❁ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނަނީ މިއީ އާދައިގެ ލަވައެއް ނޫންކަމަށް!
ކޮވިޑްގެ ހާލަތާއި ގުޅިގެން، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ރޭވިގެންދާނީ އޮންލައިން މަންސަތަކާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށެވެ. އެގޮތުން ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) މި ދުވަސްކޮޅު ހޭދަކުރަމުން އަންނަނީ ޖުލައި 26 އަށް ތައްޔާރުވުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރަމުންނެވެ.
މުނިއަވަސް އާ ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ އަމްޖޭގެ ވައިބަރ މެސެޖެއް މީގެ ދެ ދުވަހެއް ކުރިން ލިބުނެވެ. އަމްޖޭ އިނީ ގޮނޑިއެއްގައި އިށީންދެގެން ނެވެ. ދެ ފަރާތުގައި ތިބީ ޤައުމީ ދިދަ ހިފައިގެން، ޤައުމީ ހެދުމުގައި ތިބި ކުޑަކުޑަ ދެ ފިރިހެން ކުދިންނާއި ދެ އަންހެންކުދިންނެވެ. ދެ ފޮޓޯއާ އެކު އަމްޖޭ ލިޔެލާފައި ވަނީ “ޖުލައި 26 އަށް ޚާއްޞަ ވީޑިއޯ ލަވައެއް ހަދަނީ، މިއީ އާދައިގެ ލަވައެއް ނޫން،” މިހެންނެވެ.
އަމްޖޭ ފޮނުވި ފޮޓޯއާ ބެހޭ އިތުރު މަޢުލޫމާތެއް ނުދެއެވެ. ނަމަވެސް އަމްޖޭ އެހެން ބުނާނީ ކޮންމެވެސް ވަރުގަދަ ސަބަބެއް އޮވެގެން ކަމަށް އަހަރެންގެ ހިތް ބުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފޮނުވި ފޮޓޯގެ ހައިބަތްތެރިކަން ފެނިފައި ކަމަށްވެސް ވެދާނެއެވެ. އަމްޖޭއަށް ގުޅާނެ ކަމަށް އަޅުގަނޑު ބުނީމެވެ.
އިރުކޮޅެއް ފަހުން އަނެއްކާވެސް ވައިބަރުން އަމްޖޭ ފޮނުވި ތިން ފޮޓޯގަނޑު ފެނިއްޖެއެވެ. އަމްޖޭ ފޮނުވީ ކުރިން ފޮނުވި ފޮޓޯގައި ރަތް ގަންޖުފަރާހެއް ލައިގެން ހުރި ފިރިހެންކުއްޖާ އާއި ރަތްކުލައިގެ ޤައުމީ ހެދުމެއް ލައިގެން އިން އަންހެން ކުއްޖާގެ ފޮޓޯއެކެވެ.
“މި ފިރިހެންކުއްޖާގެ ފޮޓޯ ޖަހައިލަދިނުން އެދެން.” ރަތް ގަންޖުފަރާސް ލައިގެން އިން ކުއްޖާގެ ފޮޓޯ ފޮނުވަމުން އަމްޖޭ ލިޔެލާފައި އޮތެވެ.
މޮޅު ޑައިރެކްޓަރަކު އޭނާގެ ޑައިރެކްޝަންގެ އެހީގައި ފިލްމު ބަލާ މީހުންގެ ހިތްތަޅުވާހެން އަމްޖޭގެ މި ވާހަކައިން ސަސްޕެންސް އިތުރުކުރުވިއެވެ.
“މިއީ ޖުލައި 26ގަ ދައްކަން އަޅުގަނޑު ހަދާ ލަވައެއް. މި ލަވަ މި ހަދަނީ މުޅިންވެސް ކުޑަކުދިން ހިމަނައިގެން. މައިގަނޑު ގޮތެއްގަ މި ލަވައިގަ ލީޑްކުރަނީ މަޝްހޫރު ކޮމެޑީ އެކްޓަރު އަޙްމަދު ޝާޒްގެ ދަރިފުޅު، ދެން މަޝްހޫރު އެކްޓަރު މަނިކްގެ ދަރިފުޅު، ދެން ވެސް އަދި އިތުރު ދެކުދިން. މިކުދިން މީގަ ލީޑް ކުރަނީ.” އަމްޖޭ ތައްޔާރުކުރާ ލަވައިގެ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ބުންޏެވެ.
މިއީ މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ނާޝިދު ހައްދަވާފައިވާ ޅެމަކަށް ކިޔާފައިވާ ލަވައެކެވެ. މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ. އަމްޖޭގެ ކޮންސެޕްޓަކަށް ހަދާ މި ލަވައަކީ މިހާރުގެ ހާލަތާ ގުޅޭގޮތުން ދުޢާއެއްގެ ގޮތުގައި ގެނެސްދޭ ލަވައެއް ކަމަށް އަމްޖޭ ބުންޏެވެ.
“ހުރިހައި ޗެނަލަކަށް އަޅުގަނޑު މި ލަވަ ހަދިޔާކުރާނަން. އެއީ ހުރިހައި ޗެނަލަކުންވެސް މި ލަވަ ދައްކަން އަޅުގަނޑު ބޭނުންވާތީ.” މި ލަވަ ފެނިގެންދާނީ ކޮން ޗެނަލަކުންތޯ އަހައިލުމުން އަމްޖޭ ބުންޏެވެ.
“އަޅުގަނޑުގެ އުއްމީދަކީ މި ލަވައިގެ ސަބަބުން މި ޤައުމުގެ ހާލަތަށް ކޮންމެވެސް ބަދަލެއް އަންނާނެ ކަމަށް.” އަމްޖޭ އިތުރަށް ފާހަގަކުރިއެވެ.
ޖުލައި 26 ވަނަ ދުވަހު، ޝާޒްގެ ފިރިހެން ދަރިފުޅު އަދި މަނިކްގެ ފިރިހެން ދަރިފުޅު ލީޑްކުރާ މި ލަވައަކީ ބެލުންތެރިންނަށް ކަމުދާނެ ލަވައަކަށް ވެގެންދާނެކަން އަމްޖޭގެ މި ޖުމުލައިން އެނގެއެވެ. “މިއީ އާދައިގެ ލަވައެއް ނޫން!”
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!