މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މަޝްހޫރު ނެށުންތެރިޔާ/ޑިޒައިނަރ އަދި އެކްޓަރ ޖާދުﷲ އިސްމާޢީލް ގެނެސްދިން “މިނިވަން ވަޔާ ކުޅެލާށެ ތާޒާ…” ލަވައިން ފެނިގެން ދިޔައީ 67 ފަންނާނުންނެވެ. އެ ލަވައަށް ބޮޑު މަޤްބޫލުކަމެއް ލިބިގެން ދިޔައީ ލަވައިން ފެނުނު ތަރިންގެ ސަބުންނާއި ޖާދުގެ މަސައްކަތުގެ ފުރިހަމަކަމުންނެވެ. މި އަހަރުގެ ވެސް މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ވަރަށް ޚާއްޞަ ޤައުމީ ލަވައެއް ގެނެސްދިނުމަށް ޖާދު އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ޖާދު ޑައިރެެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށް ގެނެސްދޭ ލަވައިން 100 އަށް ވުރެން ގިނަ މޫނު ފެނިގެންދާނެ ކަމަށް މުނިއަވަސް އަށް ޖާދު ބުނެފައިވެއެވެ.

“މި ލަވައިގަ ސަތޭކައަށް ވުރެން ގިނަ މީހުން ފެންނާނެ. ކުރީ އަހަރުގެ ލަވަ ޚާއްޞަކޮށްލީ ފަންނާނުންނަށް. އެ ފަހަރު 67 ފަންނާނުން ބައިވެރިވި. އެއީ މިހައިތަނަށް އުފެއްދި ލަވަތަކުން އެންމެ ގިނަ ފަންނާނުން ބައިވެރިވި އެއް ލަވަ. މިފަހަރު މި ބަލަނީ އެއަށް ވުރެން ގިނަ ބައިވެރިން ހިމަނައިގެން އެ ލަވައަށް ވުރެން ފުރިހަމަ ލަވައެއްގެ ގޮތުގައި މި ލަވަ ގެނެސްދޭން.” ޖާދު ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ފަންނާނުން ގެނެސްދިން “މިނިވަން ވަޔާ” ތައްޔާރުކުރީ ގޭގައި ތިބެގެން ފަންނާނުން އަމިއްލައަށް ޝޫޓްކޮށްގެންނެވެ. ނަމަވެސް މިފަހަރުގެ ލަވަ ޝޫޓްކޮށްފައިވަނީ ޖާދުއާއި އޭނާގެ ޓީމުން ހޮވާލާފައިވާ ލޮކޭޝަންތަކަކަށް މި ލަވައިގައި ހަރަކާތްތެރިވާ ފަރާތްތައް ގެންގޮސްގެންނެވެ.

“ލަވައާއި ގުޅޭގޮތަށް، ދިވެހި ވަންތަ، ދިވެހީންގެ ތެރޭގައި މަޤްބޫލު ތަންތަން ބަލައި އެ ލޮކޭޝަންތަކަށް ގެންގޮސްގެން މި ލަވަ ޝޫޓްކުރަމުން މިދަނީ.” ޖާދު އިތުރަށް ބުނީ ލަވަ ޝޫޓްކުރުމުގައި ޢަލީ ރަޝީދުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަކީ އަގު ވަޒަންނުކުރެވޭފަދަ ބޮޑު އެއްބާރުލުމެއް ކަމަށެވެ.

ޖާދު ބުނީ މިފަހަރުގެ ލަވަ ނެގުމުގައި ވީހާވެސް ބޮޑަށް ބަލަމުން ގެންދަނީ މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުން ބޭނުންކޮށްގެން ދިވެހި ގިނަ އަދަަދެއްގެ ދަރީންތަކެއް ފެނިގެންދާ ދިވެހި ޤައުމީ ލަވައެއް ތައްޔާރުކުރުމަށް ކަމަށެވެ.

“ޖާދު ބޮޑަށް ބެލީ ދިވެހި ޤައުމީ ލަވައަކަށް ވާތީވެ ޤައުމީ ކުލަތައް ޖައްސައި ޤައުމީ ހެދުންތަކުގަ މި ލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް. އުއްމީދަކީ ލަވައަކީ ވަރަށް ރީތި، ވަރަށް ފުރިހަމަ ލަވައަކަށް ވެގެންދިއުން. މިއީ ވަރަށް ބޮޑު އުއްމީދެއް، ހުވަފެނެއް ހަގީގަތުގަ ޖާދުގެ މިއީ.” ލަވައާ ބެހޭގޮތުން ޖާދު ފާހަގަކުރިއެވެ.

ޖާދު ބުނީ ލަވައިގެ މަަސައްކަތުގަައި ހުރިހައި ފަރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށާ މިއީ ޤައުމީ ކަމެކޭ ބުނުމުން ނޫނެކޭ ބުނާ އެއްވެސް ފަރާތަކާ ދިމާނުވާ ކަމަށެވެ.

މިފަހަރު ޖާދު ގެނެސްދޭ ޤައުމީ ލަވަ ކިޔައިދީފައިވަނީ ޖޫނީ އާއި އިޝާމް އެވެ.

“މިއީ ވަރަށް ކުރީގެ ދިވެހިވަންތަ ރާގަކަށް ހަދާފައިވާ ލަވައެއް. ހަމަ ގައިމުވެސް ބަލައިލަން ބޭނުންވާ އެތައް މޫނުތަކެއް މި ލަވައިން ފެނިގެންދާނެ. އެހީތެރިކަމަށް ބޭނުންވާ އެތައް ބަޔަކުވެސް ފެނިގެންދާނެ. މީގެ ބޭނުމަކީ ވަކި މީހަކު ތަފާތުކުރުމެއް ނެެތި ޤައުމީ ކަންތައްތަކުގައި އެއްމެންވެސް އެއްބައިވެގެން އެންމެން ބައިވެރިކޮށްގެން މިކަހަލަ ކަންތައްތައް ކުރުން. އެއީ ކުރިއަށް ދިއުމަށް އެޅޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ.” ޖާދު އިތުރަށް ބުންޏެވެ.

“ލަވަ ނިމިގެންދާ އިރު ވަރަށް ބައިވަރު އެއްޗެހިތަކެއް އެނގިގެންދާނެ.” ޖާދު ބުނީ މިފަހަރު ލަވައަށް ކުރާ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާ އެހެން ނަމަވެސް ވީ އެންމެ ފުރިހަމައަށް މި ލަވަ ގެނެސްދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޖާދުގެ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުންކަމަށް ބުންޏެވެ.

ޖުލައި 26ގައި ބެލުންތެރިންނާ ހަމައަށް ދޫކޮށްލުމަށް ތައްޔާރުކުރަމުން އަންނަ މި ޚާއްޞަ ލަވަ ފެނިގެންދާނީ ހޯމް މިނިސްޓްރީން ޕީއެސްއެމް މެދުވެރިކޮށް މިނިވަން ދުވަހު ދައްކާ ޚާއްޞަ ޓެލެތޯނުގެ ތެރެއިންނެވެ.

ޖާދުގެ އިންޓަވިއު އަދި ލަވަ އުފެއްދުމުގެ ބައެއް މަންޒަރުތައް:-

https://www.youtube.com/watch?v=xIxeTggWCgA

ލަވައިގެ ބޮޑު ބައި ޝޫޓްކޮށް ނިންމާފައިވާއިރު، މަޝްހޫރުކަމާ މަޤްްބޫލުކަން ހޯދާފައިވާ ސަޚްސިއްޔަތުތަކެއް މި ލަވައިން ފެނިގެންދާނެއެވެ. އެގޮތުން މަޝްހޫރު ޕްރެޒެންޓަރުން ކަމަށްވާ މިޒޫ އާއި ރިޝްގެ އިތުރުން އާމާލް ޢަލީ (އާމާާލް މެޑަމް)، ޕްރެޒެންޓަރ ޝަމްޢޫން އާއި ޒިޔާގެ އިތުރުން ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންނާއި އެކިއެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތްތައްވެސް ފެނިގެންދާނެއެވެ.

މިދިޔަ އަހަރު ޖާދު ގެނެސްދިން “މިނިވަން ވަޔާ” ލަވައިން ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސަ، އެކްޓްރެސް މަރްޔަމް ނިޝާ، ޝިރާނީ އަދި ލިލިޔަން ވެސް ފެނިގެންދިޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.