ޖައްގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ފެތުރޭހާ ބާރަށް ކްލަބްހައުސް މުޅި ދުނިޔެއަށް އަންނަނީ ފެތުރެމުންނެވެ. ރާއްޖެއަށް އެކަނި ބަލައިލި ނަމަވެސް، ވޭތުވެދިޔަ ހަފުތާގެ ތެރޭގައިވެސް އެކަނިވެސް ކްލަބްހައުސް އާ ގުޅުނު މީހުންގެ އަދަދު ހަމަ ގައިމުވެސް އުޅޭނީ އެތަކެއް ހާހުން މަތީގައެވެ.

ކްލަބްހައުސް އަށް ވަންނަ ފަރާތްތަކުގެ އަދަދު އިންތިހާއަށް ގިނަވެފައިވާއިރު، މި އެޕްލިކޭޝަންގެ ނެރެފައިވަނީ އައިއޯއެސް ވާރޝަން އާއި އެންޑްރޮއިޑް ވާރޝަން އެކަންޏެވެ. ޑެސްކްޓޮޕް ވާރޝަންއެއް ނެރެން ނިންމާފައިވާކަން އަދި މިހާތަނަށް ކްލަބްހައުސް އިން ހާމަކޮށްފައެއް ނުވެއެވެ. ރަސްމީކޮށް ބޭނުންކުރެވޭނެ ޑެސްކްޓޮޕް ވާރޝަން އެއް ނެތަސް، ކްލަބްޑެކް މެދުވެރިކޮށް ކްލަބްހައުސް އަށް ފަސޭހަކަމާއެކު މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ވަދެވެއެވެ. ނަމަވެސް، އެ ދުވަހުން ފެށިގެން ކްލަބްޑެކްގައި ކްލަބްހައުސް އަށް ލޮގިން ނުވެވޭނެ ގޮތް ކްލަބްހައުސް އިން ވަނީ ހަދާފައެވެ.

އޫޕްސް، އަންނޯން އެރަރ!

ކްލަބްޑެކް ބޭނުންކޮށްގެން ކްލަބްހައުސް އަށް ލޮގިންވުމަށް މަސައްކަތްކޮށްލާ ހަމަ ކޮންމެ ފަހަރަކު އަންނަނީ ވަރަށް ހައިރާންކުރުވަނިވި މެސެޖެކެވެ. “އޫޕްސް، އަންނޯން އެރަރ.” އަރަނީ ލޮގިންވުމަށް ފޯނު ނަންބަރު ޖެހުމަށްފަހު، ފޯނަށް އަންނަ އެއްފަހަރު ބޭނުންކުރެވޭ ޕާސްވޯޑް (އޯޓީޕީ) ޖަހާ ހިސާބުންނެވެ. މިގޮތަށް މެސެޖް އަންނަން ފެށުމުން ކްލަބްޑެކް ބޭނުންކުރާ ފަރާތްތަކުން ރުޅިގަދަވެ، އެ މައްސަލަ ކްލަބްޑެކަށް ހުށައަޅަން ފެށިއެވެ.


‘އަވަސް އަދާހަމައެއް: އަހަރުމެންނަށް މައްސަލަ ދަނެގަނެވިއްޖެ، ނަމަވެސް އެކަން ހައްލުކުރުމަށް ގޮތެއް އޮތްތޯ އަހަރުމެން ބަލަން ޖެހޭ. ދިމާވި ދަތިތަކަށްޓަކައި މަޢާފަށް އެދެން، މިކަން، ވީ އެއްމެ އަވަހަކަށް ހައްލުކުރުމަށް އަހަރުމެން މިގެންދަނީ މަސައްކަތްކުރަމުން! މި މަރުހަލާގައި، މިކަން ހައްލުކުރެވޭނެ ވަގުތެއް ބުނާކަށް ނޭނގޭ.’ ކްލަބްޑެކްގެ ރަސްމީ ޓްވިރުގައި މިމަހު 25 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

‘އައު އަދާހަމައެއް: އަހަރުމެންގެ ސަޕޯޓަރުންގެ ފަރާތުން އެތަކެއް ސަތޭކަ މެސެޖް އަހަރުމެންނަށް ލިބިއްޖެ، ތިޔަ ދެއްވާ އެއްބާރުލުމާއި ކެތްތެރިކަމަށްޓަކައި ޝުކުރިއްޔާ. އަހަރުމެން ކްލަބްހައުސް އާ ބައްދަލުކުރެވޭތޯ މަސައްކަތްކުރަމުން އެބަ ގެންދަމު. ނަމަވެސް ހަނދުމަފުޅުގައި ބަހައްޓަވާތި، މިއީ އެމީހުންގެ ގަޑިން (ޓައިމް ޒޯނުން) ވަރަށް އަވަސް ވަގުތެއް. ޝުކްރިއްޔާ.’ ކްލަބްހައުސް އަށް ޓެގްކޮށް ޖޫން 25ގައި ކޮށްފައިވާ ދެވަނަ ޓްވީޓްގައި ވެއެވެ.

‘ހެލޯ، އަނެއްކާވެސް އަވަސް އަދާހަމައެއް މިދެނީ ލޮގިން ވުމަށް ހުރަސްއަޅާ ބަގްގެ މައްސަލަ އަހަރުމެންނަށް އަދިވެސް ހައްލުވެފައެއް ނުވޭ. ކްލަބްހައުސް ޓީމަށް އަހަރުމެން ތަޢާރަފުވެ އެމީހުންނާއެކުގައި މިކަން ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ގޮތެއް ވޭތޯ މި ގެންދަނީ ބަލަމުން. ކުރިންވެސް ބުނި ފަދައިން މިއީ ހަފުތާ ބަންދުކަމަށް ވުމާއެކު އަންނަ ހަފުތާ ފެށުމުގެ ކުރިން ހައްލެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރެއްވުން އެދެން. ޝުކްރިއްޔާ.’ މިފަހަރުވެސް ކްލަބްހައުސް އަށް ޓެގްކޮށް ހަމަ އެ ތާރީޚުގައި ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

އޫޕްސް، އަންނޯން އެރަރ.” އަރާ މައްސަލައިގެ ޙަޤީޤަތް ސާފުކޮށްލުމަށް ރާއްޖޭގެ ޓެކް ދާއިރާގައި ފުންނާބުއުސް ފަރާތެއް ކަމަށްވާ ނައްޓު އާ މުނިއަވަސްގެ ފަރާތުން ސުވާލުކޮށްލުމުން ބުނީ ކްލަބްޑެކަކީ ކްލަބްހައުސްގެ ރަސްމީ އެޕްލިކޭޝަނެއް ނޫންކަމަށެވެ. އަދި ކްލަބްހައުސް އިން އައު އަދާހަމަތައް ގެންނަމުން އަންނައިރު ކްލަބްޑެކަކީ ތާރޑް ޕާޓީ އެޕަކަށް ވުމުން ބްރޭކްވާނެ ކަމަށެވެ.

ކައިރި ކުރިމަގެއްގައި ކްލަބްހައުސްގެ ޕީސީ ވާރޝަނެއް ނެރެފާނެ ކަމަށް އެއްވެސް ވަރެއްގެ އުއްމީދެއް އެބަ އޮތްތޯ އަހައިލުމުން ނައްޓު ބުނީ އެކަން އެގޮތަށް ކޮށްފާނެ ކަމާމެދު އޭނާއަށް ވަރަށް ބޮޑަށް ޝައްކުކަމަށެވެ.

“އިންސްޓަގްރާމްގެ ވެބް ވާރޝަން ގެންނަން އެމީހުންވެސް ނެގި11 އަހަރު. އެއީ ޑެސްކްޓޮޕުން ބްރައުޒްކޮށްލައި ކޮމެންޓްކޮށްލެވޭ މިންވަރު. އަދިވެސް ކޮމްޕިއުޓަރަކުން ފައިލެއް އަޕްލޯޑްކޮށްލާނެ އެއްވެސް ރަސްމީ ގޮތެއް ނެތް.” ނައްޓު ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.