މިއީ 2018 ވަނަ އަހަރު އަޅުގަނޑަށް ލިބުނު ޕްރޭންކް ކޯލެއްގެ ރެކޯޑިން އެއް ހިމަނައިގެން ލިޔެ، ހަމަ އެ އަހަރު ޝާއިޢުކުރި ލިޔުމެވެ.

“އައްސަލާމު ޢަލައިކުމް. މިގުޅާލީ ‘ފަށަނަވެރިކަން’ މި ނަމުގައި ޓެލެވިޛަން މޯލްޑިވްސް އާއި އަޅުގަނޑުމެން ގުޅިގެން ދިވެހިރާއްޖޭގަ ޚާއްޞަ އެހީއަށް ބޭނުންވާ ތިން ޖަމިއްޔާއެއްގެ ހައްޤުގައި ހިންގާ ވަރަށް ގިނަ ކެމްޕޭން ތަކެއްގެ ދަށުން އިނގޭތޯ!’

މިއީ މިމަހުގެ ފަސްވަނަ ދުވަހު އަޅުގަނޑުގެ މޯބައިލްއަށް އައި ކޯލެއް ފަށަމުން ކޯލްކުރި ފަރާތުން ދެއްކި ވާހަކަ ކޮޅެކެވެ. ކޯލް އައީ ޓެލެވިޛަން މޯލްޑިވްސްގެ ފަރާތުން ކަމަށް ބުނެ، ޚާއްޞަ އެހީއަށްބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ވަރަށް މަތިވެރި ކެމްޕޭނެއްގެ ގޮތުގައެވެ. ޓީވީއެމުން ހެނދުނު ދައްކާ ކޮންމެވެސް ޕްރޮގްރާމެއްގައި އެ ކެމްޕޭނުގެ މަޢުލޫމާތުތައް ދީފައިވާނެ ކަމަށްވެސް ބުންޏެވެ.

މި ކޯލަކީ ‘ފޭކް ކޯލެއްކަން’ އެނގޭތީ އަަހަރެން ބޭނުންވީ އަވަހަށް އެކޯލުން މިންޖުވާށެވެ. އެހެންކަމުން ތިކަހަލަ ސްކޭމް ކޯލްތަކުގެ މަޢުލޫމާތު އެނގޭކަމަށާއި ތިޔައީވެސް ބޮޑު ސްކޭމް ކޯލެއް ކަމަށް ބުނީމެވެ. އަހަރެން ބުނަން ފެށި ޖުމްލަ ރަނގަޅަށް ބުނެ ނުވެސް ނިމެންދެން އެކޮޅުން ފޯނު ބާއްވައިފި އެވެ.

އޭގެ އަނެއް ދުވަހެވެ. ‘ސްކޭމް ކޯލު’ ހިންގާ މީހުން ‘ރޭންޑަމް ކޮށް’ ނަަންބަރުތަކަށް ގުޅަމުން ދަނިކޮށް މިފަހަރުވެސް އަހަންނާ ލައްވާލައިފި އެވެ. އެކަމަކު އަހަރެންގެ ނަންބަރަކަށް ނޫނެވެ. އެއްވެސް މީހެއްގެ ނަމުގައި ނަގާފައިވާ ނަންބަރެއްވެސް ނޫނެވެ. ކޯލު އައީ މުއައްސަސާ އެއްގެ ނަމުގައި ނަގާފައިވާ ދިރާގު ނަންބަރަކަށެވެ.

‘ފަށަނަވެރިކަން’ ކެމްޕޭނުގެ ނަމުގައި ކޯލު އައީ 72556XX މި ނަންބަރުންނެވެ. ފޯނު ރިންގުވާން ފެށުމުން ފޯނުނެގީ އެއީ އެފަދަ ކޯލެއްކަން އެނގިގެންނެއް ނޫނެވެ. ކޯލްކުރި މީހާ ފުރަތަމަވެސް އަހާލީ ތިޔައީ ކޮންބޭފުޅެއްތޯ އެވެ.

“ކީއްކުރަންތޯ މިއީ ކާކުކަން ހޯއްދަވަނީ؟” އަހަރެންވެސް ކޮށްލީ ސުވާާލެކެވެ.

“އަޅުގަނޑުމެން މި ގުޅާލީ ތިޔަ ފޯނުގެ ވެރިފަރާތް އަޅުގަނޑުމެން ހިންގަމުން އަންނަ ޕްރޮގްރާމަކަށް ގުރުއަތުން ހޮވިގެން…..” ކޯލު ކުރި ފިރިހެންމީހާގެ މި މެސެޖާއިއެކު މިއީ އެއްކަލަ ފޭކް ކޯލްކަން ޔަޤީން ކުރެވުނެވެ. އަހަރެންގެ ނަންބަރަށް ކަމަށް ބުނެ އެމީހުންނަށް އެ ގުޅުނީ މުއައްސަސާއެއްގެ ނަމުގައި ނަގާފައިވާ ނަންބަރަކަށް ކަމަށް ވާއިރު، މި ގުޅާލީ ތިޔަ ފޯނުގެ ވެރިފަރާތް ކަމަށްވާ އަޙްމަދު ރަޝީދުގެ މި ނަންބަރު ގުރުއަތެއްގައި ހިމެނިގެން ކަމަށް ބުނި ހިސާބުންވެސް އެމީހުން އެއޮތީ ބޮޑުތަނުން ބޭޒާރުވެފައިކަން އަހަންނަށް އެނގުނެވެ. ނަމަވެސް މިފަހަރު އަހަރެން ބޭނުންވީ އެމީހުން ތަޅުވާލާށެވެ. އެމީހުން ގެ ދަލުގައި އަހަރެން ޖެހިއްޖެކަން ޔަޤީންކޮށްދީގެން ކޯލު ކުރިއަށް ގެންދާށެވެ.

ކޯލުގެ ވަކި ހިސާބަކުން އިތުރު ބައިވެރިއެއްވެސް ގުޅުނެވެ. އެ ބައިވެރިޔާގެ ވާހަކަތައް ހުރިގޮތުން މިއީ މިވެރިން ގެ ގްރޫޕްގައި ހިމެނޭ ސޮރެއްކަންވެސް ވަރަށް ފަސޭހައިން އެނގިއްޖެ އެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ މިވެރިންގެ އަތަށް ފިސާރި ރީއްޗަށް ގޮއްވާލާށެވެ.

ކަން ހިނގިގޮތް އިތުރަށް ދެނެގަތުމަށް، އެއްވެސް އެޑިޓެއް ނެތި އަހަރެން އަޕްލޯޑް ކޮށްފައިމިވާ ކޯލް ރިކޯޑިން އަޑުއަހާލާށެވެ.

ކޯލުގައި ދެމިހުރި 15 ވަރަކަށް މިނެޓްގައި އަހަރެން އިންތިޒާރުކުރަމުން ގެންދިޔައީ ބޭންކަށް ގޮސް ފައިސާ ޖަމާކުރަން ބުނާނެ ވަގުތަކަށެވެ. އެންމެ ފަހުން އެ ވަގުތުވެސް ޖެހިއްޖެއެވެ. އަހަރެން ބޭނުންވި ގޮތަށް އެމީހުންގެ އަތަށް ގޮއްވާލީ އެހިސާބުންނެވެ.

‘ފަށަނަވެރިކަން’ މިއީ ކިތަންމެހާވެސް ރީތި ނަމެކެވެ. އެހީތެރިވުމަށް ހިންގާ ކެމްޕޭނަކަށް ކިޔަންވެސް ވަރަށް ގުޅޭ ނަމެކެވެ. ނަމަވެސް މިފަހަރު ‘ފަށަނަވެރިކަން’ ތިޔޮތީ އަތަށް ގޮވާފަ އެވެ. ‘ފަށަނަވެރިކަން’ ތިއޮތީ ފަޅާއަރުވާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.