ރާއްޖޭގެ ސަރުކާރުތަކުން އަބަދުވެސް އެންމެ ޖެހިލުންވާ އެއް ކަމަކީ ރައްޔިތުން ޙައްޤުބަސް ބުނުމެވެ. އެ ސަރުކާރެއް، މި ސަރުކާރެއް ކިޔާކަށް ނެތީމެވެ. 1990ގެ އަހަރުތަކުން ފެށިގެންވެސް ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ފެށުމަށް ހުއްދައެއް ދޭ ވާހަކަތައް ދައްކަމުން އާދެއެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ދިނުމުގެ ކުރިން ކުރަން ޖެހޭކަމަށް ބުނާ ސާވޭތަކެއް ކުރިއެވެ. އެންމެ ފަހުން، ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ އަޖުމަބެލުމުގެ ޕްރޮގްރާމެއް އިޢުލާނުކުރިއެވެ. ނަމަވެސް ހަނި ފުރުޞަތެއް ކޮމިއުނިޓީއަށް ނުވަތަ މުޖުތަމައަށް ލިބޭ ގޮތަކަށެވެ.

ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން މިއަދު މިވަނީ ފެށިފައެވެ. ސަރުކާރުން ހުއްދައެއް ދީގެނެއް ނޫނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ތެރެއިންނެވެ. މިވަގުތު ދުނިޔޭގައިވެސް އެންމެ ބޮޑަށް ވައިގައި ހިފާފައިވާ “ކްލަބްހައުސް” މެދުވެރިކޮށެވެ. ސަރުކާރުން ހުއްދަ ދިނުމަށް ޖެހިލުންވެ ފަހަތުފަޔަށް ބަރުވެފައި ތިއްބާ މިއަދު މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމިއުނިޓީ ބްރޯޑްކާސްޓިން ފަށާފައެވެ. ކްލަބްހައުސްގައި އެކި ކްލަބްތައް ނުވަތަ އެކި ޗެނަލްތައް ފަށައިފިއެވެ. މޭވަވެތި ޕްރޮގްރާމުތަކާއި ފޯރަމްތައް ކުރިއަށް ގެންދާން ފަށައިފިއެވެ.

ރާއްޖޭގެ ސަރުކާރުން ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ޚާއްޞަ ހުއްދައެއް ދޫކުރީ ދުވާފަރު ސްކޫލަށެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުއްދަ ދިން ކޮމިއުނިޓީ ބްރޯޑްކާސްޓިން ޚިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން ދޫކުރި ޚާއްޞަ ހުއްދައެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަޖުމަ ބެލުމުގެ މި ޕްރޮގްރާމުގެ ދަށުން މި ޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވައިލީ ހަމައެކަނި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށެވެ. ކުރިން އަޅުގަނޑު އިޝާރާތްކުރި ހަނި ފުރުޞަތުގެ ވާހަކައަކީ މިއީ އެވެ.

ބްރޯޑްކޮމް އިން މި ހުއްދަ ދެއްވި ނަމަވެސް، ސަރުކާރާއި ބްރޯޑްކޮމްގެ ވާހަކަތަކުން އަޅުގަނޑަށް ދޭހަވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ދިނުމަށް އަދިވެސް ބިރުގަންނަ ކަމެވެ. ޖެހިލުންވާ ކަމަށެވެ. އަނެއްކާވެސް ބުނެލާނީ މިއީ އެ ސަރުކާރެއް ނުވަތަ މި ސަރުކާރަކަށް އެކަނި ނިސްބަތްވާ ވާހަކައެއް ނޫން ކަމަށެވެ.

ބްރޯޑްކޮމް އިން ދިން ޚާއްޞަ ހުއްދަ ދެމުން ބުނެފައިވާ ވާހަކަކޮޅެއް ހިއްސާކޮށްލާނަމެވެ.

އެ ޕްރޮޖެކްޓް ބޭނުމަކީ މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ޚިދުމަތް ދިނުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ބެލުން ކަމަށެވެ.

މި އިބާރާތްކޮޅުން ދޭހަވަނީ ކޮން ކަމެއްތޯއެވެ. ރާއްޖޭގެ ރައްޔިތުންނަކީ ކަންކަމަށް ހަމަ އެހާ އަހުލުވެރިނޫން ބަޔަކީތޯއެވެ. މިއަދު “ކްލަބްހައުސް”ގައި ފަށައިގެން ހިންގަމުން އަންނަ ޗެނަލްތައް މޮޑަރޭޓްކުރާ ފަރާތްތަކުން ބްރޯޑްކޮމް އިން އެ އިޝާރާތްކުރައްވާ މިންގަނޑު ނުގެންގުޅެނީތޯއެވެ. ރާއްޖޭގެ ރައްޔިތުން ކޮމިއުނިޓީ ބްރޯޑްކާސްޓިންއަށް ޝައުޤުވެރިކަމެއް ނެތްކަމަށް ހީކުރަނީތޯއެވެ. ގައިމުވެސް ކޮމިއުނިޓީ ބްރޯޑްކާސްޓިން އަށް ރައްޔިތުންގެ އޮތް ޝައުޤުވެރިކަން މިއަދު މިވަނީ “ކްލަބްހައުސް” ތެރެއިން މާ ރަނގަޅަށްވެސް ފެނިފައެވެ. ބޮޑު މަންޒަރު މިވަނީ އަލި ބިއްލޫރިކޮޅެއްހައި ސާފުކޮށް ރައްޔިތުންނަށް ސާފުވެފައެވެ.

މިއަދު، ފޯނެއް އޮތް ކޮންމެ ދިވެއްސަކީ ބްރޯޑްކާސްޓަރެކެވެ. ޗެނަލެއްގެ ވެރިއެކެވެ. ކޮމިއުނިޓީތަކަށް ފައިދާހުރި ޕްރޮގްރާމުތަކެއް ގެނެސްދިނުމުގެ ޤާބިލުކަމާއި ފަރިތަކަން ލިބިފައިވާ ބްރޯޑްކާސްޓަރެކެވެ. ސަރުކާރުތަކުން ހުއްދަދޭން ބިރުން އުޅުނަސް، ފަންނިއްޔާތު އިންތިހާއަށް ކުރިއަރާފައިވާ މި ޒަމާނުގައި މިއަދު މިވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިން މުޅި ރާއްޖޭގައި ފިސާރި ރަނގަޅަށް ފެށިފައެވެ. ވައިގައި ހިފާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.