ޕާޓީ ކުރިއަށްދާ ސިޓިންރޫމަށް ނުކުމެ، އެ އަންހެން ކުއްޖާ ފެނޭތޯ އަހަރެންގެ ނަޒަރު ހިންގަން ފެށީމެވެ.
❀❁❀❁❀❁❀❁❀
ކައިނާގެ ނަޒަރުން:
އަނެއްކާވެސް އާދީއްތަ ދުވަސް އައިސް ޖެހުނީއެވެ. އާދީއްތަ ދުވަސް ދެކެ ބައެއް ފަހަރަށް އަހަރެން ވަރަށް ފޫހިވެއެވެ. ހަފުތާ ބަންދަށްފަހު އަވަހަށް ހޭލަން ޖެހޭ ފުރަތަމަ ދުވަސް ކަމަށް ވާތީއެވެ. އެ ދުވަހު އެނދުން ހިއްލައިލުން އެއީ އަހަންނަށް ވަރަށް ބޮޑު ކަމެކެވެ. މިއަދަކީ މާލެއަށް މޫސުން ރަނގަޅު ދުވަހެކެވެ. ރަނގަޅަށް އަވިދޭ ދުވަހެކެވެ.
އަހަރެން ލާނެ ހެދުމަކާމެދު ވިސްނައިލީމެވެ. އަތްދިގު، މާޖެހި ޓޮޕަކާއެކު ޕެންސިލް ސްކާރޓެއް ލުމަށް ނިންމީމެވެ. އެއާއެކު އަހަރެންގެ ފޭވަރިޓް، ފަސް އިންޗި އުސް ހައިހީލްސް ނެގީމެވެ. އެއީ އެންމެ ގުޅޭ ޗޮއިސް އެވެ.
ހަފުތާ ބަންދުގައި ސީއީއޯގެ ގޭގައި ބޭއްވި ގެޓް ޓުގެދަރގައި ކަން ހިނގިގޮތް އަދިވެސް އަހަރެންގެ ސިކުނޑިން ފިލައިގެނެއް ނުދެއެވެ. އެ ހިތްގައިމު، ޒުވާން ފިރިހެންކުއްޖާއާ މެދު ކޮންމެވެސް ގޮތަކުން އަހަރެންގެ ހިތުގައި ރަހުމް އުފެދުނެވެ. އަސްލު އޭނާ އުޅުނީ އަހަރެން ސަލާމަތްކޮށްދޭށެވެ. ޕާޓީ ދޫކޮށްފައި އަހަރެން ދާން ޖެހުމުން ލަދުވެސް ގަތެވެ. އެކަމަކު އެ ޒުވާނާއާ އަލުން ދިމާވާން އަހަރެން ބޭނުން ނުވީއެވެ. އަހަރެން، އޭނާ ލަދުގަންނަވައިލައި އިހާނެތިވީމެވެ. އެކަމާ މިއަދުވެސް އަހަރެންމީ ކުށްވެރިއެއް ކަމަށް ޤަބޫލުކުރަމެވެ.
“ހޫމްމްމް، ކައިނާ، ކަލޭވެސް ހާދަ ބޯގަޅިއޭ ދޯ!” އަހަރެންގެ ނަފުސު ކުށްވެރިކުރީމެވެ.
އަހަރެން އެއްބަސްވަމެވެ. އޭނާއަކީ ވަރަށް ހޮޓް އަދި އެހާމެ އެޓްރެކްޓިވް ޒުވާނެކެވެ. ހަ އަހަރު ފަހުން އަހަރެންގެ ނަފުސަށް ލޮޅުމެއް ގެނައި ފުރަތަމަ މީހަކީ އެއީއެވެ. އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖެހުނު ހިނދުކޮޅު އަހަންނަށް ހަނދާންނައްތައެއް ނުލެވުނެވެ. ލޯގަނޑަށް ބަލަމުން އަހަރެންގެ ތުންފަތުގައި އިނގިލިޖައްސައިލީމެވެ. އަނެއްކާވެސް އެ އިހުސާސް ކުރެވުމުން ގައިން ހީބިހި ނަގައިފިއެވެ. ޕާޓީ ދޫކޮށްފައި ދިއުމަށް އަހަރެންގެ ބޮސް ކައިރީގައި އެ ދުވަހު ދޮގުހަދަން ވެސް ޖެހުނެވެ.
ޚިޔާލުތަކެއްގައި ހުރެ އަހަރެން އޮފީހަށް ވަނީމެވެ. ސީދާ ގޮސް މަޑުކޮށްލީ އަހަރެންގެ މޭޒުކައިއަށެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އޮފީސް މާހައުލު ފެންނަނީ ތަފާތު ގޮތަކަށެވެ. ސްޓާފުން އެކަކު އަނެކަކަށް ކޮންމެވެސް ޗުކުޗުކެއް ލައްވާތީވެސް ފެނެއެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީއެވެ. ނުވަތަ ކޮންމެވެސް ކަމެއް ހިނގައިފިކަން ޔަޤީނެވެ. އަހަރެންގެ ބޮސް، ޖާބިރު އޭނާގެ މޭޒުގައެއް ނެތެވެ. ކުއްލި ބޭނުމަކަށް ބޭރަށް ދިޔައީ ކަމަށްވެސް ވެދާނޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ މޭޒުމަތީ ހަމަޖައްސައިލަން ހިތާ ހަރަކާތްތެރިވި ވަގުތު އަހަރެންގެ ނަމުން ގޮވާއަޑު އިވިއްޖެއެވެ.
“ކައިނާ، މަ ހީކުރީ މިއަދު ނާންނާނެ ކަމަށް. ގޭތެރޭ ކަންކަން މިހާރު ކިހިނެއް؟ ދިމާވި އިމަޖެންސީ މިހާރު ހައްލުވެއްޖެ ކަމަށް ހީކުރަން.” ޖާބިރު ވާހަކަދެއްކި އެވެ.
“ރަނގަޅު.” އަހަރެން ޖަވާބުދިނީމެވެ. އޭނާގެ މޫނަށް ބަލަން ނުކުރެވި ހުރެއެވެ. ޕާޓީ ދޫކޮށްފައި ދިއުމަށް ދޮގެއް ހެދުނީތީ އަހަރެން ހުރީ ލަދުގެންފައެވެ.
“ކުންފުނީގަ ކަމެއް ހިނގަނީތޯ؟ މީހުންތައް ހާދަވަރަކަށް އެބަ ޗުކުޗުކުލައްވައޭ!” އަހަރެން އަހައިލީމެވެ.
“ވެދާނެ އެއީ އާ ސީއީއޯއެއް އަންނާތީ ކަމަށް ވެސް. މިއަދު މިއީ އޭނަގެ ފުރަތަމަ ދުވަސް. މިހާރުވެސް ސީއީއޯ އެބަ އިންނެވި އޭނާގެ ކެބިންގަ. ތަންކޮޅެއް ކުރިން އެ ދުރުވީ މީޓިން ފެށުމުގެ ކުރިން ބައެއް މަޢުލޫމާތުތައް ހޯދައިލާ އާ ކަނޑާލަންވެގެން.” ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރަމުން ޖާބިރު ތަފުސީލު ދިނެވެ.
“އާނ އެބުނާހެން، މިއަދު މީ އޭނަގެ ފަސްޓް ޑޭ ދޯ. އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތް. މުސްކުޅިވަނީ ކަން ނޭނގެދޯ. ހެހެހެ!”
“ދިމާވެއްޖެތޯ އޭނައާ؟” ޖާބިރު ކުރެން އަހައިލީމެވެ.
“ޔެސް، މިއަދު ހެނދުނު މަށާ ބައްދަލުކޮށްލަން ބޭނުންވެގެން ކެބިން އަށް ގެންދިޔަ. ކޮންފަރެންސް ރޫމްގަ ޝާޕް ނައިންގަ އެބަ އޮތް މީޓިންއެއް. ސީއީއޯ ބޭނުންވޭ ހުރިހާ މެނޭޖަރުންނާ ޑިރެކްޓަރުންނަށް އޭނަ ރަސްމީކޮށް އިންޓްރޮޑިއުސްވާން.” ޖަވާބުގައި ޖާބިރު ބުންޏެވެ.
“މައްސަލައެއް ނޯންނާނެ ބޮސް، ކުޑައިރުކޮޅެއް ތެރޭގަ ތި މީޓިންއަށް އެބަ ރެޑީވެލަން.”
އައު ސީއީއޯއާ ބައްދަލުކޮށްލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން ކޮންމެވެސް ބަދަލުތަކެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭނާގެ ކާފައެކޭ އެއްގޮތަށް، އެކުގައި މަސައްކަތްކޮށްލަން ފަސޭހަ މީހަކަށް ވާނެ ކަމަށް އަހަރެން އުއްމީދުކުރަމެވެ.
ހަމަ ސީދާ ނުވައެއް ޖެހިއިރު އަހަރެންގެ ބޮސްއާ އެކު ގޮސް ކޮންފަރެންސް ރޫމަށް ވަނީމެވެ. ހުރިހައި މެނޭޖަރުންނާއި ޑިރެކްޓަރުން އޭރު އެތަނުގައި ތިއްބެވެ. އަހަރުމެންނަށް އިށީންދެވުނު ވަގުތު ދޮރު ހުޅުވާލައިލަމުން ސީއީއޯ އެތެރެއަށް ވަދެއްޖެއެވެ. ދޮރާ ދިމާއަށް އަހަރެން އެނބުރިލީ އައު ސީއީއޯއަށް ރަނގަޅަށް ބަލައިލުމަށެވެ. ނަމަވެސް އެވަގުތު އަހަރެން އެއްކޮށް ގަނޑުވިއެވެ. އެއީ ހަފުތާ ބަންދުގައި އޮތް ޕާޓީ ތެރެއިން އަހަންނާ ދިމާވެ ކަންތައްގަނޑެއް ހިނގި ޒުވާނާއެވެ. އަހަރުމެން ތިބި ކޮޓަރީގެ ތަޅުންގަނޑުން ބޮޑު ބާގަނޑެއް އުފެދި، އެ ބާގަނޑުން އެތެރެއަށް އަހަރެން ދަމައިގަންނާނެ ނަމައޭ އެވަގުތު އަހަރެންގެ ހިތަށްއެރި އެވެ. ބައެއް އިސްބޭފުޅުންނަށް ސަލާމް ގޮވައިލަމުން އޭނާގެ ގޮނޑިއާ ދިމާއަށް ދިޔައެވެ. އެވަގުތު އަހަރެންގެ ހިތަށް ލައްކަ ގިނަ އެއްޗެހި އަރާ ފައިބަން ފެށިއެވެ.
“އޯހ މައި ގޯޑް، އަހަރެން ތަފާއްޔެއް އަޅައިލީ އަހަރެން މަސައްކަތްކުރާ ކުންފުނީގެ ސީއީއޯގެ މޫނުމަތީގަ. އަދި އެވެސް އަހަންނަށް ޖިންސީ ގޯނާ ކުރިކަމުގެ މުޑުދާރު ތުހުމަތު އަޅުވަމުން.’ އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ. އެވަގުތު އަހަރެންގެ އަތް ފިނިވެގެންގޮސް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ހަމަ ދެންމެދެންމެ މޭ ތޮރުފާލާފައި ނުކުމެދާނެ ހެންނެވެ.
“އައި އޭމް ފިނިޝްޑް!”
ބައްދަލުވުން ފެށިއްޖެއެވެ. އަހަރުމެންގެ ތަޢާރަފެއް ދިނުމަށް ސީއީއޯ އެދިލެއްވިއެވެ. އަހަރެން ހާސްވެ ގޮތް ހުސްވި ކަހަލައެވެ. އަމިއްލައަށް ތަޢާރަފުވާން އަހަންނާ ޖެހޭ އިރަށް ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން ދިޔަޔަސް އަހަރެންގެ ހިއްސުތަކަށް ބާރެއް ނުފޯރުވުނެވެ. އެންމެ ފަހުން އަހަންނާ ޖެހިއްޖެއެވެ. ނަމަވެސް ސީއީއޯގެ މޫނުމަތިން އެއްވެސް ކަހަލަ ހައިރާންކަމެއް ނުދައްކައެވެ. ކޮޅަށް ތެދުވެ އަހަރެންގެ ތަޢާރަފެއް ދިނީމެވެ. އޭނާ ހުރީ ކަޅި ޖަހައިނުލާ އަހަންނަށް ބަލާށެވެ.
“އަޅުގަނޑުގެ ނަމަކީ.. ނަމަކީ… އޯހް … ސޮރީ.” ކައިނާއެވެ. ހަމަޖެހޭށެވެ. އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އަހަރެން އަނެއްކާވެސް ފެށީމެވެ. “އަހަރެންގެ ނަމަކީ ޢާއިޝަތު ކައިނާ ރިޔާޒް، އަޅުގަނޑުމެންނާ ގުޅިލެއްވީތީ ވަރަށް ބޮޑަށް މަރުހަބާ، ސަރ” މިހެން ބުނެވުމާއެކު އަވަހަށް އިށީންނީމެވެ. އޭރު އަހަރެންގެ އަތްތިލަ ވެސް އޮތީ ދާހިއްލާ ފޯވެފައެވެ.
“މިސް ކައިނާ؟”
“ޔެސް…. ޔެސް، ސަރ” އިސް އުފުލައިލަމުން އަހަރެން ބަލައިލީމެވެ. އެވަގުތު އަހަރުމެންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. އެ ގޮތްނޭނގޭ ޖަޒުބާތު އަނެއްކާވެސް އުފެދިއްޖެއެވެ. އަހަރެން ކިތައްމެ ހާސްވެފައި ހުއްޓަސް، އޭނާގެ އެ ލޮލުގެ ޖާދޫގައި އަނެއްކާވެސް އަހަންނަށް ޖެހެވިއްޖެއެވެ. އެއީ ހާދަހާވާ ރީތި ލޮލެކޭ ހިތަށްއެރިއެވެ.
“މަސައްކަތް ކުރަނީ ކޮން ޑިޕާޓްމެންޓެއްގަ ކަމެއް، ކޮން މަގާމެއްގަ ކަމެއް ނުބުނަމެއްނު؟” ހިނިތުންވަމުން ވަރަށް ރަހުމަތްތެރި ގޮތަކަށް އޭނާ ބުންޏެވެ.
“ޝިޓް!!” އަމިއްލަ ނަފުސަށް އަހަރެން ބުނީމެވެ.
“ޕްރޮޖެކްޓް މެނޭޖްމެންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ.” އިސްޖަހައިގެން ހުރެ އަވަސްއަވަހަށް އަހަރެން ޖަވާބުދިނީމެވެ.
“އޯކޭ މިސް، ޕްލީޒް ސިޑް ޑައުން،” އޭނާ ހުރީ ލާނެތް ވައްތަރަކަށް ހެވިފައި ކަމަށް އަހަންނަށް ހީވިއެވެ.
“ތެންކިޔޫ.”
އެތަނުގައި ތިބި އެންމެން އަމިއްލައަށް ތަޢާރަފުވެއްޖެއެވެ. އެންމެ ފަހުން ތަޢާރަފްވީ ސީއީއޯ އެވެ.
“އަހަންނަކީ މުޙައްމަދު ކާޝިފް ޙުސައިން، އެމް.އެޗް އެންޓަޕްރައިޒަސްގެ އާ ސީއީއޯ. އެކުގައި މަސައްކަތްކުރަން ފެށީމަ އަހަންނާ ބެހޭގޮތުން އިތުރަށް ކަންކަން އެނގިގެންދާނެ. އިތުރު ވަގުތުތަކެއް ބޭކާރުކުރާކަށް އަހަރެން ބޭނުމެއް ނޫން. އެޖެންޑާގެ ދެން އޮތް ނަންބަރަށް ޖެހިލަމާތޯ. ޝުކްރިއްޔާ!”
އެޖެންޑާގައި ދެން އޮތީ ކުންފުނިން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ. އަހަރެންގެ ގޮނޑީގައި ހަނުވެފައި އަހަންނަށް އިދެވުނީ ބިރުގެންފައިވާ ބުޅަލެއް އޮންނަ ގޮތަށެވެ. ޕާޓީގައި އޭނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުގެ ރޯޅިއެއް އޭނާ އަހަންނަށް ނުބާލާނެ ނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
ބައްދަލުވުން ކުރިއަށް ދިޔައިރު، ސިއްރުސިއްރުން އަހަރެން އިސްއުފުލައި ބަލާލާ ކޮންމެ ފަހަރަކު އަހަންނަށް ފެނުނީ އޭނާ އަހަންނަށް ބަލަން ހުންނަ ތަނެވެ. އަހަރެން ބަލައިލުމުން އޭނާގެ މޫނުމައްޗަށް ހިތްގައިމު ހިނިތުންވުމެއް ވެރިވެގެންދެއެވެ. ބައްދަލުވުން ކުރިއަށްދިޔަ ހުރިހައި ވަގުތެއްގައި އޭނާ ބެލީ އަހަންނަށް ކަން ހަމަ ޔަގީނެވެ. އެކަމަކު އެއީ ކީއްވެގެންބާވައެވެ. ކޮންމެވެސް ކަންތައްގަނޑެއް ލައިގަންނަން އުޅެނީ ނޫންބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
ބައްދަލުވުން ނިމުމުން އަހަންނަށް ލިބުނު އުފަލުގެ ކޮޅެއްވެސް ނެތް ކަހަލައެވެ. ކޮންފަރެންސް ރޫމުން ބޭރަށް ނުކުންނަށް އަހަރެން ހިނގައިގަތް ވަގުތު އޭނާގެ އަޑު ޖެހުނެވެ.
“މިސްޓަރ ޖާބިރު، އަހަރެންގެ ކެބިންއަށް އައިސްދެއްޗޭ.” ކާޝިފް ބުނި އަޑު އިވުނެވެ.
“އާދެ.” އަހަރެންގެ ބޮސް ޖާބިރުގެ ޖަވާބު ލިބުނެވެ. “ކައިނާ، ގޮސް މަސައްކަތް ފަށާ، އަހަރެން އެބަ ދަން”
“އޯކޭ ސަރ.”
ކޮންފަރެންސް ރޫމުން އަހަންނަށް ނުކުމެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އިތުރު އެއްވެސް ތާކަށް ނުގޮސް އަހަރެން ދިޔައީ އަންހެނުންގެ ފާޚާނާބަރި އަށެވެ. ވިސްނައިލަން، އެކަނިވެލަން ބޭނުންވާތީ އެވެ.
“ކައިނާ… ކަލެއަށް ކިހިނެއް ތިހިރަ ވަނީ. ތީ ގައިމު މީގެ ކުރިން އުޅޭ ވައްތަރެއް ނޫން.” ލޯގަނޑުން ފެންނަން ހުރި އަހަރެންގެ ސޫރައަށް އަހަރެން ބުނީމެވެ.
“ހަމަޖެހި ބަލަ!” ފުން ނޭވައެއް ދޫކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެންގެ މޭކަޕް ރީޓަޗްކޮށްލުމަށް ފަހު އަހަރެންގެ މޭޒަށް ގޮސް އިށީންދެ ހަމަޖެހިލީމެވެ.
❀❁❀❁❀❁❀❁❀
ކޮފީ މެޝިން ކައިރިއަށް ގޮސް ކޮފީއެއް ހަދަން ހުއްޓާ އެތަނަށް މިސްޓަރ ޖާބިރު އަތުވެއްޖެއެވެ. އަހަރެން ކައިރީގައި މަޑުކޮށްލަމުން އޭނާ ދިނީ އަހަރެންގެ ލައިފްގައި ވެސް އަޑުއެހި އެންމެ ބިރުވެރި ޚަބަރު ކަހަލައެވެ.
“ކައިނާ، ސީއީއޯގެ ފްލޯއަށް ކައިނާ ބަދަލުކޮށްފި، މިހާރު ކުރިއަށްދާ ޕްރޮޖެކްޓަކުގައި ސީއީއޯގެ އެސިސްޓެންޓެއްގެ ގޮތަށް. ޕްރެޖްކްޓް ޑިޕާޓްމެންޓުން ކޮންމެވެސް މީހެއްގެ އެހީތެރިކަން ސީއީއޯއަށް ބޭނުންވާކަމަށް ވިދާޅުވި. އެ ‘ކޮންމެވެސް މީހަކީ’ ތީ!”
“ކީކޭތޯ؟” ހަޅޭއްލަވައިގަންނަމުން އަހަންނަށް އަހައިލެވުނެވެ. އަހަރެންގެ އަތުގައި ހުރި ކޮފީތަށިން ކޮފީވެސް ތަޅުންގަނޑަށާ އަހަރެންގެ ފަޔަށްވެސް އެޅިއްޖެއެވެ.
“އޫޕްސް… ހާދަ ހޫނޭ!” އަނެއްކާވެސް އަހަންނަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.
އަހަރެންގެ ބޮސް އަވަސް އަވަހަށް އަހަރެން އޯކޭތޯ ބެލުމަށް ކައިރިއަށް ޖެހިލިއެވެ. ބޮސް އެހެން ބުނުމުން އަހަންނަށް ޝޮކެއް ލިބުނީ ކީއްވެގެންތޯވެސް އެހިއެވެ. ކަމެއް ނުވާ ކަމަށާ ކުއްލި ހައިރާންކަމެއް ލިބުނީ ކަމަށް ބުނެ އަހަރެން އޮޅުވައިލީމެވެ.
“އޯކޭ،” ޖާބިރު މިހެން ބުނަމުން ދެވަނަ ޝޮކެއް އަހަންނަށް ދީފިއެވެ.
“މިއަދު މަސައްކަތް ނިމިގެން ކައިނާގެ އާ ކެބިންއަށް މޫވްކުރަން ވާނެ! އެއީ ސީއީއޯގެ ކެބިންއާ ޖެހިގެން ހުރި ކެބިން. ސީއީއޯއާ އެކުގަ މާދަމައިން ފެށިގެން މަސައްކަތް ފަށަން ޖެހޭ!” އެއްމެ ނޭވައަކުން ޖާބިރު އަމުނައިލިއެވެ.
“ކީކޭ!!؟” އަހަންނަށް ބުނެވުނެވެ.
‘އޭ ކައިނާ…. ނިކަން ހަމަޖެހިބަލަ!’ ހަމަ އެވަގުތު އަހަރެންގެ އަމިއްލަ ނަފުސަށް ނަސޭހަތްތެރިވެސް ވީމެވެ.
“ބޮސް، އެކަމަކު ކީއްވެގެންތޯ އަޅުގަނޑު!؟ މި ޑިޕާޓްމަންޓްގަ ތިކަން ކުރެވޭނެ އެހެން މީހުންވެސް އެބަތިބި ނޫންތޯ؟” އަމިއްލަ ނަފުސަށް ނަސޭހަތްތެރިވެވުނަސް، އެވަރުންވެސް އަހަރެން ޝަކުވާކުރީމެވެ.
“ތިކަން އެނގޭ، އެކަމަކު ސީއީއޯގެ ހޮވުމެއް ތީ. ހަމަ ސީދާ ކައިނާގެ ވާހަކަ ސީއީއޯ ބުނުއްވީ!”
އެވަގުތު އަހަރެންގެ ބޮލަށް ގަނޑުފެން ބާލިދީއެއް އޮއްސައިލިހެން އަހަންނަށް ހީވިއެވެ.
“ޔަގީން މަގޭ ދުވަސް މި ދިޔައީ!” ދެ ދަތް ދޭތެރެއިން އަހަންނަށް ބުނެވުނެވެ.
❀❁❀❁❀❁❀❁❀
ކާޝިފުގެ ނަޒަރުން:
‘އަހަންނަށް އޭނާ ފެނިއްޖެއެވެ. އަހަރެންގެ ކުންފުނީގެ އޮފީހުންނެވެ. އެރޭގެ ޕާޓީގެ ފަހުން އަހަންނަށް އެކުއްޖާ މަތިން ހަނދާންނައްތައެއް ނުލެވުނެވެ. އެރޭގެ ފަހުން އެތަކެއް ރެއަކު ނުނިދާ އުޅެން ޖެހުނެވެ. އެކުއްޖާ މަތިން ހަމަ ވިސްނެނީއެވެ. އެރޭގެ ފަހުން އެކުއްޖާ ފެންނާނެއެކޭ އަހަރެންގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ.’ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
އަނެއްކާވެސް އެކުއްޖާ ފެނުމުން އަހަރެންގެ މުޅި ރޫހް ދިރިއްޖެއެވެ. މިއީ މީގެ ކުރިން އަހަންނަށް ތަޖުރިބާކުރެވުނު އިހުސާސެއް ނޫނެވެ. ޕާޓީ ތެރެއިން އެކުއްޖާ ފެނުނު ފަހުން އެކުއްޖާ ދެކެ އަހަންނަށް ލޯބިވެވުނީ ކަން ނޭެނގެއެވެ.
“މިފަހަރު ހަމަ ހިލާ ދުލެއް ނުދޭނަން.” އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ބުނީމެވެ. ގަދައަޅައި މަސައްކަތްކުރާނެ ކަމުގެ ޖޯޝާއެކުގައެވެ. “އަހަރެން އޭނާ ބޭނުން!”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޮކްޓޯބަރ 2024ޚަބަރުކޮކޯ ހަސަންގެ “ގެއްލުނު ރޭ” ރިލީޒްކޮށްފި
- 27 އޮކްޓޯބަރ 2024ޚަބަރުފިލްމު “ސޮރީ” ގެ ތީމް ލަވަ ކިޔުއްވަން އަސަރުގަދަ ވަރުގަދަ އަޑެއް ނަހޫ ހޯދަނީ
- 25 އޮކްޓޯބަރ 2024ޚަބަރުފަންސާސްހާސް ރުފިޔާގެ އިނާމަކާއެކު ކުރު ފިލްމު މުބާރާތެއް!
- 10 އޮކްޓޯބަރ 2024ޚަބަރު“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!