ. ދެން ހިނގާ ތަޢާރަފްވެލަމާ. އަހަންނަށް ކިޔަނީ ޖުނޭދު.” އެޒުވާނާ އޭނާގެ ނަންބުނެލީ އޭޝާއަށް ސަލާމަށް އަތްދިއްކޮއްލަމުންނެވެ. އޭޝާވެސް ސަލާމްކޮށްލަމުން އަހަންނަށް ކިޔަނީ އޭޝާއޭ ބުނެލިއެވެ. އެތަން ބަލާކަށް ހަސީނާއަށް މަޑަކުން ނުހުރެވުނެވެ. އެއާއެކު ހަސީނާ އަމިއްލައަށް އަވަސް އަވަހަށް ތަޢާރަފްވެލައިފިއެވެ. އެންމެންވެސް މިހާރު ބީރައްޓެއްސެއް ނުވާނެތާއޭ ބުނަމުންނެވެ. އޭޝާއާއި ޖުނޭދު އަދި ހަސީނާ ތަޢާރަފުވެލުމުން އެމަންޒަރު ބަލަން ހުރި ހަސަނަށް ލިބުނީ ހައިރާންކަމެކެވެ. އެއާއެކު ހަސަނު ބުނެލިއެވެ.
“ޖުނޭ . ކަލެއަށްވާ ކަމެއްނުވިއެއްނު. ތިންގަޑި އިރެއްހައި އިރު އޭޝާ ކައިރީ ހުރެފަތިއައީ ނަންވެސް އަހައިނުލާ. ދެމީހުން މަންމަންވެފަދޯ ތިބީ”. މިފަހަރުވެސް ހަސަނު ބެލީ ޖުނޭދުއާއި ދިމާކޮށްލެވޭތޯއެވެ. އޭގެ ރައްދު ޖުނޭވެސް ދިނެވެ. ނަމަވެސް އޭނާ ދިފާޢުކުރަމުންނެވެ.
“އަހަންނެއްނޫން މަންމަނީކީ. އޭޝާ އިނީ ބަހެއްނުބުނެ. އެހެންވެ ނަން އަހަންނުކެރުނީ. އެކަމުވެސް އަހަރެންގެ ކޮއްކޮއަކާއި ވައްތަރުކަމުން ވަރަށް ނަން އަހާލަން ބޭނުންވެފަ ހުރީވެސް.” ޖުނޭދު އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ.
އެޒުވާނާގެ ވާހަކަ އަޑުއަހާފައި އޭޝާ ލަދުގަތެވެ. އަޞްލުވެސް ވާހަކަދައްކަން ނުކެރުނީ އޭނާއަށެވެ. އޭޝާގެހިތްބުނަމުންދިޔައެވެ. އެހެނަސް އެއަށް ސަކަ މިޒާޒުގެ އޭޝާއަށް އެވީކިހިނެތް ހެއްޔެވެ؟ ޖުނޭދުގެ ވާހަކަތަކުން އޭޝާއަށް އައި ބަދަލު އޭނާއަށް އެނގުނުކަހަލައެވެ. އެހެންވެ ދެންވެސް ވާހަކަދެއްކީ ޖުނޭދެވެ.
“މާލަދުގަންނަ ކުއްޖެއް މީ! ދޯ” އޭޝާއަށް އިޝާރާތްކުރަމުން ޒުވާނާ މިހެން ބުނުމުން ހަސަނުމެން ހޭންފެށިއެވެ. އަދި ޖުނޭދުގެ ވާހަކަ ހުސްނުވާނެ ކަމުގައި ހަސަނު ބުންޏެވެ. ޖުނޭދުގެ މަޖާކަމާއި މޮޅުކަމުގެ ވާހަކަ ހަސަނު ކިޔަންފެށިއެވެ. އަދި އަތްބަލަންވެސް ޖުނޭދު ވަރަށް މޮޅުވާނެކަމުގައި ބުނެލިއެވެ. އެވަގުތު ހަސީނާ އޭނާގެ އަތް ޖުނޭދަށް ދެއްކިއެވެ. ހަސީނާގެ އަތްބެލުމަށްފަހު އޭޝާގެ އަތްބަލާލަން ބޭނުންކަމުގައިބުނެ އެކަމަށް އޭޝާގެ ކިބައިން ޖުނޭދު އަމިއްލައަށް އެދުނެވެ. އެހެނަސް އޭޝާ އެކަން އެހާ ކުރާހިތެއް ނުވިއެވެ. އެއީ އޭޝާ ޤަބޫލުކުރާކަމެއްނޫނެވެ. އެކަހަލަ ކަންކަން ކުރާން ނުވާނެކަމުގައި އޭނާގެ ޟަމީރު އޭނާ ކައިރީ ބުނިފަދައެވެ. ނަމަވެސް ހަސަންމެން އާދޭސް ކުރަންފެށިއެވެ. އެމީހުން ގޮތެއްދުލެއް ނުކުރިއެވެ. އެންމެފަހުން ޖުނޭދު އޭޝާގެ އަތުގައި ހިފިއެވެ. އޭޝާއަށް ގަދަ ދައްކާކަށް ނުކެރުނެވެ. ޖުނޭދު އޭޝާގެ އަތުގައި ހިފާލައިގެން ހުރެ އަތް ބަލަމުން ދިޔައެވެ. ޖުނޭދުގެ މޫނުމަތިން މާ ހާސްކަމެއް ނުފެންނާތީ އޭޝާވެސް ފަހުން ހަމައަކަށް އެޅިއްޖެއެވެ. އޭޝާގެ އަތަށް ބަލަމުން ދިޔަވަރަކަށް ޖުނޭދުގެ މޫނުމައްޗަށް ހިނތުންވުމުގެ ކުލަވަރު އަންނަކަން ފާހަގަކުރެވުނެވެ. ތެދެކެވެ. ޖުނޭދު ހުރީ ހިނިތުންވެފައެވެ. އަދި އޭޝާއަށް އިރުއިރުކޮޅާ ބަލަމުންދިޔައީވެސް އުފާވެރިކަމުގެ މޫނަކައިގެން ހުރެއެވެ. މާގިނައިރު އޭޝާގެ އަތުގައި ހިފައިގެން ޖުނޭދު ހުރުމުން ހަސީނާ އަކަށް ކަމަކުނުދިޔައެވެ. އޭނާގެ އަތް ފަސް ސިކުންތުން ބަލާފައި އޭޝާގެ އަތްބަލަން ފަސްގަޑިއިރު ބޭނުންތޯ ޖެއްސުމުގެ ރާގަކަށް ހަސީނާ ޖުނޭދާ ސުވާލުކުރިއެވެ. އެވަގުތު ޖުނޭދު އޭޝާއަށް ބުންޏެވެ.
“އޭޝާ ތީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް. އޭޝާއަށް ވަރަށް އޭޝާ ދެކެ ލޯބިވާ ފިރިއަކުލިބޭނެ.” މިހެން ބުނުމަށްފަހު ޖުނޭދު އޭޝާ އާއި ސުވާލުކުރިއެވެ. “ލޯބިވެރިޔާ އޭޝާދެކެ ވަރަށް ލޯބިވޭ ތަ؟” ޖުނޭދުގެ މި ސުވާލާއެކު އޭޝާ ޖުނޭދުގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އަދި ބުނެލިއެވެ.
“އަހަރެންގެ ލޯބިވެރިއަކު ނުހުރޭ!” އޭޝާ ޖަވާބުދިނީ ހިތްހަމަނުޖެހޭކަން ދައްކަމުންނެވެ. ނަމަވެސް އެކަމާ މާބޮޑަށް ޖުނޭދު ހާސްވިހެނެއް ހިއެއްނުވެއެވެ. އެހެން އޭޝާ ބުނުމާ އެކު ޖުނޭދު އޭޝާގެ ކޮލުގައި ހިފާލަމުން އަހަންނަށް ހަމަ ސިފަވަނީ ތީ އަހަރެންގެ ކޮއްކޮހެންނޭ ބުނެ ހިނިތުންވެލިއެވެ.
އޭޝާމެން އެންމެން ވާހަކައިގައި ތިބޭތާ މިހާރު އެތައް އިރެއް ވެދާނެއެވެ. އެކަން ހަސަނަށް އިޙްސާސްވީ ހިމަފޮދު ވާރޭއަންނަން ފެށުމުންނެވެ
“އޭތް މިހާރު މިހެން ތިއްބާ ގަޑިން އެކެއް އެހެރަޖެހީ!” ގަޑިއަށް ބަލާލަމުން ހަސަނު ބުނެލިއެވެ. އެއާއެކު ހަސަނު ބޭނުންވީ އޭނާގެ ލޯބިވެރިޔާ ގާތަށް ދާށެވެ. އަދި އެމީހުނާއެކު ދިއުމަށް އޭޝާ އަށާއި ހަސީނާ އަށް ހަސަނު ދަޢުވަތު ދިނެވެ. ނަމަވެސް ހަސަނުގެ އެދުމަށް ހަސީނާއަކަން ދެވޭގޮތެއްނުވިއެވެ. އެއީ ހަސީނާއަކީ ބީރައްޓެހި ކުއްޖަކަށްވެފައި އޭނާކިޔަވަން ހުންނަގޭ މީހުން އެކަމާ ހިތްހަމަ ނުޖެހިދާނެތީ ހަސީނާއަށް ދާންނުކެރުނީއެވެ. އެހެން ކަންތައް ވުމުން ޖުނޭދު އެކަނިކޮށްލަން އަނެއްކާވެސް ޖެހިދާނެކަމުގެ ބިރަށް ހަސަނު އޭޝާ ކައިރީން އެމީހުންނާއި އެކު ދިއުމަށް އެދުނެވެ. އެކަމާ އޭޝާ ދެކޮޅެއް ނަހަދައެވެ. ސަބަބަކީ ހަސަނުގެ ލޯބިވެރިޔާގެ ގެއަކީ އޭޝާގެ ތިމާގެ ބޭބެއެއްގެ ގެ ކަމުގައިވާތީއެވެ. އެހެންވެ ހަސަނުމެންނާއެކު، ހަސަނުގެ ލޯބިވެރިޔާ ނާޒިމާ މެންގެއަށް އޭޝާ ދިޔައެވެ. އޭރު ހަސަނުގެ އިންތިޒާރުގައި ނާޒިމާ ގޭ ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.
ވެހޭހިމަފޮދު ވާރޭގެތެރޭން ހަސަނުމެންނާއެކު އޭޝާ އައިތަން ފެނުމުން ނާޒިމާ ހައިރާންވިއެވެ. ސަބަބެއް ނެތިއެއްނޫނެވެ. އޭޝާއަކީ އެއްވެސް އިރެއްގައި ދަންވަންދެން ބޭރުގައި އުޅޭ މީހަކަށް ނުވާތީއެވެ. އެ ހައިރާންކަމުގައި ނާޒިމާ އޭޝާއާއި ކުރީ ސުވާލެކެވެ.
“އޭޝާ ތިޔައީ…؟” ނާޒިމާ ހައިރާންކަމާއި އެކު ކުރި، ސުވާލަށް ޖަވާބުދިނީ އޭނާގެ ލޯބިވެރިޔާ ހަސަނެވެ. އޭޝާ ގެނައީ އޭނާގެ އެކުވެރި ޖުނޭދު އެކަނިނުކުރަން ކަމަށްބުނެ، ނާޒިމާ ގޮވައިގެން ހަސަނު ގޭތެރެއަށް ވަދެގެން ދިޔައީއެވެ. އަނެއްކާވެސް އޭޝާއާއި ޖުނޭދު އެކަނިކޮށްލާފައެވެ.
ހަސަނުމެން ދިއުމުން ނާޒިމާމެންގޭގެ ގޯތިތެރޭ ހުރި އުނދޯންޔެއްގައި ޖުނޭދު ގޮސް އިށީންދެލިއެވެ. އަދި އަތުން އިޝާރާތްކުރަމުން އިށީންނަށް އައުމަށް އޭޝާއަށް ދަޢުވަތު ދިނެވެ. ޖުނޭދުގެ އިޝާރާތަށް އޭޝާގެ ފައި ހަރަކާތްކުރީ ހީކުރިވަރަށްވުރެވެސް މާހަލުވިކޮށެވެ. އަވަސްއަވަހަށް ގޮސް ޖުނޭދުކައިރީ އުނދޯލީގައި އޭޝާ އިށީންދެލިއެވެ. އެއާއެކު ޖުނޭދު އުނދޯލީގައި އޮށޯވެލިއެވެ. ދެން އޭޝާ އުނދޯލި ހެއްލާލަދޭށޭ ބުނަމުންނެވެ. އެންމެފަހުން އޭޝާ ޖެހުނީ ޖުނޭދަށް އުނދޯލި ހެއްލައިދޭށެވެ.
މެންދަމުގެ ހަމަހިމޭންވަގުތެވެ. ހިމަފޮދު ވާރޭ ވެސް ވެހެމުންދެއެވެ. އޭޝާ ހަމަ ފޯރީގައި އުނދޯލިހެއްލަނީއެވެ. ވާނީވެސް އެހެންތާއެވެ. އޭޝާ އަކީ އުނދޯންޔެއް ފެންނަ އިރަށް މޮޔަވާމީހެކެވެ. އެހާވެސް އުނދޯލި ހެއްލަން ފޯރިހުންނާނެއެވެ. އެންމެފަހުން މާބާރަށް އޭޝާ އުނދޯލިހެއްލާތީ ޖުނޭދަކަށް ކެތެއްނުވިއެވެ.
“ބޯ އަނބުރައިގަނެފާނެ!” ޖުނޭދަށް ބުނެވުނީ މިހެންނެވެ. އެއާއެކު އޭޝާ އުނދޯލި ހެއްލުން މަޑުކޮށްލިއެވެ. އަސްލުވެސް އުނދޯލި ހެއްލުނީ މާބާރަށްކަން އޭނާ ޤަބޫލުކުރިއެވެ. އުނދޯލީގެ ހެއްލުން މަޑުކޮށްލުމުން ޖުނޭދު ވާހަކަ ދައްކަންފެށިއެވެ. އޭނާއާއި ބެހޭ ތަފާތު ވާހަކަތަކެވެ. ހީވަނީ އޭޝާއަށް އޭނާގެ ޙާލު ބަޔާންކުރަން ޖުނޭދު މަސައްކަތްކުރާހެނެވެ. އޭޝާއަށް ޖުނޭދުގެ ހުރިހާކަމެއް އަންގަން ބޭނުންވަނީ ހެއްޔެވެ؟ އޭރު އެއްވެސް ބަހެއް ނުބުނެ ޖުނޭދުގެ ވާހަކަތައް ކަނުލައި އަހަން އޭޝާ އުނދޯލީގައި އިނީ ޝައުޤުން ފުރިގެންވާ ގޮތަކަށެވެ. އޭނާގެ މޫނުމަތިން އެއްވެސް ފޫހިކަމެއް ފެންނާކަށް ނެތެވެ. މެންދަން ނަމަވެސް ލޮލުން ނިދީގެ ކަންފުޅެއްވެސް ފެންނާކަށް ނެތެވެ. އެއަށްވުރެ ޖުނޭދުގެ ވާހަކަތައް ޝައުޤުވެރިއެވެ. އެހެންވެ އޭޝާ ބޭނުންވީ އިތުރަށް އެވާހަކަތައް އަޑުއަހާށެވެ.
(އަދި ނުނިމޭ…)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 ޖުލައި 2021ވާހަކަބޭވަފާވީ ކަލާއޭ – އެޕިސޯޑް 03
- 16 ޖޫން 2021ވާހަކަބޭވަފާވީ ކަލާއޭ – އެޕިސޯޑް 02
- 9 ޖޫން 2021ވާހަކަބޭވަފާވީ ކަލާއޭ – އެޕިސޯޑް 01