މިއަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން، މަޝްހޫރު ނެށުންތެރިޔާ، ޑިޒައިނަރ އަދި އެކްޓަރ ޖާދުﷲ އިސްމާޢީލް (ޖާދު) ގެނެސްދިން ވަރުގަދަ ވީޑިއޯ ލަވަ “ގަލަމުންވެ ސޫރަ ރަންދެލީ” ލަވައިގެ ޖާދޫގައި ޤައުމުގެ ދަރިން ކިތައްމެހާވެސް ރަނގަޅަށް ޖައްސައިފި އެވެ. މިއަދު ޓީވީއެމްއިން އާއްމުކުރި މި ލަވައަށް ފިލްމީދާއިރާގެ ފަންނާނުންނާއި ލަވަކިޔުންތެރިން އަދި ޖުމްލަގޮތެއްގައި ޤައުމީ ޖޯޝުގައި ތިބި ގިނަ އަދަދެއްގެ ދިވެހީން އަންނަނީ ތަޢުރީފްކުރަމުންނެވެ.

100 އަށް ވުރެން ގިނަ މޫނުތައް ފެނިގެންދާ ގޮތަށް މިނިވަން ދުވަހަށް ވަރަށް ޚާއްޞަކޮށްގެން ލަވައެއް އުފައްދާ ކަމަށް ޖާދު ބުނި ހިސާބުން މި ލަވަ ނެރޭނެ ވަގުތަކަށް ބަލަބަލައި ތިބި ފަރާތްތަކަށް މިއަދު ލިބިގެން މި ދިޔައީ ނިކަން ހިތްހަމަޖެހުން ލިބިގެންދާނެ ފުރިހަމަ ހަދިޔާއެކެވެ.

“ގަލަމުންވެ ސޫރަ ރަންދެލީ”ގެ ޅެން ހެއްދެވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ. ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ޖޫނީ ޖިނާހް އާއި އިޝާމް އެވެ. ޓައިމްސް އެކެޑަމީ ސްޓޫޑިއޯސް އިން ފުރިހަމަ މިއުޒިކެއް ހަދާފައިވާ މި ލަވައިގެ ވީޑިއޯ ކޮންސެޕްޓް އަދި ޑައިރެކްޝަން ހެދީ ޖާދުﷲ އެވެ. ކެމެރާކޮށް އެޑިޓްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ.

ލަވައިގެ ވީޑިއޯ ގިނަ ޢަދަދެއްގެ ފަންނާނުންނާއި، ރާއްޖޭގެ އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޫނުތަކެއްގެ އިތުރުން، ޚާއްޞައެހީއަށް ބޭނުންވާ ބައެއް ކުދިންނާއި ފަރާތްތައް ފެނިގެންދެއެވެ. އެގޮތުން އަޙްމަދު ޢީސާ (އާނަންދު)، އާޝާ، ނިޢުމާ މުޙައްމަދު، ދިޔާނާ، ޢަބްދުﷲ ޖާބިރު، ޢަބްދުލް ޢަޒީޒް ޖަމާލް، ޖުވޭރިޔާ، ޝާއިރާ، ނާޒިމާ، ސާއިދު، އާމާލް، އަޙްމަދު އާމިރު، ނަމްޒާ، ޢަބްދުލް މުހައިމިންގެ ދެކަނބަލުން، މިޒޫ، ރިޝް، ޝަމްޢޫން، ޒިޔާ، ކައިޒީން، ޝިދާތާ، މަރިޔަމް ވަހީދާ (ދުނި)، އަޝްރަފް ޢަލީ، ނާއްކޮ، ޝީލާ އާއި މަނިކް، ސަމާގެ އިތުރުން ވެސް ފާހަގަކޮށްލެވޭ މޫނުތަކަކަކާއި، ބައެއް މުއައްސަސާތަކުގެ ޓީމުތައްވެސް ފެނިގެންދެއެވެ.

މިދިޔަ އަހަރު ޖާދު ގެނެސްދިން ”މިނިވަން ވަޔާ“ އަށް ވެސް ހީވެސްނުކުރާހާ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ލަވައިން ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސަ، އެކްޓްރެސް މަރްޔަމް ނިޝާ، ޝިރާނީ އަދި ލިލިޔަން، ނިޢުމާގެ އިތުރުން ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިން ފެނިގެންދެއެވެ.

https://www.youtube.com/watch?v=e8j5nVPkB1Q

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.