މިއުޒިކް ޝޯ ފެށުނީ ދިވެހި ސަގާފީ އައިޓަމަކުންނެވެ. މުޅި ހިސާބުގަނޑުވަނީ މިއުޒިކުގެ އަޑުން ގުގުމައިފައެވެ. އެކި މީހުން އެކި ދިމަ ދިމާލުގައި ހުރި ގޮނޑިތަކުގައި އިށީދެ ތިއްބެވެ. ބައެއް މީހުން ކޮޅަށްވެސް ތިއްބެވެ. ޝަމްއާން އާއި އަކްރަމް ވެސް ގޮސް އެކަހެރި ދިމާލެއްގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެތާ ކައިރީގައި ތިބީ ވަރަށް މަދު މީހެކެވެ. ސްޓޭޖާއި ދުރުވުމުން ކަމަށްވެސް ވެދާނެއެވެ. ހަމަ ޖެހިލައިގެން ޝޯ ބަލާލެވޭނީ އެތާނގައި އިނދެގެން ކަމަށް ޝަމްއާނަށް ގަބޫލު ކުރެވުނެވެ. އަކްރަމަށް އެތާނގައި އިނދެވޭވަރެއް ނުވިއެވެ. އެއަށް ވުރެ އޭނަ ހުރީ މާ ފޯރި ހިފާލައިފައެވެ. އަކްރަމް ދިޔައީ ސްޓޭޖާއި ވީހާވެސް ގާތުން ޝޯ ބެލުމަށެވެ. ޝަމްއާން އެކަމާއި ދެކޮޅު ހެދުމުން އެކަނި ދިޔައީއެވެ. ޝަމްއާން އިނީ ސްޓޭޖްމަތީގައި ހުށަހަޅައިދޭ އައިޓަމަށް ގެއްލިފައެވެ.
”ހަލޯ ހާދަވަރަކަށް ގެއްލިފަ ތި އިނީ”
ޝަމްއާން ކޮނޑުގައި އަތް ބާއްވާލަމުން އަހައިލިއެވެ. ޝަމްއާން ދިޔައީ ސިއްސައިގެންނެވެ. އެއީ މިރަށުން ދެކޭ ކުއްޖެއް ނޫނެވެ.
”ތިއީ ކާކު”
ޝަމްއާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ސަބަބަކީ އަޚްލާގީ ފެންވަރު ދަށް ކަމުންނެވެ. ފުރަތަމަވެސް އައިސް ޝަމްއާންގެ ގައިގަ އަތްލީމައެވެ.
”މިއީ ޒުމްރާ. މިތާ އެކަނި އިނީމަ ހިތަށްއެރި ވާހަކަ ދައްކާލާނީއޭ”
ޒުމްރާ އައިސް ޝަމްއާން ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
”ކޮން ރަށެއްގެ ކުއްޖެއް. މަ ނުދެކެން މިރަށަކުން”
ޝަމްއާން ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި އިނދެގެންނެވެ.
”އަދި އެނގޭނެ. ކެތް ކޮއްލާ. މާދަމާ ރޭ ހަމަ މިތަނުން ދިމާވާނެ”
އެހެން ބުނެފައި ޒުމްރާ ސްޓޭޖާއި ދިމާއަށް ހިނގައިގެންފިއެވެ. ޝަމްއާން އެކަމާއި ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެއީ ކޮން ކުއްޖެއްކަމެއް ނޭގެއެވެ. އަދި އެއީ މިރށުގެ ކުއްޖެއްވެސް ނޫނެވެ. އެހެން އިންދާ އަކްރަމް ވަރަށް ބާރަށް ޝަމްއާން އާއި ދިމާލަށް އަންނަތަން ފެނުނެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ހާސްވެފައި ހުރިހެންނެވެ.
”އޭ އެތާނގައި އެބައުޅޭ ވަރަށް ސަޅި ބިޓުން. ހީވަނީ ކައިރީގައި މިއޮތް ރަށުގެ ކުދިންހެން އާދެބަލަ ދާން”
އަކްރަމް އާދޭސްކުރިއެވެ.
”ނޫން މިތަން މާ ފަސޭހަ. މަ މަޑުކޮއްލާނަން”
ޝަމްއާން ބުނެލިއެވެ.
”ތިހެން އިންދާ ޖިންނި އައިސްފާނެ”
ޝަމްއާން ބިރުގެންނެވުމުގެ ގޮތުން އަކްރަމް އެހެން ބުނެފައި އަނެއްކާވެސް ސްޓޭޖާއި ދިމާއަށް ހިނގައިގެންފިއެވެ.
ޝަމްއާން ބިރުގަތެވެ. އަނެއްކާ ދެންމެ އެ އައީ ޖިންނިއެއް ނޫންބާއޭ ހިތަށް އެރިއެވެ. ޝަމްއާން ތެދުވެގެން ހިނގައިގެންފިއެވެ. އަކްރަމް ހޯދާށެވެ. އެއިރު ޝޯގެ އެންމެ ފަހުގެ އައިޓަމް ދިޔައީ ގެނެސްދެމުންނެވެ. ޝަމްއާން ގޮސް ސްޓޭޖް ކައިރިއަށް ހުއްޓި ވަށައިގެން ހޯދައިލިއެވެ. އަކްރަމް ފެންނާކަށް ނެތެވެ. އެއްވެސް ދިމާލަކުން ނުފެނުނެވެ. ޝަމްއާން ގެއަށް ދާން ހިނގައިގަތީ އަކްރަމް ނުފެނުމުންނެވެ.
”އަކްރަމް ދޯ ތި ހޯދަނީ”
ފަހަތުން މީހަކު ބުނެލިއަޑަށް އަކްރަމް ބަލައިލިއެވެ. އެއިރު ޒުމްރާ ޝަމްއާންގެ ފަހަތުގައި ހުއްޓެވެ.
”އަކްރަމް ދަންނަންތަ”
ހައިރާންވެފައި ހުރެ ޝަމްއާން ސުވާލު ކުރިއެވެ.
”އޯ ހާދަ ބިރެއްތިގަތީ. އޭނަ އެބައުޅޭ އަންހެން ކުދިންތަކަކާއި އެކީ މިތާ ބީޗްގައި”
ޒުމްރާ އެހެން ބުނެލުމާއި އެކު ޝަމްއާން އާއި ގާތްވެލިއެވެ.
”އެމީހުން ހޯދާނެ ދެން ދޭ”
ޝަމްއާން ބޭނުންވީ ޒުމްރާގެ ކިބައިން އަވަހަށް ސަލާމަތް ވުމަށެވެ.
”ނޫނޭ އެމީހުން ގާތުގައި ބުނެފަ މިއައީ. ޝަމްއާން އެކަނި ދާތީ. ހިނގާ ދާން. އެކަނި ދާކަށް ނުވާނެ”
ޒުމްރާ ބުނެލިއެވެ.
”ހެ ހެ ތިއީ އަދި އަންހެން ކުއްޖެއް. މަ މިއީ ފިރިހެނެއް”
ޝަމްއާން ހިނިގަޑެއް ޖަހައިލިއެވެ. ދެމީހުން ވާހަކަ ދައްކަމުން އައިސް ޝަމްއާންގެ ގެއާއި ހިސާބަށް އާދެވުމުން ޒުމްރާ އެނބުރި ދާން ހިނގައިގަތުމުން އެއީ ހާދަ ބިރުކުޑަ އަންހެން ކުއްޖެއްބާއޭ ޝަމްއާންގެ ހިތަށް އެރިއެވެ. ތެދެކެވެ. އެގަޑީގައި ކޮންމެ ކުއްޖަކަށް އެކަނި ބޭރަށް ނިކުންނަންވެސް ނުކެރޭނެއެވެ. ޝަމްއާން ގޮސްވަނީ ގޭތެރެއަށެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. މަންމަގެ ކޮޓަރި ހުޅުވައިލިއެވެ. މަންމަ އާއި ދަރިފުޅު ނިދާފައި ތިއްބެވެ. މަންމައަށް ނުގޮވަން ގޮސް ޝަމްއާންގެ ކޮޓަރިއަށް ވަނެވެ. ނިދިއައިސްފައި ހުރިވަރުން ބޭނުންވީ އަވަހަށް ނިދާލާށެވެ. ހެނދުނު ހޭލަން ޖެހޭތީއެވެ. އެނދުގައި އޮވެ ނިދޭތޯ ޝަމްއާން މަސައްކަތް ކުރިޔަސް އެކަމެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެކަންވީ ބޭކާރު ކަމަކަށެވެ. ޒުމްރާ އާއި ދޭތެރޭގައި ވިސްނެނީއެވެ. އެއީ ދުވަހަކުވެސް ޝަމްއާން އަށް ވީ ގޮތެއް ނޫނެވެ. އެއީ ކޮންކުއްޖެއް ކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަން ޝަމްއާންގެ ހިތުގައި ދިޔައީ އިތުރުވަމުންނެވެ. ޝަމްއާން ހިތުގައި އެސޫރަ ވަނީ ކުރެހިފައެވެ. ޝަމްއާން ގޮސް ކުޑަދޮރު ހުޅުވައިލިއެވެ. ނަލަ ހަނދުވަރެއް ދީފައި އޮތަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޖެހެމުންދާ މަޑުވައިރޯޅީގައި ބީހިލުން ފިޔަވައި އެއްވެސް އުފަލެއް މިރީތި ހަނދުވަރަކުން ނުލިބެއެވެ. ޝަމްއާން ނިކުމެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯތެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝަމްއާން މަޑުމަޑުން ލޯމަރައިލިއެވެ. ޖެހެމުންދާ މަޑު ވައިރޯޅިން ނަމަވެސް އުފަލެއް ލިބޭތޯއެވެ. ޝަމްއާން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ލޯމަތީގައި އަތް އެޅުމުންނެވެ. ޝަމްއާން ތެޅިގެންފައި ބަލައިލިއެވެ. ފަހަތުގައި ހުރީ ޒުމްރާއެވެ. ޝަމްއާން އަށް ގަބޫލުކުރަން ދަތިވިއެވެ. ކޮނޑުގައި ދަބަހެއް އަޅުވައިލައިގެން އަތުން ފޮތެއް ހިފަހައްޓައިގެން ހުރިއިރު އޭނަގެ ރީތިކަން ފާޅުވަމުން ދެއެވެ.
”މިދަނީ ފުރަން. ދަމުން ހިތަށްއެރީ ޝަމްއާން ފެނޭތޯ ބަލާފައޭ ދާނީ”
ޒުމްރާ ބުނެލިއެވެ.
”މަވެސް ނުނިދިގެން ބޭރަށް މި ނިކުމެލީ”
ޝަމްއާން ޖަވާބުދިނެވެ.
”ދަނީ އިނގޭ. މާދަންރޭ ހަމަ އެތަނުން ދިމާވާނެ” ޒުމްރާ ދާން ހިނގައިގެންފިއެވެ. ޒުމްރާ ދިމާލަށް ބަލަހައްޓައިގެން ޝަމްއާން އޮތެވެ. ޝަމްއާން ހޭވެރިކަންވީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އެއިރުވެސް ޝަމްއާން އޮތީ ޖޯލިފަތީގައެވެ. އެއީ ހުވަފެނެއްބާއެވެ. ނުވަތަ ހަގީގަތެއްބާއޭ ޝަމްއާން ހިތަށް އަރަމުން ދިޔައެވެ. ޝަމްއާން ތެދުވެގެން ގޮސް ގޭތޭރެއަށް ވަންއިރު މަންމަ ހޭލާއުޅެއެވެ. ފަތިސްނަމާދަށް ކޮންމެ ރެއަކު މަންމަ ހޭލާނެއެވެ. ޝަމްއާންވެސް ނަމާދުކޮއްލައިގެން ގޮސް އެނދުގައި އޮށޯވެލިއެވެ.
”އޭ މިއަދު ކުޅިވަރު ކުޅެންވެސް ނުދަނީތަ”
ޝަމްއާން އަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ގަޑި ބަލައިލިއިރު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ.
”އަން ދަރިފުޅު އުރާބަލަ. މަންމަ މިދަނީ ސައި ހަދަން”
ކުޑަކުޑަ ޔަމާން ޝަމްއާން އަތަށް ދީފައި މަންމަ ދިޔައީ ސައި ހަދާށެވެ. ސައިހަދައި ނިމުމުން ޝަމްއާން ގޮސް ފެންވަރާލައިގެން އަތުވެއްޖެއެވެ. އެއިރު ޔަމާން މަންމަގެ އުރުގައި ރޯން އިނެވެ. ޝަމްއާން ގޮސް ދަރިފުޅު އުރައިލިއެވެ. ޝަމްއާންގެ ހުރިހާވެސް ކަމަކީ އެ ކުޑަކުޑަ ޔަމާންއެވެ.
އިރު އޮއްސެން ގާތްވުމާއިއެކު ޝަމްއާން ފެންވަރައި ރީތިވެލިއެވެ. ޝަމްއާން ހުރީ ޝޯ ފެށުން ލަސްވެފައެވެ. މިނިޓެއް ހީވަނީ އެއް ދުވަސް ހެންނެވެ. ޝަމްއާން ގޮސް ޖޯލިފަތީގައި އޮށޯތެވެ. ޝަމްއާން ހުރީ ހިތް އަވަސްވެފައެވެ. ޒުމްރާ އާއި ބައްދަލު ކުރުމަށެވެ. ގަޑިން އަށެއް ޖެހުމާއި އެކު ޝަމްއާން މިސްރާބު ޖެހީ މިއުޒިކް ޝޯ ބާއްވާ ސަރަހައްދާއި ދިމާލަށެވެ. އަކްރަމް ލަސްވާތީވެ ޝަމްއާން އެކަނި ނަމަވެސް އެދިމާލަށް ދާން ހިނގައިގަތީއެވެ. އެހިސާބަށް ދާކަށް މާގިނައިރެއް ނުނަގައެވެ. ޝަމްއާން ގޮސް ކުރީރޭވެސް އިން ތަނުގައި އިށީނެވެ. އެއިރު ސްޓޭޖް މަތީގައި ޝޯ އަށް ތައްޔާރު ވުމުގެ ކަންތައް ކުރިއަށް ދެއެވެ. ޝަމްއާން ގަޑި ބަލައިލިއެވެ. ޝޯ ފެށެން އަދި ކުޑައިރުކޮޅެއް އެބައޮތެވެ. އެހިސާބަށް މީހުންތައް ގިނަވަމުން ދިޔައެވެ. ކައިރީގައިވެސް މީހުންތައް އިށީންނަން ފެށުމުން ޝަމްއާންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ޒުމްރާ އަންނަ ގަޑީގައި އެތާގައި އެއްވެސް މީހަކު ހުންނާކަށް ޝަމްއާނެއް ނޭދެއެވެ. އަދި އެހެން ތަނަކަށް ގޮސްފިއްޔާ ޒުމްރާއަށް ޝަމްއާން ނުފެންނާނެއެވެ. މިކަހަލަ ޚިޔާލެއްގައި ހުއްޓާ ކައިރީގައި އައިސް އިށީނީ އަކްރަމެވެ. ޝަމްއާން ތެޅިގެންފިއެވެ. ޝަމްއާން ބޭނުންވީ އެތަނުން އަކްރަމް ފޮނުވާލާށެވެ. ޒުމްރާ އަންނަ ގަޑީގައި އެތާ އެހެން މީހަކު ހުންނާކަށް ބޭނުމެއް ނުވީއެވެ.
”މިރޭ މަށަށްވެސް ފިލައިގެން ދޯ ތިއައީ”
އަކްރަމް ބުނެލިއެވެ.
”ނޫނޭ އަކްރަމްގެ ޚަބަރެއް ނުވީމަ މިއައީ. ކޮބާ ރޭގައި ހޯދި ބިޓުން. ދޭބަލަ އެކުދިން ތިބިތޯ ބަލާލަން”
ޝަމްއާން އަވަހަށް އަކްރަމް އެތަނުން ފޮނުވައިލެވޭތޯ އުޅުނެވެ.
”ޝަމްއާންވެސް މިރޭ ދާންވާނެ. ތިހެން އުޅެގެން ބިޓެއްވެސް ނުލިބޭނެ”
އަކްރަމް ބުނެލިއެވެ.
ޝޯ ފެށުމާއި އެކީ އަކްރަމް އެތަނުން ދިޔައީ ޝަމްއާން ދާން އެއްބަސް ނުވީމައެވެ. ޝަމްއާން އިނީ ޒުމްރާ އަންނައިރަކަށް އިންތިޒާރުގައެވެ. ޝޯފެށިގެން ދިޔައިރުވެސް ޒުމްރާގެ ޚަބަރެއް ނުވެއެވެ. ޝަމްއާން ހިތް ނުތަނަވަސްވިއެވެ. އަނެއްކާ ޒުމްރާއަށް މިރޭ ނާދެވުނީބާއެވެ. ނުވަތަ ބަލިވީބާއެވެ. ކަމެއް ނުވާނަމަ ޒުމްރާ އަންނާނެއެވެ. މި ޚިޔާލުގައި ހުރެ ސްޓޭޖާއި ދިމާލަށް ޝަމްއާން ހިނގައިގެންފިއެވެ.
”ކަލޯ ގޮތް ދޫކުރަން ޖެހުނީ ދޯ. މަ ބުނީމެއްނު ތިތާ އިނަކަސް ބިޓެއް ނާންނާނެޔޭ”
އަކްރަމް މަލާމާތުގެ ރާގަކަށް ގޮވައިލިއެވެ.
”މަ ނޫޅެމޭ ބިޓެއް ހޯދާކަށް. އެތާ އިނދެ ފޫހިވީމަ މިދަނީ”
ޝަމްއާން ދެރަނުވާން ބުނެލިއެވެ.
ޝަމްއާން ގޮސް އަކްރަމްގެ ގާތުގައި ހުއްޓުނެވެ. އެމީހުން ހީ ސަކަރާތް ޖަހަމުންދެއެވެ. އަކްރަމްގެ ގާތުގައި ތިން އަންހެން ކުދިން ތިއްބެވެ. ޝަމްއާންވެސް އެމީހުންނާއި ބައިވެރިވުމުގެ ގޮތުން އަތްޖަހަމުން ދިޔައެވެ. ނަމަވެސް ޝަމްއާންގެ ނަޒަރު އަބަދުވެސް ހުއްޓިފައި ވަނީ ޒުމްރާ އާއި ބައްދަލުވި ދިމާލަށެވެ. ކުއްލިއަކަށް ޝަމްއާން ލޮލުގައި އަޅައިގަތީ ޒުމްރާ އައިސް މަޑުކޮއްލިތަނެވެ. ޝަމްއާންއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ދުއްވައި ގަނެވިއްޖެއެވެ. ފަހަތުން އަކްރަމްވެސް ދުއްވައިގެންފިއެވެ. ޝަމްއާން އަށް ވީގޮތެއް ނޭގޭތީއެވެ.
”އޭ މަޑުކޮއްބަލަ. ކޮންތާކަށް ތި ދުވަނީ”
ޝަމްއާންގެ ފަހަތުން ދުވަމުން އަކްރަމް އާދެއެވެ. ވަކި ހިސާބަކަށް އައުމާއި އެކު ޝަމްއާން ހުއްޓިއްޖެއެވެ. އެއިރު ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ.
”މިތަނަށް ކީއްކުރަން ދުވެފައި ތިއައީ”
އަކްރަމް ސުވާލު ކުރިއެވެ.
”މަގޭ ބިޓް އައީމަ”
ޝަމްއާން ޖަވާބު ދިނެވެ.
”ކޮބާ؟ ދައްކަބަލަ. މިތާ ނެތެއްނު އަންހެން ކުއްޖެއް”
އަކްރަމް ހައިރާންވެފައި ސުވާލު ކޮއްލިއެވެ.
”އެހުރީ ދުރުގައި ހެވިފައި ބަލަން”
ޝަމްއާން ބުނެލިއެވެ.
”ތިއުޅެނީ މަ ބިރުގަންނަވަންދޯ. ތިކަމެއް ނުވާނެ. މަ މިދަނީ ދާން”
އަކްރަމް ހިނގައިގެންފިއެވެ. އަކްރަމް އެދިޔަގޮތަށް ގޮސް ސްޓޭޖް ކައިރީގައި މަޑުކޮއްލިއެވެ. ޝަންމްއާން އިށީނެވެ. ޒުމްރާ އައިސް ކައިރީގައި އިށީނެވެ.
”އޭ މަ މިއައީއޭ”
ޒުމްރާ ޝަމްއާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.
”މަ ހީކުރީ މިރޭ ނާންނަނީ ކަމަށް”
ޝަމްއާން ޒުމްރާ ގަޔާއި ގާތްކޮއްލަމުން ބުނެލިއެވެ.
”މަ މިހުންނަނީ ދުރުގައި ބަލަން ޝަމްއާން ކުރާ ކަންތައް. މިހާރު ނުބުންޔަސް އެނގޭ ޝަމްއާން އަހަރެންދެކެ ލޯބިވާކަން”
ޒުމްރާ ހީލިއެވެ. ޒުމްރާ ޝަމްއާންގެ އަތުގައި ހިފައިގެން އަތިރިއާއި ދިމާލަށް ހިނގައިގަތުމުން އެކަމާއި ޝަމްއާންވެސް ދެކޮޅެއް ނުހަދައެވެ. ޒުމްރާމެން މަޑުކޮއްލީ ތުނޑީ ކޮޅުގައި ހުރި ބޮޑު ގަހެއްގެ ދޮށުގައެވެ. ހަނދުވަރުގެ ރީތިކަމުން މުޅި ހިސާބު ވަނީ ޒީނަތްތެރިވެފައެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައިރު ޒުމްރާމެން ފިޔަވާ އެހެން އެއްވެސް ބަޔަކު އެހިސާބަކުން ފެންނާކަށް ނެތެވެ.
”ދެން ބުނެބަލަ ތިއީ ކޮންރަށެއްގެ ކުއްޖެއް”
ޝަމްއާން ސުވާލު ކުރިއެވެ.
”އަހަރެން މިއީ މާލޭ ކުއްޖެއް. މިތާ ކައިރީގައި މިއޮތް ދަނޑުވެރިކަން ކުރާ ރަށުގައި އުޅެނީ”
ޒުމްރާ ހިނިތުންވެލަމުން ބުނެލިއެވެ.
”އެއީ ކީއްވެ”
ޝަމްއާން އަނެއްކާވެސް ސުވާލު ކުރިއެވެ.
”އެރަށަށް ވަރަށް ގިނައިން އަންނަން. ދުވާލު އުޅެނީ އެރަށުގައި. އެއީ އަހަރެންގެ ބައްޕަގެ ރަށެއް”
ޒުމްރާ ޖަވާބުދިނެވެ. އެމީހުން ވާހަކަ ދައްކަން ތިއްބާ އަކްރަމްމެން އެދިމާއަށް އަންނަތަން ފެނުނެވެ. ޒުމްރާ ތެޅިގެންފައި އަވަހަށް ދާން އުޅެގެންފިއެވެ.
”ހިނގާ ދާން އެތިބަ އަންނަނީ އަކްރަމްމެން”
ޒުމްރާ ކޮޅަށް ތެދުވިއެވެ.
”އޯކޭ ވާނެ. މަޑުކޮއްލާ އެމީހުންނާއި އެކީ ދާން”
ޝަމްއާން ބުނެލިއެވެ. ޒުމްރާ ހިނގައިގެންފިއެވެ. އަކްރަމްމެންވެސް ވަރަށް ގާތަށް އަތުވެއްޖެއެވެ. ޝަމްއާން ހަމަ އިށީދެ އިން ގޮތަށް އިނީއެވެ. އަކްރަމްމެން އައިސް ހުއްޓުނީ ޝަމްއާންގެ ގާތަށެވެ.
”މިތާ އެކަނި ކީއްތަ ތި ކުރަނީ”
އަކްރަމް ބުނެލިއެވެ.
”ޔަޤީން އެއުޅެނީ ބިޓު ކަޓައިގެން”
އަކްރަމް ގާތުގައި ހުރި އަންހެން ކުއްޖަކު ލާނެތް ފާޑަކަށް ބުނެލިއެވެ.
”އަމިއްލައަށް މަރުވާންތަ ތި އުޅެނީ”
އަކްރަމް އެ އަންހެން ކުއްޖާ އާއި ބައިވެރިވެލަމުން ބުނެލިއެވެ.
”ނޫނޭ އަހަރެންގެ ލޯބިވެރިޔާ އެކީގައި މިތާ މި އިނީ”
ޝަމްއާން ޖަވާބު ދިނެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 ޖޫން 2022ބިރުވެރިބާރަވަނަ ފަންގިފިލާ
- 9 ފެބްރުއަރީ 2022ވާހަކަފިނިފެންމާ
- 27 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 09
- 25 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 08
ވަރަށް ރީތި ވާހަކައެއް