އިޝްޤްގައި އިން ފަހަނައަޅައި ދިއުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލިބެން ވަރަށް ކައިރިވެއްޖެއެވެ. މިހާރު މިއޮތީ ކޮންމެވެސް ވަރެއްގެ ޖަވާބެއް މިކަމަށް ތިލަވެސް ކޮށްލާފައެވެ. ރާއްޖޭގެ ތަޖްރިބާކާރު އަދި އެހާމެ މަޤްބޫލު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ “ހެހެސްް” ފިލްމުގެ ފަސްޓްލުކް ރިލީޒްކޮށްފިއެވެ.

ފިލްމު “ހެހެސްް”ގެ ފަސްޓްލުކް އާއްމުކޮށްފައިވާއިރު، ފިލްމު ރިލީޒްކުރާނީ މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް މި އަހަރު ކަމަށްވެސް ހާމަކޮށްފައިވެއެވެ.

”އިން ފަހަނައެޅި އިޝްޤް“ މި ޓެގްލައިން ބޭނުންކޮށްފައިވާ ފިލްމު “ހެހެސްް”އަކީ ލޯބީގެ ތަފާތު ވާހަކަ އެއްގެ މަށްޗަށް ބިނާކޮށް އުފައްދާފައި ސަސްޕެންސް ތްރިލާއެކެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނެއެވެ.

ފިލްމު ”ހެހެސް“ގެ ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

މިއީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެއެވެ. ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާކުރީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޖަލާލް އެވެ. ބެކް ސްކޯ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ.

މި ފިލްމަށް ލަވަކިޔައިދީފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ. ރިލީޒްކޮށްފައިވާ ފަސްޓް ލުކުން ތޭރަގެ ހިތްގައިމު ލަވައެއް އިވިގެންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.