ފިލްމު “ދެވަންސޫރަ” އިން ފިލްމީ ދާއިރާއަށް ނުކުތް އެކްޓްރެސް މަރްޔަމް ޝިފާ ބުރުގާއަޅައިފި އެވެ. ޝިފާ ބުރުގާއެޅިކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މިމަހުގެ ދެވަނަ ދުވަހުގެރޭގަ އެވެ.

ޓިކްޓޮކްގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޝިފާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބުރުގާ އަޅާފައިވާ ޕޯސްޓަކާއިއެކު “އަލްހަމްދުލިއްލާހި، އާ ފެށުމެއް” ކަމަށް ބުނެ ޕޯސްޓެއް އާއްމުކުރިއެވެ.

ޝިފާ ބުރުގާ އެޅި ޚަބަރާއެކު ގިނަ ބަޔަކު ޝިފާއަށް ތައުރީފްކުރިއެވެ. ކުރިން ޝިފާ ބުރުގާ އަޅައިގެން އުޅެފައި ބުރުގާ ބޭލިކަމަށް ބުނެ ބައެއް މީހުން ފާޑުވެސް ކިޔާފައިވެއެވެ.

ގިނަ ބަޔަކު ވަނީ އޭނާ ބުރުގާ އަޅައިގެން އުޅުމަށްފަހު އަމިއްލައަށް ބުރުގާ ބާލައިގެން އުޅުމަށް ފަހު އަނެއްކާ ވެސް ބުރުގާ އެޅުމުން ފާޑުތަކެއް ވެސް ކިޔާފައެވެ.

ސީއެންއެމް އަށް ޝިފާ ބުނީ އަލުން ބުރުގާ އަޅަން ވިސްނާ ތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އެއީ ޝިފާގެ މަންމަ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބުރުގާ އަޅައިގެން އުޅުނު ނަމަވެސް ޝިފާ ކުރާ ކަންތައް ޝިފާއަށް ކުރެވޭނެ ކަމަށް މަންމަ ބުނި ކަމަށާއި މިއީ މަންމައަށް ވީ ޕްރޮމިސްއަކަށްޓަކައި، ޝިފާގެ މަންމައަށް ކޮށްދިން ކަމެއް ކަމަށް ޝިފާ ފާހަގަކުރިއެވެ.

ޝިފާ ބުނީ މަންމަ ކިޔައިގެން ކުރި ކަމެއް ނަމަވެސް މިއީ ޝިފާ އަމިއްލައަށް ވެސް ވަރަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށެވެ. އަދި ޝިފާ ބުރުގާ ބާލަން ބުރުގާ ނާޅާނެ ކަމަށް ވެސް ޝިފާ ބުންޏެވެ.

ބުރުގާ އަޅައިގެން ފިލްމީ ދާއިރާގައި އުޅެން ހުރަސްތަކެއް ހުންނަ ކަމަށާއި ބުރުގާ އަޅާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ނުލިބޭ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޝިފާ ބުނެފައިވެއެވެ. ނަމަވެސް ބުރުގާ އަޅައިގެން ދާއިރާގައި ކުރިއަށްދާން މާ ހިތްހަމަޖެހޭ ކަން ފާހަގަކޮށް ޝިފާ ބުނީ ދާއިރާގައި ކުރިއަށް ދާނެ ކަމަށާއި ވަޒީފާގައި އުޅެމުން ވެސް ފިލްމީ ދާއިރާއިން ފުރުސަތު ލިބޭ ވަރަކުން ފެންނާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.