– ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނީ ވަރަށް ބޮޑު ދެތެއް. މިއީ އާދައިގެ ލަވައެއް ނޫން!
– ޤައުމުގެ ދަރިންގެ ދުލުން މި ގޮވާގޮވުމަށް، ފުންކޮށް ވިސްނައި އަމަލުކުރަން ޖެހޭ!
– ފުން އަސަރުތަކަކާއެކު، ޤައުމުގެ ހިތުން ރޮމުން، މި ކިޔައިދޭ ކަންކަން އިޞްލާހުކުރަން ޖެހޭ!

މަޝްހޫރު އަދި މަޤްބޫލު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)، ޖުލައި 26 ވަނަ ދުވަހަށް ޚާއްޞަކޮށްގެން ލަވައެއް ހަދާ ވާހަކަ މުނިއަވަސް އަށް އެނގުމަށް އަޅުގަނޑަށް މެސެޖްކުރި ހިސާބުން ފަށާނަމެވެ.

ޖުލައި 26 އަށް ޚާއްޞަ ވީޑިއޯ ލަވައެއް ހަދަނީ، މިއީ އާދައިގެ ލަވައެއް ނޫން،“ އަމްޖޭ ލިޔެލީ މިހެންނެވެ. އޭގެ ފަހުން ލަވައިގެ މަސައްކަތްތަކުގެ އަދާހަމަތައް ދެމުން ދިޔައެވެ.

ލަވަ ރިލީޒްކުރުމުގެ މާކުރިން، ލަވައިގެ އޯޑިއޯ އަޅުގަނޑުމެންނާ ހިއްސާކުރިއެވެ. އަޑުއަހައިލީ މަތިމަތިންނެވެ. މާބޮޑަށް އަޑުއަހަން ބޭނުންނުވީ، ލަވައިގެ ކުރިމަރައިލެވޭ ފަދަ ވާހަކައެއް ލިޔުމަށް ލިބޭ ބާރަކަށް އެކަން ވެދާނެތީއެވެ. ލަވައިގެ އަޑުއަހައިލި މިންވަރުންވެސް ބައެއް ކަންކަން ފާހަގަކޮށްލެވުނެވެ. ލަވަ އަކީ ހިތްގައިމު ލަވައެއް ކަމެވެ. މުހިންމު މެސެޖްތަކެއް ހިމެނޭ ލަވައެއް ކަމެވެ.

ޖުލައި 26 ވަނަ ދުވަހަށް އިރު ފެނުން ތޮޅިލި ވަގުތުން ފެށިގެންވެސް އިންތިޒާރުކުރެވެން ފެށީ އަމްޖޭގެ ލަވަ ފެންނާނެ ވަގުތަކަށެވެ. ޖުލައި 26 ވިލޭރޭ އެ ލަވައިގެ ތަންކޮޅެއް ފެނިފައިވާތީ، އަހަންނަށް ހުރެވުނީ ކެތްމަދުވެފައެވެ.

ކޮންމެއަކަސް، ނިކަން ހަމަޖެހިލައިގެން އިނދެ ދެތިން ފަހަރަކަށް އަމްޖޭގެ ޚާއްޞަ ލަވަ، “އަމާންކަން” ބަލައިލީމެވެ. ހިތަށް ވެރިވަމުން ދިޔައީ ބުނަން ނޭނގޭ ފަދަ ފުން އިހުސާސް ތަކެކެވެ. ޤައުމީ ރޫޙާއި ޖޯޝެވެ. ޤައުމު އަދު އޮތް ހާލަތާމެދު ހިތުގެ އެންމެ ފުނުން ރުއި، ރުއިމެވެ. އަދު އަޮތް ހާލަތުން އަމާންކަން ލިބިގެންވާ ހާލަތަަށް މި ލޮބުވެތި ވަޠަނަށް ވާސިލުވެވޭނީ ކޮން އިރަކުންތޯ ހިތާހިތުން ގޮވަމުންދިޔަ ގޮވުންތަކެވެ.

އަހަރެންގެ ވާހަކަތައް މާބޮޑަށްވެސް ދިގުލައިފިދޯއެވެ. ކުރާނެ ކަމެއް ނެތެވެ. ލަވަ ބަލައިލުމުން ހިތަށް ކުރުވި އަސަރުގެ ސަބަބުން ހާސަރުތަކެއް ނަމަވެސް ލިޔެލެވުނީއެވެ. ނަމަވެސް، މިހިސާބުން “އަމާންކަން” ލަވަ ބަލައިލުމަށް ދަޢުވަތު އަރުވަމެވެ.

މިއީ މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ނާޝިދު ހައްދަވާފައިވާ ޅެމަކަށް ކިޔާފައިވާ ލަވައެކެވެ. މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ. ލަވަ ޑައިރެކްޓްކޮށްފައިވަނީ އަމްޖޭ އާއި އޭނާގެ ޓީމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.