” މަޑުކުރާނެ ކަމެއްނެތް ….. ” އިވުނު އަޑާއިއެކު އަނީގާމެން ތިންމީހުން ދިޔައީ ސިއްސައިގެންނެވެ.
” ކީއްކުރަން މަޑުކުރާކަށް. މަޑުކޮށްފިއްޔާ އިތުރަށް ކަމެއް ޖެހިދާނެއެއްނު. އަވަހަށް ވަޑައިގަންނަވާ. ވަޑައިގެން ފެންޑާ ސޯފާގައި އިށީންނަވާ. ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑުމެން ނަންގަނެލާނަން. ” ގޭތެރެއަށް ވަދެގެން އައި ޝަމާއިލް ފެނުމާއިއެކު އަނީގާ އާއި ނާޖިލާގެ މޫނުމަތިން އުފަލާއި ހިތްހަމަ ޖެހުން ވިދައިގަތެވެ.
” ދޮންބޭ. ކޮން ދަތުރަށް. އާދޭ އަވަހަށް ކާން. ” ޝަމާއިލަށް ގޮވާލަމުން އަނީގާ ވާހަކަ ދެއްކިއެވެ.
ޝަމާއިލް އައިސް ކާގެ ވަނުމާއިއެކު އޭނާއަށް ތައްޓެއް ގެނެސް ކެވޭނެހެން ޖާގައެއް ތައްޔާރުކޮށްލުމަށް ސިމްނާ އަވަސްވެގަތެވެ.
” ކޮބާ ޒިނާން …. ބޮޑުކަމެއް ދިމާވެގެން އޭނާ ހޯދާލާށޭ މިއައީ. މީ ކޮން ބޭކަލެއް. ” މޭޒުކައިރީ އިށީންނަމުން ޝަމާއިލް ވާހަކަދެއްކިއެވެ.
” ޒިނާން ވެއްޖެ ޖަރުމަނުގަ. ހަފްތާއެއްވަރު ވާނެ. އުނޭސް މީ ލަންކާގައި އުޅުނުއިރު ލިބުނު ރައްޓެއްސެއް. ދިމާވެގެން އުޅޭ ކަމެއް ބުނީމައެއްނު އެނގޭނީ ޒިނާނަށް ފޯނުކޮށްފައި ބުނެލަން. ” ކެއުމުގެ ފޯރިއާއި އެއްވަރަށް ވާހަކަ ދެއްކުން ވެސް ކުރިޔަށް ދިޔައެވެ.
މިހާރުން މިހާރަށް ކުރަންހުރި މަސައްކަތްތައް ނިމުނު ނަމަވެސް ކާގެއިން ނުކުންނާކަށް ސިމްނާ ނޫޅެއެވެ. އަނީގާ އެންގި ފަދައިން އެތަނުގައި މަޑުކޮށްލައިގެން ހުރީއެވެ. ކަމެއް ބޭނުންވެއްޖެނަމަ ވަގުތުން އެކަމެއް ކޮށްދެވޭނީ އޭނާ އެތަނުގައި ހުރެގެންނެވެ.
ކާގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ސިމްނާ ގޮސް ކޮޓަރިއަށް ވަތްއިރު އަނީގާމެން ތިބީ ފެންޑާތެރޭގައެވެ. ކޮންމެ ވެސް ވާހަކައެއް ދައްކާށެވެ.
ދަރިފުޅު ގޮވައިގެން ކޮޓަރިތެރޭގައި އިން ސިމްނާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލީ ދޮރުހުޅުވާލުމުންނެވެ. ހުއްދަނެތި ކޮޓަރީގެ ދޮރުހުޅުވުމަކީ މިގޭގައި އެއްވެސް އިރެއްގައި އެއްވެސް މީހަކު ކުރާ ކަމެއް ނޫނެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް ވެސް އުފެދުނެވެ.
ދޮރު ހުޅުވާލައިގެން ހުރީ އުނޭސްއެވެ. ސިމްނާ އިނީ ބުރުގާ ނަގައިގެންނެވެ.
” ހަމަ މިހާރު ނުކުމެ ދޮރުލައްޕާ. ” ދަރިފުޅުގެ ނިވަލަށް ޖެހިލަމުން ސިމްނާ ކުރީ އަމުރެވެ.
އެގޮތަށް އޭނާ ހުއްޓައި އެއްވެސް ހިލޭ ފިރިހެނަކަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ނުހަނު ލޯބިވާ އަދި ދަރިއަކު ފަދައިން އޭނާ ގެންގުޅެ ބޮޑުކުރި އަހްމަދަށް ވެސް އެކޮޓަރިއަށް ވަދެވޭނީ އޭނާ ބުރުގާ އަޅައިގެން ހުންނަ ވަގުތެއްގައެވެ. ބުރުގާ ނަގައިގެން ކޮޓަރިން ބޭރަށް ނުކުމެ އުޅުމަކީ އެއްވެސް އިރެއްގައި އޭނާ ކޮއްއުޅޭ ކަމެއް ނޫނެވެ.
” ކުއްލިއަކަށް ފާޚާނާއަކަށް ވަދެލަން ޖެހިގެން. ” އުނޭސް ހުރީ އެތަނުން ދާކަހަލަ ވިސްނުމެއްގައެއް ނޫނެވެ.
” އެދެން އެވަރުގެ ކަމެއްތަ ؟ އޭނާ ނޫޅޭ ކޮންމެހެން ކަލެއަށް ބަލާ ހިތަކުން. ތި ދެން މާކަ ރީތި މީހެއް ވެސް ނޫނެއްނު. ” އެގޮތަށް އުނޭސް ކަންތައް ކުރުމުގައި ރޭވުމަށް ވާކަން ސިމްނާއަށް ޔަގީންވީ ނާޖިލާ ވާހަކަ ދެއްކި އަޑު އިވުމުންނެވެ.
ނާޖިލާއާ ދިމާއަށް އުނޭސް އެނބުރިލި ވަގުތު ސިމްނާ އަވަސް އަވަހަށް ބުރުގާ ނަގައި އަޅާލިއެވެ. ދެވަނަ ފަހަރަށް އުނޭސް ބަލާލިއިރު ސިމްނާ އިނީ ބުރުގާ އަޅައިގެންނެވެ. މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ.
” ދެން ވަނަސް އޯކޭ ދޯ ؟ ” ހިނިތުން ވެލަމުން އުނޭސް އަހާލިއެވެ.
” ކޮންމެހެން ފާޚާނާއަކަށް ދާން ބޭނުމިއްޔާއި އެހެން ކޮޓަރިއެއްގެ ފާޚާނާއަށް ވެސް ދެވިދާނެއެއްނު. މިކޮޓަރީގަ އެކަންޏެއް ނޫނޭ ފާޚާނާ ހުންނަނީ. ” ރައްދުދޭން ބޭނުން ނުވިޔަސް ސިމްނާ އަކަށް މިފަހަރަކު މަޑަކުން ނީންދެވުނެވެ. ގޯހެއް އުޅޭކަން ޔަގީންވި ހިނދު އިތުރު ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ.
” އޭނާ އަކަށް އެއްކަމެއް ވެސް ނުކުރެވޭނެ …. އެހެން ފުފިފުފި ހުންނަން ޖެހޭނީ. އުނޭސް ވަދޭ. އެހެން ބުނީތީ ވެސް ޖެހޭނެ ތިޔަ ކޮޓަރީ ފާޚާނާއަށް ވަންނަން. ” ސޯފާގައި އިށީންދެލައިގެން ނާޖިލާ ވާހަކަ ދައްކަމުން ދައްކަމުން ސިމްނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކޮންމެ ގޮތަކުން ނަމަވެސް ސިމްނާއަށް ދެރައެއް ދެވޭތޯ ބެލުމަކީ ނާޖިލާގެ އަމާޒު ކަހަލައެވެ. އެއްޗެތި ކިޔައި މަލާމަތްކޮށް ފުރައްސާރަ ކޮއްގެން ވެސް އޭނާއަށް ނުލިބުނު ކާމިޔާބު މިފަހަރު ލިބިދާނެހެން ހީވި ކަހަލައެވެ.
އުނޭސް އެކޮޓަރިއަށް ވައްދަން މަސައްކަތްކުރި މީހަކީ ނާޖިލާކަން އެ ހިސާބުން ސިމްނާއަށް ޔަގީންވިއެވެ.
” އެންމެ ފިޔަވަޅެއް އިތުރަށް ކުރިޔަށް އެޅިޔަސް ދެފައި ބިންދާލާނަން. ” އިވުނު އަޑާއިއެކު ނާޖިލާ އާއި އުނޭސް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފަހަތަށް ބަލާލިއިރު އަހްމަދު އައިސް ގެއަށް ވަންނަނީއެވެ.
ކޮޓަރީގެ ދޮރުލައްޕަމުން އުނޭސް ފަހަތަށް ޖެހެލިއިރު މީހާ ހުރީ ކަންބޮޑުވެ ހާސްވެފައެވެ.
” ސާބަސް އަހްމަދަށް. މި ދެން މީހަކު ތިހާވަރު އަރުވާލަން ޖެހޭ ވަރުގެ ކަމެއްތަ ؟ އޭނާ ކުއްލިއަކަށް ފާޚާނާއަކަށް ދާން ޖެހިގެންނޭ …. އެއީ ދެން އެވަރުގެ ކަމެއް ވެސް ނޫނެއްނު. ” އަހްމަދާއި ދިމާއަށް އަންނަމުން ނާޖިލާ ވާހަކަ ދެއްކިއެވެ. އޭނާ ކުރަން އުޅުނު ކަންތަކުގައި އެއްވެސް ގޯހެއް ނުވާކަން އަހްމަދަށް ވިސްނައިދޭން މަސައްކަތްކުރި ކަހަލައެވެ.
” އެއީ އެވަރުގެ ކަމެއް ނޫނިއްޔާ ނާޖިލާމެން ކޮޓަރީ ފާޚާނާއަށް ދިޔަޔަސް އޯކޭވާނެއްނު. ” ހިތްހަމަ ނުޖެހުނު ނަމަވެސް އަހްމަދު ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ކޮޓަރިން ނުކުތް ވަގުތު ފެނުނު މަންޒަރާއިއެކު ކަމެއް ހިނގައިފިކަން އަނީގާއަށް ޔަގީންވިއެވެ.
” ދޮންތާ …. އަހްމަދު މަށާއި ދިމާއަށް އެއްޗެތި ކިޔަނީ. ” ރޮއިގަންނަމުން ކަހަލަ ގޮތަކަށް ނާޖިލާ ބުންޏެވެ.
” އަހްމަދު! ކިހިނެތްވީ ؟ ” އަހްމަދަށް ގޮވާލަމުން އަނީގާ އެހިއެވެ.
” އަނީގާ. އަހަރެން ގޮސްލަނީ. އަދި ދިމާވާނެއެއްނު. ” އިތުރަށް މަޑުކުރަން ހަދައިގެން ގޯހެއް ހިނގައިފާނެހެން ހީވުމުން އުނޭސް އިސްކަން ދިނީ އަވަހަށް އެތަނުން ދާށެވެ.
” ދޮންތަގެ ނުރުހުމުގައި އެކޮޓަރިއަށް އެމީހާ ވައްދަން ނާޖިލާ އުޅެނިކޮށް އަޅުގަނޑަށް އާދެވުނީ. އެގޮތަށް ކަންތައް ނުކޮށް ނާޖިލާމެން ކޮޓަރީ ފާޚާނާއަށް އެމީހާ ގެންދިޔަޔަސް އޯކޭ ވާނެނޫންހޭ ބުނީމަ އަޅުގަނޑު ގޯސްވީ. އެއްޗެތި ކީ ކަމުވީ. އެމީހެއްގެ ކޮޓަރިއަށް ވަންނަންވާނީ އެމީހަކު ހުއްދަދޭ މީހެއްނު. ” ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އަހްމަދު ވާހަކަ ދެއްކީ އަނީގާއަށް ދޭންޖެހޭ ފުރިހަމަ އިހުތިރާމް ދީގެންނެވެ.
” ނާޖިލާ ކީއްކުރަން އެކަހަލަ ކަންތައް ކުރަނީ ؟ އަހްމަދު އެބުނިހެން ނާޖިލާމެން ކޮޓަރިއަށް ވެސް އުނޭސް ގެންދެވިދާނެއެއްނު އެހާ އެމަޖެންސީ ވެއްޖެއްޔާ. ދޭ ކޮޓަރިއަށް. ދެން ވެސް އެކަހަލަ ކަމެއް ނުކުރާތި. ” އަނީގާ ވާހަކަ ދެއްކީ ނާޖިލާއަށް ބަލާލަމުންނެވެ. އަޑާއި ހަރަކާތުން ފާޅުވީ ހިތްހަމަ ނުޖެހުމާއި ނުރުހުމެވެ.
އަހްމަދު ގޮސް ސިމްނާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލަމުން ގޮވާލިއެވެ.
” ވަރަށް ބަނޑުހައި ވެއްޖެ. ހިނގާދާން ކާން. ކޮބާ ކޮއްކޮ؟ ” ސިމްނާ ކޮޓަރިން ނުކުތުމުން އަހްމަދު ވާހަކަ ދެއްކިއެވެ. ހިނގައިދިޔަ ކަންތަކާއި ބެހޭގޮތުން ކިތަންމެ ސުވާލެއް ކުރިޔަސް ސިމްނާގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭނެކަން އެނގޭތީ އެކަމާއިބެހޭގޮތުން ވާހަކަ ދައްކާކަށް އަހްމަދު ނޫޅެއެވެ.
” ކޮއްކޮ ކައިރީ މަޑުކޮށްލާ. ދޮންތަ އަންނާނަން ނޫޑުލިސްކޮޅެއް ކައްކާލާފަ. އެހާ ގިނައިރެއް ނުވާނެ. ” ސިމްނާ ހިނގައިގަތީ ބަދިގެބަޔާއި ދިމާއަށެވެ.
ހައިރާންކަމާއިއެކު ސިމްނާއަށް ބަލަމުން އޭނާގެ ފަހަތުން އަހްމަދު އައި ނަމަވެސް ސިމްނާއަކަށް އެކަމެއް ނޭނގެއެވެ. އެފަދަ ކަމަކަށް އޭނާ ސަމާލުކަމެއް ވެސް ނުދެއެވެ.
ސިމްނާގެ ފަހަތުން ބަދިގެއަށް ވަތް އަހްމަދު ހިނގައިގަތީ ޑަސްބިނާއި ދިމާއަށެވެ. ސިމްނާއަށް އަހްމަދު ފެނުނީ އެހާހިސާބުންނެވެ. ސިމްނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަހްމަދު ގޮސް ޑަސްބިނުގެ މަތިނަގައިފިއެވެ.
” މީ ކޮންކަމެއް؟ ” ޑަސްބިން ތެރެއަށް ނަޒަރު ހިންގާލަމުން އަހްމަދު އަހާލިއެވެ.
” މިގެއަކު ދެން ނުހުންނާނެ ކާނެ މީހެއް. ބަހައްޓައިފިއްޔާ މި ހުންނާނީ ރޭގަނޑު ވާންވާއިރަށް ރަހަ ސަކަރާތްވެފައި. ” ބާކީ ހުރި ތަކެތި ޑަސްބިނަށް އަޅާލަމުން ނާޖިލާ ބުނެލި އެ ޖުމްލަ ސިމްނާގެ ހަނދާނަށް އައީ ދާދި ދެންމެއަކު މީހަކު ބުނެލި ޖުމްލައެއް ފަދައިންނެވެ.
” ރަހަ ކަމުނުދާތީ އުކާލާފަ. ” އިސްޖަހައިގެން ހުރިގޮތަށް ހުރެ މަޑުމަޑުން ސިމްނާ ބުނެލިއެވެ. އެކަމާއިބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އަތުގެ ނުފުށުން އަވަސް އަވަހަށް ލޯ ކައިރި ފޮހެލީ ފާއްދާލި ކަރުނަ އަހްމަދަށް ނުދެއްކުމަށްޓަކައެވެ.
” ދޮންތަ ދޭ ކޮޓަރިއަށް. ގޮސް ކޮއްކޮ ގޮވައިގެން އާދޭ. އަހަރެން އަންނާނަން ހޮޓަލުން އެއްޗެއް ހިފައިގެން. ” ސިމްނާއަށް އެއްވެސް ސަމާލުކަމެއްނުދީ އަހްމަދު ދިޔަގޮތަށް ގޮސް ގެއިން ނުކުތެވެ. އިތުރަށް މަޑުކުރަން ހަދައިފިނަމަ ކޮންމެ ވެސް އެއްޗެކޭ ކިޔައިގެން އޭނާ މަޑުކުރުވާން ސިމްނާ މަސައްކަތް ކުރާނެކަން އަހްމަދަށް އެނގެއެވެ.
ޒިނާނަށް ގުޅަން އަހްމަދު ކުރި މަސައްކަތަށް އެކަށީގެންވާ ކާމިޔާބެއް ނުލިބި ތިން ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް އޭނާ އެ މަސައްކަތް ހުއްޓައެއް ނުލައެވެ. ކޮންމެ ގޮތަކުން ނަމަވެސް އެވާހަކަތައް ދައްކަން އަހްމަދު މިހާރު ބޭނުންވެއެވެ. ކޮންމެ ގޮތެއް ކަމުގޮސް ކިޔާ ކޮންމެ އެއްޗަކަށް ބީރުކަންފަތެއް ދީގެން އަހްމަދަށް ހިނިތުންވުން ދައްކައިގެން ސިމްނާ ހުރި ނަމަވެސް އެއީ ޙަޤީޤަތް ނޫންކަން ވިސްނޭވަރަށްވުރެ އޭނާ ވެސް މިހާރު ބޮޑުވެއްޖެއެވެ. ސިމްނާގެ ދިފާއު ނުކުންނާނެ އިތުރު މީހަކު ނުހުންނާނެއެވެ. އެކަމުން އޭނާއަށް ސަލާމަތް ވެވޭނީ ކޮންމެ ވެސް މީހެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެންމެ ކުޑަމިނުން ކަންތައްތައް ވާގޮތް ނަމަވެސް ޒިނާނަށް އަންގަން އަހްމަދު ބޭނުންވެއެވެ.
އެކަނި މާއެކަނި ކޮޓަރި ތެރޭގައި އޮށޯވެލައިގެން އޮތް އަހްމަދު މަސައްކަތް ކުރަމުން ދިޔައީ ޒިނާނާއި ގުޅޭތޯއެވެ. ތިންވަނަ ފަހަރަށް ގުޅައިގެން ވެސް ޖަވާބެއް ނުލިބުމުން މެސެޖެއް ކޮށްލިއެވެ. ވަގުތުގެ ގޮތުން ފޯނު ނުނެގި ނަމަވެސް މެސެޖަށް ޖަވާބެއް ދީފާނެހެން އަހްމަދަށް ހީވިއެވެ.
” މި ވަގުތު މީނީ މީޓިންއެއްގައި. ދެދުވަހެއް ފަހުން ބައްޕަ ދާނަން މާލެ. މާލެ ގޮސް ތިވާހަކަ ދައްކާނީ. ތިހާ މުހިންމު ވާހަކައެއްވިއްޔާ ކޮންމެހެން ވެސް ދައްކަންވާނެ. ” މެސެޖްކޮށްލިތާ އިރުކޮޅެއް ފަހުން ޒިނާންގެ ޖަވާބު ލިބުނެވެ.
ދިހައެއް ދިހައެއް ޖަހާކަން ހާއިރެވެ. ބަދިގެއަށް ބޭނުންވާ ސާމާނު ބަލައި ސިމްނާ ދިޔައީ ފިހާރައަށެވެ. ސިޓިންގްރޫމްގައި މަޑުކޮށްލައިގެން އަހްމަދު އިނީ ހައިކަލް ހޭލާފާނެހެން ހީވެޔޭ ސިމްނާ ބުނެފައި ވާތީއެވެ.
ކޮޓަރިން ނުކުތް ނާޖިލާ ފެނުމާއިއެކު އަހްމަދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަމެއް ނާޖިލާއަކަށް ނޭނގެއެވެ. ފޯނާއި ކުޅެމުން ކުޅެމުން އޭނާ އައީ އަހްމަދާއި ދިމާއަށެވެ. ލައިގެން ހުރި ނިވާކަންކުޑަ ނިދާ ހެދުމުގެ ސަބަބުން ހަށިގަނޑުން ބޮޑުބައެއް ހާމައަށް ފެންނާން އޮތްއިރު ހެދުމުގެ އެތެރެއިން ވެސް ހަށިގަނޑުން ބޮޑުބައެއް ފެންނާން ހުއްޓެވެ. އަހްމަދުގެ ސަމާލުކަމެއް ނާޖިލާއަކަށް ނުލިބުނެވެ.
” އަހްމަދު. އަހަރުން ކޮޓަރީ ފާޚާނާބައިގެ ބޮކި އަނދައިގެން މިއުޅެނީ. ބޮތްކެއް ގެނެސްފައި އޮންނާނެ. ހިނގާބަލަ ބޮކި ބަދަލު ކޮށްލަދޭން. އެހެން ހުއްޓާ ފާޚާނާއަށް ވަންނާކަށް ކޮއްކޮއަކަށް ނުކެރޭނެ. ޕްލީޒް. ” ނާޖިލާ އައިސް މަޑުކޮށްލީ އަހްމަދުގެ ކުރިމަތީގައެވެ.
ނާޖިލާމެން ކޮޓަރިއާ ދިމާއަށް އަހްމަދު ހިނގައިގަތުމުން އޭނާގެ ފަހަތުން ނާޖިލާ ހިނގައިގަތެވެ.
ކޮޓަރިން ނުކުތް އަނީގާގެ ފިޔަވަޅުތައް ކުއްލިއަކަށް ބާރުވީ ނާޖިލާގެ އަޑަށެވެ. ސަލާމަތަށް އެދޭ ފަދައިން ރޮއި ހަޅޭލަމުންދިޔަ ނާޖިލާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑު އަނީގާގެ ހިތުގެ އެންމެ ފުންމިނާއި ހަމައަށް ފޯރިއެވެ. ލިބުނު ހާސްކަމާއި ކަންބޮޑުވުންތަކުގެ އިތުރުން އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ. ކޮންމެ ވެސް ބޮޑު ގޯހެއް ހިނގައިފިއެވެ. އެއްވެސް އިހްތިޔާރަކާއި ނުލައި ދުއްވައިގަނެވުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި
ކައިނާ ވާހަކައިގެ 3ވަނަ ބައި ކޮބާތޯ
އިރާދަކުރެއްވިއްޔާ މިރޭ
ދެއްވާ ސަޕޯޓަށް ޝުކުރިއްޔާ