މީގެ 27 އަހަރު ކުރިން ބޮލީވުޑްގެ ފިލްމީ ހަޔާތަށް އަލްވަދާޢުކިޔުމަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި މަޝްހޫރު އެކްޓްރެސް މީނަކްޝީ ސެޝާދްރީ އަލުން އެކްޓިން އަށް ނުކުންނަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

މީނަކްޝީ ސެޝާދްރީ ބުނީ އޭނާ ފިލްމީ ދާއިރާއަށް އަލުން ނުކުންނަން އުޅެނީ ގާތްގަނޑަކަށް ތިރީހަކަށް އަހަރު މި ދާއިރާއާއި ދުރުގައި ހުރުމަށް ފަހުގައި ކަމަށެވެ. އަށްޑިހައިގެ އަހަރުތަކުގައި ފުރަތަމަ ފިލްމުން ފެނިގެންދިޔަ މީނަކްޝީ އަކީ އޭނާގެ ދުވަސްވަރު ބޮލީވުޑްގައި މަޝްހޫރުވެގެން ދިޔަ އެއް އެކްޓްރެސް އެވެ. އޭނާ ފިލްމީ ދާއިރާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ 1995ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށުމަށްފަހުގައެވެ.

މިއަދާ ހަމައަށްވެސް ބޮލީވުޑްގައި ފަނޑުވުމެއް ނެތި ފިޔަޖަހަމުން އަންނަ މާދުރީ ޑިކްސިޓް އާއި ޝަބާނާ އާޒްމީ އާއި ފައިހަމަކޮށްލެވިދާނެތޯ ނޫސްވެރިއަކު އަހައިލުމުން މީނަކްޝީ ބުނީ އެ ފަންނާނުން ކުރަމުން އަންނަ މަސައްކަތްތަކުގެ މާބޮޑު މަޑުލޫމާތެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ.

“ތި އެކްޓްރެސް އިން އަހަންނެއް ނުދަންނަން. އެމީހުންގެ ޕްރޮފެޝަނަލް ކެރިއަރުގަ ހިނގަމުންދަނީ ކޮން ކަންތައްތަކެއް ކަމެއް މަށަކަށް ނޭނގޭ. ނަމަވެސް މަގޭ ވާހަކަ ދައްކަންޏާ ބުނެވޭނީ މިހާރު އަހަންނަކީ އަލަށް މި ދާއިރާއަށް ނުކުންނަ ފަންނާނެއް ފަދަ މީހެކޭ.” މީނަކްޝީ ބުންޏެވެ.

“އަހަރެން އަލުން މި ފަށަނީ ގާތްގަނޑަކަށް 27 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގަ. އަހަންނަށް ލިބޭނީ ކޮންކަހަލަ ރޯލުތަކެއްތޯ ބަލައި އަހަރެން ޤަބޫލުކުރާނީ ކޮންކޮން ރޯލެއްތޯ ބަލައިލަން އަހަރެންވެސް މިހުރީ ޝައުޤުވެރިވެފަ. މިހާރު އަހަރެން މިހާރު ހުރީ ކިހިނެއްކަމާ، އަހަރެންގެ ހުނަރު ހުންނާނީ ކިހިނެއްތޯ މިހާރު ފިލްމުހަދާ މީހުން ސްކްރިޕްޓް ލިޔުމުގެ ކުރިންވެސް ބަލާނެކަމަށް އަހަންނަށް ހީވޭ.” މީނަކްޝީ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.