ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އަދި ކިރަން ރާއޯ ވަރިވެފައިވާކަން މިއަދު ހާމަކޮށްފިއެވެ. އެ ދެމީހުން ބުނީ މިއީ ދެމީހުންވެސް ބޭނުންވެގެން ނިންމި ގޮތެއް ކަމަށާ ދަރިފުޅު އާޒާދު ބަލާނީ ކޯ-ޕޭރެންޓިންގެ އުސޫލުން ދެމީހުން ގުޅިގެން ކަމަށެވެ.

އާމިރު އަދި ކިރަންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބަޔާނެއްގައި ބުނީ:-

“ވޭތުވެދިޔަ 15 އަހަރު އަހަރުމެން އެކުގައި ދިރިއުޅުމުގެ ތަޖުރިބާތަކެއް ކޮށް، އުފަލާއި ހިތްހަމަޖެހުން ތަޖުރިބާކޮށްފައިވަނީ ދެމީހުންގެ ގުޅުމުގައި ވާ އިތުބާރާއި އިހުތިރާމުކުރުމާއި ލޯބީގެ ސަބަބުން. ނަމަވެސް މިއަދު އަހަރުމެން ދެމީހުންވެސް ހަޔާތުގައި އައު ބާބެއް ފަށަން ބޭނުންވޭ – އެއީ ދެމަފިރިންގެ ގޮތުގައެއް ނޫން، އެހެނަސް ދެމީހުން ގުޅިގެން ދަރިފުޅު ބަލާގޮތަށް. އަހަރުމެން ވަކިވުމަށް ތަންކޮޅެއް ކުރިން ޕްލޭންކުރަން ފެށިން. މިއަދު އެކަން ރަސްމީކުރުމަށް އަހަރުމެންނަށް ފަސޭހަކަމުގެ އިހުސާސްކުރެވޭ. އެއީ ދެ ފަރާތުގެ މައިންބަފައިންގެވެސް ސަޕޯޓާއެކު ވަކިން ދިރިއުޅުމަށް. ނަމަވެސް އަހަރުމެން ތިބޭނީ ދަރިފުޅު އާޒާދަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބޭ މައިންބަފައިންގެ ގޮތުގަ.

އަދި އަހަރުމެން އެކުގައި ފިލްމީ މަސައްކަތުގައިވެސް އުޅޭނަން، ޕާނީ ފައުންޑޭޝަންގެ ދަށުންނާ އަހަރުމެން ބޭނުން ވެއްޖެ ނަމަ އެހެނިހެން ޕްރޮޖެކްޓްތަކުގައިވެސް އުޅޭނަން. އަހަރުމެންގެ ދިރިއުޅުމަށް މި އައި ބޮޑު ބަދަލާމެދު ދެ ފަރާތުގެ އާއިލާއިން މެދުނުކެނޑި ލިބެމުން އަންނަ ސަޕޯޓަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އެމީހުންނާ ނުލައި މިއަދު މި ފިޔަވަޅު ނެގުން އަހަރުމެންނަށް ރައްކާތެރި ކަމެއް ކަމަށް ނުވީސް.

އަހަރެމެންނަށް ހެޔޮއެދޭ ފަރާތްތަކުގެ ކިބައިން އެދެނީ އަހަރުމެންނަށް ހެޔޮއެދުމަށާ ކާމިޔާބީއަށް އެދުމަށް. އަހަރުމެންނެކޭ އެއްފަދައިން ތިޔަ ފަރާތްތަކަށް ވެސް ފެންނާނެ، ވަރި އަކީ ނިމުމެއް ނޫންކަމާ އެއީ ދިރިއުޅުމުގައި ފެށޭ އައު ބާބެއްކަން.

ލޯތްބާއެކު ޝުކުރިއްޔާ.”

އާމިރު ޚާން އާއި ކިރަން ރާއޯ ކައިވެނިކުރީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެމީހުންނަަށް ފުރަތަމަ ދަރިފުޅު އާޒާދު ރާއޯ ޚާން ލިބުނީ ސަރޮގެސީއެއް ހަދައިގެން 2011 ވަނަ އަހަރު އެވެ.

އާމިރު ޚާންގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ކުއްޖަކާ އަންހެން ކުއްޖެއް ލިބިފައިވެއެވެ. އެއީ އައިރާ އާއި ޖުނައިދު އެވެ. އެކުދިންގެ މަންމައަކީ ރީނާ ދައްތާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.